އިސްބަސް
الْحَمْدُ لله رَبِ الْعَالَمِيْن وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا وَحَبِيْبِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ.
އިންސާނާގެ ދިރިއުޅެންވީ ގޮތުގެ އެންމެ ފުރިހަމަ ނިޒާމަކީ އިސްލާމްދީނެވެ. އެހެނީ އިސްލާމްދީނަކީ ޝާމިލު އަދި ކާމިލު ދީނެކެވެ. ޚަލްޤުތަކުންގެ ހުރިހާ ކަމަކަށް ރިއާޔަތް ކުރެވިގެން އައިސްފައިވާ ދީނެކެވެ. އެގޮތުގެމަތިން އިސްލާމްދީނުގައި އިންސާނާގެ ޙާލަތައް ވަރަށް ފުރިހަމައަށް ރިއާޔަތްކުރައްވާ ޙުކުމްތައް ޝަރުޢުކުރައްވާފައި ވެއެވެ. އޭގެތެރެއިން އެންމެ ޚާއްޞަ އެއް ކަމަކީ އިންސާނާގެ މާއްދީ އަދި ރޫޙާނީ ޙަޔާތައްވެސް ރިއާޔަތް ކުރެވިގެން ޙުކުމްތައް ޝަރުޢުކުރެވިގެން އައިސްފައިވާ ވުމެވެ. އެގޮތުން އިސްލާމްދީން ޝަރުޢުކުރައްވާފައިވާ، ﷲގެ އިސްމުފުޅުން ފެށުމުގެ މަތިވެރި އަދަބު އަޚްލާޤަކީ އޭގެ ވަރަށް މަތިވެރި މިސާލެކެވެ.
މުސްލިމުން ކުރާ ކޮންމެ ހެޔޮ ރަގަޅުކަމެއްވެސް ފެށުންވާނީ اللهގެ އިސްމުޅުންނެވެ. އެއިލާހު ހަނދުމަކުރުމުންނެވެ. އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ އެއިލާހަކީ އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެން ނުވާ އިލާހުކަމުގައި ވީހިނދުވެސް އެންމެހާ މަޚްލޫޤުން ނެތުމުގެ ތެރެއިން އުފައްދަވާ ރިޒްގުދެއްވާ އަދި ގެންގުޅުއްވާ އިލާހެވެ. އެއިލާހުގެ ނިޢުމަތްތަކާއި ރަޙްމަތްވަންތަކަން ހިތްތަކަށް ނުގެންނާނީ ކޮންފަދަ ދަހިވެތި ނުވަތަ ކިބުރުވެރި މީހެއްތޯއެވެ؟ މުސްލިމުންނަކީ ޚާލިޤުވަންތަ އިލާހުގެ ޚަލްޤުކުރެއްވުމާއި، ރާޒިގުވަންތަ އިލާހުގެ ރިޒުގުދެއްވުމާއި، ރަޙްމާނުވަންތަ އިލާހުގެ އޯގާވަންތަކަން ހިތްމައްޗަށް އަބަދާއި އަބަދު ގެނުމުގައި ދެމިތިބޭ ބައެކެވެ. އެގޮތުން މުސްލިމުން ކަންކަން ފެށުމުގެ ކުރިން ބިސްމިންކިޔުމަކީ اللهހަނދުމަކުރުމަށް އިސްލާމްދީން ދައްކަވާފއިވާ މަތިވެރި އަޚުލާޤެވެ. އެއީ އިސްލާމްދީނުގައި މަތިވެރި ޤަދަރެއް ދެވިފައިވާ މާތްކަން ގަދަވެގެންވާ ކަމެކެވެ. އެކަމުގެ ސަވާބާއި ދަރުމަ ބޮޑު، ހެވާއި ބަރަކާތް އެކުލެވިގެންވާ މަތިވެރި ޢަމަލެކެވެ. اللهގެ ކާލަމްފުޅު ފައްޓަވާފައިވަނީ ބިސްމިނުންނެވެ. ނަބިއްޔާ ﷺ ސިޓީފުޅުތަކާއި ކަންކަން ފައްޓަވާފައިވަނީ ބިސްމިނުނެވެ. ޞަޙާބީބޭކަލުން ދުވަހުގެ ތާވަލުގައި އެންމެ ގިނައިން ތަކުރާރުކެއްވެވި އެއް ކަލިމައަކީ ބިސްމިނުގެ މަތިވެރި ކަލިމަތަކެވެ.
