މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 13 ވަނަ ލިޔުމެވެ.

އެއީ  އުނދަގޫ ޙާލު ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ  އިޖާބަކުރައްވާ ރަސްކަލާނގެ ނޫންހެއްޔެވެ؟

 

﴿ أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَـٰهٌ مَّعَ اللَّـهِ ۚ قَلِيلًا مَّا تَذَكَّرُونَ ﴾[1]

މާނައީ: ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، އެކަލާނގެއަށް دعاء ކުރާހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ خليفة އިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟

ނިކަމެތި މީހާ އާއި އަނިޔާ ލިބިފައިވާ މީހާ ނަސްރަށް އެދެނީ ކޮންފަރާތަކަށް ހެއްޔެވެ؟ ހުރިހާ އިންސާނުން އާދޭސް ދަންނަވަނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެ ފަރާތަކީ މާތް ﷲ އެވެ. އެކަލާނގެ ފިޔަވައި ހައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ.

އެހެންކަމުން، އަހަރެމެންނަށް އޮތީ ދަތި އުނދަގޫ ޙާލަތުގައްޔާއި ފަސޭހައިގައި އެކަލާނގެއަށް ދެންނެވުމެވެ. ދަތި އުނދަގޫ ވަގުތު ތަކުގައި އެކަލާނގެ ހަޟްރަތުން ރައްކާތެރިކަމަށް އެދުމެވެ. އަދި ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. އެކަލާނގެ  މަދަދާއި ފަސޭހަކަން އެންމެ އަވަހަށް ލިބޭނީ އޭރުންނެވެ.

ގެނބެމުންދާ މީހާ އެކަލާނގެ ސަލާމަތްކޮށްދެއްވައެވެ. އަނިޔާލިބިފައިވާ މީހާއަށް ނަސްރުދެއްވައެވެ. މަގު ފުރެދިފައިވާ މީހާއަށް ހިދާޔަތު ދައްކަވައެވެ. ބަލިމީހުންނަށް ޝިފާ ދެއްވައެވެ. ހަދި ދަތި ހާލުގައިވާ މީހާއަށް ފަސޭހަގޮތް ދައްކަވައެވެ.

﴿ فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ ﴾[2]

މާނައީ: ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް إيمان ކަން خالص ކުރާ حال ގައި، اللَّه އަށް އެއުރެން دعاء ކުރެތެވެ.

އުނދަގޫތަކުން ސަލާމަތް ކޮށްދެއްވުން އެދި ކުރާ ދުޢާތަކުގެ ތެރެއިން، ސުންނަތުގެ ފޮތްތަކުގައިވާ ދުޢާތައް ކިޔާށެވެ. އެއިން، ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމް ކުރެއްވި ދުޢާތައް ތިބާއަށް ދަސްކުރެވޭނެއެވެ. އޭގެ ޒަރީއާއިން ﷲ އަށް ދެންނެވޭނެއެވެ. ދުޢާކުރެވޭނެއެވެ. އަދި އެކަލާނގެ ހަޟްރަތުން މަދަދަށް އެދެވޭނެއެވެ. މާތް ﷲ އަށް ފުރިހަމަ އަށް އީމާންވެއްޖެނަމަ، ތިބާ އަށް ހުރިހާ އެއްޗެއް ލިބިއްޖެއެވެ. އަދި އެކަލާނގެއަށް ކާފަރުވެއްޖެނަމަ، ތިބާގެ އަތުން ހުރިހާ އެއްޗެއް ގެއްލިއްޖެއެވެ. އެކަލާނގެއަށް ދުޢާ ދަންނަވާއިރު ތިބާ ތި އަދާކުރަނީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. ތިބާގެ ދުޢާގައި ތެދުވެރިކަންމަތީ ދެމިހުރެއްޖެނަމަ، ހިތާމަ އާއި ކަންބޮޑުވުންތަކުން ސަލާމަތްވާނެއެވެ. ހުރިހައި ދޮރަކީ ބަންދުވެފައިވާ ދޮރުތަކެކެވެ. އެކަލާނގެ ހަޞްރަތުން ވާ ދޮރުކޮޅުތައް ފިޔަވައެވެ. އެކަލާނގެއީ ކުއްތަންވެވޮޑިގެންވާ، އެކަލާނގެއަށް ދަންނަވާ މީހުންގެ އާދޭސް އައްސަވާ އިޖާބަ ކުރައްވާ ރަސްކަލާނގެއެވެ.

﴿ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ ﴾[3]

މާނައީ: ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.

ތިބާ އުނދަގުލާއި ވޭނުގައިވާނަމަ، ﷲ ހަނދުމަކުރާށެވެ. އެކަލާނގެ އިސްމުފުޅު ތަކުން އެކަލާނގެ އަށް ދަންނަވާށެވެ. މަދަދަށް އެދޭށެވެ. ސަޖިދައަށް ތިރިވާށެވެ. އަދި އެކަލާނގެއަށް ޘަނާ ދަންނަވާށެވެ. އޭރުން ތިބާއަށް ހަޤީޤީ މިނިވަންކަން ލިބޭނެއެވެ.

ދެއަތް އުފުލައި ދުޢާ ކުރާށެވެ. އަބަދުމެ، އެދޭށެވެ.  އެކަލާނގެ ދެއްކެވިގޮތުގައި ބާރަށް ހިފަހައްޓާށެވެ. އެކަލާނގެއާމެދު ހެޔޮކޮށް ވިސްނާށެވެ. އަދި މަދަދަށް އިންތިޒާރު ކުރާށެވެ. އޭރުން ތިބާއަށް ހަޤީޤީ އުފަލާއި ކާމިޔާބު ލިބިގެންދާނެއެވެ.

 

[1] ( سورة النمل 62 )

 

[2] (سورة العنكبوت 65 )

[3](سورة غافر 60 )