އިންސާނާ ދުނިޔެއަށް އަންނަނީ އާރެއް ބާރެއް ނެތް އަނެކުންގެ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާ ޙާލު ނިކަމެތި ކަމާއެކުގައެވެ. ނަމަވެސް އޭނާގެ ޒުވާން ދުވަސްތައް އައުމުން ގިނަ އިންސާނުން ހީކުރަނީ އޭނާގެ ޒުވާންކަމުގެ އާރާއި ބާރާއެކު އޭނާއަށް ތާއަބަދު އުޅެވިދާނެކަމަށެވެ. އެ ހީކުރުން ނިމި ޚިޔާލީ ދުނިޔެއިން އޭނާއަށް ހޭލެވެނީ ޢުމުރުން ދުވަސްވެ ގައި ބާރު ދެރަވެ ބަލިކަށިވުމުންނެވެ. މިކަން ސިފަކުރައްވައި ކީރިތި ﷲ ވަޙީކުރެއްވި ބަސްފުޅެއްގައިވެއެވެ.
﴿اللَّـهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ ﴾ الروم:54
ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ ﷲ އެވެ. ދެން ބަލިކަށިކަމަށް ފަހު، ބާރެއްލައްވައި އަދި ބަލިކަށިކަމަށް ފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނިވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާންގެއެވެ.
ޢުމުރުން ދުވަސްވުމަކީ ތިމާގެ ގައި ބާރު ދެރަވެ އެހެން މީހުންގެ އެހީއާއި އޯގާތެރިކަމަށް އިންތިހާއަށް ބޭނުންވާކަމެކެވެ. އެހެންވެ ދުވަސްވީ މީހުންނަށް އިޙްތިރާމްކޮށް ކަމޭހިތުމަށް އިސްލާމްދީން ވަނީ ވަރަށް މަތީ ދަރަޖައަކަށް ބާރުއަޅުއްވާފައެވެ. މިގޮތުން ތިމާގެ މައިންބަފައިން ޢުމުރުން ދުވަސްވުމުން އެމީހުނަށް ކަމޭހިތައި އިޙްތިރާމް ކުރަންވީ ގޮތް ބަޔާންކުރައްވައި ސޫތަރުލް އިސްރާގެ 23 އަދި 24 ވަނަ އާޔަތުގައި ކީރިތި ﷲ ވަޙީކުރައްވާފައިވާ ބަސްފުގެ މާނާގައިވެއެވެ.
﴿وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿23﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿24﴾ الإسراء:23،24
“އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!”
ވީއިރު ޢުމުރުން ދުވަސްވީ ކޮންމެ މީހަކަށްމެ ކަމޭހިތައި އިޙްތިރާމު އަދާކުރުމަކީ އިސްލާމްދީން ނުހަނު ބާރުއަޅާކަމަކެވެ. މިކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ﷺ ހަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ.
((لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا، و يعرِفْ حَقَّ كبيرَنا)) رواه أبو داود صححه الشيخ الألباني في صحيح التغريب
އަހަރެމެންގެ ކުޑަ ކުދިންނަށް އޯގާވެރިނުވާ އަދި ބޮޑެތި މީހުންގެ ޙައްޤު ނުދަންނަ މީހަކީ އަހުރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.
އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމަކީ އިސްލާމީ ރިވެތި އަދަބެކެވެ. ތިމާގެ އަޚާއަކީ ކިތަންމެ ޟަޢީފު އަދި ނިކަމެތި މީހެއްކަމުގައި ވިޔަސް، އޭނާއަކީ ކޮންމެ ސިފަޔަކަށް ހުރި މީހެއްކަމުގައި ވިޔަސް، އޭނާއަށް ޙައްޤުވާ އިޙްތިރާމު އަދާކުރުމީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނިގެންވާކަމެކެވެ.
ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމު ކުރަންވީ އެ މީހުންގެ ރީތިކަމަކުން ނޫނެވެ. ނުވަތަ އެ މީހުންގެ ފުށުން ލިބިދާނެ ފައިދާއަކަށް ބަލައިގެންނެއް ވެސް ނޫނެވެ. އަދިކިޔެއްތަ އެމީހުން މަތީމަޤާމެއްގައި ތިބުމަކުން ނުމެނޫންމެއެވެ. އެކަމަކު އެއީ އަޚްލާޤީ އަދި ދީނީ ވާޖިބަކަށް ވާތީއެވެ. ކީރިތި ރަސޫލާ ﷺ ވަނީ ޢުމުރުން ދުވަސްވީ މީހުނަށް އިޙްތިރާމް ކުރުމުގައިވެސް ނަމޫނާ ދައްކަވާފައެވެ .أَبِي مَسْعُودٍ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
كَانَ رَسُولُ اللَّه صلى الله عليه وسلم يَمْسَحُ مَنَاكِبَنَا فِي الصَّلاةِ وَيَقُولُ: ((اسْتَوُوا وَلا تَخْتَلِفُوا؛ فَتَخْتَلِفَ قُلُوبُكُمْ، لِيَلِنِي مِنْكُمْ أُولُو الأَحْلامِ وَالنُّهَى، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِين يَلُونَهُمْ)) رواه مسلم.
އަހަރެމެން މިސްކިތުގައި ނަމާދަށް ގޮސް ތިބޭ އިރު ކީރިތި ރަސޫލާ ﷺ އަހަރެމެންގެ ކޮނޑުގައި އަތްޕުޅު ބީއްސަވައި ޙަދީސްކުރައްވާ ކަމުގައިވެ އެވެ. ތިޔަބައިމީހުންގެ ސަފުތައް ސީދާ ކުރާށެވެ. އަދި ތަފާތުކޮށް އެކި ވަރަށް ނުތިބޭށެވެ. އެއިރުން ތިޔަބައިމީހުންގެ ހިތްތައް ބައިބައި ވެދާނެއެވެ. ފަހެ ތިޔަބައިމީހުން ކުރެ ހޭޖެހޭ ބޮޑެތި މީހުން ތިމަން ކަލޭގެފާނާ ޖެހިގެން ތިބޭށެވެ. ދެން އެއާ ޖެހިގެން ތިބި މީހުންނެވެ. ދެން އެއާ ޖެހިގެން ތިބި މީހުންނެވެ.”
ވުމާއެކު ދުވަސްވީ މީހުނަށް އިސްލާމްދީ ދީފައިވާ މަތިވެރި މަޤާމު ވަރަށް ރަނގަޅަށް ހާމަވެއެވެ. އެކަލޭގެފާނާ އެންމެ އަރިހުގައި ތިބުމަށް ޢަމުރުކުރަށްވާފައި އެވަނީ ހޭޖެހޭ ބޮޑެތިމީހުންނެވެ. އެމީހުންގެ ޙައްޤު މަޤާމް އެކަލޭގެފާނު އެވަނީ ބަޔާންކޮށްދެއްވާފައެވެ.
أَبُوْ مُوْسَى الأَشْعَرِي رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((إنَّ مِنْ إِجْلَالِ اللَّهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ ، وَحَامِلِ الْقُرْآنِ غَيْرِ الْغَالِي فِيْهِ وَالْجَافِي عَنْهُ، وَإِكْرَامَ ذِي السُّلْطَانِ الْمُقْسِطِ)) رواه أبو داود صححه الشيخ الألباني
ހަމަކަށަވަރުން އިސްލާމްކަންމަތީ މުސްކުޅިވެފައިވާ މީހާ އާއި ހައްދުފަހަނަ އެޅުމަކާއި ނުލައި އަދި ފަރުވާކުޑަކޮށް އިހްމާލު ނުވާ ޤުރްއާން ދަސްމީހާއާއި ޢަދުލުވެރި އިމާމަށް ހެޔޮކޮށް ހިތުމަކީ ﷲގެ ޝިއާރު މަތިވެރިކުރުމުގެ ތެރެއިންވާ ކަމެކެވެ.
އިޙްތިރާމު ކުރަންޖެހޭ ތިންމީހުން ބަޔާންކުރެއްވި އިރު ދުވަސްވީ މީހާއާއެކު ބަޔާންކުރައްވާފައިވާ އަނެއްދެމީހުންނަކީ ޢިލްމުވެރިޔާއާއި، ޢަދުލުވެރި އިމާމް ކަމުގައިވުމުން އިސްލާމްދީނުގައި ޢުމުރުން ދުވަސްވީ މީހުނަށް ދެއްވާފައިވާ މަޤާމަކީ ޢިލްމުވެރިންނާއި، ޢަދުވެރި އިމާމުންނަށް ދެއްވާފައިވާ މަތިވެރި މަޤާމުކަން ވަރަށް ރަންގަޅަށް ހާމަވެގެން ދެއެވެ.
