1. ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާ؟

ޝައްވާލު މަހުގެ ހަ ރޯދައަކީ ސުންނަތްވެގެންވާ ހަ ރޯދައެވެ. އަދި އެ ރޯދަ ހިފުމަށް ނަބިއްޔާ ﷺ ވަނީ ބާރު އަޅުއްވާފައެވެ.

 

  1. ޝައްވާލު މަހުގެ ހަ ރޯދައިގެ ޚާއްޞަ މާތްކަމެއް ވޭތަ؟

ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ މުޅި އަހަރުގެ ރޯދަ ހިފުމުގެ ސަވާބާއި ދަރުމަ އެކަމުގައި އެކުލެވިގެންވާ މަތިވެރި ރޯދައެކެވެ. އެކަމަށް އިޝާރާތްކުރައްވާ ނަބިއްޔާﷺ ޙަދީޘްކުރެއްވިއެވެ.

« مَن صَامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوَّالٍ، كانَ كَصِيامِ الدَّهْرِ. » (رواه مسلم)

މާނައީ: ”ރަމަޟާން މަހުގެ ރޯދަހިފުމަށްފަހު ދެން އެއާއި ވިދިގެން ޝައްވާލުމަހު ހަ ދުވަހު ރޯދަ ހިފައިފި މީހާ ދަންނާށެވެ. އެމީހަކު މުޅި އަހަރު ދުވަހު ރޯދަހިފި ފަދައެވެ.”

  1. ޝައްވާލު މަހުގެ ހަ ރޯދަހިފުމުގެ ވަގުތަކީ ކޮބާ؟

ޝައްވާލު މަހުގެ ހަ ރޯދަހިފުމުގެ ވަގުތަކީ މުޅި ޝައްވާލު މަހުގެ ދުވަސްތަކުގެ ތެރެއިން ކޮންމެވެސް ހަ ދުވަހަކު ރޯދަ ހިފުމެވެ. ހަ ރޯދަ ހިފުމަށް ވަކި ޚާއްޞަ ދުވަސްތަކެއް ނުވެއެވެ. ކުރީ ކޮޅުގައި ފިހިކަމުގައިވިޔަސް އަދި މަހުގެ ފަހު ކޮޅުގައި ހިފިކަމުގައިވިޔަސް ﷲގެ ރަޙްމަތާއި އެކު ހަ ރޯދައިގެ ސަވާބާއި ދަރުމަ ޙާޞިލްވާނެއެވެ. އަދި ހަ ރޯދަ ޖެހިޖެހިގެން ހިފިކަމުގައި ވިޔަސް އަދި މުޅި ޝައްވާލު މަހަށް ބަހާލައިގެން ވަކިވަކިން ހިފިކަމުގައި ވިޔަސް އެންމެ ރަގަޅުވާނެއެވެ. ހަމައެއާއި އެކު ދަންނަން ޖެހެނީ ހެޔޮކަންކަމުގައި ބަލަންވީ އެ ހެޔޮ ޢަމަލެއް ކުރެވެން އޮތް އެންމެ އަވަސް ވަގުތެއްގައި އަދާކޮށް ނިންމާލުމަށެވެ. ހެޔޮކަންކަމަށް އަވަސްވެގަތުމާއި ގުޅޭގޮތުން އައިސްފައިވާ މާތްﷲ ގެ ވަޙީ ބަސް ފުޅެއްގައި ވެއެވެ.

﴿  فَاسْتَبِقُوا الْخَيْرَاتِ ۚ﴾ (سورة البقرة: 148)

މާނައީ: ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ!”

އެހެންކަމުން މުސްލިމްތަކުންނަށް އޮތީ ހެޔޮ ކަންކަމުގައި ކުރި އަރާ ދިޔުމަށް މަސައްކުރުމެވެ. އެއީ ފަރުޟު ކަންކަންމާއި ސުންނަތް ކަންކަމުގައިވެސްމެއެވެ.

 

  1. ޤަޟާކުރަން ޖެހޭ ރޯދައިގެ ކުރިން ޝައްވާލު މަހުގެ ހަ ރޯދަ ހިފިދާނެތަ؟

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޤާޟާކުރަން ޖެހޭ ރޯދައިގެ ކުރިން ޝައްވާލު މަހުގެ ހަ ރޯދަ ހިފި ނަމަވެސް އެ ރޯދަތައް ޞައްޙަވެގެންވެއެވެ. އެހެންނަމަވެސް އެންމެ ރަގަޅު ގޮތަކީ ފަރުޟު ރޯދައެއް ވާނަމަ އެ ރޯދަ ހިފުމަށް ފަހު ޝައްވާލު މަހުގެ ހަ ރޯދަހިފުމެވެ.

