ސާފު ހިތަކާއިގެން ރަމަޟާން މަހާއި ބައްދަލުކުރާށެވެ.
މާތް ﷲ ގެ ފަޟުލަވަންތަކަމާއި ދީލަތިވަންތަކަމުން އެއިލާހުގެ އަޅުތަކުންނަށް ދަރުމައާއި ޘަވާބުން ފުރިގެންވާ މައްސަރެއް ކަމުގައި ރަމަޟާން މަސް ލެއްވިއެވެ. އިމާންކަން ތަޒާކޮށްލާ ނަފްސުގައި ތަޤުވާވެރިކަން އަށަގަންނުވާ މަދަރުސާއެއް ކަމުގައި ރަމަޟާން މަސް ލެއްވިއެވެ. އެކަމަށްޓަކައި ރޯދަ ފަރުޟު ކުރެއްވިއެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴾[1]
މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.
ރޯދަ ފަރުޟުކުރެއްވުމުގެ ޙިކްމަތަކީ ތަޤްވާވެރިކަން ލިބިގަތުން ކަމުގައި ވީހިނދު، ނަފްސުގައި ތަޤްވާވެރިކަން އަށަގަންނުވޭނޭ އެންމެހާއި ޢަމަލުތައް ގިނަކުރެވޭތޯ ރަމަޟާންމަހުގައި ގަދަ އަޅާއި މަސައްކަތްކުރަން ޖެހެއެވެ. އަދި ހަމަ އެހެންމެ އެ ޢަމަލުތަކަކީ މާތް ﷲ ގެ ޙަޟްރަތަށް އުފުއްލެވިގެންވާ ޢަމަލުތަކެއް ކަމުގައި ވޭތޯ މަސައްކަތް ކުރަންޖެހެއެވެ. ކިތައްމެ ގިނަ ޢަމަލުތަކެއް ކުރިކަމުގައި ވީނަމަވެސް މާތް ﷲ ގެ ޙަޟްރަތަށް އުފުއްލިގެން ނުދާނަމަ އެކަމުން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ.
އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑު އެހީމެވެ:
( إِنَّ أَعْمَالَ بَنِي آدَمَ تُعْرَضُ كُلَّ خَمِيسٍ لَيْلَةَ الْجُمُعَةِ فَلَا يُقْبَلُ عَمَلُ قَاطِعِ رَحِمٍ ) [2].
މާނައީ: ހަމަކަށަވަރުން އާދަމުގެ ދަރިޔާގެ ޢަމަލުތައް ކޮންމެ ބުރާސްފަތި، ހުކުރުވިލޭރޭ އެއްގައި އުފުއްލެވެއެވެ. ރަޙިމުގެ ގުޅުން ކަނޑާ މީހާގެ ޢަމަލުތައް ޤަބޫލުވެވިގެން ނުވެއެވެ.
އަދިވެސް އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
تُعْرَضُ الأعْمالُ في كُلِّ يَومِ خَمِيسٍ واثْنَيْنِ، فَيَغْفِرُ اللَّهُ عزَّ وجلَّ في ذلكَ اليَومِ، لِكُلِّ امْرِئٍ لا يُشْرِكُ باللَّهِ شيئًا، إلَّا امْرَءًا كانَتْ بيْنَهُ وبيْنَ أخِيهِ شَحْناءُ، فيُقالُ: ارْكُوا هَذَيْنِ حتَّى يَصْطَلِحا، ارْكُوا هَذَيْنِ حتَّى يَصْطَلِحا.[3]
މާނައީ: ކޮންމެ ބުރާސްފަތި އަދި ހޯމަ ދުވަހެއްގައި ޢަމަލުތައް އުފުއްލެވެއެވެ. އަދި އެދުވަހުގައި މާތް ﷲ އަށް ޝަރީކު ނުކުރާ ކޮންމެ މީހެއްގެ ފާފަ ފުއްސަވާދެއްވާނެތެވެ. ތިމާގެ މުސްލިމް އަޚާއާއި މެދު ހިތުގައި ޢަދާވާތްތެރިކަން އޮތް މީހަކު ފިޔަވައެވެ. އަދި ބުނެވޭނެތެވެ، ޞުލްޙަ ވެއްޖައުމަށް ދާނދެން އެދެމީހުން ދޫކޮށްލާށެވެ، ޞުލްޙަ ވެއްޖައުމަށް ދާނދެން އެދެމީހުން ދޫކޮށްލާށެވެ.
އިސްވެދިޔަ ދެ ހަދީޘުން އެނގޭ ގޮތުގައި ރަޙިމުގެ ގުޅުން ކެނޑުމާއި ތިމާގެ މުސްލިމް އަޚުންނާއި އުޚްތުންނާއި މެދު ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އޮތުމީ ޢަމަލުތައް ޤަބޫލުނުކުރައްވާނޭ ކަމެކެވެ. އަދިވެސް ރަޙިމުގެ ޤުޅުން ކެނޑުމީ މާތް ﷲ ގެ ރަޙްމަތުން އެމީހަކު ދުރުކުރެއްވޭ ސަބަބެކެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ، أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ﴾ [4]
މާނައީ: ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟ އެއުރެންނީ، އެއުރެންނަށް اللَّه ލަޢުނަތްލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ.
