އެކިޒަމާންތަކުގައި ދުނިޔެއަށް މާތްﷲ އެކިއެކި އިމްތިޙާންތައް ޖައްސަވައެވެ. އެގޮތުން މިހާރު ވެސް ދުނިޔެއަށް މިވަނީ ﷲގެ އިމްތިޙާނުން އިމްތިޙަނެއް ކުރިމަތިވެފައިވެ. މީސްތަކުނަށް އޮތީ ﷲގެ އިމްތިޙާނުގައި ކެތްތެރިކަމާއި ޙިކްމަތްތެރިކަން އިސްކުރުމެވެ. އިސްލާމްދީނުގައިވަނީ މިފަދަ ކޮންމެ ޙާލަތަކާއިވެސް ކުރިމަތިލާނެގޮތް ބަޔާންކޮށްދީ ދަސްކޮށްދީފައެވެ. އެގޮތުން މިލިޔުމުގައި މި ބަލާލަނީ މިހާރު ދުނިޔެއަށް ދިމާވެފައިމިވާ ކާރިސާގައި ޢަމަލުތައް ބަހައްޓަންވީ ގޮތުގެ ކުލާސާއަކަށެވެ.

  • މާތް ﷲ ގެ މަތިވެރިވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތަށް އީމާންވުން.

ހަމަކަށަވަރުން އެންމެހާއި ތަކެއްޗެއް ޚަލްޤުކުރެއްވީ މާތް ﷲ އެވެ. މި ވައިރަސްތަކަކީ ވެސް އެކަލާނގެ މަޚްލޫޤުތަކުންގެ ތެރެއިންވާ މަޚްލޫޤެކެވެ. އެއީ މާތް ﷲ ގެ އިރާދަފުޅާ ނުލައި އޭގެ އަމިއްލަ ޒާތުގައި އެއްވެސް ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެއް ނޫނެވެ. އަދި މާތް ﷲ ގެ އިރާދަފުޅާ ލައިގެން މެނުވީ ގެއްލުމެއް ވެސް ނުދެވޭނެއެވެ. މިކަންކަން އަންނަނިވި އާޔަތްތަކުގައި މާތްﷲ ވަނީ ބަޔާންކުރައްވާފައެވެ.

މާތް ﷲ ގެ ރައްބުވަންތަކާއި އެއިލާހުއީ ހުރިހާ އެއްޗެއްގެ ވެރި އިލާހުކަން ބާޔާން ކުރައްވާ ވަޙީކުރައްވާފައިވެއެވެ:

﴿ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ (الفاتحة:1)

މާނައީ: އެންމެހާ ޙަމްދުހުރީ، ޢާލަމްތަކުގެ ވެރި اللَّه އަށެވެ.

އަދި ހުރިހާ ކަމެއް ހިންގުމުގެ ބާރުވެރިފަރާތަކީ އެއިލާހުކަން ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ:

﴿ أَلَا لَهُ الْخَلْقُ وَالْأَمْرُ﴾ (الأعراف: 54)

މާނައީ: ދަންނާށެވެ! ހެއްދެވުމާއި އަމުރު ކުރެއްވުންވަނީ، އެކަލާނގެއަށް ޚާއްޞަ ވެގެންނެވެ.

﴿ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴾ )المؤمنون: 88)

މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެފަރާތެއްގެ އަތްޕުޅުގައި އެންމެހާ ތަކެތީގެ މިލްކުވެރިކަންވާ ފަރާތަކީ، ކޮބައިހެއްޔެވެ؟ އެންމެހާ ތަކެތި ރައްކާތެރިކުރައްވަނީ، އެކަލާނގެއެވެ. އެކަލާނގެއާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެތެވެ. ތިޔަބައިމީހުން (އެކަން) ދަންނަކަމުގައި ވާނަމައެވެ.

  • މާތް ﷲ ގެ ސިފަފުޅުތަކާއި އިސްމުފުޅުތަކަށް އީމާންވުން.

