ދިމަވެފައި މިވާ ކާރިސާގެ ސަބަބުން މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރޭގައިވާ ހިނދު، މިއީ ހަމަޖެހިގެން ނޭވާއެއްލުމަށް ރަނގަޅު ވަޤުތެކެވެ. އަދި އެއީ ހުރިހާ ކަމެއް ހިންގަވާ ކޮންޓްރޯލް ކުރައްވަނީ ކާކުކަން ހަނދާންކުރަންވީ ވަޤުތެވެ. އަދި އެއީ އަހަރުމެންނަށް އެންމެ މުހިއްމު ކަންތައްތަކަށް ސަމާލުކަން ދޭން ވީ ވަޤުތުވެސް މެއެވެ.
“ދުނިޔޭގައި މިހާރު ކިހިނެތް މިވަނީ؟ އަހަރެން ލޯބިވާ ފަރާތްތައް ސަލާމަތުން ހެޔޮ ޙާލުގައި ވާނެބާ؟ އަހަރެން ސަލާމަތް ވާނެބާ؟ ހުރިހާ ފިހާރަތަކުން މުދާތައް ހުސް ވެއްޖެ…! އަހަރެން އަތުގައި ސެނިޓައިޒަރ އެއްވެސް ވާވަރަކަށް ނެތް..! އަހަރެން ކިހިނެތް ހަދާނީ؟ ސްކޫލްއަށް ކިހިނެތް ވާނީ؟ ވަޒީފާޔޯ؟ މިއީ ކީއްވެ ވާ ކަމެއްބާ؟ މިއީ އަހަރެމެންނަށް ވާ ޢަޛާބެއްތަ؟ އަހަރެން މި ދައްކަނީ ހަމަޖެހޭ ވާހަކައެއްތަ؟”
މިއީ ދުނިޔެއަށް ދިމާވެފައިވާ މި އުނދަގޫ ޙާލަތުގައި ބައެއް މީހުންނަށް އައިސްދާނެ ޝުޢޫރު ތަކަކެކެވެ. އެހެނަސް އަބަދުވެސް ހަދާން ކުރަންވީ ކަމަކީ ހުރިހާ އެއްޗެއް އުފެއްދެވި ﷲ ތަޢާލާ ކަމެވެ. އަދި މި ބަލިވެސް ޚަލްޤުކުރައްވާ އުފެއްދެވީ ކުޅަދުންވަންތަ އެ އިލާހުކަމެވެ. ހަމައެޔާއެކު ހިތުގައި އޮންނަންވީ މި ނުރައްކާތެރި ބައްޔަށްވުރެ އެކަލާނގެ މާ ބާރުފުޅު ގަދަވާނެކަމެވެ. އަހަރެމެންގެ ޞިއްޙަތާއި އަދި އަހަރެމެން ލޯބިވާ ފަރާތްތަކުގެ ޞިއްޙަތުވަނީ އެކަލާނގެ ރަޙްމަތުގެ އަތްޕުޅުގައިކަމެވެ.
ދެން އެޔަށްފަހު އަހަރެމެން ވިސްނުން ބަހައްޓަންވީ މިވަގުތުވެސް އަހަރެމެނަށް އެންމެ މުހިންމީ ކޮންމަމެއްތޯއެވެ. ޝައްކެއްނެތެވެ. އަހަރެމެންނަށް މިވަގުތު އެންމެ މުހިންމީ އަމިއްލަ ޞިއްޙަތާއި އަދި އަހަރެމެންގެ ގާތް ލޯބިވާ މީހުންގެ ސިއްޙަތާއި ސަލާމަތްތެރިކަމެވެ. އެހެންކަމަށްވާ ނަމަ ދެން ވިސްނުމަށް ގެނަން މިޖެހެނީ އަހަރެންނާއި އަދި އަހަރެން ލޯބިވާ ފަރާތްތަކުގެ ސަލާމަތާއި ޞިއްޙަތަށްޓަކައި އަހަރެން ޤުރުބާން ވާން ތައްޔާރުތޯ؟ އަދި ތައްޔާރީ ކިހިނަކުންތޯ؟ މީގެ ކުރު ޖަވާބަކަށް ވާނީ އެކަންކަން ބަލާ ހޯދާ ކަމާއިގުޅޭފަރަތްތަކާއި އެހެނިހެން ފަރާތްތަކުގެ އެހީގާއި ކަންކަން ދެނެގަނެ ރަގަޅަށް ތައްޔާރުވާށެވެ.