މުސްލިމުންގެ ދުވަހުގެ ޙަޔާތުގައި މިހާ މުހިއްމު ކަލިމަކާއި ގުޅޭ ތަފްސީލީ މަޢުލޫމާތު އެނގުމަކީ މުހިއްމު ކަމެކެވެ. އެގޮތުން މިލިޔުމުގައި މި އަލިއަޅުވާޅަނީ ބިސްމިނާއިގުޅޭ ތަފްސީލުތަކަށެވެ. ބިސްމިނުގެ ތަފްސީރާއި ޙުކުމްތަކުގެ ތަފްސީލުތަކަށެވެ. މާތްالله އަޅުގަނޑަށް މިކަމުގެ ހެޔޮ ތައުފީޤު ދެއްވާ، މި ލިޔުމުން މުސްލިމުންނަށް ފައިދާ ހާސިލްވުމުގެ ހެޔޮތައުފީޤުދެއްވާށި. އާމިން
وَمَا تَوْفِيْقِيْ إِلَّا بِالله
މުއައްލިފު
މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު
البَسْمَلَةُ ގެ މަފްހޫމް
އަރަބި ބަހުގައި ” البَسْمَلَةُ ” ގެ މާނައަކީ بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ ކިއުމެވެ. ހަމައެގޮތަށް މިވަޒަނަށް އައިސްފައިވާ ބައިވަރު ލަފުޒުތައް ޢަރަބި ބަހުގައި ބޭނުން ކުރެވެއެވެ. މިސާލަކަށް ” الحَسْبَلَةُ ” ގެ މާނައަކީ حَسْبُنَا اللهُ وَنِعْمَ الْوَكِيْلُ ކިޔުމެވެ. އަދި ” الحَوْقَلَةُ ” ގެ މާނައަކީ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ ކިޔުމެވެ.
البَسْمَلَةُ ނުވަތަ بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ ކިއުމަށް ދިވެހި ބަހުގައި އާއްމުކޮށް ކިޔާ އުޅެނީ ބިސްމިން ކިޔުމެވެ.
بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ ގެ ތަފްސީރު
ބިސްމީގައި މުޅިއެކު اللهގެ ތިން އިސްމުފުޅު ހިމެނިގެން ވެއެވެ. އެއީ الله (ލަފްޒުލް ޖަލާލާ) ، الرَّحْمَنُ އަދި الرَّحِيْمُ އެވެ.
ފުރަތަމައީ: الله އެވެ. މި ނަންފުޅުގެ އަޞްލަކީ اَلْإِلهُ އެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބަށް ޚާއްޞަ ވެގެންވާ ނަންފުޅެކެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނަން ބޭނުން ކުރުން ހުއްދަ ވެގެން ނުވެއެވެ.
އިބްނު ޢައްބާސް رَضِيَ الله عَنْهُمَا ވިދާޅުވެފައިވެއެވެ. اللهُ ذُوْ الْأُلُوْهِيَّة، وَالْعُبُوْدِيَّة عَلَى خَلْقِهِ أَجْمَعِيْن މާނައީ: “اللهއީ، އެފަރާތަކަށް އަޅުކަންކުރުން ހުރިހާ ޚަލްޤުތަކުންގެ މައްޗަށް ވާޖިބުވެގެންވާ އިލާހުވަންތަ ރަސްކަލާނގެއެވެ. ”
ދެވަނައީ: الرَّحْمَنُ އެވެ. މިއީ ވެސް اللهއަށް ޚާއްޞަވެގެންވާ އިސްމުފުޅެކެވެ. މިއިސްމުފުޅަކީވެސް الخَالِقُ، الرَّازِقُ މިފަދަ އިސްމުފުޅުތައް ފަދައިން اللهފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނިސްބަތްކޮށް ބޭނުން ނުކުރެވޭނެ އިސްމުފުޅެކެވެ. الرَّحْمَنُ އަކީ އެންމެހައި މަޚްލޫޤުންގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސް ވެގެންވާ ފަރާތެވެ. އެއީ ހަމައެކަނި اللهއެވެ.
