الحمد لله رب العالمين والعاقبة للمتقين والصلاة والسلام على رسول الله محمد وعلى آله و أصحابه أجمعين أما بعد،

ރޭދުވާ ތަކުރާރުވަމުންދަނީ ހަލުވިކަމާއެކެވެ. ދުވަސްތަކާއި މަސްތައް ފާއިތުވެގެންދަނީ ނުހަނު ހަލުވިކަމާއެކުއެވެ. ދައުރުވާ ކޮންމެ ދުވަހަކީ އިންސާނާގެ ހަޔާތުން ފާއިތުވާ ދުވަހެކެވެ. އެއީ ޢަމަލުތައް ކުރުމަށް ލިބިގެންވާ ދުވަސްތަކެވެ. އެހެންކަމުން ﷲ تعالى އެއިލާހުގެ ދީލަތިވަންތަކަމުން، ހެޔޮކަމާއި ދަރުމައާއި ޘަވާބު އިތުރުވެގެންވާ ދުވަސްތަކާއި މޫސުންތައް ލައްވާފައިވެއެވެ. އެގޮތުން އަހަރުގެ އެހެން ދުވަސްތަކުގެ މައްޗަށް ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކުރައްވައި އެދުވަސްތަކުގެ ތެރޭގައި ބަރަކާތްތެރިވެގެންވާ ޢަރަފާތް ދުވަސް ލައްވާފައިވެއެވެ. ޢަރަފާތް ދުވަހުގެ މާތްކަމުގެ ތެރޭގައި އަންނަނިވި ކަންތައްތައް ޝާމިލުވެގެންވެއެވެ.

 

 

  • ޢަރަފާތް ދުވަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ދުވަސްތަކުން ދުވަހެކެވެ:

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ : ﴿ إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ﴾[1]

މާނައީ: ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދީ، اللَّه ގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ

 

ހުރުމަތްތެރިވެގެންވާ މަސްތަކަކީ : ޛުލް ޤައިދާ، ޛުލް ޙިއްޖާ، މުޙައްރަމް، އަދި ރަޖަބެވެ.

 

  • ޢަރަފާތް ދުވަހަކީ ޙައްޖުގެ މައްސަރުތަކުގެ ދުވަސްތަކުން ދުވަހެކެވެ

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ : ﴿الْحَجُّ أَشْهُرٌ مَعْلُومَاتٌ﴾[2]

މާނައީ: ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ.

 

ޙައްޖުގެ މައްސަރުތަކަކީ: ޝައްވާލް، ޛުލް ޤައިދާ އަދި ޛުލް ޙިއްޖާއެވެ.

 

  • ޢަރަފާތް ދުވަހަކީ ކީރިތި ޤުރުއާނުގައި މާތް ﷲ ޘަނާގެ ބަސްފުޅު ވަހީ ކުރައްވާފައިވާ (الأيام المعلومات) ބަޔާންވެ ކަނޑައެޅިގެންވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.

 

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ : ﴿لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ﴾[3]

މާނައީ: އެއީ އެއުރެންނަށްހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ.

 

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ: މި އާޔާތުގައިވާ (الأيام المعلومات) ގެ މުރާދަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހެވެ.

 

  • ޢަރަފާތް ދުވަހަކީ، އެދުވަސްތައް މާތް ކުރައްވުމުގެ ގޮތުން، އެދުވަސްތައް ގަންދެއްވާ ހުވާ ވަޙީކުރައްވާފައިވާ ދިހަ ދުވަހުގެ ތެރެއިން ދުވަހެކެވެ.

 

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: ﴿وَلَيَالٍ عَشْرٍ ﴾[4]

މާނައީ: އަދި ދިހަ ރޭ ގަންދެއްވަމެވެ.

 

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ: މި އާޔަތުގައިވާ ދިހަދުވަހަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.

 

  • ޢަރަފާތް ދުވަހަކީ، އަހަރުގެ އެހެން ދުވަސްތަކަށް ވުރެ، އެ ދިހަދުވަހުގައި ކުރާ ހެޔޮކަންތަކުގެ ޘަވާބާއި ދަރުމަ އިތުރުވެގެންދާނޭ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.

 

ރަސޫލުﷲ  صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ: (مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ. يَعْنِى أَيَّامَ الْعَشْرِ. قَالُوا يَا رَسُولَ اللَّهِ وَلاَ الْجِهَادُ فِى سَبِيلِ اللَّهِ قَالَ وَلاَ الْجِهَادُ فِى سَبِيلِ اللَّهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ.) [5]

މާނައީ: “އެދުވަސްތަކެއްގައި ކުރާ ހެޔޮޢަމަލުތައް ﷲގެ ޙަޟްރަތުގައި  އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ކަމުގައި ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް މެނުވީ ނުވެއެވެ. ޞަޙާބީން ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އެހެނަމަވެސް އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައަންނަ މީހާ މެނުވީއެވެ.

