ދުނިޔެ މަތީގައި އިންސާނުންނަށް އެކިއެކި މުސީބާތްތަކާއި ކުރިމަތިވުމަކީ، މިދުނިޔޭގައި ﷲ ލައްވާފައިވާ ދުނިޔެވީ ސުންނަތެކެވެ. އެއީ އެމީހުންގެ އީމާންތެރިކަން އިމްތިޙާން ކުރެއްވުމަށެވެ. މީސްތަކުން އީމާންވި އީމާން ވުމަކީ ތެދުވެރި އީމާންތެރިކަމެއްކަން ނުވަތަ އެއީ ނޫންކަން އިމްތިހާންކުރެއްވުމުގެ ގޮތުންނެވެ.

މި އިމްތިހާންތައް އިންސާނުންނަށް ކުރިމަތިވަނީ ތަފާތު ސިފަސިފައިގައެވެ. މިގޮތުން ޝައިޠޯނާގެ ކެހިވެރިކަމުގެ މަޅިތައް ހިމެނެއެވެ. ކޮންމެ އިންސާނެއްގެ ގާތުގައިވެސް ޝައިޠޯނެއް ﷲ ލައްވާފައިވެއެވެ. އޭނާގެ މަސައްކަތަކީ އޭނާއަށް ވީވަރަކުން މީސްތަކުން ﷲ ގެ މަގުން އެކަހެރިކޮށް ﷲ ގެ މަތިން ހަނދުމަކުރުމުން މީސްތަކުން ދުރުހެލިކުރުމެވެ.  ﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ. ثُـمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيـْمَانِـهِمْ وَعَن شَـمَائِلِهِمْ وَلَا تَـجِدُ أَكْثَرَهُمْ شَاكِرِينَ(الأعراف 16-17) “އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާސިލުވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ.”

ކަންއޮތީ މިހެންކަމުން، ޝައިޠޯނާގެ މިޢަދާވަތްތެރިކަން ދަނެ، އެކަމަށް ހޭއަރަންޖެހެއެވެ. އިންސާނުންނަކީ ފަސޭހައިން ހަނދާންނެތޭ ބައެކެވެ. ފަސޭހައިން މަގުއޮޅިދާ ބައެކެވެ. ﷲ ތަޢާލާވަނީ ޝައިޠޯނުންގެ މިޢަދާވާތްތެރިކަން ބަޔާންކޮށްދެއްވާ، އެކަމުން ސަލާމަތްވެވޭނެ މަގުތައް އޮޅުންފިލުވައި ދެއްވާފައެވެ.

މިމަޒުމޫނުގައި ބަލާލާނީ – ﷲ ގެ ވާގިފުޅާއިއެކު – ޝައިޠޯނާގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްވެވޭނެ ގޮތްތަކެވެ.

 

شَيْطان ގެ ކިބައިން ސަލާމަތްވާނީ ކިހިނެތް؟

ޝައިޠޯނާގެ މަގުން ރައްކައުތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. އެއީ އެކަމަށް ބޭނުންވެ މަސައްކަތްކުރާ ފަރާތަކަށް އުދަގޫކަމެއް ނޫނެވެ. ނަމަވެސް، އިންސާނުންނާއި މެދު އޮންނަ ޝައިޠޯނައިގެ ޢަދާވާތްތެރިކަމާއި، އިންސާނުން މަގުފުރެއްދުމަށް އޭނާ މަސައްކަތްކުރާކަން ޤަބޫލުނުކުރާ މީހަކަށް މިކަން ފަސޭހައެއް ނުވާނެއެވެ.

ޝައިޠޯނައިގެ ކިބައިން ރައްކައުތެރިވުމަށް ކުރަންހުރި މުހިއްމު ކަންތައް ތިރީގައި އެވަނީއެވެ.