މިފަދަ ކާރިސާތަކުގައި އާއި އެނޫންވެސް ވަގުތުތަކުގައި އަހަރެމެން މާތް ﷲ ގެ އެންމެހާ ސިފަފުޅުތަކާއި އިސްމުފުޅުތަކަށް ހައްޤުގޮތުގައި އީމާންވާންޖެހެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އަދި އެހެން އެއްވެސް ފަރާތަކަށް ހާޖަތް ޖެހިވޮޑިގެންނުވާ، ހުރިހާ ފަރާތްތަކުން އެކަލާނގެއަށް ޙާޖަތް ޖެހިގެންވައި އަދި އަޅުތަކުންގެ އެންމެހާއި ކަންތައްތައް ބެލެހެއްޓެވުމުގައި ޤާއިމުވެވޮޑިގެންވާ އިލާހެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ. މިފަދަ ޙާލަތްތަކުގައި މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވަނީ މާތް ﷲ އާއި މެދު އޮންނަ ޔަޤީންކަން އިތުރަށް ވަރުގަދަކުރުމެވެ. އަދި ހަމަކަށަވަރުން އެކަލާނގެ ނަންފުޅުތަކާއި ސިފަފުޅުތައް ދެނެގަތުމެވެ. މި ގޮތަށް ޢަމަލުކުރުމުން އެމީހަކު ބިރުވެރިކަމާއި، ނޭދެވޭ އަސަރުތަކުންނާއި އަދި ވަސްވާސްތަކުން ސަލާމަތްކޮށްދޭނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿ وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴾ (الأعراف: 180)

މާނައީ؛ އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ.

﴿ هُوَ اللَّـهُ الَّذِي لَا إِلَـٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّـهِ عَمَّا يُشْرِكُونَ ﴿٢٣﴾ هُوَ اللَّـهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ ﴿٢٤﴾ (الحشر: 23-24)

އެކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު އަކު ނުވާ ރަސްކަލާނގެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ. ޠާހިރުވަންތަ ރަސްކަލާނގެއެވެ. ހުރިހާ އުނިކަމަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަމާންކަން ދެއްވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ ރަސްކަލާނގެއެވެ. އަޒީޒުވަންތަ ރަސްކަލާނގެއެވެ. ޖައްބާރުވަންތަ ރަސްކަލާނގެއެވެ. ޢަޡަމަތްތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެން ޝަރީކު ކުރާ ތަކެތިން اللَّه ހުސްޠާހިރު ވަންތަވެވޮޑިގެންވެތެވެ. އެކަލާނގެއީ، اللَّه އެވެ. ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއެވެ. ޞޫރަކުރައްވާ ރަސްކަލާނގެއެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަސްބީޙަ ދަންނަވަތެވެ. އަދި އެކަލާނގެއީ، އަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.

 

  • ޤަޟާޤަދަރަށް އީމާންވުން

އެންމެހައި ކަންތައްތައް ޚަލްޤު ކުރެވިފައިވަނީ މާތް ﷲ ގެ ގަޟާޤަދަރުގައިވާ ގޮތުގެ މަތިންނެވެ. މާތް ﷲ ވަނީ އުޑުތަކާއި ބިން ހެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރިން އެއިލާހުގެ ޤަޟާޤަދަރު ކަނޑައަޅުއްވާފައެވެ. މާތް ﷲ ޤަޟާޤަދަރުގައި ކަނޑައަޅުއްވާފައިވާ ކަމެއް މެނުވީ މި ކައުނުގައި ނުހިނގާނެއެވެ. އިންސާނާގެ ދިރިހުރުމާއި އަދި މަރުވުން ވަނީ މާތް ﷲ ގެ ޤަޟާޤަދަރުގައެވެ. އަދި އެމީހަކަށް ލިބިގެންދާ ނިޢުމަތްތައް ވެސް ވަނީ މާތް ﷲ ގެ ޤަޟާޤަދަރުގައި ކަނޑައަޅުއްވާފައެވެ. އެހެންކަމުން މުސްލިމަކަށް އޮތީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި އޭނާ އަށް ކުރިމަތިވާ މުޞީބާތްތައް ކުރިމަތިވަނީ މާތް الله ގެ ނިޔާފުޅުގައި އެކަން ކަނޑައެޅި ލިޔުއްވިގެންވާތީ ކަން ޤަބޫލުކުރުމެވެ. އަދި މުޞީބާތެއް ކުރިމަތިވުމުން ތިމަން މިހެން ނުހެދިނަމަ އެހެން ނުވީހޭ ފަދަ ބަސްތައް އޭނާ ނުބުނާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ ﴿٤٩﴾ (القمر: 49)

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.

﴿وَكَانَ أَمْرُ اللَّـهِ قَدَرًا مَّقْدُورًا ﴿٣٨﴾ (الأحزاب: 28 )

މާނައީ: އަދި اللَّه ގެ އަމުރުފުޅު އެއީ، ކަނޑައެޅި ނިޔާކުރައްވާފައިވާ ނިޔާއެއް ކަމުގައި ވެއެވެ.

أَلَمْ تَعْلَمْ أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٧٠﴾ (الحج: 70)

މާނައީ: ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާކަމެއް، اللَّه ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަކަމެކެވެ.

