މުޤައްދިމާ
الحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وصحبه وسلم، وبعد
މި ފޮތަކީ ސަޢުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢާއިޟް އަލްޤަރްނީ ލިޔުއްވާފައިވާ “لا تحزن” މި ފޮތުގެ އިނގިރޭސި ތަރުޖަމާ “DON’T BE SAD” މި ފޮތް އަސްލަކަށް ބަލައިގެން ދިވެހި ބަހަށް ތަރުޖަމާކޮށް އެކުލަވާލަމުންދާ ފޮތެކެވެ. މާތް ﷲ ގެ ވާގިފުޅާއި އެކު މި ފޮތް ސިލްސިލާކޮށް އާރޓިކަލްގެ ގޮތުގައި “ހިތާމަ ނުކުރާށެވެ” މި ނަމުގައި މި ވެބްސައިޓްގައި ގެނެސް ދެވޭތޯ މަސައްކަތް ކުރާނަމެވެ. މި ސިލްސިލާ ގެނެސް ދިނުމަށް އަޅުގަނޑު ގަސްތުކޮށްފައިވަނީ ފޮތުގައިވާ ތަރުތީބުންނެއް ނޫނެވެ.
ކޮންމެ ހަފްތާއަކު ހޮނިހިރު އަދި ބުދަ މި ދެ ދުވަހު މި ސިލްސިލާގެ އާރޓިކަލްތައް ގެނެސްދެވޭނެއެވެ. إن شاء الله
ދުޢާ އަކީ މާތް ﷲ މި ކަމުގައި އަޅުގަނޑަށް ހެޔޮ ތަޢުފީޤު ދެއްވުމެވެ.
އެއްވެސް މީހެއްގެ ފަރާތުން ޝުކުރުގެ ބަހަކަށް އަދި ހެޔޮކަމަކަށް އުއްމީދުނުކުރާށެވެ.
މާތް ﷲ އެންމެހައި އަޅުތަކުން ޚަލްޤުކުރެއްވީ އެކަލާނގެ ހަނދުމަކޮށް އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. އަދި އެބައިމީހުން މާތް ﷲ އަށް ޝުކުރުވެރިވުމަށްޓަކައި ނިޢުމަތްތައް ދެއްވެވިއެވެ. މިހެން މިކަން އޮތް ކަމުގައި ވީނަމަވެސް، ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަން ކުރާ މީހުން އުޅެއެވެ. އަދި މަދު ބަޔަކު ނޫނީ އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިއެއް ނުވެއެވެ. އެހެނީ ޝުކުރުވެރި ނުވުމަކީ އިންސާނުންގެ ތެރޭގައި ވަރަށް އާންމުވެފައިވާ ސިފައެކެވެ. އެހެންކަމުން ތިބާ އެހެން މީހުންނަށް ކޮށްދޭ ހެޔޮ ކަންތައްތަކަށް އެމީހުން ޝުކުރުވެރި ނުވުމުން ނުވަތަ އެކަމެއް އެމީހުން ބަލައިނުގަތުމުން އެކަމާ ދެރަވެ ހިތާމަނުކުރާށެވެ. ތިބާ ކޮށްދިން ހެޔޮ ކަންތަކުގެ ބަދަލުގައި، ބައެއް މީހުން ތިބާ ބާކީ ކޮށް އެކަހެރިވެސް ކޮށްފާނެ އެވެ. ނުވަތަ ތިބާ އަކީ އެމީހުންގެ ދުޝްމަނެއް ކަމުގައިވެސް ދެކެފާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
﴿وَهَمُّوا بِمَا لَمْ يَنَالُوا ۚ وَمَا نَقَمُوا إِلَّا أَنْ أَغْنَاهُمُ اللَّـهُ وَرَسُولُهُ مِن فَضْلِهِ ۚ ﴾ سورة التوبة:74
މާނައީ: އަދި އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައް ކުރުމަށް (އެބަހީ: ރާވައިގެން ރަސޫލާ ﷺ އަވަހާރަކޮށްލުމަށް) ގަސްދުކޮށް އުޅުނޫވެ. اللَّه ގެ ފަޟްލަވަންތަކަމުން، اللَّه އާއި، އެކަލާނގެ ރަސޫލާއާ، އެއުރެން (އެބަހީ: މުއުމިނުން) މުއްސަނދި ކޮށްދެއްވިކަން ނޫން އެހެން ކަމަކާމެދު އެއުރެން ރުޅިއެއް ނާދެތެވެ.
އަބަދުމެ މާޒީވެ ތަކުރާރުވަމުންދާ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ ބައްޕަ އާއި ދަރިފުޅުގެ ވާހަކައެވެ. ބައްޕަ އެދަރިފުޅަށް ކާންދީ، އެދަރިފުޅަށް އަންނައުނު ހޯދައިދީ، އުނގަންނައިދީ ބަލައި ބޮޑުކުރެއެވެ. އަދި އެދަރިފުޅު ނިންދެވުމަށްޓަކައި އެތައް ރެޔެއްގެ ނިދިން މަހުރޫމުވެއެވެ. އަދި އެ ބައްޕަ ނުކައި ހުރެމެސް އެދަރިފުޅަށް ކާންދެއެވެ. އަދި އެ ދަރިފުޅަށް އަރާމު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އެތައް މަސައްކަތެއް ކޮށް އެތައް ޤުރުބާނީއެއްވެއެވެ. އެކަމަކު އެދަރިފުޅު ބޮޑުވުމުން، އޭނާގެ ބައްޕަ ކޮށްދިން ކަންތައްތަކުގެ ބަދަލު ދެނީ އެ ބައްޕައަށް އިޙްތިރާމް ނުކުރުމާއި އަޅައިނުލުމާއި ނުކިޔަމަންތެރިވުމުންނެވެ.