ޢުމުރުން ދުވަސްމީހުންދެކެ ލަތުވެތިވުމީވެސް އެމީހުނަށް އިޙްތިރާމް ކުރުމުގެތެރެއިން ހިމެނިގެންވާކަމެކެވެ. މިކަމުގައި ރަސޫލާ ﷺ މަތިވެރި ޞަޙާބީންވަނީ އަޅުގަނޑުމެންނަށް ރިވެތި ނަމޫނާ ދައްކަވާފައެވެ. އިމާމުލްބުޚާރީ رَحِمَهُ اللهُ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ.
عَبْدُ اللهِ بْن ُعُمَرَ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ އެއްދުވަހަކު ސުވާލުކުރެއްވިއެވެ. މުސްލިމަކާ އެއްފަދަ ގަހަކީ ކޮބައިތޯއެވެ؟ ﷲގެ އިޒުނަފުޅަށް އެ ގަހުގެ ކާނާ އަބަދުމެ ލިބިލިބި ހުރެ އެވެ. އަހަރެން ހިތަށް އެރި އެވެ. އެވާނީ ކަދުރު ރުކަށެވެ. އެކަމަކު އަހަރެން އެ ވާހަކަ ދަންނަވަން ފަސްޖެހުނީމެވެ. އެ ތަނުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ތިއްބެވީތީއެވެ. ފަހެ އެ ދެ ބޭކަލުން އެއްޗެއް ވިދާޅުނުވުމުން ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވި އެވެ. އެއީ ކަދުރު ރުކެވެ. ދެން އަހުރެން ބައްޕައާ އެކު އެ ތަނުން ނުކުމެ ދެންނެވީމެވެ. އޭ ބައްޕާ އެވެ! އެއީ ކަދުރު ރުކޭ އަހަރެންގެ ހިތަށް އެރި އެވެ. ބައްޕަ ވިދާޅުވި އެވެ. ދެން އެ ވާހަކަ ނުދެންނެވީ ކީއްވެގެން ހެއްޔެވެ؟ (ދަރިފުޅު) އޭގެ ޖަވާބު ދިން ނަމަ ބައްޕަ ކިހާ އުފާވީސް ހެއްޔެވެ. ދެން عَبْدُ اللهِ بْن ُعُمَرَ رَضِيَ اللهُ عَنْهُ ދެންނެވިއެވެ. ބައްޕަ ނުވަތަ އަބޫބަކުރުގެފާނު އެއްޗެއް ވިދާޅުނުވުމުން އަޅުގަނޑަށް ޖަވާބުދޭން ނުކެރުނީއެވެ .
މިއީ އެބޭކަލުން ޢުމުރުން ދުވަސްވީ މީހުނަށް އިޙްތިރާމްކުރެއްވި މިންވަރެވެ. ހެޔޮބަހެއް ވިދާޅުވުމަށްވެސް އެބޭކަލުންނަށްވުރެ ޢުމުރުފުޅުން ދުވަސްވީ ބޭކަލުންގެ މައްޗަށް އިސްވެ ވަޑައިގަތުމަށް ލަދުފުޅުގެން ފަސްޖެހި ވަޑައިގެންނެވީއެވެ. ނަމަވެސް މިއަދު އަހުރެމެންގެ ތެރެއިން ގިނަ މީހުންގެ ޙާލަކީ ބޮލަށް ކަނދުރާއަށް ބެލުމެއްނެތި ތިމާހިތަށް އައިހާއެއްޗެއް ބުނުމެވެ. އެއީ ކޮންމެފަދަ އެއްޗެއް ބުނުން ކަމުގައިވިޔަސް ހެވެވެ. އަނެކާއަށް އިޙްތިރާމްކުރުމުގެ ގޮތުން ހަނުހުރުމީ މުޅިންހެން ނެތްކަމަކަށް މިއަދު މިވަނީ ވެފައެވެ.
ކީރިތި ރަސޫލާ ﷺ ގެ މަތިވެރި ޞަޙާބީން ހަމައެކަނި އިޙްތިރާމް ކުރެއްވީ މުސްލިމުންނަކަށް ނޫނެނެވެ. އަދި ކިޔެއްތަ ޢުމުރުން ދުވަސްވީ ޣައިރު މުސްލިމުންނަށް ވެސް އެބޭކަލުން އިޙްތިރާމުކުރެއްވިއެވެ.
