ފަލަސްތީނުގެ ޤަޟިއްޔާއަކީ އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައެވެ. އަދި މިއަދު، އެ މައްސަލައަށް މިވަނީ އިތުރު ސަމާލުކަމެއް ލިބިފައެވެ. އެއީ އިޒްރޭލުން، ފަލަސްތީނުގެ ބިންތައް ފޭރުމަށް ކުރަމުންދާ މަސައްކަތާއި ހެދިއެވެ. އަދި އަޤްޞާ މިސްކިތަށް އަރާ އެ މުޤައްދަސް މިސްކިތުގައި ނަމާދުކުރަމުންދިޔަ މީހުންނަށް އަނިޔާކޮށް ގޯނާކޮށްފައިވާތީއެވެ. ފަލަސްތީނުގެ އުޑުމަތި އިޒްރޭލުގެ ބޮންތަކުން ގުގުމަމުން ދާތީއެވެ. އަދި އެބޮމުގެ ހަމަލާތަކުން އެތައް ބަޔަކު މަރާ މުޅިތަން ސުންނާފަތި ކުރަމުންދާތީއެވެ. އެތައް އަންހެނުންނާއި ކުޑަކުދިން މަރަމުންދާތީއެވެ. އެހެންކަމުން، މިފަދަ ދަނޑިވަޅެއްގައި ފަލަސްތީނަށްޓަކައި އަހަރުމެންނަށް ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

  1.   ފަލަސްތީނުގެ ޤަޟިއްޔާއާބެހޭ މަޢުލޫމާތު ހޯދައި ފަލަސްތީނުގެ ތާރީޚު އުނގެނުން

ފަލަސްތީނުގެ މި މައްސަލައަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ މައްސަލައެއް ނޫނެވެ. އެހެނެއްކަމަކު މި މައްސަލައަކީ ވަރަށް ޒަމާންވީ މައްސަލައެކެވެ. 1948 ވަނަ އަހަރުގެ ނަކްބާގެ ހާދިސާއާއިއެކު އިޒްރޭލުގެ ދައުލަތް އުފެދުނީއްސުރެ އިޒްރޭލުންދަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އެކި އުދުވާންތައް ހިންގަމުންނެވެ. މި ވޭތުވެދިޔަ 73 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުންވަނީ ފަލަސްތީނުގެ އެތައް ބިމެއް ފޭރިގަނެފައެވެ. އަދި އެތައްފަހަރެއްގެ މަތިން އިޒްރޭލުންވަނީ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުތަކަށް ހަމަލާދީފައެވެ. އެމީހުންނަށް ލިބިދޭންޖެހޭ އަސާސީ އެތަކެއް ޙައްޤުތަކާއި ވަޞީލަތްތަކަށް ވެސް ހުރަސްއަޅާފައެވެ. މިއީ އަޤްޞާ މިސްކިތަށް ނަމާދުކުރަން ވަންނަ މީހުންނަށް ހުރަސްއަޅާ ނަމާދުކުރާން ތިބި މީހުނަށް ގޯނާކޮށް އަނިޔާކުރި ފުރަތަމަ ފަހަރެއްވެސް ނުމެ ނޫންމެއެވެ. މިހެންކަމުން، މިފަދަ ހާދިސާތަކަށް ނަޒަރު ހިންގާ ބަލައި ފަލަސްތީނުގެ ތާރީޚް ހޯދައި ބަލައި އުނގެނިގަތުމަކީ ނުހަނު މުހިންމުކަމެކެވެ. ފަލަސްތީނުގެ ތާރީޚަށް ބަލައި އުނގެނިގަތުމުން އެނގިގެންދަނީ މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިޒްރޭލުން ހިންގަމުންދާ އުދުވާންތަކަކީ ފަލަސްތީނުގެ ބިން، އެބިމުގެ އަހުލުވެރިން އަތުން ފޭރިގަތުމަށްޓަކައި ރޭވިގެން ކުރިޔަށްގެންދާ ޙަރަކާތެއް ކަމެވެ.