  • ޝައިޠޯނައިގެ ނުބައިކަމުން ސަލާމަތް ކޮށްދެއްވުން އެދި ﷲ ގެ حَضرة ގައި ގިނަގިނައިން ދެންނެވުން؛

ކީރިތި މާތް ނަބިއްޔާ محمد ﷺ އާ މުޚާޠަބު ކުރައްވާ ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّـهِ ۚ إِنَّهُ سَـمِيعٌ عَلِيمٌ(الأعراف 200) އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ  ރަސްކަލާނގެއެވެ.” ހަމަ އެފަދައިން “ބިސްމި” ކިއުމަކީވެސް ޝައިޠޯނާއަށް އާދަޔާ ޚިލާފު އަސަރެއް ކުރުވާ ކަމެކެވެ. عَنْ أَبِي الْمَلِيحِ، عَنْ رَجُلٍ، قَالَ كُنْتُ رَدِيفَ النَّبِيِّ صلى الله عليه وسلم فَعَثَرَتْ دَابَّتُهُ فَقُلْتُ تَعِسَ الشَّيْطَانُ‏.‏ فَقَالَ:‏ “‏ لاَ تَقُلْ تَعِسَ الشَّيْطَانُ فَإِنَّكَ إِذَا قُلْتَ ذَلِكَ تَعَاظَمَ حَتَّى يَكُونَ مِثْلَ الْبَيْتِ وَيَقُولَ بِقُوَّتِي وَلَكِنْ قُلْ بِسْمِ اللَّهِ فَإِنَّكَ إِذَا قُلْتَ ذَلِكَ تَصَاغَرَ حَتَّى يَكُونَ مِثْلَ الذُّبَابِ‏”‏ (أبو داود، كتاب الأدب، صححه الشيخ الألباني) ” އަބޫ މަލީހު މީހެއްގެ ފަރާތުން ރިވާކުރައްވަތެވެ. ނަބިއްޔާ ﷺގެ ފަހަތްޕުޅުގައި ތިމަންނަ ވަނިކޮށް، އެކަލޭގެފާނުގެ ސަވާރީ ކައްސާލައިގެން ވެއްޓިއްޖެއެވެ. އެވަގުތު ތިމަންނަ ދެންނެވީމެވެ. ޝައިޠޯނާ ހަލާކުވެއްޖެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ޝައިޠޯނާ ހަލާކުވެއްޖެއޭ ވިދާޅުނުވާށެވެ. ފަހެ ކަލޭގެފާނުން އެހެން ވިދާޅުވުމުން، ގެއެއްވަރު ވެއްޖައުމަށް ދާދެން އޭތި ބޮޑުވެއެވެ. އަދި ބުނެއެވެ. ތިކަމެއް ތިވީ ތިމަންނަގެ ބާރުންނެވެ. އެހެނެއްކަމަކު (ބިސްމިﷲ) ވިދާޅުވާށެވެ. އޭރުން މެއްސެއްވަރު ވެއްޖައުމަށް ދާންދެން އޭތި ކުޑަވާނެއެވެ.”

  • ނަމާދަށް ރައްކައުތެރިވުން؛

ޚާއްޞަކޮށް ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވުމެވެ. ނަމާދަށް ރައްކައުތެރިވުމަކީ އޭގެ ސަބަބުން ތިބާއަށް އެންމެ ބޮޑު ހިތްހަމަޖެހުމަކާއި ރައްކައުތެރިކަމެއް ލިބޭ ޢަމަލެވެ. ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވުމަކީ އޭގެ ސަބަބުން ޝައިޠޯނާއަށް އެމީހުންގެ މެދަށް ވަނުމަށް އެންމެ އުދަގޫވާ އެއްކަމެވެ. ޖަމާޢަތުގެ ނަމާދާއިމެދުގައި ފަރުވާކުޑަ ނުކުރުމަށް ނަބިއްޔާ ﷺ ވަނީ އިރުޝާދުދެއްވާފައެވެ. “مَا مِنْ ثَلَاثَةٍ فِي قَرْيَةٍ وَلا بَدْوٍ لاَ تُقَامُ فِيْهِمْ الصَّلاَة إِلاَّ قَدْ اِسْتَحْوَذَ عَلَيْهِمْ الشَّيْطَانُ. فَعَلَيْكُم بِالْـجَمَاعَةِ، فَإِنَّـمَا يَأْكُلُ الذِّئْبُ مِنَ الْغَنَمِ الْقَاصِيَة‏”‏ ‏(‏‏أبو داود، كِتَاب الفَضَائِل‏‏، حسنه الشيخ الألباني)‏‏ “އަވަށެއްގައި ނުވަތަ ސަހަރާގައި ތިންމީހުން ތިބެ، އެމީހުންގެ މެދުގައި ޖަމާޢަތުގެ ނަމާދު ޤާއިމު ނުކުރާނަމަ އެބައެއްގެ މައްޗަށް ޝައިޠޯނާ ވެރިވެއްޖެކަން ކަށަވަރެވެ. ފަހެ ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވާށެވެ. ހަމަކަށަވަރުން ހިޔަޅު ޖަހާގަންނަނީ ބަކަރި އައިނާ ވަކިން އޮންނަ ބަކަށްޓެވެ”