އާދެ! މިކާރިސާގެ ސަބަބުން އަހަރެމެންނަށް އަހަރެމެންގެ ނަފްސުތަކާއި ގުޅޭގޮތުން ވަރަށް ގިނަ ކަންކަން ދަސްކޮށްދީފިއެވެ. ނަފްސުގެ އީޖާބީ ފަރާތާއި ނަފްސުގެ ބަލި ފަރާތް ވެސް ވަރަށް ރަގަޅަށް ބަޔާން ކޮސްދީފިއެވެ.
އެއްކަމަކީ މިކަހަލަ އުނދަގޫ ޙާލަތްތަކުގައި ހަމަޖެހުން ލިބިގަތުމަށް އަހަރެމެން މަސައްކަތް އެބަ ކުރަންޖެހޭކަން މި ކާރިސާއިން އަހަރެމެންނަށް ދަސްކޮށްދީފިއެވެ.
“ﷲއަށް ޙަމްދު ހުއްޓެވެ ! އެއިލާހުގެ ރަޙްމަތާއި އެކު އަހަރެން މިޙާލަތުގެ މިވާ ކަންބޮޑުވުމުގެ އިޙްސާސްތައް ތަޙައްމުލުކުރުމުގައި ވަރަށް ރަނގަޅެވެ. ”
އަނެއްކަމަކީ މިކާރިސާ އަކީ އަހަރެމެންނަށް އަހަރެމެން ހަނދާން ނައްތާލައިފައިވާ މީހުންގެ މަތިން ހަނދާން ކުރުމަށް ލިބުނު އެހީއެކެވެ. އެބައިމީހުންނަކީ އެބައެއްގެ ދިރިއުޅުން މީގެ ކުރިންވެސް ކޮންމެ ދުވަހަކުވެސް އެތަކެއް ބިރުވެރިކަމަކަށް ހުށައެޅުފައިވީ މީހުންނެވެ. އަދި އެބައެއްގެ ދިރިއުޅުން އަހަރެމެންނަށް ޚިޔާލަށް ނުގެނެވޭހާ ވަރަށް ވުރެވެސް އުނދަގުލުގައި ވާ މީހުންނެވެ.
“މިއީ ފަޅުވެފައިވާ އެއްވެސް މީހަކު ނެތް ތަނެއް…! އެންމެން ވަނީ ވައިރަހުން ރައްކާތެރިވެފައި…! އަހަރެން ކާނެ އެއްޗަކަށް އަދި ފައިސާއަކަށްވެސް އެއްވެސް މީހަކު ކައިރީގައި އެހޭކަށެއް ނެތް…! އަހަރެނަށް ހީވާނީ ވައިރަހުގެ ކުރިން ބަނޑުހައިހޫނުކަމުގެ ސަބަބުން އަހަރެން މަރުވެދާނެހެން…! މިވައިރަހުގެ ކުރިން ދިރިއުޅުން ވަކި ފަސޭހައެއް ނޫން….!” މިއީ އެބައިމީހުންގެ ޝުޢޫރުތަކެވެ. އަބަދުވެސް ހިތުގެ ޝަކުވާއެވެ.