  1.   މީސްމީޑިޔާ ރަނގަޅު ގޮތުގައި ބޭނުން ކުރުން

މީސްމީޑިޔާއަކީ، ބަވަނަވެފައިވާ މި ދުނިޔޭގެ އެކި ކަންކޮޅުތައް ގުޅުވައިދޭ ވަޞީލަތެކެވެ. އެހެންކަމުން، މި ވަޞީލަތަކީ އެކި ކަންކަމާއި ގުޅޭ އަޑުތައް އެހެންމީހުންނާ ހިސާބަށް ފޯރުކޮށްދީ އެކި ފަރާތްތަކަށް ޕްރެޝަރުކޮށް ޢަމަލީ ފިޔަވަޅު އެޅުމަށްޓަކައި ވަކާލާތުކުރުމަށް ބޭނުންކުރެވެމުންދާ އެންމެ މުހިންމު އެއް ވަޞީލަތެވެ. އަމިއްލައަށް އުނގެނިގަތުމުގެ އިތުރުން މީސްމީޑިޔާގެ ތެރެއިން، އެހެންމީހުންނަށް ފަލަސްތީނާ ބެހޭ މަޢުލޫމާތުތާއި މިހާރު މިހިނގަމުންދާ އުދުވާނީ ޙަމަލާތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަކީ މި ދަނޑިވަޅުގައި ވަރަށްވެސް މުހިންމު ކަމަކަށްވާނެއެވެ. އަދި ފަލަސްތީނު ރައްޔިތުންނާއިއެކު ތިބިކަން އަންގައިދިނުމަށްޓަކައި ކުރެވެމުންދާ ޕޯސްޓުތަކާއި އެކި ޤައުމުތަކުގެ ސަރުކާރާއި ބައިނަލްޢަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން މި މައްސަލައިގައި ޢަމަލީ ފިޔަވަޅު އަޅައި އެބައިމީހުންނަށް ޕްރެޝަރު ކުރުމަށްޓަކައި މީސްމީޑިޔާގެ ތެރެއިން ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުންދީ އެ މަސައްކަތްތަކުގައި ބައިވެރިވުމަކީ ފަލަސްތީނުގެ ޤަޟިއްޔާއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަން ޔަޤީނެވެ. މި ފަދަ މަސައްކަތްތަކުގެ އަސަރުތައް ފެނިގެންދާކަމުގެ އަލިގަދަ ހެއްކަކީ މީސްމީޑިޔާގެ ތެރެއިން ކުރެވޭ މަސައްކަތްތައް ހުއްޓުވުމަށް  އިޒްރޭލު ސަރުކާރުން ކެނޑިނޭޅިކުރަމުންދާ މަސައްކަތްތަކެވެ. ނަމަވެސް، އެބައިމީހުންގެ މި މަސައްކަތަށް ކާމިޔާބީއެއް ނުލިބި ދަނީ ފަލަސްތީނުގެ އަޑު މީސްމީޑިޔާގައި، ހުއްޓުވޭވަރަށްވުރެ ގަދަވެފައިވާތީއެވެ. އެހެންކަމުން، މި އަޑު އިތުރަށް ގަދަކޮށް މީސްމީޑިޔާގެ ތެރޭގައި އެއަޑު ގުގުމާލުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށް އަހަރެމެން އެންމެން ވެސް އިޖާބަދޭންޖެހެއެވެ.