  • ކީރިތި قُرْآن ގިނައިން ކިޔެވުން؛

ކީރިތި ޤުރްއާން ގިނައިން ކިޔެވުމާއި، އަދި އެއާޔަތްތަކެއް ނުވަތަ ސޫރަތްތަކެއް ކިޔެވުމުން ޝައިޠޯނާ ދުރުކޮށްދެއްވާނެ ކަމަށް ވާރިދުވެފައިވާ ބައިތަކަށް ސަމާލުކަންދީގެން  ކިޔެވުމެވެ. އޭގެ ތެރޭގައި سُورةُ الْبَقَرَة، ބަޤަރާ ސޫރަތުގެ ފަހު އާޔަތްތައް، آيَةُ الْكُرْسِيّ، سُورة الإِخْلاَصِ، سُورة الْفَلَق، سُورةُ النَّاس ހިމެނެއެވެ. ހެދުނާއި ހަވީރުގެ ޒިކުރުތަކާއި ނިދާހިނދު ކިޔާ ޒިކުރުތަކަށް ރައްކައުތެރިވާ މީހާ އެވަނީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިވުމަށް މުހިއްމު ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

  • ޢަމަލާއި ބަހުގައި އިޚްލާޞްތެރިވެ ﷲ ގެ ޙަޟްރަތުން ވާތްގަށް އެދުން؛

މާތްﷲގެ ވަޙީ ބަސްފުޅެއްގައިވެއެވެ. ﴿قَالَ رَبِّ بـِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ. إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ(الـحجر 39-40) “އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ إِخْلَاص ތެރިން މެނުވީއެވެ.” އިޚްލާޞްތެރިންގެ މައްޗަށް ޝައިޠޯނާއަށް ބާރު ނުފޯރުވޭނެކަމަށް ޚުދު ޝައިޠޯނާވެސް މިވަނީ އިޢްޠިރާފު ވެފައެވެ.

  • ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމާއި، އަމުރުތަކާއި ނަހީތަކުގައި ﷲ އަށާއި އެކަލާނގެ ނަބިއްޔާ ﷺ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުން؛

ޒިކުރުގެ ކުރެވޭ ހާލަތްތަކާއި އަދި އަޅާ ﷲ އަށް ސަޖިދަ ކުރާ ވަގުތަކީ ޝައިޠޯނާ އެއްފަރާތްވާ ވަގުތުތަކެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ‏”‏ (مسلم، كتاب الإيـمان) ” އެ “އާދަމުގެ ދަރިޔާ ޤުރްއާން ކިޔަވަމުން އައިސް ސަޖިދައިގެ އާޔަތެއް ކިޔުމަށްފަހު ސަޖިދަކޮށްފި ނަމަ، ޝައިޠޯނާ ރޮމުން އެއްފަރާތްވެއެވެ. އަދި ބުނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެ! އާދަމުގެ ދަރިޔާއަށް ސަޖިދަކުރުމަށް އަމުރު ވެވުނު ހިނދު ސަޖިދަކޮށްފިއެވެ. ފަހެ އޭނާއަށް ހުރީ ސުވަރުގެއެވެ. ސަޖިދަކުރުމަށް ތިމަންނައަށް އަމުރުކުރެވުނުހިނދު ތިމަންނަ އެކަމަށް ނުކިޔަމަންތެރިވީމެވެ. ފަހެ ތިމަންނައަށް ހުރީ ނަރަކައެވެ.”