ރަސޫލުއްﷲ صلى الله عليه وسلم، އީމާންކަމާއި ބެހޭގޮތުން ޙަދީޘްކުރައްވާފައިވެއެވެ: (( أنْ تُؤْمِنَ باللَّهِ، ومَلائِكَتِهِ، وكُتُبِهِ، ورُسُلِهِ، والْيَومِ الآخِرِ، وتُؤْمِنَ بالقَدَرِ خَيْرِهِ وشَرِّهِ )) (رواه مسلم)

މާނައީ: އެއީ ތިބާ މާތް ﷲ އަށް އީމަންވުމެވެ، އަދި އެކަލާނގެ މާލާއިކަތުނަށް އިމާންވުމެވެ، އަދި އެކަލާނގެ ބާވާލެއްވި ފޮތްތަކަށް އީމާންވުމެވެ. އަދި އެކަލާނގެ ފޮނުއްވީ ރަސޫލުންނަށް އީމާންވުމެވެ، އަދި ގިޔާމަތް ދުވަހަށް އީމާންވުމެވެ، އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.

 

  • ސަބަބުތަކުގައި ހިފުމާއި އެކު މާތް ﷲ އަށް ވަކީލުކުރުން.

މާތް ﷲ އަށް ވަކީލުކުރުމާއި ސަބަބުތަކުގައި ހިފުމުގައި ފުށުއެރުމެއް ނުވެއެވެ. ވަކީލުކުރުމަކީ އެންމެހާ ކަމެއްގައި މާތް ﷲ އަށް ބަރޯސާވުމާއި އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރުމެވެ. މާތް ﷲ އަށް ވަކީލުކޮށްފި މީހަކަށް ހިތްހަމަޖެހުމާއި ނަފްސަށް ހަމަޖެހުން ލިބޭހުއްޓެވެ. މާތް ﷲ އަށް ވަކީލު ކުރުން، ސަބަބުތަކުގައި ހިފުން ނަފީއެއް ނުކުރެއެވެ. އެގޮތުން، ހެޔޮ ޢަމަލުތަކަކީ ސުވަރުގެ ވަނުމަށް ސަބަބެއްކަމުގައި ވެއެވެ. އަދި ބޭހަކީ ބަލިން ފަސޭހަވުމަށް އޮތް ސަބަބެއް ކަމުގައި ވެގެންދެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴿١٢٢﴾ ( آل عمران: 122)

މާނައީ: ހަމައެކަނި اللَّه އަށް މުއުމިނުން ވަކީލުކުރާ ހުށިކަމެވެ!

إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ ﴿١٥٩﴾ ( آل عمران: 159)

މާނައީ: ވަކީލުކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.

قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّـهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴿٥١﴾ ( التوبة: 51 )

މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ> އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި ﷲ އަށް ވަކީލުކުރާހުށިކަމެވެ!

ރަސޫލުއްﷲ صلى الله عليه وسلم ގެ ޙަދީޘެއްގައި އައިސްފައިވެއެވެ. ((قَالَ رَجْلٌ يَا رَسُولَ اللهِ أَعْقِلُهَا وَأَتَوَكَّلُ أَوْ أُطْلِقُهَا وَأَتَوَكَّلُ، قَالَ: اعْقِلْهَا وَتَوَكَّلْ)) (صحيح الترمذي وحسنه الألباني)

މާނައީ: މީހަކު ދެންނެވިއެވެ: ” އޭ މާތް ﷲ ގެ ރަސޫލާ صلى الله عليه وسلم އެވެ، ތިމަން އެ ޖަމަލު ބަނދެފައި މާތް ﷲ އަށް ވަކީލުކުރަންވީތޯ އެވެ؟ ނުވަތަ ނުބަދެ މާތް ﷲ އަށް ވަކީލުކުރަންވީތޯ އެވެ؟ ޙަދީޘް ކުރެއްވިއެވެ :” ޖަމަލު ބަންނާށެވެ. އަދި މާތް ﷲ އަށް ވަކީލުކުރާށެވެ.

 

  • މާތް ﷲ އާއި މެދު ހެޔޮކޮށް ހީކުރުން.

މާތް ﷲ އާއި މެދު ހެޔޮކޮށް ހީކުރުމޭ ބުނެވޭ ބަހުގެ މާނައަކީ މާތް ﷲ ގެ ޙަޟްރަތުން ހެޔޮ ގޮތްތަކަށް އުއްމީދުކުރުމެވެ. ހަމަކަށަވަރުން އެކަލާނގެ އިރާދަފުޅުން ފުރިހަމަ ޙާލުގައި އަހަރެމެން މި ޙާލަތުން ނެރެދެއްވާނެއެވެ.

