ހޮނިހިރު ދުވަހު ޚާއްޞަކޮށް ހަމައެކަނި އެދުވަހުގައި ސަބަބެއް ނުވާ ރޯދަހިފުން އެއީ ނަހީކުރެއްވިގެން ވާކަމެއް ކަމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްގައިވެއެވެ. މިފަދަ ނަހީއެއް ވާރިދުފައި ވާއިރު ޢާޝޫރާ ދުވަސް ފަދަ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވާ ހިނދު ހޮނިހިރު ދުވަހުގައި އެ ރޯދަ ހިފުން ހުއްދަވާނެ ތޯ ކުރެވޭ ބަހުސްގެ ޚުލާޞާ ތިރީގައި މިވަނީއެވެ.
ހޮނިހިރު ދުވަހުގެ ރޯދަ ހިފުން ނަހީކުރެއްވި ޙަދީޘް:
عَبْدِ اللَّهِ بْنِ بُسْرٍ رَضِيَ اللَّهُ عَنْهَا އެކަލޭގެފާނުގެ އުޚުތުގެ އަރިހުން ރިވާ ކުރެއްވިއެވެ. ހަމަކަށަވަރުން رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ:
((لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ))[1]
ތިޔަބައި މީހުންގެ މައްޗަށް ﷲ ފަރުޟު ކުރެއްވި ރޯދައެއް ނޫނީ ތިޔަބައިމީހުން ހޮނިހިރުދުވަހުގައި ނުހިފާހުށިކަމެވެ. ފަހެތިޔަބައި މީހުންގެ މީހަކަށް މޭބިސްކަދުރު ވެލުގެ ތަނޑިކޮޅެއް ނުވަތަ ގަހަކުން ދަނޑި ކޮޅެއް ނޫން އެއްޗެއް ނުލިބުނުނަމަ އެ ހަފާލައިގެން ނަމަވެސް (ރޯދަ ދޫކޮށްލާށެވެ.)
ހޮނިހިރު ދުވަހުގެ ރޯދަ ހިފުމާއިމެދު ޚުލާޞާ:
މިބާބުގައި ވާރިދުވެފައި އެންމެހާ ދަލީލުތަކަށް ރިއާޔަތްކުރެވުމަށް ފަހު ހޮނިހިރު ދުވަހުގައި ރޯދަ ހިފުމާއި ގުޅޭގޮތުން الشيخ محمد بن صالح العثيمين رحمه الله ގެ ޚުލާސާ ކަލާމުގައި ވިދާޅުވެފައިވެއެވެ.[2]
ދަންނާށެވެ. ހޮނިހިރު ދުވަހުގެ ރޯދައާއި ގުޅޭގޮތުން ޙާލަތްތަކެއްވެއެވެ. އެއީ:
ފުރަތަމަ ޙާލަތް:
ފަރުޟު ރޯދައެއް އެދުވަހުގައި ހިފުން. މިސާލަކަށް ރަމަޟާން މަހުގެ ރޯދަ ނުވަތަ ރަމަޟާން މަހުގެ ޤަޟާ ރޯދަ ނުވަތަ ކައްފާރާ ރޯދަ ނުވަތަ ތަމައްތުޢު ޙައްޖުގެ ހަދުޔުގެ ބަދަލުގައި ހިފާ ރޯދަ. މިގޮތަށް ހިފުން ހުއްދަވެގެން ވެއެވެ. އެއީ ހޮނިހިރު ދުވަހުގައި އެފަދަ ރޯދައެއް ހިފައިގެން ވަކި ޚާއްޞަ މާތްކަމެއް އެކުލެވިގެން ނުވާނެ ކަމަށް ދެކޭ ހާލުގައި ހިފާނަމައެވެ.
ދެވަނަ ޙާލަތް:
ހުކުރު ދުވަހުގައި ރޯދަ އަށް ހުރެފައި އެޔާއި ވިދިގެން ހޮނިހިރު ދުވަހު ރޯދައަށް ހުރުމެވެ. މިގޮތް ވެސް ހުއްދަވެގެން ވެއެވެ. އަންނަނިވި ޙަދީޘުން އެކަމަށް ދަލީލު ލިބެއެވެ.
