ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19، އިތުރަށް ފެތުރުން ހުއްޓުމަށް ހުރިހާ ޤައުމަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބައެއް ޤައުމުތަކުގައި ގެއިން ބޭރަށް ނިކުތުން މަނާކޮށްފައިވާއިރު، އަނެއް ބައި ޤައުމުތަކުގެ ރައްޔިތުން އެމީހުން އަމިއްލައަށް ވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި ކަރަންޓީނު ވެގެން ތިބެއެވެ. މިހެން ތިބޭއިރުގައި ވެސް އެކަކު އަނެކަކާއި މަދުވެގެން ދެ ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް ވެސް ގިނަ މީހުން ސަމާލުކަން ދެއެވެ.

އިނގިރޭސިވިލާތުގެ ކަމާއި ބެހޭ ފަރާތްތަކުން ރައްޔިތުންނަށް އިރުޝާދު ދީފައިވނީ، ގޭގައި އަމިއްލައަށް ކަރަންޓީނުވެފައި ތިބޭއިރު ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ސްކޫލާއި ވަޒީފާ އަދި މިނޫންވެސް ގިނަ މީހުންނާއިއެކު އުޅެން ޖެހޭ ތަންތަނަށް ނުދިޔުމަށާއި، ބަސް ފެރީ ފަދަ ގިނަ މީހުންނާއެކު ދަތުރު ކުރަން ބޭނުންކުރާ އުޅަނދުފަހަރަށް ވެސް ނޭރުމުގެ އިތުރުން ގެއަށް ބޭރުން މެހެމާނުން ވެސް ނުގެނައުމަށެވެ.

ގެއިން ބޭރަށް ނުނިކުމެ އަބަދު ގޭގައި ތިބުމަކީ ވެސް ގިނަ މީހުންނަށް ފަސޭހަކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. މިފަދަ ކަންކަމުން އަރައިގަނެވޭނެ ބައެއް ގޮތްތަށްވެއެވެ. އެގޮތުން މިއަންނަނިވި ނުކުތާތަކުގައި އޭގެތެރެއިން ބައެއް ކަންކަމަށް އަލި އަޅުވާލާނަމެވެ.

1- ނަފްސާނީ ގޮތުން ތައްޔާރުވެ ތިބުން

ގޭގައި ގިނަވަގުތު ތިބެން ޖެހުމުން ނަފްސާނީ ގޮތުން ލިބޭ ނުތަނަވަސްކަން ފިލުވާލެވޭނެ ގޮތްތައް، އަމިއްލައަށް ސިކުނޑިއަށް ވިސްނައި ދިނުން ވަރަށް މުހިންމެވެ. އެގޮތުން ގޭގައި ތިބެނީ ތިމާއާއި އެހެން މީހުންގެ ވެސް ރައްކަލަކަށްކަން ވިސްނައިދީ، ތިމާގެ ސިކުނޑިއަށް ލުއި ފަސޭހަކަންކަން ކުރުން މުހިންމެވެ. މިސާލަކަށް ބުނާނަމަ، ތިމާއަށް އުފަލެއް ލިބޭނެ ކަންކަން ކުރުން ވަރަށް މުހިންމެވެ.

2- ގޭތެރެ ސާފުކުރުން.

މިއީ ވެސް ގޭގައި މިހާރު ހުންނަ ވަގުތު ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ގޭތެރެ ހިރަފުސް ފޮޅާ، ކުނިކަހާ ސާފުތާހިރުކޮށް ބެހެއްޓުމުގެމުގެ މަސައްކަތް ކުރުމުން، ގޭގައި މިހާރު މި ހޭދަކުރާ ވަގުތުގައި ކުރަން ކަމެއް ލިބުމުގެ އިތުރުން، ތިމާ ދިރިއުޅޭ ތަން ސާފު ޠާހިރުކޮށް ހުރުމުން ލިބޭ ހިތްހަމަ ޖެހުން ވެސް އިންތިހާއަށް ބޮޑެވެ.