މާތް ﷲ ގެ ލަޢުނަތް ލިބުމަކީ އެއިލާހުގެ ރަޙްމަތުން ބޭރުކުރެއްވުމެވެ . ވީމާއި، ފާފަ ފުއްސެވުމާއި ރަޙްމަތުގެ މައްސަރާއި ބައްދަލުކުރާއި ހިނދު ރަޙިމުގެ ގުޅުން ކެނޑުމާއި އަދިވެސް ތިމާގެ މުސްލިމް އަޚާއާއި މެދު ޢަދާވާތްތެރިވުމުގެ ސަބަބުން މާތް ﷲ ގެ ރަޙްމަތުން ބޭރުކުރެއްވިގެންވާ އަދި ޢަމަލުތައް ޤަބޫލުވެވިގެންނުވާ މީހަކު ކަމުގައި ނުވާށެވެ.
ތިބާގެ ގާތްތިމާގެ މީހުންނަށް ނުވަތަ އަޚުންނާއި އުޚްތުންނަށް މާޢާފުކުރުމަށް ފަސްޖެހެނީ ކޮންކަމަކާ ހެއްޔެވެ؟ ތިބާ އާއި އެމީހަކާއި ދެމެދުގައި ކޮންކަމެއް ހިނގާފައި އޮވެގެން ހެއްޔެވެ؟ އެފަދަ އުނދަގޫ ހާލަތެއްގައި ތިބާ ވާނަމަ މި ހާދިޘާ އިން ހިތްވަރާއި ޢިބުރަތް ލިބިގަންނާށެވެ.
ރަސޫލުﷲ صلى الله عليه وسلم ގެ އަނބިކަބަލުން އުއްމުލް މުޢުމިނީން ޢާއިޝާ رضي الله عنها ގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި މަދީނާގެ މުނާފިޤުން ފެތުރި ދޮގު ވާހަކަ މީސްތަކުންގެ ތެރޭގައި އުފުލުމުގައި މިސްޠަޙް رضي الله عنه ކިޔާ ބޭކަލަކުވިއެވެ. އަދި ޢާއިޝާ رضي الله عنها އެކަމުން ބަރީޢަތްވެ ވަޑައިގެންވާކަން ބަޔާންކުރައްވާ މާތް ﷲ ވަޙީ ބާވާލެއްވުމުން މިސްޠަޙް رضي الله عنه ތައުބާވެވަޑައިގަތެވެ. އަދި ޤަޛްފުގެ ޙައްދުވެސް ޤާއިމުކުރެވުނެވެ. މިސްޠަޙް رضي الله عنه އަކީ އަބޫބަކުރު رضي الله عنه ގެ މައިފުށު ބޮޑުދައިތަގެ ދަރިކަލެކެވެ. މިސްކީނު ބޭފުޅެކެވެ. މިސްޠަޙް رضي الله عنه އަށް ހޭދަކުރައްވަމުން ގެންދެވީ އަބޫބަކުރު رضي الله عنه އެވެ. ނަމަވެސް މިފަދައިން މިސްޠަޙް رضي الله عنه ކަންތައްކުރެއްވުމުން އެކަމާއި ދެރަފުޅުވެ ވިދާޅުވިއެވެ: މާތް ﷲ ގަންދީ ހުވާކޮށް ބުނަމެވެ، ދެން ތިމަން މިސްޠަޙް އަށް ހޭދަ ނުކުރާ ހުށީމެވެ. އެހިނދު މާތް ﷲ އަންނަނިވި އާޔާތް ބާވާލެއްވިއެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿ وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ﴾[5]
މާނައީ: ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، اللَّه ގެ މަގުގައި ހިޖުރަ ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
މި އާޔަތް ބާވާލެއްވުމުން އަބޫބަކުރު رضي الله عنه ވިދާޅުވިއެވެ. އާނެކެވެ އިބައިލާހު ފާފަ ފުއްސެވުން ލިބިގަތުމަށް ތިމަން ލޯބިކުރަމެވެ. އެއަށްފަހު މިސްޠަޙް رضي الله عنه އަށް މާޢަފުކުރައްވާ އިހު ހޭދަކުރެއްވި ފަދައިން ހޭދަކުރައްވަން ފެއްޓެވިއެވެ.
ރަސޫލު ﷲ صلى الله عليه وسلم އާއި އެކަލޭގެފާނުގެ މާތް ޞަހާބީން ދެއްކެވި ރިވެތި ނަމޫނާއިން ނަމޫނާ ލިބިގަނެ މާޢާފު ކުރުމުގައި އަވަސްވެގަންނަ ބަޔަކު ކަމުގައި އަޅުގަނޑުމެން ވުމަށް މަސައްކަތް ކުރައްވާށެވެ. ރަޙިމުގެ ގުޅުމާއި އުޚުއްވަތްތެރިކަމުގެ ގުޅުން ގާއިމުކޮށް ދަމަހައްޓާށެވެ. އަދި ގާތްތިމާގެ މީހުންނާއި ތިބާގެ އަޚުންނާއި އުޚްތުންނަށް މާޢާފުކޮށް މާޢާފު ލިބިގަންނާށެވެ.ސާފުހިތަކައިގެން ރަމަޟާން މަހާއި ބައްދަލުކުރުމުގެ ޢަޒުމް ކަނޑަ އަޅުއްވާށެވެ.
[1] سورة البقرة (183)
[2] رواه أحمد في ” مسنده ” (16 / 191) وحسنه المحققون.
[3] : صحيح مسلم 2565
[4] سورة محمد:22-23
[5] سورة النور 22