جُوَيْرِيَة بِنْت الْحَارِثِ رَضِيَ اللَّهُ عَنْهَا ގެ އަރިހުން ރިވާވެގެންވެއެވެ: ((أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ، فَقَالَ : أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي ))[3]
ހަމަކަށަވަރުން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހުކުރު ދުވަހެއްގައި އެކަމަނާ ރޯދައަށް އިންނަވަނިކޮށް އެކަމަނާގެ އަރިހަށް ވެންނެވިއެވެ. ފަހެ ޙަދީޘް ކުރެއްވިއެވެ: ކަމަނާ އިއްޔެ ރޯދަ ހިއްޕެވިންތޯއެވެ؟ އެކަމަނާ ދެންނެވިއެވެ: ނޫނެކެވެ. ދެން ޙަދީޘް ކުރެއްވިއެވެ. ކަމަނާ މާދަމާ ރޯދައަށް ހުންނަވަން ޤަޞްދު ކުރައްވަމުތޯއެވެ؟ އެކަމަނާ ދެންނެވިއެވެ. ނޫނެކެވެ. ދެން އެކަލޭގެފާނު އެކަމަނާއަށް ޙަދީޘްކުރެއްވިއެވެ. ފަހެ ކަމަނާ ރޯދަ ދޫކޮށްލައްވާށެވެ!
ތިންވަނަ ޙާލަތް:
ޝަރުއުވެގެންވާ ރޯދައެއް ހޮނިހިރު ދުވަހާއި ދިމާވުމުން އެދުވަހުގައި ރޯދަ ހިފުން. މިސާލަކަށް މެދުފޮއި ރޯދައާއި ޢަރަފާތު ދުވަހު ރޯދައާއި ޢާޝޫރާ ދުވަހުގެ ރޯދައާއި ޝައްވާލު މަހުގެ ހަރޯދައާއި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހުގެ ރޯދައެވެ. މިގޮތައް ދިމާވާ ޙާލު ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދަވެގެން ވެއެވެ. އެހެނީ އެފަދަ ޙާލަތެއްގައި އެމީހަކު އެ ރޯދަ ހިފަނީ ހޮނިހިރު ދުވަހު ރޯދަހިފަންވެގެންނެއް ނޫނެވެ. އެހެނެއްކަމަކު ހޮނިހުރު ދުވަހާއި ދިމާވި ޝަރުޢުވެގެންވާ ސުންނަތް ރޯދަ ހިފުމައްޓަކައެވެ.
ހަތަރުވަނަ ޙާލަތް:
އާދަވެގެން ހިފަމުންދާ ރޯދައެއް ހޮނިހިރު ދުވަހާއި ދިމާވުމުން އެދުވަހުގައި ރޯދަ ހިފުން. މިސާލަކަށް ދެދުވަހުން އެއްދުވަހު ޢާއްމުކޮށް ރޯދަ ހިފަމުންދާ މީހަކު، އޭނާ ރޯދައަށް ހުންނަން ޖެހޭ ދުވަސް ހޮނިހިރު ދުވަހާއި ދިމާވުމެވެ. މިގޮތައް ދިމާވެގެން ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދަވެގެން ވެއެވެ. މިކަމަށް ދަލީލު ކުރަނީ ޝައްކުގެ ދުވަހުގައި ރޯދަ ހިފުން މަނާކުރައްވާ ޙަދީޘްކުރެއްވުމާއި އެކު އޭގެން އިސްތިސްނާ ކުރައްވާ ބަޔާންކުރެއްވި ޙަދީޘްފުޅެވެ. (( إِلَّا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ ))[4] “ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އޭނާ ރޯދާ ހިފާހުށުކަމެވެ.” މި ޙަދީޘްގައި އެވަނީ އާދަވެ ހިފާ ރޯދައެއް ހިފަމުން އައި މީހާއަށް ޝައްކުގެ ދުވަހުގައި ރޯދަ ހިފުން ހުއްދަ ދެއްވާފައެވެ. އެހެންކަމުން އާދަވެ ރޯދަ ހިފަމުން އަންނަ މީހާއަށް ހޮނިހިރު ދުވަހުގައި ވެސް ރޯދަ ހިފުން ހުއްދަވެގެންވެއެވެ.
ފަސްވަނަ ޙާލަތް:
ހޮނިހިރު ދުވަހު ޚާއްޞަކޮށް ހަމައެކަނި އެދުވަހުގައި ސަބަބެއް ނުވާ ރޯދަހިފުން. މިގޮތައް ހިފުން ހުއްދަވެގެން ނުވެއެވެ. ހޮނިހިރު ދުވަހު ހިފުން ނަހީވެގެންވާ ރޯދައަކީ މީއީއެވެ.
————–
[1] رواه الترمذي (744) وأبو داود (2421) وابن ماجه (1726) صححه الألباني في “الإرواء” (960)وقَالَ أَبُو عِيسَى الترمذي : هَذَا حَدِيثٌ حَسَنٌ
[2] مجموع فتاوى ورسائل الشيخ ابن عثيمين (20/57).
[3] رواه البخاري
[4] متفقٌ عليه