ޤުދުސިއްޔަ ޙަދީޘެއްގައި ރަސޫލުއް ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إنَّ اللَّهَ يَقُوْلُ: أَنَا عِنْدَ ظَنِّ عَبْدِيْ بِيْ وَأَنَا مَعَهُ إِذَا دَعَانِي)) (رواه مسلم)

މާނައީ: މާތް ﷲ ވަޙީކުރެއްވިއެވެ: ތިމަން އިލާހުގެ އަޅާ ތިމަން އިލާހާއި މެދު ހީކުރާގޮތެއްގެ މައްޗަށް އެއަޅާއާއި އެކު ތިމަން އިލާހު ވޮޑިގެންވަމެވެ. އަދި ދުޢާ ކުރާ ހިނދު އެ އަޅާގެ ދުޢާ އިޖާބަކުރެއްވުމުގައި ވޮޑިގެންވަމެވެ.

 

  • ކެތްތެރިކަން

ކެތްތެރިވުމަކީ ކަންބޮޑުވުންތަކުންނާއި ޝަކުވާކުރުމުން ނަފްސު ދުރުހެލިކުރުމެވެ. ކީރިތި ޤުރުއާނުގައި، މި ފަދަ ޙާލަތްތަކުގައި ކެތްތެރިވުމާއި ބެހޭގޮތުން ނުވަދިހަ އަށް ވުރެ ގިނަ އާޔަތް ވާރިދުވެގެންވެއެވެ. މިކަމުން ކެތްތެރިވުމުގެ މުހިންމުކަން ދޭހަކޮށްދެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٧﴾ ( لقمان 18 )

މާނައީ: ތިބާޔަށްޖެހޭ މުޞީބާތްތަކަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.

ރަސޫލުއްﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ: ((عَجَبًا لأَمْرِ المُؤْمِنِ، إنَّ أمْرَهُ كُلَّهُ خَيْرٌ، وليسَ ذاكَ لأَحَدٍ إلَّا لِلْمُؤْمِنِ، إنْ أصابَتْهُ سَرَّاءُ شَكَرَ، فَكانَ خَيْرًا له، وإنْ أصابَتْهُ ضَرَّاءُ، صَبَرَ فَكانَ خَيْرًا له.)) (رواه مسلم )

މާނައީ: މުއުމިނެއްގެ ކަންތައް ޢަޖާއިބެއްފަދައެވެ، އޭނާގެ އެންމެހައި ކަމެއްވަނީ ހެޔޮވެގެންނެވެ، މުއުމިނެއް ނޫން މީހަކަށް އެކަމެއްނުވެއެވެ. އެނާ އަށް ހެޔޮކަމެއް ކުރިމަތިވެއްޖެނަމަ ޝުކުރުވެރިވެއެވެ، އެނާއަށް އެކަން ހެޔޮވެގެންވެއެވެ. އަދި އެނާއަށް މުޞީބާތެއް މެދުވެރިވުމުން ކެތްތެރިވެއެވެ. އެކަން އޭނާ އަށް ހެޔޮވެގެންވެއެވެ.

 

  • މާތް ﷲ އަށް ޝުކުރުވެރިވުން

ޝުކުރުވެރިވުމަކީ މާތް ﷲ އެމީހަކަށް ދެއްވާފައިވާ ނިޢުމަތްތަކަށް އިޢުތިރާފުވުމެވެ. އަދި ނިޢުމަތްތައް ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޘަނާ ދެންނެވުމެވެ. އަދި މާތް ﷲ ގެ ރުހިވޮޑިގަތުން ލިބޭގޮތަށް ނިޢުމަތްތަކުގެ ބޭނުން ހިފުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿ فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ﴿١٥٢﴾ (البقرة 152 )

މާނައީ: ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!

﴿ مَّا يَفْعَلُ اللَّـهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ ۚ وَكَانَ اللَّـهُ شَاكِرًا عَلِيمًا ﴿١٤٧﴾ (النساء: ١٤٧)

މާނައީ: ތިޔަބައިމީހުން ޝުކުރުކޮށް، އީމާންވީނަމަ، ތިޔަބައިމީހުންނަށް ޢަޒާބުދެއްވުމުން اللَّه ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް اللَّه ޢަޒާބެއް ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) ޝުކުރު ޤަބޫލުކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

 

  • މާތް ﷲ ގެ ޙަޟްރަތުގައި އެހީތެރިކަމަށް އެދި ދެންނެވުން.