  • ބިދުޢަތަކާއި ދުރުހެލިވުން؛

ދީނުގައި ނުހިމެނޭ ކަންކަން އެއީ ދީނުގެ ކަމެއްކަމުގައި ދެކި އެއަށް ޢަމަލުކުރުން ހިމެނިގެންދާނީ ޝައިޠޯނާ ނުހަނު ބޭނުންވާނެ ކަމެއްކަމުގައެވެ. އެހެނީ އެކަމުގެ ސަބަބުން އެދެވެނީ ދީނުގައި އަންގަވާފައިވާ މަންހަޖާ ދުރަށެވެ. ބިދުޢަތަކާއި ދުރަށް ދެވޭނީ ދީނުގައި އެކަންކަން އޮތްގޮތް ހޯދުމަށް ޢިލްމު އުގެނިގެންނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “..وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُـحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ‏” (أبو دود، كتاب السنة، باب في لزوم السنة)  “ދީނުގައި އަލަށް އުފައްދާ ކަންކަމާއި މެދު ޚަބަރުދާރުވާށެވެ. ފަހެ، ދީނުގައި އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”

 

 

شَيْطان އަދި إِبْلِيْس ގެ ތަޢާރަފު.

އިންސިންނާއި ޖިންނިންގެ ތެރެއިން، ނުބައިކަންތައްތަކުގައި ޢަމަލާއި ބަހުން ހައްދު ފަހަނައަޅައި ދާނަމަ، އެމީހަކަށް ނުވަތަ އެ ޖިންނިއަކަށް ޝައިޠޯނެކޭ ބުނެވެއެވެ.

މާތްﷲގެ ވަޙީ ބަސްފުޅެއްގައިވެއެވެ. ﴿وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالـْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ(الأنعام 112) “ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ ޝައިޠާނުން ޢަދާވަތްތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ ބާޠިލު ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!”

إِبْلِيْس އަކީ މަލަކޫތީ ޢާލަމުގައި ﷲ ލެއްވި ޖިންނިއެކެވެ. آدم عليه السلام އަށް ސަޖިދަ ކުރުމަށް ﷲ ކުރެއްވި އަމުރުފުޅަށް ނުކިޔަމަންތެރިވެ ބޮޑާވުމުގެ ސަބަބުން ބިމަށް ފޮނުވާލެއްވީއެވެ. އެހެންކަމުން ޝައިޠޯނު މިއީ އިބްލީހުގެ ސިފައެކެވެ. މިގޮތުން ޝައިޠޯނު، މިލަފްޒު އިބިލީސްއަށް ބޭނުންކުރެވެއެވެ.

 

މީސްތަކުން މަގުފުރެއްދުމަށް إِبْلِيْس ބޭނުންކުރާ އުކުޅުތައް.

ޝައިޠޯނާގެ ކެހިވެރިމަޅިތަކުން ސަލާމަތްވެ، ﷲ ރުއްސަވާ މަގުގައި ސާބިތުވުމަށް، އެޝައިޠޯނާގެ ކެހިވެރި މަޅިތައް ދެނެގަތުން މުހިއްމެވެ.

  • އެފާފައަކީ ރަނގަޅު، ހެޔޮކަމެއްކަމުގައި ވިސްނައިދިނުން؛

އާދަމްގެފާނު މުންކަރާތުގެ ތެރެއަށް ގެންދިޔުމަށްޓަކައި އިބިލީސް ކަންތައްކުރިގޮތް ބަޔާންކޮށްދެއްވަމުން މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَقَالَ مَا نَـهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ(الأعراف 20) “އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން މަނައެއް ނުކުރައްވަތެވެ.”

  • އޮޅުވާލުން؛

ޙަރާމްކަންތައް އެއީ ހުއްދަކަންތައްކަމުގައި ދެއްކުމާއި، ހުއްދަކަންތައް އެއީ ޙަރާމްކަންތައް ކަމުގައި ދެއްކުން. މިސާލެއްގެގޮތުން ބަލާނަމަ، ރިބާގެ މުޢާމަލާތަކީ ހުއްދަ، އަދި އެއާނުލާ އިގުތިސާދީ މުޢާމަލާތްތައް ނުކުރެވޭނެކަމެއްކަމުގައި މިވަނީ ގަބޫލުކުރެވިފައެވެ.