 

  • ޢަރަފާތް ދުވަހަކީ، މާތް ﷲ އިސްލާމް ދީން ފުރިހަމަ ކޮށްދެއްވި ދުވަހެވެ. އަދި އެއިލާހުގެ ނިޢުމަތް ފުރިހަމަކޮށް ދެއްވި ދުވަހެވެ.

 

ޢުމަރު ބުން ޚައްޠާބު رضي الله عنه ވިދާޅުވިއެވެ -: ޔަހޫދީންގެ މީހަކު އައިސް ތިމަންގާތު ދެންނެވިއެވެ: އެ އަމީރުލް މުޢުމިނީން އެވެ. ތިޔަބައިމީހުންގެ ފޮތުގައި ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއްވެއެވެ. އެ އާޔަތް އަހުރެމެން ޔަހޫދީންނަށް ބާވައިލެއްވުނުނަމަ އެދުވަސް ޢީދެއްގެ ގޮތުގައި ކަނޑައެޅީމުހެވެ. ތިމަން އެހީމެވެ. އެއީ ކޮން އާޔަތެއް ހެއްޔެވެ. އޭނާ ދެންނެވިއެވެ ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾[6] މާނައީ: މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތި ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.

 

ތިމަން ބުނީމެވެ އެ އާޔަތް ބާވަލެއްވުނު ދުވަސް ތިމަންމެންނަށް އެނގެއެވެ، އެ އާޔަތް ބާވަލެއްވުނީ ހުކުރުވީ ޢަރަފާތް ދުވަހެއްގައި ޢަރަފާތު ބިމުގައި އެކަލޭގެފާނު ހުންނަވަނިކޮށެވެ.

 

  • ޢަރަފާތް ދުވަހަކީ، އެދުވަސްތަކެއްގައި ރަސޫލުﷲ صلى الله عليه وسلم ރޯދަ ހިއްޕެވުމަށް އަވަސްވެވަޑައިގަތް ޙައްޖުމުހަގެ ފުރަތަމަ ނުވަދުވަހުގެ ތެރެއިން ދުވަހެކެވެ.

(كان النبي صلى الله عليه وسلم يصوم تسع ذي الحجة ويوم عاشوراء وثلاثة أيام من كل شهر : أول اثنين من الشهر وخميسين)[7]

މާނާއީ: ނަބިއްޔާ صلى الله عليه وسلم، ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހާއި، ޢާޝޫރާދުވަހާއި، ކޮންމެ ހަނދުމަހެއްގައި ތިންދުވަހާއި އަދި މަހުގެ ފުރަތަމަ ދެ ހޯމައާއި ދެ ބުރާސްފަތީގައި ރޯދަހިއްޕަވައެވެ.

 

އަދި ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިޔަށް އަހަރުގެ ފާފަތައް ފުއްސަވާނޭކަމެކެވެ.

 

ރަސޫލުﷲ  صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ: (صَومُ يومِ عَرَفةَ يُكفِّرُ سَنتَينِ؛ ماضيةً ومُستقبَلةً،… )[8]

މާނައީ: ޢަރަފާތް ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ.

 

ނޯޓް: ޢަރަފާތްދުވަހު ރޯދަހިފުން ސުންނަތްވެގެންވަނީ ޙައްޖުވެރިން ފިޔަވައި އެހެންމީހުންނަށެވެ، އެހެނީ ޢަރަފާތްދުވަހަކީ ޙައްޖުވެރިންނަށް ޢީދެކެވެ.

 

  • ޢަރަފާތް ދުވަހަކީ، ޢަރަފާތު ބިމުގައި ތިބޭ ޙައްޖުވެރިންނަށް ޢީދުދުވަހެކެވެ.

 

ރަސޫލުﷲ  صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ:( إنَّ يومَ عرفةَ ويومَ النَّحرِ وأيَّامَ التَّشريقِ عيدُنا أَهْلَ الإسلامِ ، وَهيَ أيَّامُ أَكْلٍ وشربٍ )[9]

މާނައީ: ޢަރަފާތް ދުވަހާއި ނަޙްރުގެ (ޢީދު) ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ތިމަންމެން އިސްލާމުންނަށްވާ ޢީދެވެ. އެއީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ.

