ފަސްވަނަ މައްސަލަ
ތިން ދުވަހަށްވުރެ އަވަހަށް ޚަތިމް ކުރުމުގެ ޙުކުމް
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:(لَمْ يَفْقَهْ مَنْ قَرَأَ الْقُرْآنَ فِيْ أَقَلَّ مِنْ ثَلَاثٍ)[1]
މާނައީ: ތިން ދުވަހަށްވުރެ އަވަހަށް ކިޔަވާ މީހާ (އެބަހީ: ޚަތިމްކުރާ މީހާ) ފިޤުހުވެރި ނުވާހުއްޓެވެ. (އެބަހީ: ކިޔަވާ އެއްޗެއް ފަހުމް ނުވާހުއްޓެވެ).
ޢަބްދުﷲ ބުން ޢުމަރު رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ:[2] ތިން ދުވަހަށްވުރެ އަވަހަށް ޚަތިމް ނުކުރުމަށް ރަސޫލުﷲ ﷺ އަހުރެންނަށް އަމުރުކުރެއްވިއެވެ.
ތިން ދުވަހަށްވުރެ އަވަހަށް ޚަތިމް ކުރެއްވުމަށް މުޢާޛް ބުން ޖަބަލް رَضِيَ اللَّهُ عَنْهُ ނުރުހުންތެރިވެ ވަޑައިގަންނަވައެވެ.[3]
އިބްނު މަސްޢޫދު رَضِيَ اللَّهُ عَنْهُ ވިދާޅުވެފައިވެއެވެ:[4] ހަތް ދުވަހުން ޤުރުއާން ޚަތިމްކުރާށެވެ. އަދި ތިން ދުވަހަށްވުރެ އަވަހަށް ޚަތިމް ނުކުރާށެވެ.
އަލްޙާފިޡު އިބްނު ކަޘީރު رَحِمَهُ الله ވިދާޅުވެފަވެއެވެ:[5] ތިން ދުވަހަށްވުރެ އަވަހަށް ޚަތިމްކުރެއްވުމަށް ސަލަފުންގެ ގިނަ ބޭކަލުން ނުރުހުންތެރިވެ ވަޑައިގަތެވެ. އެއީ އަބޫ އުބައިދާއި، އިސްޙާގު ބުން ރާހުވައި އާއި، އަދި އެނޫންވެސް ގިނަ ބޭކަލުންގެ ރައުޔެވެ. އަދި ތިން ދުވަހަށްވުރެ އަވަހަށް ޙަތިމް ކުރެވިދާނެކަމަށް ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުން ދެކެލައްވައެވެ. އޭގެ ތެރޭގައި އަމީރުލް މުޢުމިނީން އުސްމާން رَضِيَ اللَّهُ عَنْهُ ހިމެނިވަޑައިގަންނަވައެވެ. މި ކަމުގައި އެބޭކަލުންނާ ހަމަށް އިސްވެދިޔަ ހަދީޘް ފޯރަފައި ނުވުން ނުވަތަ އެބޭކަލުން ކިޔަވާއި ވިދާޅުވާލެއް އަވަސްކަމާއި އެކުވެސް ކިޔަވާއި ވިދާޅުވާ އެއްޗެއް ފަހުމްވެވަޑައިގަތުމުގެ ސަބަބުން އެހެން ދެކެވަޑައިގަންނަވަނީ ކަމަށްވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
އަދި ބައެއް ޢިލްމުވެރިން ތިން ދުވަހަށް ވުރެ އަވަހަށް ޚަތިމްނުކުރަމަށް އޮންނަ ބަސްފުޅު އެއީ އާއްމު ގޮތެއްގައި ޚަތިމް ކުރާކުރުމަށް އޮތް ބަސްފުޅެއް ކަމަށް ދެކެލައްވައެވެ. ނަމަވެސް ރަމަޟާން މަސް ނުވަތަ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް ފަދަ މާތްވެގެންވާ ދުވަސްވަރު ތަކުގައި ތިން ދުވަހަށްވުރެ އަވަހަށް ޚަތިމް ކުރުމަކީ މައްސަލައެއް ނޫންކަމުގައި ދެކެލައްވައެވެ.
އަލްޙާފިޡު އިބްނު ރަޖަބް رَحِمَهُ الله ވިދާޅުވެފަވެއެވެ:[6] ތިން ދުވަހަށްވުރެ އަވަހަށް ޚަތިމްނުކުރަމަށް ވާރިދުވެގެން އައިސްފައިވާ ނަހީ އަކީ އެއީ އާއްމު ގޮތެއްގައި ޚަތިމް ކުރާކުރުމަށް އޮތް ނަހީފުޅެކެވެ. ނަމަވެސް ރަމަޟާން މަސް ފަދަ މާތް ދުވަސްވަރުތައް، ޚާއްސަ ގޮތެއްގައި ލައިލަތުލް ޤަދްރި ވިލޭރޭ ހޯދުމަށް މަސައްކަތް ކުރާ ރޭތަކުގައި، ނުވަތަ މާތްވެގެންވާ ތަންތަނުގައި މިސާލަކަށް މައްކާގެ އަޙުލުވެރިން ނޫން މީހުންގެ ތެރެއިން މައްކާ އަށް ވަދެއްޖެމީހާ، ވަގުތާއި ތަނުގެ މާތްކަން ލިބިގަތުމަށްޓަކައި ޤުރުޢާން ގިނަގިނައިން ކިޔެވުން މުސްތަޙައްބު ވެގެންވެއެވެ. މިއީ އިމާމް އަޙްމަދާއި، އިސްޙާގް ބުން ރާހުވައި އަދިވެސް އެހެން އިމާމްވެރި ބޭކަލުންގެ ރައުޔެވެ. އެހެން ބޭކަލުންގެ ޢަމަލުފުޅުތަކުން އެކަން ދޭހަކޮށް ދެއެވެ.
ޝައިޙުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ الله ގެ އަރިހުން އިސްވެދިޔަ މާނަ ދޭހަވާ ބަސްފުޅެއް އައިސްފައިވެއެވެ.
ޝައިޙުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ الله ވިދާޅުވެފައިވެއެވެ:[7] އެގޮތުން ޞަހާބީންގެ ޒަމާނުގައި އާއްމުގޮތެއްގައި އެކަން ކުރެއްވި ކަން އިނގޭކަން ނެތެވެ. (އެބަހީ: ހަތް ދުވަހަށްވުރެ އަވަހަށް އާއްމު ގޮތެއްގައި ޚަތިމްކުރެވިކަން އިނގެންނެތެވެ.)
މި ކަމަށް އިންކާރު ކުރައްވާ ޢިލްމުވެރިންވެސް އެބަ ތިއްބެވިއެވެ. (އެބަހީ: ތިން ދުވަހަށްވުރެ އަވަހަށް ޚަތިމް ނުކުރުމަށް އޮތް ބަސްފުޅުން ބައެއް ހާލަތްތައް އިސްތިސްނާވެގެންވާކަމަށް ބުނެވޭ ބަސްފުޅަށް އިންކާރު ކުރައްވާ ޢިލްމުވެރިންވެސް ތިއްބަވައެވެ).
ސަމާޙަތުއް ޝައިޙް ޢަބްދުލް ޢަޒީޒް ބިން ބާޒް رَحِمَهُ الله ވިދާޅުވެފަވެއެވެ:[8] ސުންނަތުން ފެންނަ އޮތް ގޮތުގައި ރަމަޟާން މާހާއި އެނޫން ދުވަސްތައް ފަރަގު ކޮށްފައި ނުވެއެވެ. އެކަލޭގެފާނު ﷺ ޙަދީޘް ކުރައްވާފައިވަނީ: ތިން ދުވަހަށްވުރެ އަވަހަށް ކިޔަވާ މީހާ (އެބަހީ: ޙަތިމްކުރާ މީހާ) ފިޤުހުވެރި ނުވާހުއްޓެވެ. (އެބަހީ: ކިޔަވާ އެއްޗެއް ފަހުމް ނުވާހުއްޓެވެ) އެވެ. ރަމަޟާން މަސް ފިޔަވައެވެ، މި ގޮތަށް ހަދީޘް ނުކުރައްވައެވެ. ބައެއް ސަލަފުންގެ ބޭކަލުން މި ޙަދީޘް ބަސްފުޅު އެއީ ރަމަޟާން މަސް ނޫން އެހެން ދުވަސްވަރުތަކުގައި ޙަތިމް ކުރާއިރު ކަމަށް ދެކެލައްވާ ދެކެލެއްވުމަކީ އިޙްތިމާލު އޮތް ކަމެކެވެ. ނަމަވެސް ބޮޑަށް ރަނގަޅުގޮތަކީ ކީރިތި ޤުރުއާނަށް ރައްކާތެރިވުމާއި، ރިވެތިކޮށް ކިޔެވޭތޯ މަސައްކަތް ކުރުމާއި، ޤުރުއާން ތަދައްބުރު ކުރުމާއި މާނައަށް ވިސްނުމެވެ، އަދި އަވަސް އަރުވައި ނުގަތުމެވެ. އަދި މޮޅު އިތުރު ވެގެންވަނީ ތިން ދުވަހަށްވުރެ އަވަހަށް ޙަތިމްނުކުރަމެވެ، މިއީ ސުންނަތުގައި ވާރިދުވެގެން އައިސްފައިވާ ގޮތެވެ، ރަމަޟާން މަސް އިސްތިސްނާ ކުރުމެއް ނެތިއެވެ.
—————————-
رواه الترمذي وأبو داود والدارمي، وصححه الألباني [1]
[2] رواه الدارمي وصححه الحافظ الذهبي و الألباني
[3] رواه أبو ‘بيد في ” فضائل القرآن” وقال الحافظ ابن كثير في “مقدمة تفسيره” : صحيح
[4] رواه سعيد بن منصور بسند صحيح
[5] مقدمة تفسيره ص (83، 85)
[6] لطائف المعارف ص (246)
[7]مجموعة الفتاوى (14/407)
[8] مجموعة فتاواه (11/301). وهو اختايار الحافظ الذهبي في “السير” (3/83)، والشيخ الألباني في “أصل صفة الصلاة” (2/512)