ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ!
މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
قُلْ سِيرُوا فِي الْأَرْضِ[1]
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ
އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކޮށް އުޅުމަކީ، ހިތްހަމަޖެހުން ގެނެސްދޭ އަދި ތިބާގެ ދިރިއުޅުމަށް ވެރިވެފައިވާ ކަޅު ވިލާތައް ދުރައްޖައްސާ ކަމެކެވެ. މާތް ﷲ ޚަލްޤުކުރައްވާފައިވާ އެންމެހައި ތަކެއްޗާއިމެދު ވިސްނާ ފިކުރު ކުރާށެވެ. އަދި ޤުދުރަތުގެ އަޖައިބުތައް ބަލައިގަންނާށެވެ. ތިބާ ގެ ދަތުރުތަކުގައި، ބޮޑެތި ބަގީޗާ ތަކާއި، އެހާމެ ރީތި ފެހި ބިންތައް ފެންނާނެ އެވެ. ބޭރަށް ނިކުމެ ތިބާގެ ވަށައިގެންވާ ކަންކަމާއި މެދު ފިކުރު ހިންގާށެވެ. ފަރުބަދަ ތަކަށް އަރާށެވެ. ވާދީ ތަކުގެ ތެރޭގައި ދަތުރު ކުރާށެވެ. ގަސްތަކަށް އަރާށެވެ. ރީތި ރާގު ގައި ލަވަކިޔަމުން މިނިވަންކަމާއެކު އުޑުގައި އުދުހެލާ ދޫންޏެއް ފަދައިން ތިބާ އަށް މިނިވަންކަން އިޙްސާސްކުރެވިގެންދާނެ އެވެ. ގެއިން ނިކުމެ، ލޯ ހުޅުވައި، މާތް ﷲ ގެ ތަނަވަސް ބިމުގައި ދަތުރު ކުރާށެވެ. އެކަލާނގެ ހަނދުމަކޮށް ޘަނާ ކިޔާ ޙާލުގައެވެ.
ކޮޓަރީގެ ތެރޭގައި އެކަހެރިވެ، އެއްވެސް ކަމެއްނެތި ބޭކާރުގޮތުގައި ވަގުތުތައް ދުއްވާލާނަމަ، އެއީ އަމިއްލަ ނަފްސުގެ ހަލާކަށް ކޮށޭ މަގެކެވެ. ދުނިޔޭގައިވާ ހަމައެކަނި ތަނަކީ ތިބާ ގެ ކޮޓަރިއެއް ނޫނެވެ. އަދި ދުނިޔޭގައި ދިރިއުޅެނީ ހަމަ އެކަނި ތިބާ އެއް ނޫނެވެ. ވީއިރު އެކަނިވެރިކަން ތިބާގެ ވަށައިލައިގެން ދިރިއުޅެންވީ ކީއްވެ ހެއްޔެވެ؟ ތިބާގެ ލޮލާއި، ކަންފަތާއި، ހިތުން ގޮވައިލާށެވެ.
انفِرُوا خِفَافًا وَثِقَالًا وَجَاهِدُوا[2]
ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ!
ފަރުބަދަ ތަކުގެ ކައިރިއަށް ގޮސް ދޫނިތަކުގެ ކައިރީގައި އިނދެ ޤުރުއާން ކިޔަވައިލާށެވެ. ތަފާތު ބިންތަކަށް ދަތުރު ކުރުމަކީ ، ހަމައެކަނި އެމީހުންގެ ކޮޓަރީގެ އެތޭރެގައި ވިސްނުން ގެންގުޅޭ، އެބައިމީހުންގެ ވިސްނުން ހަނިވެ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށް ޑޮކްޓަރުންވެސް ދޭ އިރުޝާދެކެވެ. އެހެންކަމުން، ނިކުންނާށެވެ. އަދި ދަތުރު ކުރުމުން އުފާވެރިކަން ހޯދާށެވެ.
الَّذِينَ يَذْكُرُونَ اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَاطِلًا[3]
އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާތިލު ގޮތެއްގައެއް ނޫނެވެ.
[1] سورة العنكبوت 20
[2] سورة التوبة 9
[3]سورة آل عمران 191