އަހަރެމެން ހަދާންނައްތާލަފައިވާ އަނެއްބައިމީހުންނަކީ އަހަރެމެންނަށް ތަސަވަރު ކުރެވިފައި ނުވާ، އެހެނަސް ކޮންމެވެސް ސަބަބަކާއި ހުރެ ދަތިހާލުގައިވީ މީހުންނެވެ. އެގޮތުން މީގެ ތެރެއިން ބައެއް މީހުންނަކީ އެބައި މީހުންގެ ވަޒީފާއާއި އާމްދަނީ ހޯދާނެމަގު ބަންދުވެގެން ދިޔަމީހުންނެވެ. އެބައިމީހުންގެ ޝުޢޫރަކީ، “މި ކާރިސާގެ ތެރޭގައި އަހަރެން ވަޒީފާއެއް ހޯދާނީ ކޮންތާކުން؟ އަހަރެންގެ އާއިލާއަށް އަހަރެން ކާންދޭނީ ކިހިނެތް؟” މިއެވެ.
މިކަންކަން ހަނދާންވުމުން އަހަރެމެން ދެރަވެއެވެ. އަދި ހިތްތިރިކަމާއި ތަވާޟުޢުވެރިކަން ގެނެސްދެއެވެ. އަދި އަހަރެމެނަށް ލިބިފައިވާ ނިޢުމަތުގެ ބޮޑުކަން ހަނދާންވެ ﷲއަށް ޙަމްދު ކުރެވެއެވެ.
މިކާރިސާއިން ލިއްބައިދިން އަނެއް ފައިދާއަކީ މިކާރިސާއަކީ އެހެންމީހުންނަށް ޚިދްމަތްކުރުމަށާއި ރޫޙާނީ ގޮތުން އަދި ނަފްސާނީ ގޮތުން މީހާ ކުރިއަރާ ދިޔުމާއި އަދި އިޙްސާސްތަކާއި ޝުޢޫރުތައް ކޮންޓްރޯލްކުރުމުގައި މީހާގެ ކުޅަދާނަކަށް އިތުރުކޮށްދިން ކަމަކަށް ވުމެވެ. އަދި އެޔާއި އެކު ބައިވަރު ހެޔޮ ކަންތައްތައް ކުރަން ލިބޭ ފުރުސަތަކަށް ވެގެން ދިޔުމެވެ.
ނަފްސާނީގޮތުންނާއި ރޫޙާނީ ގޮތުން ތިމާ ހުރި ހިސާބު ދެނެގަތުމަށް އަންނަނިވި ސުވާލުތައް ނަފްސާއި ކޮއްލަމާ ހިންގަވާށެވެ. “އަހަރެން ﷲ އާއި މެދު ގިނައިން ވިސްނަންތަ؟ އަދި ﷲ ހަނދުމަ ކުރަންތަ؟ އަހަރެންނަށް ޤުރުއާން ކިޔެވޭތަ؟ އަހަރެންނަށް ނަމާދު ބަރާބަރަށް އަދާކުރެވޭތަ؟ އަހަރެން ޙަޤީޤީ ކުޅަދާނަކަމަކޮބާ؟ އަހަރެން ރަނގަޅު ކުރަން މަސައްކަތް ކުރަން ވީ ކޮން ކަމެއް؟ އަހަރެން މޮޅީ ކޮން ކަމަކަށް؟ މިކާރިސާއާއިމެދު އަހަރެން މި ކަންބޮޑުވުންތައް ރަނގަޅަށް ތަޙައްމަލު ކުރެވޭތަ؟” އަދިވެސް މިފަދަ ސުވާލުތަކެވެ. މިކަހަލަ އިޙްސާސްތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ދެވިގެން މެނުވީ ނަފްސަށް ރޫހާނީގޮތުން ގަދަކަމެއް ނުލިބޭނެއެވެ. ޝައްކެއްނެތެވެ. މިހާރު ދުނިޔެ މިވާ ބިރުވެރިކަމުގެ ޙާލަތަށް ބަލާއިރު، ބިރުގަނެ ކަންބޮޑުވެ ނުތަނަވަސްކަމުގެ އިޙްސާސްތައްވުމަކީ ޠަބީޢީ ކަމެކެވެ. އެހެންކަމުން، އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ އެއްކަމަކީ މީޑިއާ އިން ބްރޭކެއް ނެގުމެވެ. ނުވަތަ ހުސްވަގުތު ކޮޅެއް ނަގާ މީޑިޔާ އާއި ދުރުވެލުމެވެ. އަދި އަހަރެމެންގެ ސަމާލުކަން އަހަރެމެންގެ ބާރުގެ ދަށުގައިވާ ކަންކަމަށް ދިނުމެވެ. އެއީ ވަރަށް މުހިއްމުކަމެއް ވެސް މެއެވެ. އަދި އަހަރެމެން ޝުކުރުވެރިވާން ޖެހޭ ކަންކަކަމުގެ ލިސްޓެއް ހެދުމެވެ. އަދި އެންމެ މުހިއްމުކަމަކީ އަހަރެމެންގެ އީމާންކަމުންނާއި ﷲ ހަދުމަކުރުމުން ހިތްހަމަޖެހުން ލިބިގަތުމެވެ.