  • ތައުބާވުމަކީ ފަހުން ކުރަން އޮތްކަމެއްކަމުގައި ދެއްކުން؛

ތައުބާވެވޭނީ މީހާ އިސްލާހުވެގެންކަމާއި، މީހާ އިސްލާހުވުމަކީ އުދަގޫ، ބުރަ ކަމެއްކަމާއި، އިސްލާހުވެއްޖެވެއްޖެ ނަމަ ތިމާގެ އެތައް ރައްޓެހިންނެއް ގެއްލި، ތިމާ ކުރަމުންއަންނަ އެތައް ކަމެއް ހުއްޓުމަކަށް އަންނާނެކަމުގެ ބިރު، މީހާގެ ހިތައް ވިސްނައިދެއެވެ.

  • ﷲ ރަޙުމަތާއިމެދު މާޔޫސްކުރުވުން:

ތިމާގެ ފާފަތައް ގިނަކަމާއި، ފާފަތަކުގެ ބޮޑުކަމުން، ތައުބާވުމަކީ ތިމާއަށް ކުރެވޭނެކަމެއް ނޫންކަމާއި، ތައުބާވިޔަސް ﷲ އެތައުބާ ޤަބޫލުނުކުރައްވާނެކަމަށް ތިމާއަށް ވިސްނައިދެއެވެ. އެހެނަށް ކަންއޮތީ އެހެނޫންކަން ބަޔާންކުރައްވާ މާތްﷲ ވާޙީކުރައްވާ އަންގަވާފައި ވެއެވެ. ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحـْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَـمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ(الزمر 53) “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

  • ރުޅިއަރުވާލުން، އަދި އަވަހަށް ރުޅިއަންނަ މީހެއްކަމުގައިވާނަ އެކަމަށް އަވަސްގެތަގަތުން؛

ފަސޭހައިން ރުޅިއަންނަ މީހުންގެ މައްޗަށް ބާރުފޯރުވުމަށް ޝައިޠޯނާއަށް ވަރަށް ފަސޭހަވެއެވެ. އެހެނީ މީހާ ރުޅިއައުމުން، އޭނާގެ ކަންތައް ކޮންޓްރޯލު ކުރާނީ ޝައިޠޯނާއެވެ. އެހިނދު އޭނާ ލައްވައި އެކިއެކި ފާފަތައް ކުރުވެއެވެ. ރުޅިން ދުރުހެލިވުމަށް ނަބިއްޔާ ﷺ އިރުޝާދުދެއްވާފައިވަނީ މިސަބަބަށްޓަކައެވެ.. ” عَنْ أَبِي هُرَيْرَةَ رضى الله عنه أَنَّ رَجُلاً، قَالَ لِلنَّبِيِّ أَوْصِنِي‏.‏ قَالَ ‏”‏ لاَ تَغْضَبْ ‏”‏‏.‏ فَرَدَّدَ مِرَارًا، قَالَ ‏”‏ لاَ تَغْضَبْ “ (البخاري، كتاب الأدب، بَابُ الْـحَذَر من الغضب)أَبُو هُرَيْرَة t ވިދާޅުވިއެވެ. ނަބިއްޔާ ﷺ އަރިހުގައި މީހަކު ދެއްނެވިއެވެ. ތިމަންނައަށް ވަޞިއްޔަތެއް ކޮށްދެއްވާށެވެ. އެހިނދު  ވިދާޅުވިއެވެ. ‘ތިބާ ރުޅި ނާންނާށެވެ’ އެމީހާ ދެންނެވި ދެންނެވުން އެތަކެއް ފަހަރު ތަކުރާރު ކުރެއްވިއެވެ. އޭގެ ޖަވާބުގައި ނަބިއްޔާ ﷺ ވިދާޅުވިއެވެ. ‘ތިބާ ރުޅި ނާންނާށެވެ’ ” މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ(آل عمران 134) “އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާން ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.”

  • ހެއްލުންތެރ ވަޢުދުތައްކުރުން؛

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا(النساء 120) “ޝައިޠޯނާއާ އެއުރެންނަށް ވަޢުދު ކުރެތެވެ. އަދި، އެއުރެންލައްވައި ބާޠިލު އުންމީދު ކުރުވަތެވެ. އަދި، ހެއްލުންތެރިކަން މެނުވީ ޝައިޠާނާއާ އެއުރެންނަކަށް ވަޢުދެއް ނުކުރެތެވެ.”