ގިނަ މީހުންނަކީ، ދިމާވާ ބޮޑެތި ކަންކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކަމަކަށްނުވާ ކަހަލަ ކުދި ކުދި ކަންކަމުގައި ވިސްނައި ފިކުރު ކުރާ މީހުންނެވެ.
މުނާފިޤުންގެ އަމަލުތަކާއި އެމީހުންގެ ބަލިކަށި އަޒުމަށް ބަލާށެވެ. އެމީހުންގެ ބައެއް ސިފަތަކާއި ވާހަކަތައް ޤުރުޢާނުގައި އައިސްފައި ވެއެވެ.
فَرِحَ الْمُخَلَّفُونَ بِمَقْعَدِهِمْ خِلَافَ رَسُولِ اللَّـهِ وَكَرِهُوا أَن يُجَاهِدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّـهِ وَقَالُوا لَا تَنفِرُوا فِي الْحَرِّ ۗ
ފަސްޖެހުނު މީހުން، اللَّه ގެ رسول އާއާ خلاف އަށް ހަނގުރާމައަށް ނުގޮސް ތިބިތިބުމަށް އުފާކުޅައޫއެވެ. އަދި اللَّه ގެ މަގުގައި، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުޅައުމަށް އެއުރެން ނުރުހުންވޫއެވެ. އަދި އެއުރެން ބުނެފޫއެވެ. ހޫނުގެ ތެރޭގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުނިކުންނާށެވެ! (سورة التوبة 81 )
وَمِنْهُم مَّن يَقُولُ ائْذَن لِّي وَلَا تَفْتِنِّي ۚ
އަދި (ހަނގުރާމައަށް ނުގޮސްހުރުމުގެ) إذن ތިމަންނާއަށް ދެއްވާށޭ، އަދި ތިމަން ފިތުނަވެރި ނުކުރައްވާށޭ ބުނާ މީހަކު، އެއުރެންގެ ތެރެއިން ވެތެވެ. ( سورة التوبة 49 )
وَيَسْتَأْذِنُ فَرِيقٌ مِّنْهُمُ النَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِيَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًا
އަދި އޭގެތެރެއިން ބަޔަކު ނަބިއްޔާގެ އަރިހުން إذن އަށް އެދެތެވެ. އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ. އެއީ ނިވަލެއްނެތް ތަނެއްނޫނެވެ. ފިލައިގެންދިޔުން މެނުވީ އެއުރެން ނޭދެތެވެ. (سورة الأحزاب 13 )
يَقُولُونَ نَخْشَىٰ أَن تُصِيبَنَا دَائِرَةٌ
އެއުރެން ބުނެތެވެ. ތިމަންމެންނަށް مصيبة އެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ. ( سورة المائدة 52 )
وَإِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ مَّا وَعَدَنَا اللَّـهُ وَرَسُولُهُ إِلَّا غُرُورًا
އަދި منافق ންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. اللَّه އާއި، އެކަލާނގެ رسول އާ، ތިމަންމެންނަށް ކެހިވެރި وعد އަކުން މެނުވީ وعد އެއް ނުކުރައްވަތެވެ. (سورة الأحزاب 12 )
އެފަދަ މީހުންނަކީ ކިހާ ބަދުނަސީބު ބައެއް ހެއްޔެވެ.
އެމީހުންގެ އެންމެ މުހިންމު ކަންބޮޑުވުމަކީ، ކާރުތަކާއި، ގެތަކާއި، ގަނޑުވަރުތަކެވެ. ނަމޫނާ ލިބިގަންނަންޖެހޭ، ރީތި އާދަތަކަށް އެމީހުން އެއްފަހަރުވެސް ނުބަލައެވެ. އެމީހުންގެ ވިސްނުން ހަނިވެފައިވަނީ އެމީހުންގެ ކާރާއި، އަންނައުނާއި ބޫޓާއި، ކާ އެއްޗިއްސަށެވެ.
