ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔަން ޖެހޭނެތޯ ނުވަތަ ނޫންތޯ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވެއެވެ.
އިމާމް އަޙްމަދުرَحِمَهُ اللهُ ގެ ރައުޔަކީ ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުމަކީ ވާޖިބު ކަމެއް ކަމަށެވެ. ދަލީލަކީ ރަސޫލު الله ﷺ ގެ ޙަދީޘް ބަސްފުޅެވެ.
(( لا وُضُوءَ لِمَنْ لَمْ يَذْكُرْ اسْمَ اللَّهِ عَلَيْهِ)) رَوَاهُ التِّرْمِذِي وَحَسَّنهُ الْأَلْبَانِي
މާނައަކީ: ” اللهُގެ އިސްފުޅު ނުކިޔާ ވުޟޫ ކުރި މީހާ އަށް ވުޟޫ އެއް ނުވެއެވެ.” (الْمُغْنِي 1/145.)
ޖުމްހޫރު ޢިލްމުވެރިން (އަބޫ ޙަނީފާ، މާލިކް، ޝާފިޢީ އަދި އިމާމް އަޙްމަދުގެ އެއް ރިވާޔަތެއްގައި) ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެބޭފުޅުންގެ ދަލީލަކީ:
- ރަސޫލު اللهﷺ މީހަކަށް ވުޟޫ ކުރާނެ ގޮތް ދަސްކޮށްދެއްވާ ޙަދީޘް ކުރެއްވިއެވެ. (( تَوَضَّأْ كَمَا أَمَرَكَ اللَّهُ )) رَوَاهُ التِّرْمِذِي وصححه الألباني
މާނައަކީ: “ތިބާ އަށް الله އަމުރު ކުރެއްވި ގޮތަށް ވުޟޫ ކުރާށެވެ.”
މިތަނުގައި އެކަލޭގެފާނު އެއިޝާރާތް ކުރައްވަނީ ސޫރަތުލް މާއިދާގެ 6 ވަނަ އާޔަތަށެވެ. މާތް ﷲ ވަޙީ ކުރައްވައެވެ.
﴿ يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ ٦﴾
މާނައަކީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ގަސްތުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ!.”
މި އާޔަތުގައި ވުޟޫ ކުރާނެ ގޮތް ދަސްކޮށްދެއްވި އިރު ބިސްމިގެ ވާހަކަ އައިސްފައި ނުވެއެވެ.
- أَبُوْهُرَيْرَة رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު اللهﷺ ޙަދީޘް ކުރެއްވިއެވެ. (( إِنَّهَا لا تَتِمُّ صَلاةُ أَحَدِكُمْ حَتَّى يُسْبِغَ الْوُضُوءَ كَمَا أَمَرَهُ اللَّهُ عَزَّ وَجَلَّ فَيَغْسِلَ وَجْهَهُ وَيَدَيْهِ إِلَى الْمِرْفَقَيْنِ وَيَمْسَحَ بِرَأْسِهِ وَرِجْلَيْهِ إِلَى الْكَعْبَيْنِ )) السُّنَنُ الْكُبْرَى لِلْبَيْهَقِي
މާނައަކީ: “ތިޔަބައިމީހުން ކުރެ އެކަކުވެސް الله އަމުރު ކުރެއްވި ގޮތަށް ފުރިހަމަ އަށް ވުޟޫ ކުރައްޖައުމަށް ދާންދެން ނަމާދު ފުރިހަމަ ނުވެއެވެ. މޫނާއި ދެއަތް އުޅަބޮއްޓާއި ހަމަ އަށް ދޮވުމާއި ބޮލުގައި ފެން ހޭކުމާއި ފައި ތަނބިކައްޓާއި ހަމަ އަށް ދޮވުމެވެ.”
މި ޙަދީޘް ގައި ބިސްމި ކިޔުމުގެ ވާހަކަ ބަޔާން ކުރައްވާފައެއް ނުވެއެވެ. އެއިން އެގެނީ ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުން ވާޖިބު ނޫން ކަމެވެ.
- ރަސޫލު اللهﷺ ވުޟޫ ކުރެއްވި ގޮތް ބަޔާން ކޮށްދެއްވި ގިނަ ބޭކަލުން ބިސްމީގެ ވާހަކަ ގެންނަވާފައެއް ނުވެއެވެ. ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުމަކީ ވާޖިބެއް ނަމަ އެކަލޭގެފާނު އެގޮތަށް އެކަން ކުރެއްވީހެވެ. އަދި އެކަލޭގެފާނު ވުޟޫ ކުރެއްވި ގޮތް ނަގްލު ކުރެއްވި ބޭކަލުންވެސް އެކަން ބަޔާން ކުރެއްވީހެވެ. (الشَّرْحُ الْمُمْتِعُ 1/130.)
ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔަން ޖެހޭ ކަމަށް ދަލީލު ދެއްކެވި ޙަދީޘަށް ޖަވާބު ދެއްވާ ޢިލްމުވެރިން ދެ ޖަވާބެއް ދެއްވައެވެ.
- އެ ޙަދީޘަކީ ޟަޢީފް ޙަދީޘެއް: އަލްއިމާމް އަލްބައިހަބީ، ނަވަވީ، އަލްބައްޒާރު رَحِمَهُمُ اللهُ އެޙަދީޘް ޟަޢީފު ކަމަށް ވިދާޅުވެފައިވެއެވެ.
- އެ ޙަދީޘަކި ޞައްޙަ ޙަދީޘެއް ކަމުގައި ބެލިނަމަވެސް، ޙަދީޘްގެ މާނައަކީ ވުޟޫ ފުރިހަމަ ނުވާނެ ވާހަކަ އެވެ. ވުޟޫ ޞައްޙަ ނުވާނެ ވާހަކަ އެއް ނޫނެވެ. (الْمَجْمُوْعُ 1/347، الْمُغْنِي 1/146.)
އެހެންކަމުން، ޙަދީޘް ޞައްޙަ ކަމުގައި ބެލިނަމަވެސް، ބުނެވޭނީ ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުން އެދެވިގެންވާ ކަމަށެވެ. ވާޖިބު ނޫން ކަމަށެވެ.