މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 27 ވަނަ ލިޔުމެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا[1]

އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.

ތިބާގެ ދީނާއި ޟަމީރު އިރުޝާދު ދެނީ ، އިންތައް ފަހަނައަޅައި ނުގޮސް، ތިބާއަކީ، މެދުމިން މީހެއްކަމުގައި ވުމަށެވެ. އުފާވެރިކަމަށް އެދޭ މީހާ އަކީ، ރުޅި އަންނަ އައުމުގައިވެސް، ދެރަވާ ދެރަވުމުގައިވެސް، އަދި އުފަލުގައިވެސް މެދުމިނެއްގައި ހުންނަ މީހާއެވެ. އެހެންމީހުންނާއި ކުރާ މުޢާމަލާތްތަކުގައި، އަހަރެމެން ހައްދުފަހަނަ އަޅައި ދިޔުމަކީ ޤަބޫލުކުރެވިގެންވާ ކަމެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ މެދުމިނެއްގައި ހުރުމެވެ. ނަފްސުގެ އެދުންތަކަށް އިޖާބަދޭ މީހާ އަބަދުވެސް ދިމާވާ ކޮންމެ ޙާލަތަކީވެސް ބޮޑު ކަމަކަށް ހަދައެވެ. އޭނާ އެހެން މީހުންނާއި މދު ހަސަދަވެރިވެ، ނުބައި ނިޔަތް ގެންގުޅެއެވެ. އޭނާ ދިރިއުޅޭ ދުނިޔެއަކީ، ހައްދުފަހަނައަޅައި ގޮސް ފައިވާ  ޚިޔާލީ ދުކިޔެއެކެވެ. އަދި އަބަދުވެސް އެހެން މީހުން ތިބޭނީ އޭނާ އާއި ޖައްސާލާފައި ކަމަށް ހީކުރެއެވެ. އަދި އޭނާ ހަލާކު ކޮށްލުމަށް ، އެހެން މީހުން އަބަދުވެސް ރާވަމުން ދާކަމުގައި ދެކޭ ދަރަޖައަށްވެސް އޭނާގެ ވިސްނުން ދެއެވެ. މި ސަބަބަށްޓަކައި އޭނާ އަބަދުވެސް ދިރިއުޅެނީ، ބިރުވެރިކަމާއި ، ކުށްހީތަކުން ފުރިގެންވާ ކަޅު ވިލާގަނޑެއްގެ ދަށުގައެވެ.

ޙަޤީޤަތެއް ނެތް ވާހަކަތަކާއި، ކުށްހީތަކާއި، ޚިޔާލީ ވާހަކަތައް ޤަބޫލުކޮށް އެއަށް ޢަމަލުކުރުމަކީ، އަހަރެމެންގެ ދީނުގައި މަނާ ކުރައްވާފައިވާ ކަމެކެވެ.

يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ[2]

އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ ހަމަލާ އެއް ކަމުގައެވެ.

ގިނަފަހަރަށް، ތިބާ އެކަމެއް ހިނގައިފާނެ ކަމަށް ބިރުން އުޅޭ ކަންތައްތަކެއް ނުހިނގައެވެ. މިއީ ތިބާ އެކަމެއް ތަޖުރިބާ ކޮށްލަންޖެހޭ ކަމެކެވެ. ތިބާ ކަމަކާއި ބިރު ހީވެއްޖެނަމަ، އެކަމުގެ އެންމެ ގޯސް ހާލަތު ހިތަށް ގެނެސް އެކަމަށް ތައްޔާރުވާށެވެ. އަދި އެގޮތަށް އެކަން ނިމިގެން ދިޔަސް މާތް ﷲ ގެ މިންވަރު ފުޅާއިމެދު ރުހޭށެވެ. މިގޮތަށް ކަންތައް ކޮށްފިނަމަ، ތިބާއަށް އޭގެ ސަބަބުން، ހިތާމަ ކުރިމަތިކުރުވާނެ ، ހީތަކުން ސަލާމަތް ވެގެންދާނެއެވެ.

ކަމުގެ މުހިންމު ކަމުގެ މިންވަރަށް ބަލާފައި، ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދޭށެވެ. ކުދިކުދި ކަންތައްތައް ބޮޑު ކަންކަމަށް ނުހަދާށެވެ. އެހެނެއްކަމަކު، އިންސާފާއި ހަމަހަމަކަން ތިބާގެ ސިކުނޑީގައި އަބަދުވެސް ބައިންދާށެވެ. އަދި ކުށްހީތަކާއި، ޚިޔާލީ ކަންކަމުން ދުރުވާށެވެ. މެދުމިނެއްގައި ލޯތްބާއި ނަފުރަތު ވުމަށް ރަޞޫލާ ސައްލައް ﷲ އަލައިހި ވައްސަލަމްގެ ޙަދީޘް ކުރެއްވި ބަސްފުޅު ޒިކުރުކޮށްލަމާ ހިނގާށެވެ.

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ:

أَحْبِبْ حَبِيبَكَ هَوْنًا مَا عَسَى أَنْ يَكُونَ بَغِيضَكَ يَوْمًا مَا وَأَبْغِضْ بَغِيضَكَ هَوْنًا مَا عَسَى أَنْ يَكُونَ حَبِيبَكَ يَوْمًا مَا[3]

މާނައީ: ތިބާ ލޯބިވާ މީހާދެކެ މެދު މިންވަރަށް ލޯބިވާށެވެ. އެއީ ކޮންމެވެސް ދުވަހަކުން ތިބާ ރުޅި އަންނަ މީހަކު ކަމުގައިވެދާނެއެވެ. އަދި ތިބާ ރުޅިއަންނަ މީހަކު ދެކެ މެދުމިންވަރަކަށް ރުޅި އަންނާށެވެ. އެހެނީ ކޮންމެވެސް ދުވަހަކުން އެއީ ތިބާ ލޯބިވާ މީހަކު ކަމުގައިވެދާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

عَسَى اللَّـهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً ۚ وَاللَّـهُ قَدِيرٌ ۚ وَاللَّـهُ غَفُورٌ رَّحِيمٌ[4]

އެއުރެންކުރެ ތިޔަބައިމީހުން ޢަދާވާތްތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި اللَّه އެކުވެރިކަން ލައްވައިފާށިއެވެ! اللَّه އީ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

 

[1] (سورة البقرة 143 )

[2] (سورة المنافقون 4 )

[3]سنن الترمذي كتاب البر والصلة باب ما جاء في الاقتصاد في الحب والبغض

[4](سورة الممتحنة 7 )