  1.   ފައިސާ ހަދިޔާކުރުން

އިޒްރޭލުން ދެމުންދާ ބޮމުގެ ޙަމަލާތަކުގެ ސަބަބުން މިއަދު، އެތައް ބަޔަކަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. އެތައް އާއިލާއެއްވަނީ ގެދޮރު ނެތިވެ ބިކަވެފައެވެ. އެތަކެއް އަންހެނުންނެއް ހުވަފަތްވެ ދަރިން ޔަތީމުވެފައެވެ. އެތައް ބަޔެއްގެ އަނބިދަރިންވަނީ މިދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. މިފަދަ ޙާލަތްތަކުގައި އެ އާއިލާތަކަށް އެހީތެރިވެ ކާބޯތަކެއްޗާއި އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރާ އެތައް ޖަމްޢިއްޔާއެއް ޤައްޒާގައި ޙަރަކާތްތެރިވަމުން އެބަދެއެވެ. މިގޮތުން، އިސްލާމިކް ރިލީފް ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ދިވެހިރާއްޖޭގައި، އިސްލާމީ އެކި ޤަޢުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރަމުންދާ   އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ޖަމްޢިއްޔާ ފަދަ ޖަމްޢިއްޔާތައް މެދުވެރިކޮށް ފައިސާ ހަދިޔާކުރުމަކީ އެ އާއިލާތަކަށް މި ވަގުތުގައި ދެވިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެއެވެ. އެހެންކަމުން، މިފަދަ ޙަރަކާތްތަކާއި ޖަމްޢިއްޔާތައް ހޯދައި އެފަދަ ޙަރަކާތްތަކަށް އެހީތެރިވެދިނުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ އެހާމެ މުހިންމު ކަމެކެވެ.

  1.   އިޒްރޭލާއި ގުޅުންހުރި ތަކެތި ގަތުން ހުއްޓާލުން

އިޤްތިޞާދީ ފިޔަވަޅު އެޅުމަކީ އެކި މީހުންނާއި ޤައުމުތަކަށް އަދި ޖަމްޢިއްޔާތަކަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި ގެންގުޅޭ އެންމެ ވަރުގަދަ އެއް އުކުޅެވެ. މިއީ ފަރުދީގޮތުން ވެސް ބޭނުން ކުރެވިދާނެ އުކުޅެކެވެ. މިގޮތުން، އިޒްރޭލުގެ ކުންފުނިތަކާއި އިޒްރޭލާއި ގުޅުންހުރި އަދި އިޒްރޭލަށް ސަޕޯޓްކުރާ ކުންފުނިތަކުން ހަދާ ތަކެއްޗާއި ދުރުވުމަކީ އެކުންފުނިތަކަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެކަމެކެވެ. އެފަދަ ކުންފުނިތަކަށް ވަންނަ ފައިސާ މަދުވެ އެކުންފުނިތަކަށް އުނދަގޫތަކާއި ކުރިމަތިވާނެ ކަމެކެވެ. މިދަނޑިވަޅުގައި ކުންފުނިތަކުގެ ޢަމަލުތައް ހުންނަގޮތުން، މިކަހަލަ ކަންކަން ވަރަށް ރަނގަޅަށް އެނގި ހާމަވެގެންދާނެއެވެ. އެހެންކަމުން، މިކަހަލަ ކަންކަމަށް ފާރަވެރިވުމަކީ ވެސް އަހަރެމެނަށް އަދާކުރެވިދާނެ މުހިންމު ފަރުދީ ޒިންމާއެކެވެ.   

  1.   ދުޢާކުރުން

ދުޢާއަކީ މުއުމިނު އަޅާއަށް ލިބިގެންވާ އެންމެ ވަރުގަދަ ހަތިޔާރެވެ. ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ.

“އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާއި ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ހަޒްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަން ރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާ ހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.” 

މި ދަނޑިވަޅަކީ މި ހަތިޔާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންވީ ދަނޑިވަޅެވެ. މިގޮތުން، ބަންގިއަށްފަހު ނަމާދުކުރުމާއި ދޭތެރޭގައްޔާއި ސަޖިދައިގައްޔާއި އަދި ކޮންމެ ނަމާދަކަށްފަހުގައި ކުރާ ޒިކުރުތަކަށްފަހުގައާއި އަދިވެސް ހެޔޮޢަމަލުތަކަށްފަހުގަޔާއި ދުޢާ އިޖާބަ ކުރައްވާ ވަގުތު ތަކުގައި ފަލަސްތީނު ރައްޔިތުންނަށް ނަޞްރާއި އަމާންކަމާއި ރައްކާތެރިކަން ދެއްވުން އެދި ގިނަގިނައިން ދުޢާކުރަމާ ހިންގަވާށެވެ. މި ދަނޑިވަޅުގައި މިފަދަ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ގަދައަޅާ މަސައްކަތްކުރަމާ ހިންގަވާށެވެ.