 

  1. އުޒުރެއްގެ ސަބަބުން ޝައްވާލު މަހުގެ ހަރޯދަ ނުހިފިއްޖެ އެނާއަށް އެ އަހަރުގެ ހަ ރޯދައިގެ ސަވާބައި ދަރުމަ ލިބޭނެތަ؟

ޢާއްމުކޮށް ކޮންމެ އަހަރަކުވެސް ޝައްވާލު މަހުގެ ހަ ރޯދަ ހިފާ މީހަކު ޝަރުޢީ އުޒުރެއްގެ ސަބަބުން ނުހިފިއްޖެ އެނާއަށް އެ އަހަރުގެ ޝައްވާލު މަހުގެ ހަ ރޯދައިގެ ސަވާބާއި ދަރުމަ އެއްވެސް އުނިކަމެއް ނެތި ލިބޭނެއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅެއްގައިވެއެވެ.

 «إِذَا مَرِضَ الْعَبْدُ أَوْ سَافَرَ كَتَبَ اللهُ لَهُ مَا كَانَ يَعْمَلُ صَحِيْحًا مُقِيْمًا» (رواه البخاري)

މާނައީ: އަޅާ ބަލިވެއްޖެ ނަމަ ނުވަތަ ދަތުރަކު ދާން ޖެހިއްޖެ ނަމަ އޭނާ ހެޔޮ ޙާލުގައި ޤާއިމްވެ ހުރެ ކުރަމުން އައި އަޅުކަމުގެ ސަވާބާއި ދަރުމަ މާތްﷲ ލިޔުއްވާނެތެވެ.

  1. ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ ފައިދާ ތަކަކީ ކޮބާ؟

މާތްﷲގެ ރަޙްމަތާއިއެކު އަނެއްކާވެސް މިއޮތީ ޝައްވާލުމަހުގެ ހަ ރޯދައި މާތްކަން ލިބިގަތުމުގެ ފުރުޞަތު ފަހިވެފައެވެ. މިފަދަ މަތިވެރި އަޅުކަންކަން ޝަރުޢުކުރެއްވުމުގައި އެއިލާހުވަނީ މަތިވެރި ޙިކްމަތްތަކަކާއި ސަބަބުތަކާއި ފައިދާތަކެއްވެސް ލައްވާފައެއެވެ. އޭގެތެރޭގައި:

  1. ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ އެންމެ މާތް ޞާޙިބާ ނަބިއްޔާ ﷺގެ ސުންނަތުގައި ހިފުމުގެ ތެރެއިންވާ ކަމެކެވެ.
  2. ޝައްވާލު މަހުގެ ހަ ރޯދަ ހިފާ މީހާ އެ ލިބިގަންނަނީ ހެޔޮކަމުގެ މޫސުމަކަށް ފަހު ހެޔޮކަންކަމުގެ މަތީގައި ސާބިތުވުމާއި ދާއިމީކޮށް ހެޔޮ ޢަމަލުގައި ހުރުމުގެ މަތިވެރިކަމެވެ. ހެޔޮ ޢަމަލުގެ މަތީގައި ދެމި ހުރެވޭނަމަ އެއީ ކުރެވޭ ހެޔޮ ޢަމަލުތައް މާތްﷲ ޤަބޫލުކުރައްވާ ކަމުގެ މަތިވެރި ޢަލާމާތެއްވެސްމެއެވެ.
  3. ޝައްވާލު މަހުގެ ހަ ރޯދަ ހިފާ މީހާއަށް އެ ޙާޞިލް ވަނީ މުޅި އަހަރުގެ ރޯދަ ހިފުމުގެ މަތިވެރި ސަވާބާއި ދަރުމައެވެ.
  4. ރަމަޟާން މަހުގެ ރޯދައިން ދަރުމައާއި ސަވާބެއް އުނިވެގެން ގޮސްފައިވާ ނަމަ މާތްﷲގެ ރަޙުމަތާއި އެކު ޝައްވާލު މަހުގެ ހަ ރޯދައިގެ ސަބަބުން އެކަންވެސް ފޫބައްދައި ދެއެވެ.

ރަމަޟާންމަހުގެ ހެޔޮކަމާއި ބަރަކާތަށް ފަހު ޝައްވާލު މަހު ހަ ރޯދައިގެ ސަވާބާއި ދަރުމަ ހާސިލްވާ އަދި ހެޔޮ ކަންކަމުގައި ދާއިމީކޮށް ސާބިތުވާ ބައެއްކަމުގައި އަޅަމެން ލައްވާށި. އާމީން.