އެއްފަހަރަކު ޢުމަރުގެފާނަށް ގެއެއްގެ ދޮރުމަތިން ސަލާންޖަހާ މުސްކުޅިޔަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ޢުމުރުން ދުވަސްވީ ލޯފަން މީހެކެވެ. ދެން އޭނާގެ ފަހަތުން ވަޑައިގެން ކޮނޑުގައި ޖައްސަވާލައްވާފައި އެއްސެވި އެވެ. ތިޔައީ އަހުލުކިތާބީން ކުރެ ކޮން ދީނެއްގެ މީހަކީމު ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. ޔަހޫދީއަކީމު އެވެ. ދެން އެއްސެވި އެވެ. ތިޔަ އުޅެނީ ކޮން ކަމެއް ޖެހިގެން ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. ޖިޒީ ނުދެއްކިގެންނެވެ. ފަގީރު ޙާޖަތްތެރިއަކީމެވެ. ޢުމުރުން ދުވަސްވީ މީހަކީމެވެ. ދެން އޭނާގެ އަތުގައި ހިއްޕަވައިގެން ޢުމަރުގެފާނުގެ ގެއަށް ވަޑައިގެން އޭނާއަށް ކޮންމެވެސް މިންވަރެއް ދެއްވިއެވެ. ދެން ބައިތުލްމާލުގެ ޚަޒާންދާރު ގާތަށް އޭނާ ފޮނުއްވިއެވެ. އަދި އެންގެވިއެވެ. މީނާގެ ޖިޒީ ކަނޑަލާށެވެ. އަހަރެމެން މީނާގެ ޅަ ޢުމުރުގައި މީނާގެ އަތުން ޖިޒީ ނަގައި، މުސްކުޅިވެ ލޯބޯކޮށިވީމައި ނިކަމެތިކޮށްލަންވީ ހެއްޔެވެ؟ އެއީ އިންސާފެއް ނޫނެވެ. ދެން ﴿إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ﴾ التوبة:59 މާނައީ: “ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި (އެބަހީ: ޒަކާތު މުދާ) ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި…….” މި އާޔަތް ވިދާޅުވެ މީނާ އަކީ އަހުލުކިތާބީން ކުރެ މިސްކީނެކޭ ވިދާޅުވެ އޭނާގެ ހުރިހާ ޖިޒީ އަކާއި ކަނޑުއްވައިލެއްވިއެވެ. ( الخراج لأبي يوسف ص126.)
ކޮންފަދަ އޯގާތެރިކަމެއްތޯއެވެ. ކޮންފަދަ ކަމޭހިއްތެވުމެއްތޯއެވެ. އަޅުގަނޑުމުންގެ ތެރެއިން ދުވަސްވީ މީހުނަށް މިއަދު ސަރުކާރުން މަހުންމަހަށް މާލީ އިނާޔަތް ދޭކަމީ އުފާކުރަންޖެހޭކަމެކެވެ. އަދި ޚިދުމަތް ހޯދުމުގައި ކިޔޫގައި ނުޖެހި ސަރުކާރުގެ މުއައްސަސާތަކުން އެފަރާތްތަކަށް ޚިދުމަތް ދިނުމީވެސް ވަރަށް އުފާވާކަމެކެވެ. ނަމަވެސް މީގެ އިތުރުން ދުވަސްވީ މީހުނަށް އޯގާތެރިވެ، އެމީހުންނާ ރީތި ބަހުން މުޢާމަލާތްކޮށް އެމީހުނަށް އަދަބު އިޙްތިރާމް ކުރުމީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަންޖެހޭ މަތިވެރި އާދައެކެވެ.
ދުވަސްވީ މީހުންނަކީ އެމީހުންގެ އާރާއި ބާރު އަޅުގަނޑުމެންގެ އުފަލާ ހިތްހަމަޖެހުމަށްޓަކައި ހޭދަކޮށްލި މީހުންނެވެ. އެމީހުންގެ ދަލާއި ލޭ އަޅުގަނޑުމެންގެ ޙައްޤުޤައި ފަސްޖެހުމެއްނެތި އޮހޮރުވާލި އިސް މުވާޠިނުންނެވެ. ވުމާއެކު އެމީހުނަށް އިޙްތިރާމް އަދާކުރުމީ ދީނީ، ދުނިޔެވީ، އަދި އަޚުލާޤީ ވާޖިބެކެވެ.