 

އަހަރެމެންނަކީ ފަލަސްތީނާއި އެތައް މޭލެއް ދުރުގައި ތިބި ބައެއް ނަމަވެސް، ފަލަސްތީނަކީ އަހަރެމެންނާއެކު ވާ ތަނެކެވެ. ފަލަސްތީނު ރައްޔިތުންނަކީ އަހަރެމެންނާއެކު ވާ ބައެކެވެ. އެހެނީ މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި ރަޙުމްކުރުމާއި އަޅައިލުމުގައި އެއް ހަށިގަނޑެއްގެ މިސާލު ފަދަ ކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ފުޅުން އެނގިގެންދެއެވެ. އެ ހަށިގަނޑުގެ އެއް ގުނަވަނަކަށް ވޭން އަޅާކަމުގައި ވާނަމަ އެކަމުގެ ސަބަބުން ހުން އައުމާއި ނުނިދާހުރުން މުޅި ހަށިގަނޑު ތަޙައްމަލު ކުރެއެވެ. މިއަދު އަނިޔާ ލިބެމުން އެދަނީ އަހަރެމެންގެ ހަށިގަނޑުގެ ބަޔަކަށެވެ. އޭގެ ވޭނާއި ކެކުޅުން އަހަރެމެންގެ މުޅި ހަށިގަނޑު ތަހައްމަލު ކުރަން ޖެހޭނެއެވެ. ހިފާފައި އެވަނީ އަޅުގަނޑުމެންގެ އިސްލާމީ ބިންތަކުގެ ތެރެއިން މުހިންމު ބިމެކެވެ. އެއީ އިސްލާމީ އުންމަތުގެ ވަރުގަދަ ނިޝާނެކެވެ. މުސްލިމުންގެ ފުރަތަމަ ޤިބުލަ ހުރި ބިމެވެ. އެތަކެއް ނަބިއްޔުންނަކާއި ރަސޫލުންނެއް އެބިމަކަށް ފޮނުއްވުނު ބަރަކާތްތެރި ބިމެކެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާ މިޢުރާޖުގެ ދަތުރުފުޅުގެ މަތިވެރި ހަނދާން ތަކާއި ގުޅިފައިވާ ބިމެވެ. ރަސޫލުންނާއި ނަބިއްޔުންނާއި އެކު އިމާމްވެ އެމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަމާދު ކުރެއްވި ތިންވަނައަށް އެންމެ މާތް މިސްކިތް ކަމުގައިވާ އަލްމަސްޖިދުލް އަޤްޞާއާއި އެތަނުގެ ވަށައިގެން ބަރަކާތް ލެއްވިގެންވާ މާތް ބިމެވެ. 

އަހަރެމެން ކިތަންމެ ދުރުގައި ތިބި ނަމަވެސް އަހަރެމެންގެ ހިތް އޮތީ ފަލަސްތީނާއިއެކު އެވެ. ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައެވެ. އެހެންކަމުން، އަހަރެމެންނަށް ފަލަސްތީނަށް އެހީތެރިވެދިނުމަށްޓަކައި ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަމުގެ މަތީގައި ދެމިހުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދެނިވިކަމެއްކަން ޔަޤީނެވެ. މާތްﷲ، އަހަރެމެން އެންމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާ ފަލަސްތީނަށް ނަޞްރާއި ކާމިޔާބީ އަދި އަމާންކަމާއި ރައްކާތެރިކަން މިންވަރު ކުރައްވާނދޭވެ! އާމީން!