އެހެންކަމުން ތިބާ ހިތް ހަމަޖައްސާށެވެ. މީހަކު ތިބާ ކޮށްދޭ ކަންތައްތަކަށް ޝުކުރުވެރި ނުވި ކަމުގައިވީނަމަވެސް، އަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތަކުން ބަދަލު ދެއްވާ އިލާހު ތިބާ އަށް ބަދަލު ދެއްވާނެކަން ދަނެ އުފާކުރާށެވެ.
މީގެ މާނައަކީ، އެހެން މީހުންނަށް ހެޔޮކޮށް ހިތުމުން ތިބާ އެއްފަރާތްވެ އެކަންކަން ކުރުން ދޫކޮށްލުމެއް ނޫނެވެ. ނަމަވެސް ތިބާ މީހަކަށް ހެޔޮކަމެއް ކޮށްދިން ކަމުގައިވީނަމަވެސް އެމީހުންގެ ފަރާތުން ހެޔޮ ކަމަކަށް އުއްމީދުނުކުރާ ޙާލު އެކަމަށް އެމީހުން ޝުކުރުވެރި ނުވެދާނެކަމަށް ތިބާ ތައްޔާރުވެގެންހުރުމެވެ.
ތިބާ ކުރާ ހެޔޮކަންތައްތަކަކީ އަބަދުވެސް މާތް ﷲއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ކުރާށެވެ. އޭރުން ހަމަ ޔަޤީނުންވެސް ތިބާއަށް ކާމިޔާބު ލިބޭނެއެވެ. އަދި ތިބާއަށް ޝުކުރުވެރި ނުވި މީހާ އަކަށް، ހަޤީޤަތުގައި ތިބާއަށް ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި އެއްޗެއް ލިބިގަންނަ މީހާއަށްވުރެ އެއްޗެއް ދޭ މީހާ ހެޔޮވެގެންވާކަން އަބަވެސް ހަނދާންކުރާށެވެ.ﷲ ވަޙީކުރައްވާފައިވެއެވެ:
﴿إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّـهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا ﴾ سورة الانسان: 9
މާނައީ: (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ ވަޖުހަފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއެއްވެސް ތިމަންމެން ނޭދެމުއެވެ.
މީހުންގެ ފަރާތުން ފެންނަ ޝުކުރުވެރި ނުވުމުގެ ޢަމަލުތަކާއި ބަސްތަކުން ސިހުން ލިބި އެކަމާ މެދު ދެރަވެ ހިތާމަކުރާ މީހުން ވަރަށް ގިނައެވެ. އެފަދައިން ކަންތައް ކުރާ މީހުން ކަންތައް ކުރަނީ ﷲ ގެ ބަސްފުޅުތައް ދުވަހަކުވެސް އެމީހުން އަޑުހާފައި ނުވާ ފަދައަކުންނެވެ. އެހެންކަމުން، މާތް ﷲ ވަޙީ ކުރައްވާފައިވާ އަންނަނިވި ބަސްފުޅާއި އެފަދަ އެހެން ބަސްފުޅުތަކާ މެދު ވިސްނާލުން ކީއްތޯއެވެ! ﷲ ވަޙީކުރައްވާފައިވެއެވެ:
﴿وَإِذَا مَسَّ الْإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَىٰ ضُرٍّ مَّسَّهُ ۚ ﴾ سورة يونس: 12
މާނައީ: އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާވެސް ނުކުރާކަހަލައެވެ.
އެހެންކަމުން، ތިބާ މީހަކަށް ހަދިޔާ އެއްގެ ގޮތުގައި ދިން ގަލަމަކުން ތިބާގެ އަބުރަށް ހުތުރުވާފަދަ ބަސްތަކެއް އެ މީހާ ލިޔުނުކަމުގައި ވީނަމަވެސް ނުވަތަ ތިބާ މީހަކު ކޮޅަށް ހުރުމަށް އެހީ ވެދިނުމަށްޓަކައި އެހީ އެއްގެ ގޮތުން ދިން އަސާގަނޑަކުން އެ މީހާ ތިބާ އަށް ހަމަލާ އެއް ދިންކަމުގައި ވީނަމަވެސް އެކަމާ ހައިރާންވެ، ދެރަވެ ހިތާމަނުކުރާށެވެ. އެހެނީ، ކުރިން ދެންނެވި ފަދައިން، ގިނަ އިންސާނުންނަކީ އެމީހުންގެ ވެރި އިލާހަށް ވެސް ޝުކުރުވެރިނުވާ މީހުންނެވެ. ވީމާ، ތިބާ އާއި އަހަރެން އެމީހުންގެ ފަރާތުން އުއްމީދު ކުރަންވީ ފަހެ ކޮންކަމަކަށް ހެއްޔެވެ؟