ތިންވަނައީ: الرَّحِيْمُ އެވެ. މިއީވެސް اللهގެ އިސްމު ފުޅެކެވެ. މި އިސްމު ފުޅު ނިސްބަތްވަނީ، އެކަލާނގެ އިރާދަ ކުރައްވާ އަޅަކަށް ލައްވާ ރަޙުމަތަށެވެ. އެއީ މުއުމިނުންނަށް އާޚިރަތް ދުވަހުން الله ލައްވާ ޚާއްޞަ ރަޙްމަތެވެ.
އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
﴿ يُعَذِّبُ مَنْ يَشَاءُ وَيَرْحَمُ مَنْ يَشَاءُ وَإِلَيْهِ تُقْلَبُونَ ﴾ العنكبوت:21
މާނައީ: ”އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ޢަޒާބުދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރަޙްމަތްލައްވަތެވެ. އަދި ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) އެނބުރިދާހުށީ އެކަލާނގެ ޙަޟުރަތަށެވެ.”
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
﴿ وَكَانَ بِالْمُؤْمِنِيْنَ رَحِيْمًا﴾ الأحزاب: 34
މާނައީ: ” އަދި މުއުމިނުންނަށް ރަޙީމްވަންތަ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.”
މިނަން الله ފިޔަވައި އެހެން ފަރާތްތަކަށް ވެސް ނިސްބަތް ކުރެވެއެވެ. އެގޮތުން އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ﷺ ސިފަ ކުރައްވަމުން الله ވަޙީކުރައްވާފައިވެއެވެ.
﴿ بِالْمُؤْمِنِيْنَ رَءُوْفٌ رَّحِيْم ﴾ التوبة: 128
މާނައީ: ” މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙްމްހުރި ބޭކަލެކެވެ.”
الرَّحْمَنُ އަދި الرَّحِيْمُ މިދެނަންފުޅުވެސް ނެގިފައިވަނީ ރަޙްމަތުންނެވެ. އެކަމަކު الرَّحْمَنُ މި ނަންފުޅު الرَّحِيْمُ އަށްވުރެ ރަޙްމަތުގެ ގޮތުން މާ ތަނަވަސް ވެގެންވެއެވެ.
بِسْمِ اللهِ ގެ ލަފްޒީ މާނައަކީ “اللهގެ އިސްމުފުޅުން” މިއެވެ. ނަމަވެސް މުރާދަކީ “اللهގެ އިސްމުފުޅުން އަހަރެން ފަށަމެވެ” މިއެވެ. އެބައި ވަނީ މަޙްޛޫފު ވެގެންނެވެ. ނުވަތަ ފޮރުވިފައެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، بِسْمِ اللهِ ގެ ب އަކީ بَاءُ الْإِسْتِعَانَة އެވެ. اَلْإِسْتِعَانَة އަކީ އެހީއާއި ވާތްގަށް އެދުމެވެ. އެއީ سُوْرَةُ الْفَاتِحَة ގައި އަޅުގަނޑުމެން ކިޔަވާ ފަދައިންނެވެ.
﴿ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْن﴾
މާނާއީ: “އަޅަމެން އަޅުކަން ކުރަނީ އިނބަރަސްކަލާނގެ އަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް އިނބަރަސްކަލާނގެ ޙަޟްރަތުންނެވެ.”
އެހެންކަމުން بِسْمِ اللهِ ގެ މާނައަކީ اللهގެ އިސްމުފުޅުގެ ބަރަކާތުން ވާގިއެދިގެން (ފަށަމެވެ.)
ބިސްމީގެ ތަފްސީރީ މާނައަކީ: ދުނިޔޭގައި ހުރިހާ ޚަލްޤުތަކުން ޝާމިލް ވާގޮތުގައި ރަޙްމަތް ތަނަވަސްވެގެންވާ، އަދި މުއުމިނުންނަށް ޚާއްޞަގޮތެއްގައި ޤިޔާމަތްދުވަހުން ރަޙްމަތް ވާސިލް ކޮށްދެއްވާ، އެފަރާތަކަށް އަޅުކަން ކުރުން ހުރިހާ ޚަލްޤުތަކުންގެ މައްޗަށް ވާޖިބުވެގެންވާ، އިލާހުވަންތަ اللهގެ އިސްމުފުޅުގެ ބަރަކާތުން އެހީ އާއި މަދަދު އެދިގެން އަހަރެން ކިޔަވަން ފައްޓަމެވެ. ނުވަތަ ލިޔަން ފައްޓަމެވެ. ނުވަތަ ކަމެއް ކުރަން ފައްޓަމެވެ.
ނުނިމޭ