މި ލިޔުމަކީ ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުހިއްމު މައްސަލަތައް ސިލްސިލާގައި ހިމެނޭ 6 ލިޔުމުގެތެރެއިން 2 ވަނަ ލިޔުމެވެ.

ދެވަނަ މައްސަލަ

ހަދަސްވެރިޔާ މުސްޙަފުގައި ބީހުމުގެ ޙުކުމް

 ހަދަސްވެރިޔާ މުސްޙަފުގައި ބީހުން ހުއްދަވެގެންނުވެއެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: ((لا يَمَسُّ القُرآنَ إلَّا طاهِرٌ ))[1]

މާނައީ: ޠާހިރު މީހަކު މެނުވީ ޤުރުއާނުގައި ނުބީހޭހުއްޓެވެ.

 

ޝައިޙުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ الله ވިދާޅުވެފަވެއެވެ:[2] ހަތަރު މަޒުހަބުގެ އިމާމުންގެ އަރިހުގައި ޠަހާރަތުގެ ޙާލަތުގައި މެނުވީ މުސްޙަފުގައި ބީހުން ހުއްދަވެގެން ނުވެއެވެ. އެއީ ރަސޫލުﷲ ﷺ  ޢަމްރު ބުން ޙަޒަމް رَضِيَ اللَّهُ عَنْهُ  އަށް ފޮނުއްވި ސިޓީފުޅުގައި ލިޔުއްވި ފަދައިންނެވެ. ((أَن لَا يَمَسُّ القُرآنَ إلَّا طاهِرٌ )). މާނައީ: ޠާހިރު މީހަކު މެނުވީ ޤުރުއާނުގައި ނުބީހޭ ހުށިކަމެވެ.

އިމާމް އަޙްމަދު رَحِمَهُ الله ވިދާޅުވެފަވެއެވެ: ނަބިއްޔާ ﷺ  އެ ފަދައިން ލިޔުއްވިކަމާމެދު ޝައްކެއްނެތެވެ.

އަދި އެއީ ސަލްމާނުލް ފާރިސީ رَضِيَ اللَّهُ عَنْهُ  އާއި ، ޢަބްދުﷲ ބުން ޢުމަރު رَضِيَ اللَّهُ عَنْهُمَا   އަދި އެނޫން ޞަހާބީ ބޭކަލުންގެ ވެސް ރައުޔެވެ. ޞަހާބީންގެ ތެރޭގައި އެ ރައުޔާ ޙިލާފުވެވަޑައިގަންނަވާ ބޭފުޅަކު ހުންނެވިކަމެއް އެދެބޭފުޅުންނަށް އެނގިގެން ނުވެއެވެ.

އަލްޙާފިޡު އިބްނު ރަޖަބް رَحِمَهُ الله ވިދާޅުވެފަވެއެވެ:[3] މި މައްސާލާގެ އަސްލަކީ ޙަދަސްވެރިޔާ މުސްޙަފްގައި ބީހުން މަނާވެގެންވުމެވެ. އެއީ ބޮޑު ހަދަސްވެރިޔެއް (އެބަހީ:ހިނައިގަތުން  ވާޖިބުވެގެންވާ މީހެއް)، ނުވަތަ ކުޑަ ޙަދަޘްވެރިޔެއް (އެބަހީ: ވުޟޫކުރުން ވާޖިބުވެގެންވާ މީހެއް) ކަމުގައިވިޔަސް މެއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ.

އެފަދައިން ޢަލީ ބިން އަބީ ތާލިބް رَضِيَ اللَّهُ عَنْهُ އާއީ، ސައުދު، އިބްނު ޢުމަރު رَضِيَ اللَّهُ عَنْهُ  އާއި، އަދި ސަލްމާނުލް ފާރިސީ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. (އެބަހީ އެބޭކަލުންގެ ރައުޔަކީވެސް މިއެވެ.) ޞަހާބީންގެ ތެރޭގައި އެ ރައުޔާ ޙިލާފުވެވަޑައިގަންނަވާ ބޭފުޅަކު ހުންނެވިކަމެއް އެބޭފުޅުންނަށް އެނގިގެން ނުވެއެވެ.

 

[1] رواه الدارقطني وصححه الشيخ الألباني

[2] مجموع الفتاوى (21/266 و 270)

[3] فتح الباري لابن رجب (1/356)