މިފަދަ ޙާލަތުގައި ނަފްސަށް އަންނާނެ އެއް އިޙްސާސް އަކީ، މުޅި ދުނިޔެ މިދަނީ އެމަޖެންސީ ޙާލަތަކަށެވެ. ”އެކަމާ އަހަރެންވެސް ކުރިމަތިލާންވީތަ؟ ފިލަންވީތަ؟ ހުރިހާ ގަނޑުވެފައި ހުންނަންވީތަ؟”
އެފަދަ އިޙްސާސްތައް އައުމާއި އެކު ހިއްވަރުލާފާއި ނަފްސަށް ބުނާށެވެ. އޯކޭ! އަހަރެންނަށް ކޮންމެހެން ކުޑަވެސް ތަފްޞީލެއް އެނގުން މުހިއްމެއް ނޫން! މިވަގުތަށް ވާވަރަށް އަހަރެން އަތުގައި މަޢުލޫމާތު އެބަހުރި. މި އިލެކްޓުރޯނިކް ޑީވައިސް ތަކުން ދުރުވާންވީ ވަގުތު މިއައީ….މި ނިއްވާލީ! އަހަރެން ގަންނަ ބިރު އަހަރެންގެ ނިންމުންތަކަށް ނުފޫޒު ފޯރިވިޔަ ނުދޭނަން!
ދެން މިހިމަނާލަނީ ގަންނަބިރު ތިމާގެ ބާރުގެދަށަށް ގެންނާން ގޮތްތައް:
- ލިޔުންތައްލިޔުން، މިސާލަކަށް ޖާރނަލް އެއްލިޔުން.
- ނަފްސަށް ހަމަޖެހުން ލިބޭ ކަމެއް ކޮށްލުން. ޤުދުރަތީ އިޙްސާސްތައް ލިބިދޭ ތަނެއްގައި ހިނގާލުން.
- ކޮންމެ ދުވަހަކު ޤުރުއާނުގެ ކޮންމެވެސް މިންވަރެއް ކިޔަވާ ހިތްހަމަޖެހޭ ފަދަ ދުޢާތަކެއް ކުރުން.
- ތިބާގެ ނަފްސުގައިވާ ބިރާއިގުޅޭގޮތުން ﷲގެ ޙަޟްރަތުގައި ދުޢާތަކެއްގެ ގޮތުގައި ދެންނެވުން. މާތް ﷲ ވަޙީ ކުރައްވަނީ ކޮންމެ އަނދިރި ކަމެއްގައިވެސް، އުއްމީދުގެ ދަންމަރެއް ވާކަމަށެވެ. އާއެކެވެ. ކޮންމެ އުނދަގޫކަމަކަށް ފަހު ފަސޭހަކަމެއް އަންނާނެތެވެ.
މާތްﷲ ވަޙީކުރެއްވިއެވެ.
فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ سورة الشرح:5
“ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. “
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެވަޑައިގަތީ ނަމާދަކީ އުނދަގޫ ޙާލަތްތަކުގައި ހިތްހަމަޖެހުން ލިބުމުގެ އަޞްލެއްގެ ގޮތުގައެވެ. ޖިސްމާނީ ގޮތުން އަޅުކަމުގައި އެކަލޭގެފާނުގެ ހަށިގަނޑު ބޭނުން ކުރައްވައިގެން، އެކަލޭގެފާނުގެ އިޙްސާސްތަކާއި ޝުޢޫރުތަކަށް ހަމަޖެހުން ހޯއްދެވިއެވެ. އަދި އެކަލޭގެފާނުގެ އަމާޒު އަދި ސަމާލުކަން ބެހެއްޓެވީ ﷲއަށް ވަކީލުކުރުމާއި އެކަލާނގެ އާއި އޮތް ގުޅުން ހަރުދަނާކުރުމަށެވެ. އޭގެމާތީގައި ސާބިތުވުމަށެވެ. ނަތީޖާއަކަށް ވީ އެކަލޭގެފާނު ރޫޙާނީ ގޮތުން ކުރިއަރައި ދިޔައެވެ.
ދުނިޔެ ބިރުވެރި ތަނެއްގެ ގޮތުގައި އިޙްސާސް ވާ ހިނދު، އަހަރެމެންގެ ރައްބުވަންތަ އިލާހު އަހަރެމެން ދޫކޮށްނުލާނެކަން އަބަދުވެސް ހަނދުމާ ކުރާށެވެ. އެއިލާހުއަކީ އެންމެ އޯގާވަންތަ އިލާހެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.
«مَا يُصِيبُ المُسْلِمَ، مِنْ نَصَبٍ وَلاَ وَصَبٍ، وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ، حَتَّى الشَّوْكَةِ يُشَاكُهَا، إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ»
“އެމީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ބޮޑު ހިތާމައެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތް ތެރިވެއްޖެނަމަ އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމަށް ކެތްތެރިވެއްޖެނަމަ) އޭގެ ސަބަބުން، މާތް ﷲ އެމީހެއްގެ ކުށްފާފަތައް ނުފުއްސަވާނޭ މުސްލިމަކު ނުވެއެވެ.”
(ޙަދީޘް- ރިވާ ކުރެއްވީ ބުޚާރީ އަދި މުސްލިމް)
އެކަލާނގެ މިކާރިސާއިން އަހަރެމެންނަށް އެ ދެއްވީ ހަމައެކަނި ހަނދުމަކޮށްދިނުމަކާއި ފުރުސަތެކެވެ.
«اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي»
އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަ ﷲގެ ޙަޟްރަތުން ދުނިޔެއާއި އާޚިރަތުގައި ޢަފޫކުރެއްވުމަށާއި ފުރިހަމަ ޢާފިޔަތަށް އެދިދަންނަވަމެވެ. އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަﷲގެ ޙަޟްރަތުން ޢަފޫކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މިއަޅާގެ ދީނާއި ދުނިޔޭގައި އަދި މިއަޅާގެ އަހުލުވެރިންނާއި މުދަލުގައި ފުރިހަމަ ޢާފިޔަތަށް އެދިދަންނަވަމެވެ. އޭﷲ! މިއަޅާގެ ޢައިބުތައް ވަންހަނާކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ބިރުގަތުންތަކުން އަމާންކަންދެއްވާނދޭވެ! އޭ ﷲ! މިއަޅާގެ ކުރިމަތިންނާއި، މިއަޅާގެ ފުރަގަހުންނާއި، ކަނާތްފަތާތުންނާއި، މިއަޅާގެ ވާތްފަރާތުންނާއި އަދި މިއަޅާގެ މަތިން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އަދި ކުއްލިއަކަށް މިއަޅާގެ ދަށުން މިއަޅާ ހަލާކުވެދިއުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަﷲގެ މާތްކަން މެދުވެރިކޮށް ދަންނަވަމެވެ.