ބައެއް މީހުންނަކީ، އެމީހުންގެ ބައިވެރިޔާ ނުވަތަ ދަރިފުޅު ނުވަތަ ގާތްތިމާގެ މީހުންނާ ދެބަސްވުމެއް ނުވަތަ އެފަދަ ކޮންމެވެސް ކުޑަ ކަމެއް ހިނގުމުގެ ސަބަބަން މުޅި ރެޔާއި ދުވާލު އެކަމާމެދު ވިސްނުމާއި ފިކުރު ބޮޑުވުމުގައި ހޭދަކުރާ މީހުންނެވެ. އެފަދަ މީހުންގެ ދިރިއުޅުމުގައި ، އެމީހުން ކަމެއް ހާސިލް ކުރުމަށްޓަކައި ރެޔާއި ދުވާލު މަސައްކަތްކޮށް މަޝްޣޫލުކުރުވާނެ އަޒުމެއް، ލަނޑުދަނޑި އެއް ނުވެއެވެ. ބުނުމެއްގައިވެއެވެ. އެއްޗަކުން ފެން ހުސްކޮށް ފިނަމަ، ދެން އެ ފުރާލާނީ ވަޔެވެ. އެހެންކަމުން އެކަމަކާމެދު ކަންބޮޑުވެ ފިކުރުބޮޑުވެފައިވާ ކަމަކީ، ތިބާގެ ހަކަތަ އާއި ބުރަ މަސައްކަތަށް މަންފާ ހުރި ކަމެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. މިއީ ކޮންމެހެން ކުރަންޖެހޭ ވަރަށް މުހިންމު ސުވާލެކެވެ. އެހެނީ ތިބާ ފިކުރުބޮޑުވަނީ ކޮންމެ ކަމަކާހުރެ ކަމުގައި ވީނަމަވެސް ތިބާގެ ހަކަތަ އާއި ވަގުތު އެއަށް ހޭދަވެގެން ދެއެވެ. އަދި އެކަމުން ތިބާގެ ހަކަތަ އާއި ވަގުތަށް މަންފާއެއް ނުކުރާނަމަ، އެކުރެވުނީ ބޭކާރު ކަމެކެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި، ކަންކަމާމެދު ގޮތް ނިންމުމުގައި ބަލަންވާނީ އޭގެ ހަޤީޤީ އަގަށެވެ. އޭގެފަހުން އެކަމަކަށް ދޭން ޖެހޭ ސަމާލުކަމާއި މަޤާމު ދޭށެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅު މިއަށް ވުރެ މާ ފުރިހަމަ އެވެ.
قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا
ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ. (سورة الطلاق 3)
އެހެންކަމުން ކޮންމެ ޙާލަތެއްގައިވެސް، އޭގެ މިންވަރަށް ނުވަތަ ސައިޒަށް ، ބަރުދަނަށް އަދި އޭގެ މުހިންމު ކަމަށް ބަލާފައި ސަމާލުކަން ދޭށެވެ. އަދި ހައްދު ފަހަނަ އަޅައި ދިޔުމުން ދުރުހެލިވާށެވެ.
ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމް ގެ މާތް ޞަޙާބީންގެ ހަޔާތްޕުޅުން މިސާލު ނަގާށެވެ. އެބޭކަލުން، މާތް ﷲ ގެ ރުއްސެވުން ހޯއްދެވުމަށްޓަކައި ގަހެއްގެ ދަށުގައި ތިބެ، ބައިޢަތުއް ރިޟްވާން ގެ ނަންދެވިފައިވާ ބައިޢަތު ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމް އަށް ހިއްޕެވިއެވެ. އެ ހިނދު، ޖަމަލެއް ގެއްލިގެން އެކަމާމެދު ކަންބޮޑުވެ، އެބޭކަލެއްގެ ސަމާލުކަން އެކަމަށް ހުސްވެ، ބައިޢަތުއް ރިޟްވާން ގައި ބައިވެރިނުވެވުނު ބޭކަލެއް އެތަނުގައި ވިއެވެ. ނަތީޖާ އެއްގެ ގޮތުން، އެހެން ބޭކަލުންނަށް ލިބިވަޑައިގެންނެވި ހެޔޮ ޖަޒާގެ ނިޢުމަތުން އެކަލޭގެފާނު މަހުރޫމުވިއެވެ.
އެހެންކަމުން، ކަމަކަށް ނުވާ ކަހަލަ ކަންކަމުގައި މަޝްޣޫލު ނުވާށެވެ. މި ނަޞޭހަތަށް ޢަމަލު ކޮށްފިނަމަ، ތިބާގެ ގިނަ ފިކުރުބޮޑު ވުމާއި ކަންބޮޑުވުންތައް ފިލައިގެން ދާނެއެވެ.