އިސްލާމްދީނުގައި ޙުކުމްތައް ޝަރުޢު ކުރެވިފައިވާ މައިގަނޑު މަޤުޞަތުތަކުގެ ތެރެއިން އެއް މަޤުޞަދަކީ މީސްތަކުންގެ މުދާ ރައްކާތެރި ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ މުދާ މުޖުތަމަޢު ތެރޭގައި ބޭނުން ކުރެވުމާއި،  އޭގެފައިދާ މުޅި މުޖުތަމަށް ފެތުރިގެންދާނެ ނިޒާމެއް އެކުލަވާލަދިނުމެވެ. ނަތީޖާއަކަށް ވަނީ މުޖުތަމުގެ ހަމަޖެހުމާއި ލޯއްބާއި އަދި މުޖްތަމަޢުގެ އާންމު ފުދުންތެރިކަން އިތުރުވެގެން ދިއުމެވެ. އެގޮތުގެމަތިން ޙިކުމަތްވަންތަ މާތް ﷲ ކަނޑައަޅުންވާދެއްވާފައިވާ އެއް ނިޒާމަކީ ފުދުންތެރިންގެ ފަރާތުން، ޙާޖަތްޖެހިފައިވާ ފަރާތްތަތަކަށް އެ ޙާޖަތު ފުއްދާނެ ފުދުންތެރިކަން ވާސިލުކޮށްދިނުމުގެ ނިޒާމެވެ. އާދެ ޞަދަޤާތްކުރުމުގެ މަތިވެރި  ނިޒާމެވެ. އެކަމުގެ ޒަރީއާއިން ފާޅުގައި އާއި ސިއްރުގައި އެތައްބައެއްގެ ޙާޖަތްތައް ފުދި، ދުނިޔަވީ އަދި އުޚުރަވީ ދިރިއުޅުމުގެ ފުދުންތެރިކަން އެތައް ބަޔަކަށް ލިބިގެން ދިޔުމެވެ. ޝައްކެތްނެތެވެ. ޞަދަޤާތްކުރުމަކީ އޭގޭ މާތްކަން ބޮޑު، އަދި މޭވާ ފޮނި ރިވެތި ޢަމަލެވެ. އެގޮތުން އިސްލާމްދީނުގައި ޞަދަޤާތްދިނުމުގެ މާތްކަމާއި ގުޅޭގޮތުން އަންނަނިވި ނުކުތާތައް ހިމަނާލަމެވެ.

1.ޞަދަޤާތްކުރުމަކީ މުދާ އިތުރުވެގެންދާނެ ސަބަބެކެވެ. އަދި ރިޒުގު ތަނަވަސްވެގެން ދާނެ މަގެކެވެ. އެފަދަ މީހުންނަށް ހީވެސް ނުކުރާ ގޮތްގޮތަށް ﷲ ރިޒްޤު މިންވަރު ކުރަށްވައެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.  

﴿ يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ﴾ سورة البقرة :276.

މާނައީ: މާތް اللَّه، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް އިތުރު ކުރައްވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.)

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (( مَا نَقَصَتْ صَدَقَةٌ مِنْ مَالٍ )) رواه مسلم.

މާނައީ: ޞަދަޤާތުގެ ސަބަބުން މުދަލުން އުނި ނުވާހުއްޓެވެ.

  1. ޞަދަޤާތްކުރުމަކީ ބަލިތަކަށް ވާ ޝިފާއެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.  

((دَاوُوا مَرضاكُمْ بِالصَّدقةِ)) صححه الألباني  في صحيح الجامع

މާނައީ: ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާ ކުރާހުށިކަމެވެ.

  1. ޞަދަޤާތްކުރުމަކީ އެމީހެއްގެ އީމާންކަން ޞައްޙަކަމަށް ދަލާލަތުކޮށްދޭ ހެއްކެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

 ((الصدقَةُ برهانٌ)) رواه مسلم.

މާނައީ: ޞަދަޤާތަކީ ބުރުހާނެކެވެ. (އެބަހީ:ހެއްކެކެވެ.)

  1. ޞަދަޤާތްކުރުމަކީ ކިޔަމަންތެރިކަމާއި ތަޤުވާވެރިކަން ލިބުމަށްވާ ސަބަބަކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

﴿ لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ وَمَا تُنفِقُوا مِن شَيْءٍ فَإِنَّ اللَّـهَ بِهِ عَلِيمٌ ﴾  سورة آل عمران:92

މާނައީ: ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާންދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ.

  1. ޞަދަޤާތްކުރުމަކީ ނަފްސު ޠާހިރުކޮށްދީ ކިލަނބުކަން ދުއްވާލާކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

﴿ خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا ٌ ﴾  سورة التوبة:103

މާނައީ: އޭގެސަބަބުން ކަލޭގެފާނު އެއުރެން ޠާހިރު ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!

