ނިޢުމަތްތަކާ މެދު ވިސްނާ ފިކުރުކޮށް ޝުކުރުވެރިވާށެވެ.
ތިބާ އަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދުމަ ކުރާށެވެ. އަދި އެ ނިޢުމަތްތައް ތިބާގެ ވަށައިލެވިފައިވާ ގޮތާއިމެދު ވިސްނާ ފިކުރު ކުރާށެވެ. ވަށައިގެންވާ ހުރިހާ ފަރާތަކުންނެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
﴿ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ ﴾(سورة ابراهيم 34)
މާނައީ: اللَّه ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ.
ދުޅަހެޔޮ ސިއްޙަތަކާއި، ހެދި ބޮޑުވުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ ކާނާ އާއި އެހެނިހެން ނިޢުމަތްތައް، އަންނައުނާއި، ސާފު ވަޔާއި ފެން، މިހުރިހާ ނިޢުމަތްތަކަކީވެސް ތިބާއަށް އޭގެ އަގުވަޒަންކުރެވިފައިނުވާ އެތައް ނިޢުމަތްތަކެކެވެ. ދިރިއުޅުމަށްޓަކައި ތިބާ އަށް ބޭނުންވާ ހުރިހާ ނިޢުމަތެއް ލިބިގެންވާއިރުވެސް ތިބާ ތިވަނީ އެ ނިޢުމަތްތަކާމެދު ޣާފިލުވެފައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
﴿ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً ۗ ﴾ (سورة لقمان 20 )
މާނައީ: އަދި އެކަލާނގެ ނިޢުމަތްތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ.
ތިބާ އޭގެ ބޭނުން ހިފުމަށްޓަކައި، ދެ ލޮލާއި، ދުލަކާއި، ތުންފަތާއި، ދެ އަތާއި، ދެ ފައި ދެއްވާފައިވެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
﴿ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴾ ( سورة الرحمن 13 )
މާނައީ: އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
ފައެއް ނެތި ހިނގައިބިގާވެ އުޅޭނެ ގޮތެއް ތިބާ ހިތަށް ގެނެސްބަލާށެވެ. ތިބާ ރޭގަނޑު އަރާމު ނިދި ނިދާއިރު، އެމީހުންގެ ދަތިޙާލާ މެދު ވިސްނާ ހާލު ނިދިން މަހުރޫމު ވެފައިވާ އެތައް ބަޔަކު އުޅޭކަމީ އެކަމަކާމެދު ތިބާ އާދައިގެ ގޮތަކަށް ދެކެންވީ ކަމެއްހެއްޔެވެ؟ މީރުކާނާ އާއި ތާޒާ ފިނިފެން ބޮއެގެން ތިބާގެ ބަނޑު ފުރައިލެވޭއިރު، އެމީހުންގެ ސިއްޙަތު ތަންނުދޭތީ، ރަނގަޅު ކާނާ އަދި ފެންފޮދެއްވެސް ނުދިރޭ މީހުން އުޅޭކަން ތިބާ ހަނދާން ނައްތާލަނީ ހެއްޔެވެ؟ އިވުމާއި ފެނުމުގެ ހިއްސުތައް ތިބާ އަށް ލިބިގެންވާ ކަން ވިސްނާ ފިކުރުކޮށްލާށެވެ. ފުރިހަމަ ސިއްޙަތެއްގެ ރީތި ހަންގަނޑެއް ތިބާ އަށް ލިބިގެންވެއެވެ. އަދި އެ ހަންގަނޑު ހަލާކުކުރަނިވި އެންމެހައި ބަލިތަކުން ރައްކާތެރިކުރައްވާފައިވާ ކަމާމެދު ވިސްނާ ޝުކުރުވެރިވާށެވެ. ސިކުނޑިން ވިސްނާ ފިކުރު ކުރުމުގެ ނިޢުމަތް ލިބިގެންވާކަން ހިތަށް ގެންނާށެވެ. އަދި ސިކުނޑީ ގެ ބަލިތަކާއި އެހެން ޢައިބުތަކުގެ ސަބަބުން އެ ނިޢުމަތުން މަޙުރޫމުވެފައިވާ މީހުން ހަނދާނުގައި ބަހައްޓާށެވެ.
ތިބާއަށް ދެއްވާފައިވާ އިވުމާއި ފެނުމުގެ ޙިއްސު އުޙުދު ފަރުބަދައިގެ ބަރުދަނުގެ ރަނަށް ވިއްކާލާނަން ހެއްޔެވެ؟ ނުވަތަ ވާހަކަ ދެއްކުމުގެ ނިޢުމަތް ބޮޑެތި ގަނޑުވަރު ތަކަށް ވިއްކާލާނަން ހެއްޔެވެ؟ އަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތައް ތިބާއަށް ލިބިގެންވެއެވެ. ނަމަވެސް ތިބާ ވަނީ ޣާފިލުވެފައެވެ. ރަނގަޅު ކާނާ އާއި ތާޒާ ފެނާއި އަރާމު ނިދި ނުލިބޭނަމަ އަދި ދުޅަހެޔޮ ސިއްޙަތެއް ގައި ނުހުރެވޭނަމަ ތިބާ ނާއުއްމީދުވެ ހިތާމަ ކުރެއެވެ. ތިބާ އަތުގައި ނެތް އެއްޗަކާ މެދު ވިސްނާ ، ލިބިގެންވާ ނިޢުމަތްތަކަށް ޝުކުރުވެރިވުން ދޫކޮށްލައެވެ. މުދާތައް އުނިކުރައްވައިފިނަމަ، ބޮޑުކަމަށްވެއެވެ. އުނދަގޫވެއެވެ.އުފާވެރިކަމާއި އަދި އެހެނިހެން ގިނަގުނަވެގެންވާ ނިޢުމަތްތައް ހޯދާނެ މަގު ތިބާ އަށް ލިބިފައިވާ އިރުވެސް މެއެވެ.
ވިސްނާ ފިކުރުކޮށް ޝުކުރުވެރިވާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
﴿ وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ ﴾ (سورة الذاريات 21)
މާނައީ: އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައި ވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟
އާއިލާ އާއި، އެކުވެރިންނާއި އަދި ތިބާގެ ވަށައިގެންވާ އެންމެހައި ކަންކަމާމެދު ވިސްނާ ފިކުރުކުރާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
﴿ يَعْرِفُونَ نِعْمَتَ اللَّـهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ الْكَافِرُونَ ﴾ (سورة النحل 83 )
މާނައީ: އެއުރެން اللَّه ގެ ނިޢުމަތްތައް ދަނެތެވެ. ދެން އެއުރެން އެއަށް އިންކާރުކުރެތެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، ކާފިރުންނެވެ.