ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން
ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުންވަނީ ދެގޮތަކަށެވެ:
- ރަމަޟާންމަހުގެ ހުޅެވި ހަނދު ފެނުމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: إذا رأيتُم الهلالَ فصوموا ، و إذا رأيتُموه فأفطروا ، فإن غُمَّ عليكم فاقدروا له[1]
މާނައީ: ތިޔަބައިމީހުންނަށް (ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހުޅެވި ހަނދުފެނުމުން (ރަމަޟާންމަހުގެ) ރޯދަހިފުން ދޫކޮށްލާށެވެ. އަދި ވިލާ ބޯވެއްޖެނަމަ (ހަނދު ނުފެއްނަނަމަ) ހިސާބު ކުރާށެވެ.
އަދިވެސް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: لا تَصُومُوا حتَّى تَرَوُا الهِلَالَ، ولَا تُفْطِرُوا حتَّى تَرَوْهُ، فإنْ غُمَّ علَيْكُم فَاقْدُرُوا له.[2]
މާނައީ: (ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން މެނުވީ ތިޔަބައިމީހުން ރޯދަ ނުހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހުޅެވި ހަނދުފެނުމުން މެނުވީ (ރަމަޟާންމަހުގެ) ރޯދަހިފުން ދޫކޮށް ނުލާށެވެ. އަދި ވިލާ ބޯވެއްޖެނަމަ (ހަނދު ނުފެއްނަނަމަ) ހިސާބު ކުރާށެވެ.
- ރަމަޟާން މަހުގެ ހުޅެވި ހަނދު ނުފެނިއްޖެނަމަ ޝަޢުބާން މަހުގެ ތިރީސް ދުވަސް ހަމަކުރާނީ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: الشَّهْرُ تِسْعٌ وعِشْرُونَ لَيْلَةً، فلا تَصُومُوا حتَّى تَرَوْهُ، فإنْ غُمَّ علَيْكُم فأكْمِلُوا العِدَّةَ ثَلَاثِينَ.[3]
މާނައީ: މަހެއްގައި ވަނީ (މަދުވެގެން) ނަވާވީސް ރެއެވެ.(ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން މެނުވީ ތިޔަބައިމީހުން ރޯދަ ނުހިފާށެވެ. އަދި ވިލާ ބޯވެއްޖެނަމަ (ހަނދު ނުފެއްނަނަމަ) (ޝައުބާން މަހުގެ) ތިރީސް ދުވަސް ހަމަކުރާށެވެ.
[1] أخرجه البخاري (1900)، ومسلم (1080) باختلاف يسير، والنسائي (2120)، وابن ماجه (1654)، وأحمد (6323) واللفظ لهم.
البخاري (1080)، ومسلم (1906)[2]
[3] البخاري (1907)