6.ޞަދަޤާތްކުރާމީހާއަށް ޤިޔާމަތް ދުވަހުގެ އިރުގެ ހޫނުން ހިޔާ ލިބިގެންދާނެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

((كلُّ امرِئٍ في ظِلِّ صدقتِه حتى يُقْضَى بين الناسِ))  أخرجه أحمد، وابن خزيمة  وابن حبان وصححه الألباني.

މާނައީ: ޤިޔާމަތް ދުވަހުގައި މީސްތަކުންގެ މެދުގައި ނިޔާ ކަނޑައެޅެންދެން ކޮންމެ މީހަކުވެސް ވާހުށީ އެމީހެއް ކުރި ޞަދަޤާތެއްގެ ހިޔަލުގައެވެ.

ޤިޔާމަތް ދުވަހުން ޢަރުޝީގެ ހިޔާވަހިކަން ލިބޭނެކަމަށް ރަސޫލާ ﷺ ޙަދީޘްކުރެއްވި ހަތްމީހުންގެ ތެރެއިން އެކަކީ: ((ورَجُلٌ تَصَدَّقَ بصَدَقَةٍ فأخْفَاهَا حتَّى لا تَعْلَمَ شِمَالُهُ ما تُنْفِقُ يَمِينُهُ)) متفق عليه  މާނައީ: އޭނާ ކަނާއަތުން ކުރާ ޞަދަޤާތް ވާއަތަށްވެސް ނޭނގޭހާ ސިއްރުން ޞަދަޤާތްކުރި މީހާއެވެ.

  1. ޞަދަޤާތްކުރުމަކީ މާތް ނަބިއްޔާ ﷺގެ މަތިވެރި އަޚުލާޤުފުޅެކެވެ. ޞަދަޤާތް ކުރާ މީހާ އެވަނީ އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅެއް މަތީގައިކަންކަށަވަރެވެ.

ރަސޫލާ ﷺގެ ރިވެތި އަޚްލާޤުފުޅު ސިފަކޮށްދެއްވަމުން ޢަބްދުﷲ ބުނު އައްބާސް رَضِيَ اللَّه عَنْهُمَا ވިދާޅުވިއެވެ. ((كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ أجْوَدَ النَّاسِ، وكانَ أجْوَدُ ما يَكونُ في رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وكانَ جِبْرِيلُ يَلْقَاهُ في كُلِّ لَيْلَةٍ مِن رَمَضَانَ ، فيُدَارِسُهُ القُرْآنَ، فَلَرَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ حِينَ يَلْقَاهُ جِبْرِيلُ أجْوَدُ بالخَيْرِ مِنَ الرِّيحِ المُرْسَلَةِ.)) رواه البخاري

މާނައީ: ރަސޫލުﷲ ﷺއީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ކަލޭގެފާނެވެ. އަދި ރަމަޟާން މަހު ޤުރްއާން މުދާރަސާ ކުރުމަށް ޖިބްރީލުގެފާނާއި ބައްދަލުވާ ހިނދުގައި އިތުރަށް ދީލަތިވެ ވަޑައިގަންނަވައެވެ. ފަހެ އެކަލޭގެފާނު ޖިބްރީލުގެފާނާއި ބައްދަލުވާ ހިނދު، އަންނަ ހިއްގައިމު ވައިރޯޅިއަކަށް ވުރެވެސް ހެޔޮކަން ބޮޑުވެގެންވެއެވެ.

8. ޞަދަޤާތްކުރުމަކީ ރަޙިމްގެ ގުޅުން ދެމެހެއްޓުމުގެ ތެރެއިން ވާކަމެކެވެ.
އެކަމަށް އިޝާރާތް ކުރައްވާ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. (( إنَّ الصَّدَقةَ عَلَى الْمِسْكِيْنِ صَدَقَةٌ وَعَلَى ذِيْ الرَّحِمِ اثْنَتَانِ صَدَقةٌ وَصِلَةٌ)) رَوَاهُ النَّسَائِيْ وَصَحَّحَهُ الشَّيْخُ الْأَلْبَانِي
މާނައީ: ހަމަކަށަވަރުން މިސްކީނަކަށް ކުރާޞަދަޤާތަކީ ހަމައެކަނީ ޞަދަޤާތެކެވެ. އަދި ރަޙިމްގެ ގޮތުން ގުޅުން އޮންނަ ފަރާތަކަށް ކުރާ ޞަދަޤާތަކީ ޞަދަޤާތަކާއި ރަޙިމްގެ ގުޅުން ދެމެހެއްޓުމެކެވެ.

ނުނިމޭ