މި ޙާލަތުން ސަލާމަތް ކޮށްދެއްވުން އެދި މަޑުމައިތިރިކަމާއި ހުޝޫއަތްތެރި ކަމާއެކު މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ!

ބަދުރު ހަނގުރާމައިގައި މުސްލިމުންގެ ޢަދަދު މަދު ލަޝްކަރު، މުޝްރިކުންގެ ޢަދަދު ގިނަ ލަޝްކަރާއި ބައްދަލުވީ ހިނދު މުސްލިމުން މާތް ﷲ ގެ ޙަޟްރަތުން އެހީތެރިކަމަށް އެދި ދެންނެވި ދެންނެވުމަށް ޢިޖާބަ ދެއްވާ ވަޙީކުރެއްވިއެވެ:

﴿ إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿٩﴾ (الأنفال: ٩)

މާނައީ: ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެހީއަށް އެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. މަލާއިކަތުންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ.

 

  • މާތް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުން.

މާތް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން ދެއްވުމަށް އެދި ދެންނެވުމާއި އަދި އެކަލާނގެ ރައްކާތެރިކަމަށް ބަރޯސާވުމެވެ. މާތް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭމީހާ އެކަލާނގެ ރައްކާތެރި ކޮށްދެއްވާނެކަން ކަށަވަރެވެ.

ފިރުޢައުނު މޫސާ އަލައިޙިއްސަލާމް ޤަތުލު ކުރާނެ ކަމަށް ބުނުމުން، އެކަލޭގެފާނު މާތް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި ވަޑައިގެން ވިދާޅުވި ބަސްފުޅު މާތް ﷲ ކީރިތ ޤުރުއާންގައި ބަޔާންކުރައްވާފައި ވެއެވެ.

﴿ وَقَالَ مُوسَىٰ إِنِّي عُذْتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ ﴿٢٧﴾ (غافر: ٢٧)

މާނައީ: މޫސާގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ޙިސާބު ބައްލަވާ ދުވަހަށް އީމާންނުވާ ކޮންމެ ކިބުރުވެރިޔެއްގެ ކިބައިން ސަލާމަތްކުރެއްވުން އެދި އަހުރެންގެ ވެރި އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ (الفلق:1-2)

މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.

 

  • އެއްވެސް އެއްޗަކީ އޭގެ ޒާތުގައި ސުންޕާއެއްޗެއް ނޫންކަން ޤަބޫލުކުރުން.

އިންސާނާގެ މައްޗަށް ލާޒިމުވެގެންވަނީ، އެއްވެސް އެއްޗަކީ އޭގެ ޒާތުގައި ސުންޕާ ނުވަތަ ބަދުފާލެއް ކަމަށް ގަބޫލުނުކުރުމެވެ. އެގޮތަށް ގަބޫލުކުރުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. ރަސޫލުއް ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ: “ބަދުފާލަކީ ޝިރުކެކެވެ”. އެއްވެސް ކަމަކީ އޭގެ ޒާތުގައި ސުންޕާކަމެއް ނުވަތަ ބަދުފާލެއް ކަމަށް ދެކުމަކީ އެމީހަކަށް އެ ސުންޕާކަން ޖެހުމުގެ ސަބަބަކަށް ވެދާނެއެވެ.

ރަސޫލުއް ﷲ ޙަދީޘް صلى الله عليه وسلم ކުރެއްވިއެވެ : (( لا عَدْوَى وَلا طِيَرَةَ وَلا هَامَةَ وَلا صَفَرَ )) ( ورواه البخاري)

މާނައީ: ” އެއްވެސް ބައްޔެއް އޭގެ ޒާތުގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެރުމުގެ އަސަރެއްނުވެއެވެ. އަދި ބަދު ފާލުގައި އެއްވެސް ޙަޤީޤަތެއް ނުވެއެވެ. އަދި ބަކަމޫނުގައި ނުބައި ޚަބަރެއްގެ އަސަރެއްނުވެއެވެ. އަދި ޞަފަރުމަސް (ސުންޕާ މައްސައްރެއްކަމުގައި) ނުވެއެވެ.

މާތް ﷲ އަޅުގަނޑުމެންނަށް މިކަންކަމުގައި ސާބިތުކަން ދެއްވާ އަދި މި މުސީބާތް އެންމެހާ ޚަލްޤުތަކުން ކިބައިން ފިއްލަވާށި. އާމީން.

[/fusion_text][/fusion_builder_column][/fusion_builder_row][/fusion_builder_container]