މި ލިޔުމަކީ ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުހިއްމު މައްސަލަތައް ސިލްސިލާގައި ހިމެނޭ 6 ލިޔުމުގެތެރެއިން 4 ވަނަ ލިޔުމެވެ.

ހަތަރުވަނަ މައްސަލަ

މުޞްޙަފުގައި ބޮސްދިނުމުގެ ޙުކުމް

ނަބިއްޔާ ﷺ ގެ އަރިހުންވެސް އަދި އެއްވެސް ޞަޙާބީ ބޭކަލެއްގެ އަރިހުންވެސް މުޞްޙަފުގައި ބޮސް ދެއްވުމާމެދު އެއްވެސް ބަސްފުޅެއް ސާބިތުވެގެން ނުވެއެވެ.

 

ޝައިޙުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ الله ވިދާޅުވެފަވެއެވެ:[1] އެކަމާއި ބެހޭގޮތުން (އެބަހީ: މުޞްޙަފުގައި ބޮސް ދެއްވުމާމެދު) ސަލަފުންގެ ޢިލްމުވެރިންގެ އަރިހުން އެއްވެސް ބަސްފުޅެއް އައިސްފައިވާކަން އަހުރެމެންނަށް އެނގިފައިނުވެއެވެ. މުޞްޙަފުގައި ބޮސްދިނުމާއި ބެހޭގޮތުން އިމާމް އަޙްމަދާއި ސުވާލުކުރެވުނެވެ. ވިދާޅުވި އެވެ: ތިކަމާއި ބެހޭ އެއްވެސް ބަސްފުޅެއް އަހުރެންނަށް އިވިފައިނުވެއެވެ.

 

އިބްނު އަބީ މުލައިކާގެ އަރިހުން އިމާމް އައްދާރުމީ ރިވާކުރައްވާފައިވާ މި ބަސްފުޅާމެދު ދަންނައެވެ: “ޢިކްރިމާ رَضِيَ اللَّهُ عَنْهُ އެކަލޭގެފާނުގެ މޫނުފުޅުގައި މުޞްހަފް  ބީއްސަވައި ލައްވާފައި ވިދާޅުވެއެވެ. މިއީ އަހުރެންގެ ވެރި އިލާހުގެ ފޮތެވެ. މިއީ އަހުރެންގެ ވެރި އިލާހުގެ ފޮތެވެ.”

 

މިއީ ސަނަދު ގުޅިފައި ނެތުމުގެ ސަބަބުން ބަލިކަށި ބަސްފުޅެކެވެ. އިބްނު އަބީ މުލައިކާއަށް ޢިކްރިމާ رَضِيَ اللَّهُ عَنْهُ  އާއި ބައްދަލުވެފައި ނުވެއެވެ. އަދި މި ބަސްފުޅު ޞައްޙަ ވިކަމުގައި ވިޔަސް މި ބަސްފުޅުން ބޮސް ދިނުމަށް ދަލީލުކޮށެއް ނުދެއެވެ. އެހެނީ މޫނުފުޅުގައި ބީއްސެވުން ބޮސް ދިނުމަކަށް ލާޒިމެއް ނުކުރެއެވެ.

 

ފަޟީލަތުއް ޝައިޙް އަލްއަލްބާނީ رَحِمَهُ الله ވިދާޅުވެފަވެއެވެ:[2] މުސްޙަފްގައި ބޮސްދޭ މީހާ ކައިރީގައި ރަސޫލުﷲ ﷺ  ނުކުރައްވާ ކަމެއް ތިބާ ކުރަނީ ކީއްވެތޯ ސުވާލު ކޮށްފިނަމަ، ހައިރާންވެ އަންތަރީސް ވާފަދަ ޖަވާބުތަކަކުން ޖަވާބުދޭން ފަށާނެއެވެ. އެފަދަ އެއް ޖަވާބަކީ: އޭ އަޚާއެވެ! މި ކަމުގައި މައްސަލައަކީ ކޮބައިހެއްޔެވެ؟ މި ކަމަކީ ކީރިތި ޤުރުއާނަށް މާތްކޮށް ހިތުމުގެ ތެރެއިންވާ ކަމެކެވެ!

އޭނާ އަށް އަހުރެން ބުނާނަމެވެ: އޭ އަޚާއެވެ! ތިޔަ ބަސް ރައްދުވަނީ ތިބާއަށެވެ! ރަސޫލުﷲ ﷺ  ޤުރުއާނަށް މާތްކޮށް ނުހިއްތަވާއި ހެއްޔެވެ؟ ޝައްކެއްނެތެވެ އެކަލޭގެފާނު މަތިވެރިކޮށް ހިއްތެވިއެވެ. ނަމަވެސް ބޮސްނުދެއްވައެވެ.

އަދިވެސް ވިދާޅުވިއެވެ: ޢިލްމުގެ އަހުލުވެރިން އަދި މާތް ބޭކަލުން މުޞްޙަފް ނަންގަވައިފިނަމަ އޭގައިވާ އެއްޗެއް ކިޔަވާއި ވިދާޅުވެއެވެ. އަދި ޢަމަލުކުރައްވައެވެ. އެބޭކަލުން މުޞްހަފަށް ބޮސްދޭ މަންޒަރެއް ތިބާއަކަށް ނުފެންނާނެއެވެ. ނަމަވެސް އެބައިމީހުންގެ ޖަޒުބާތު ތަކުގައި ހިފެހެއްޓުމެއްނުވާ އާއްމު ބައެއް މީސްތަކުން އެކަމާމެދު (އެބަހީ: މުޞްޙަފުގައި ބޮސްދިނުމާމެދު) ބުނާނެއެވެ. އެކަމުގައި އޮތް ގޯހަކީ ކޮބައި ހެއްޔެވެ! ނަމަވެސް އެބައިމީހުން އެމުޞްޙަފުގައިވާ ކަންކަމަށް ޢަމަލެއް ނުކުރެއެވެ! (އެބަހީ: އެބައި މީހުން މުޞްޙަފަށް މާތްކޮށް ހިތުމުގެ ގޮތުން ބޮސްދީހައި އުޅެއެވެ، ނަމަވެސް މުޞްހަފުގައި ލިޔެވިގެންވާ ޤުރުއާނުގައި އަންގަވާފައިވާ ކަންކަމަށް ފުރުހަމަ އަށް ޢަމަލެއް ނުކުރެއެވެ.)  

———————————–

[1] مجموعة الفتاوى (23/65)

[2] قاموس البدع ص (680)