3- ޓައިމްޓޭބަލެއް ހެދުން

ގިނަ ފަހަރަށް ކުރަން ހުންނަ ކަންކަން ގިނަކަމުން އޭގެ ތެރެއިން ބައެއް ކަންކަން ނުވެވެސް ދޭ، ދެއްތޯއެވެ؟ މިއީ މިކަމަށް ވެސް ގެނެވިދާނެ ޙައްލެކެވެ. ޚާއްސަކޮށް ދަރިން ތިބި ނަމައެވެ. ޓައިމްޓޭބަލެއް ހަދާ، އެކުދިން އަޅުކަމުގައި ހޭދަކުރަންވީ ވަގުތާއި، ކިޔަވަން ހޭދަކުރަންވީ ވަގުތާއި ކެއުމަށާއި ކުޅެން ހޭދަ ކުރަންވީ ވަގުތުތައް ވެސް ކަނޑައަޅާށެވެ. އަދި އެގޮތަށް އެކުދިން ކަންކަން ކުރޭތޯ ބަލާށެވެ. އެއިރުން އެ ކުދިންނާއި އެކު ތިމާވެސް ހުންނާނީ މިކަން ވަކި ޤަވާއިދަކުން ބެލެހެއްޓުމަށް ހޭނިފައެވެ.

4- ކަންތައް ވަމުން އަންނަ ގޮތް ދަރިންނަށް ކިޔައިދިނުން.

ކުއްލިއަކަށް ދިރިއުޅުމަށް މިފަދަ ބޮޑު ބަދަލެއް އައުމުން ކޮންމެ ކުޑަކުއްޖެއްގެ ހިތުގައިވެސް ވަރަށް ގިނަ ސުވާލުތަކެއް އުފެދޭނެއެވެ. އެހެންކަމުން މިއީ ކޮން ކަމެއްކަމާއި ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ދަރިންނަށް ވެސް ކިޔައިދިނުން ވަރަށް މުހިންމެވެ. ނަމަވެސް ދަރިން ބިރުނުގަންނާނެ ގޮތަކަށް އެކުދިންނާ މިކަންކަން ހިއްސާ ކުރަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.

5- އެކަނިވެރިކަމާއި ހަނގުރާމަ ކުރުން

ގޭގައި މިހެން ގިނަ ވަގުތު ބަންދުވެފައި ހުރުމަކީ ފާޑުފާޑުގެ ޙިޔާލުތައް ސިކުނޑިއަށް ގެނުވާނެ ކަމެކެވެ. އޭގެ ތެރެއިން އެއްކަމަކީ ތިމާއަކީ އެކަނިވެރިއެއް ކަމަށް ހީވުމެވެ. މިހެން ވިސްނެން ފެށުމުން އާއިލާގެ މީހުންނާއި އެކުވެގެން ކޮންމެވެސް ކަމެއް ކުރުމުގައި އަވަދިނެތި އުޅޭށެވެ. މީހުންނާއި ފޯނުންވެސް ވާހަކަ ދައްކާށެވެ.

6- ކޮންމެ ދުވަހަކުވެސް ވަކިވަރަކަށް ނަމަވެސް ޤުރްޢާން ކިޔެވުން

މިއީ އެހެން ދުވަސްތަކުގައި ވެސް ކުރަންޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްޢާން ކިޔެވުމުން ސިކުނޑި ތާޒާ ވުމުގެ އިތުރުން އަހަރުމެންނަށް ދީނީ އަޅުކަމެއް ވެސް ކުރެވުނީއެވެ. އެކަމުގެ ސަވާބާއި ދަރުމަ އަހަރުމެންނަށް އާޚިރަތުގައި ވެސް އިން-ޝާ ﷲ ލިބޭނެއެވެ.

7- ޛިކްރު ކުރުމާއި ޞަލަވާތްކިޔުން އިތުރު ކުރުން

މާތް ﷲ އަށް ޛިކްރު ކުރުމާއި އެކަލާނގެ ރަސޫލާ H އަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ކުރުމަކީ ވެސް ނުހަނު ފައިދާހުރި ކަމެކެވެ. ހުރިހާ ވަގުތެއްގައި ވެސް އަހަރެމެން އެންމެ ހަނދުމަ ކުރަންވާނީ އެކަލާނގެއާއި އެކަލާނގެ ރަސޫލާ H މަތިންނެވެ.

