ރަމަޟާން މަހުގެ މާތްކަން
މި މާތް މައްސަރަށް ގިނަގުނަވެގެންވާ މަތިވެރިކަމާއި އަދި އެހެން މަސްތަކާއި ތަފާތު މާތްކަން ލިބިގެންވެއެވެ. އޭގެ ތެރޭގައި:
- މި މަހުގައި ކީރިތި ޤުރުއާން ބާވައިލެއްވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ…. ﴿١٨٥﴾
رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ.
- މި މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އެއީ މި މަހުގައި ހެޔޮ ޢަމަލުތައް އިތުރުވުމުގެ ސަބަބުންނެވެ.
- މި މަހުގައި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވެއެވެ. އެއީ މި މަހުގައި ނުބައި ޢަމަލުތައް މަދުވުމުގެ ސަބަބުންނެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: إذا جاءَ رَمَضانُ فُتِّحَتْ أبْوابُ الجَنَّةِ، وغُلِّقَتْ أبْوابُ النَّارِ، وصُفِّدَتِ الشَّياطِينُ.
މާނައީ: ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ.
- މި މަހުގެ މާތްކަމުގެ ތެރޭގައި: ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:
كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعمِائَة ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلا الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي لِلصَّائِمِ فَرْحَتَانِ فَرْحَةٌ عِنْدَ فِطْرِهِ وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ وَلَخُلُوفُ فِيهِ (فمه) أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ[1]
މާނައީ : އާދުމުގެ ދަރިޔާ ކުރާ ކޮންމެ ހެޔޮ ޢަމަލެއް ދިހަގުނައިން ފެށިގެން ގޮސް ހަތްސަތޭކަ ގުނައަށް އިތުރުކޮށް ދެއްވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން ރޯދަ ވަނީ ތިމަން އިލާހަށެވެ، އެ ރޯދަ އަށް އަޖުރު ދެއްވާހުށީ ޙުދު ތިމަން އިލާހީމެވެ. އޭނާގެ ޝަހުވަތުގެ އެދުމާއި ކެއިންބުއިން ދޫކޮށްލީ ތިމަން އިލާހަށްޓަކައެވެ. ރޯދަވެރިޔާ އަށް ދެ އުފަލެއްވެއެވެ އެއީ ރޯދަ ވީއްލާ ހިނދުގަޔާއި އޭނާގެ ވެރި ރައްބާއި ބައްދަލުވާ ހިނދުގައެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަސް ގޮމަކަސްތޫރީގެ ވަހަށް ވުރެ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިވެގެންވެއެވެ.
ރޯދައިގެ އަޖުރަށް ވަކި ޢަދަދެއް ކަނޑައެޅިފައިނުވެއެވެ.
- އެހެން އަޅުކަންތަކަށްވުރެ ބޮޑަށް ރޯދައިގައި އިޚްލާސްތެރިކަން ބޮޑުވެގެން ވެއެވެ : އެކަން އިސްވެދިޔަ ހަދީޘް ބަސްފުޅުގައި ބަޔާން ކުރައްވާފައިވާ މި ބަސްފުޅުން ދޭހަކޮށްދެއެވެ : يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي (މާނައީ: އޭނާގެ ޝަހުވަތުގެ އެދުމާއި ކެއިންބުއިން ދޫކޮށްލީ ތިމަން އިލާހަށްޓަކައެވެ.)
- މާތް ﷲ ރޯދަވެރިޔާއަށް ސުވަރުގޭގެ ވަކި ދޮރުކޮޅެއް ޚާއްޞަ ކުރައްވާފައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:
إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ [2]
މާނައީ: ސުވަރުގޭގައި އައްރައްޔާން އޭ ކިޔުނު ދޮރުކޮޅެއްވެއެވެ. ޤިޔާމަތް ދުވަހުން ރޯދަވެރިން އެދޮރުކޮޅުން ވަންނާނެތެވެ. ރޯދަވެރިން ނޫން ބަޔަކު އެ ދޮރުކޮޅުން ނުވައްނާނެތެވެ. އެދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބާ ހެއްޔެވެ؟ އެހިނދު އެބައިމީހުން ތެދުވާނެއެވެ، އެބައިމީހުން ނޫންބަޔަކަށް އެދޮރުކޮޅުން ނުވަދެވޭނެއެވެ. އެބައިމީހުން ވަނުމުން އެދޮރުކޮޅު ބަންދުކުރެވޭ ހުއްޓެވެ. އެއަށްފަހު އެދޮރުކޮޅުން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ.
- ރޯދަވެރިޔާގެ ދުޢާ އިޖަބަކުރެއްވޭ ހުއްޓެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:
إنَّ للصائمِ عند فِطره دعوةً لا تُردُّ[3]
މާނައީ: ހަމަކަށަވަރުން ރޯދަވެރިޔާ، ރޯދަވީއްލާ ހިނދު ކުރާ ދުޢާ ރައްދުނުކުރެވޭ ހުއްޓެވެ.
- ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: مَن صَامَ رَمَضَانَ، إيمَانًا واحْتِسَابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ. [4]
މާނައީ: އީމާންކަމާއި އެކު ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ އެންމެހާއި ފާފައެއް ފުއްސަވާދެއްވާނެތެވެ.
މުސްލިމަކަށް ލާއިގުވެގެންވަނީ ފުރިހަމަ ޢަޖުރު ލިބިގަތުމަށާއި އަދި ފާފަތައް ފުހެވިގެންދިޔުމަށްޓަކައި އީމާންކަމާއި އެކު ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރޯދަހިފުމެވެ.
[1]رواه البخاري (5927) ، ومسلم (1151) واللفظ له.
[2] البخاري ( 1763 ) ومسلم ( 1947 )
[3] رواه ابن ماجه، قال في (الزوائد): إسناده صحيح،
[4] البخاري (38)، ومسلم (760)