ރޯދައަށް ނިޔަތްގަތުން

ނިޔަތަކީ ކޮންމެ ޢަމަލެއްވެސް ޞައްޚަވުމުގެ ޝަރުތެކެވެ. ރަމަޟާން މަހުގެ ރޯދަ އަށް ރޭގަނޑު ނިޔަތްގަތުން ލާޒިމުވެގެންވެއެވެ. ނަބިއްޔާ ﷺ  ޙަދީޘް ކުރައްވާފައިވެއެވެ: مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الفَجْرِ فَلَا صِيَامَ لَهُ[1]

މާނައީ: ފަޖުރުގެ ކުރިން ރޯދައަށް ނިޔަތް ނުގަނެފި މީހާއަށް ރޯދައެއް ނުވެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ رحمه الله ވިދާޅުވެފައިވެއެވެ: މާދަމާ އަކީ ރަމަޟާން މަސް ކަން އެނގި އަދި ރޯދަހިފުމަށް އެދިއްޖެ މީހާ އެވަނީ ރޯދައަށް ނިޔަތް ގަނެގެންނެވެ. އެއީ ނިޔަތުގެ ލަފްޒު ކަމުގައި ވިޔަސް އަދި ނުވިޔަސްމެއެވެ. އެއީ ގިނަ މުސްލިމުން ޢަމަލުކުރާ ގޮތެވެ. އެ އެންމެންވެސް ރޯދައަށް ނިޔަތްގަނެއެވެ.[2]

 

ރޯދަހިފުން ވާޖިބުވެގެންވާ މީހުން

ބާލިޣުވެ ބުއްދި ސަލާމަތުންހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ރޯދަ ހިފުން ވާޖިބުވެގެންވެއެވެ.

ރަށުގައި ޤާއިމްވެގެންހުރި ޞިއްޙަތު ސަލާމަތުން ހުރި މީހާ ރޯދަ އަދާއަށް ހިފުން ވާޖިބުވެގެންވެއެވެ. އަދި ބަލިމީހާ ރޯދަ ޤަޟާކުރުން ވާޖިބުވެގެންވެއެވެ.

ޞިއްޙަތު ސަލާމަތުން ހުރި ދަތުރުވެރިޔާއަށް ރޯދަހިފުމާއި ދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ނަމަވެސް ދޫކޮށްލައިފިނަމަ ފަހުން ޤަޟާކުރުން ވާޖިބުވެގެންވެއެވެ.

ރޯދަހިފުން ކާފަރެއްގެ މައްޗަށް ވާޖިބުވެގެން ނުވެއެވެ. އަދި ހިފިކަމުގައި ވިޔަސް ޞައްޚަވެގެން ނުވެއެވެ. ރަމަޟާންމަހުގައި އިސްލާމްވެއްޖެނަމަ މަހުގެ ބާކީ ދުވަސްތަކުގައި ރޯދަހިފުން ވާޖިބުވެގެންވެއެވެ އަދި ކާފަރު ޙާލުގައި ފާއިތުވި ދުވަސްތައް ޤަޟާކުރުމެއްނުވެއެވެ.

ބާލިޣު ނުވާ ކުޑަކުއްޖާގެ މައްޗަށް ރޯދަ ވާޖިބުވެގެން ނުވެއެވެ. ތަންދޮރުވަކިވާ ކުއްޖާހިފާ ރޯދަ ޞައްޙަވެގެންވެއެވެ. އެކުއްޖާގެ ޙައްޤުގައި އެރޯދަވެގެންދާނީ ސުންނަތް ރޯދައަކަށެވެ.

ބުއްދިފިލާފައިވާ މީހާގެ މައްޗަށް ރޯދަވާޖިބުވެގެން ނުވެއެވެ. އެހާލަތުގައި އޭނާ ރޯދަހިފިނަމަވެސް ނިޔަތް ނެތުމުގެ ސަބަބުން ރޯދަ ޞައްޙަވެގެން ނުވެއެވެ.

[1] [أخرجه الدارميُّ (٢/ ٦)، والنسائيُّ في «الصيام» (٤/ ١٩٦)، والطحاويُّ في «شرح معاني الآثار» (٢/ ٥٤)، مِنْ حديثِ حفصة رضي الله عنها.])

[2]  اﻟﻔﺘﺎوى اﻟﻜﱪى )٤٦٩/٢(