8- އިސްލާމްދީނާއި ބެހޭގޮތުން ޢިލްމުވެރިން ދެއްވާފައިވާ ދަރުސްތަކާއި ޢިލްމީ ކުލާސްތައް އޮންލައިންކޮށް އަޑުއަހާ ބެލުން.

ގިނަމީހުން މިދުވަސްކޮޅު މިލިބޭ ހުސްވަގުތުތައް ހޭދަ ކުރަނީ މުނިފޫހިފިލުވަން ފިލްމާއި އެފަދަ ވީޑިއޯތައް ބެލުމުގައެވެ. މީގެ ބަދަލުގައި އިސްލާމްދީނާއި ބެހޭގޮތުން ދީނީ ޢިލްމުވެރިން ދެއްވާފައިވާ ދަރުސްތަކާއި ޢިލަމީ ކްލާސްތައް އޮންލައިންކޮށް އަޑުއަހާ ބެލުމަކީ ހުސްވަގުތަކުގެ ފައިދާ އެންމެ ރަގަޅަށް ހޯދޭނެ އެއްގޮތެވެ.

9. ނަމާދުކޮށް ދުޢާ ކުރުން

އަހަރެމެންނަށް ޝިފާ ދެއްވާނީ، އަދި އެންމެހާ ނިޢުމަތްތަކެއް ދެއްވާނީ ވެސް މާތް ﷲ އެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ވެސް އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ނަމާދު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އެހެންކަމުން މިދުވަސްތަކުގައި ވެސް ނަމާދަށް ފަރުވާތެރިވާށެވެ. އަދި މިފަދަ މުސީބާތުން އަވަހަށް ސަލާމަތް ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތައް ގިނަގިނައިން ދުޢާ ކުރާށެވެ.

10- އިންޓަނެޓާއި ދުރުވުން

ތެދެކެވެ. މިހާރު ހިނގަމުންދާ ކަންތަކާއިމެދު އެންމެ ފަހުގެ މައުލޫމާތުވެސް އެންމެ ފަސޭހައިން ލިބޭނެ އެއް ޒަރީޢާއަކީ އިންޓަނެޓެވެ. ނަމަވެސް މާގިނައިން އިންޓަނެޓް ބޭނުން ކުރުމަކީ ނުވަތަ ސޯޝަލް މީޑިއާ ބޭނުން ކުރުމަކީ ތިމާއަށް ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމެއްކަން ބައެއް ސިއްޙީ މާހިރުނާއި ނަފްސާނީ ދާއިރާގެ ތަޖުރިބާކާރުން ވެސް ބުނެފައިވެއެވެ. ވީމާ، އިންޓަނެޓުގައި ހޭދަކުރާ ވަގުތު މަދުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.

11. ހާސް ނުވުން

މިއީ ވިސްނުން ވަރަށް މުހިންމު ކަމެކެވެ. ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވެސް އަޅާށެވެ. އެކަމަކު ކަންކަމާއިމެދު މާ ބޮޑަށް ހާސް ނުވާށެވެ. އަދި މާޔޫސް ނުވާށެވެ. ކެރިގެން ހިއްވަރާއި އެކު ދިރިއުޅުމާއި ކުރިމަތިލާގެން ކުރިއަށް ދާށެވެ. މީން ކޮންމެ ކަމަކީވެސް ﷲގެ އިމްތިޙާނެވެ. ކޮންމެ ކަމެއްގެ ފަހަތުގައިވެސް ވަރަށް މަތިވެރި ޙިކްމަތްތަކެއް ވާނެކަން ދަންނާށެވެ. ﷲއަށް ވަކީލު ކުރުމާއި އެކު ސަބަބުތަކުގައި ހިފައިގެން ކުރިއަށްދާށެވެ.