 

  • ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އަކީ އެންމެ ހެޔޮވެގެންވާ ދުޢާއެވެ.

 

ރަސޫލުﷲ  صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ: ( خيرُ الدعاءِ دعاءُ يومِ عرفةَ وخيرُ ما قلتُ أنا والنبيونَ مِن قبلي لا إلهَ إلا اللهُ وحدَه لا شريكَ له له الملكُ وله الحمدُ وهو على كلِّ شيءٍ قديرٌ)[10]

މާނައީ: އެންމެ ހެޔޮވެގެންވާ ދުޢާ އަކީ ޢަރަފާތްދުވަހުގެ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުން ކުރެއްވި އެންމެ ހެޔޮދުޢާ އަކީ لا إلهَ إلا اللهُ وحدَه لا شريكَ له له الملكُ وله الحمدُ وهو على كلِّ شيءٍ قديرٌ އެވެ.

  • ޢަރަފާތް ދުވަހަކީ އެދުވަހެއްގައި އެންމެގިނަ މީހުން ނަރަކައިން މުއްތިކުރެއްވޭ ދުވަހެވެ.

 

ރަސޫލުﷲ  صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ: ما مِن يَومٍ أَكْثَرَ مِن أَنْ يُعْتِقَ اللَّهُ فيه عَبْدًا مِنَ النَّارِ، مِن يَومِ عَرَفَةَ،[11]

މާނައީ: ޢަރަފާތް ދުވަހަށްވުރެ ގިނައިން، މާތް ﷲ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއްނުވެއެވެ.

 

  • ޢަރާފަތުގައި ތިބޭ މީސްތަކުންނާއި މެދު އުޑުތަކުގެ އަހުލުވެރިންގެ މެދުގައި  މާތް ﷲ ފަޚުރުވެރިވެ ވޮޑިގަންނަވާނެއެވެ.

 

ރަސޫލުﷲ  صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ: إنَّ اللهَ يُباهي بأهلِ عرفاتٍ أهلَ السَّماءِ، فيقولُ لهم : انظروا إلى عبادي جاءوني شُعثًا غُبرًا…

މާނައީ: ޢަރަފާތު ބިމުގައި ތިބޭ އަހުލުވެރިންނާއި މެދު ﷲ تعالى އުޑުގެ އަހުލުވެރިންގެ ގާތުގައި ފަޚުރުވެރިވެ ވޮޑިގަންވާނެތެވެ. އެހިނދު ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުން ތިމަން އިލާހުގެ އަޅުތަކުންނަށް ނިކަން ބަލައިބަލާށެވެ! އެބައިމީހުން ތިމަން އިލާހުގެ ޙަޟްރަތަށް އައިސްފައި އެތިބީ ބޯހޭވި، ހިރަފުހުން ތަތްތެޅި، ކާރޫބާރޫ ބޮޑުކަމުގެ ތެރޭގައެވެ.

 

  • ޢަރަފާތް ދުވަހަކީ ޙައްޖުގެ އެންމެ މަތިވެރި ރުކުން ފުރިހަމަވެގެންދާ ދުވަހެވެ.

 

ރަސޫލުﷲ  صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ:  (الحج عرفة) [12]

މާނައީ: ޙައްޖަކީ ޢަރަފާތެވެ. (އެބަހީ : އިރުއޮއްސުމުގެ ކުރިން ޢަރަފާތު ބިމަށް ޙާޟިރުނުވާ މީހާ އަށް ޙައްޖުގެ އަޅުކަން ނުލިބޭނެއެވެ)

 

ވީމާ، މިފަދަ މޫސުންތަކާއި ދުވަސްތަކުގެ ބޭނުން ހެޔޮގުތުގައި ހިފޭތޯ ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. ޢަރަފާތް ދުވަހުގައި ހެޔޮޢަމަލުތައް ގިނަކޮށް އެދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށި! އާމީން.

وصلى الله على سيدنا محمد وعلى آله وصحبه وسلم.

[1] [سورة التوبة : 39]

[2] [سورة البقرة : 197]

[3] [سورة الحج:28].

[4] [سورة الفجر:2]

[5] حديث رقم 2123 – من كتاب سنن أبي داوود – كِتَاب الصَّوْمِ

[6] [ سورة المائدة:5]

[7] صححه الألباني في كتابه صحيح أبي داود.

 

[8] أخرجه مسلم (1162)

[9] رواه النسائي وصححه الألباني.

[10] رواه الترمذي ( 3585 ) وحسَّنه الألباني في ” صحيح الترغيب ” ( 1536 )

[11] رواه مسلم ( 1348 )

[12] متفق عليه.