އެންމެ ފުރަތަމަ އެކަމަނާ ހުންނެވީ ބިރުފުޅުންނެވެ. އެކަމަނާ އެތަނަށް ދޫކުރައްވާ ފިރިކަލުން އެނބުރިވަޑައިގަންނަވަން ފެއްޓެވުމުން، ފިރިކަލުންނަށް އެކަމަނާ ސުވާލުކުރެއްވިއެވެ. ތިމަންމެން މިތަނުގައި މަރުވުމަށް ދޫކުރައްވާފައި ވަޑައިގަންނަވަނީތޯއެވެ؟ ނަމަވެސް ޖަވާބެއް ލިބިވަޑައިނުގަތުމުން ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކުރެއްވިއެވެ. ދެންވެސް ޖަވާބެއް ލިބިވަޑައިނުގަތުމުން ތިންވަނަ ފަހަރަށް ސުވާލުކުރެއްވިއެވެ. ‘ކަލޭގެފާނުގެ ވެރި އިލާހު ތިމަންމެން މިތަނަށް ދޫކޮށް ވަޑައިގަތުމަށް އަމުރު ކުރެއްވީ ތޯއެވެ؟’

އިބްރާހީމް އަލައިހިއްސަލާމް ޖަވާބުދެއްވާ ވިދާޅުވިއެވެ: ‘އާއެކެވެ.’

ހާޖަރުގެފާނުގެ ހިތްޕުޅަށް ވެރިވެފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން ފިލައިގެން ދިޔައީ އެހިސާބުންނެވެ. އެކަމަނާގެ ތުއްޕުޅު ދަރިކަލުންނާ އެކު ފެންފޮދެއް ލިބޭނެ ގޮތެއްނެތް ހަނަފަސް ސަހަރާއެއްގެ މެދުގައި ހުންނެވިކަމުގައި ވީނަމަވެސް، މާތް ﷲ އެކަމަނާ ދޫކޮށްނުލައްވާނެކަން އެކަމަނާ ޔަޤީންކުރެއްވިއެވެ. އެކަމަނާގެ އީމާންތެރިކަން ވަރުގަދައެވެ. އަދި އެކަމަނާގެ ސާބިތުކަމަށް ބަދަލެއް ނާދެއެވެ.

އިބްރާހީމް އަލައިހިއްސަލާމް ،އެކަމަނާ އެތަނަށް ދޫކުރައްވާފައި ވަޑައިގެންނެވިތާ ކުޑަ ހިނދުކޮޅެއް ފަހުން ދަރިކަލުން އިސްމާޢީލް  އަލައިހިއްސަލާމް  ފެންފޮދަކަށް ބޭނުންވެފައިވާ ޙާލު ކީރިތިކުރައްވަން ފެއްޓެވިއެވެ. ހާޖަރުގެފާނު މާތް ﷲ އަށް ފުރިހަމައަށް ވަކީލު (އިތުބާރާއި ބަރޯސާ) ކުރެއްވިކަމުގައި ވީނަމަވެސް، ފެންފޮދެއް ލިބޭނެ ގޮތެއް ނުހޯއްދަވައި އުޑުން ވާރޭ ވެއްސަވަންދެން މަޑުނުކުރައްވައެވެ.

މާތް ﷲ އަށް ވެލައްވާ ބަރޯސާއިން އެކަމަނާގެ ހިތްޕުޅު ފުރިފައި ވީނަމަވެސް އެކަމަނާއަށް  އެވަގުތު ލިބިވަޑައިގެންނެވި ހުރިހާ އެއްޗެއް ބޭނުންކުރައްވާ  އެކަމަނާގެ ހަށިކޮޅުން މަސައްކަތްކުރެއްވިއެވެ. އެގޮތުން ފެންފޮދެއް ލިބޭނެ ގޮތެއް ފެނޭތޯ އެކަމަނާ ޞަފާ ފަރުބަދަ އާއި މަރުވާ ފަރުބަދަ އާއި ދެމެދު ދުވެވަޑައިގެންނެވިއެވެ. އެކަމަނާ އެތައް ފަހަރަކު ފަރުބަދައިގެ އެންމެ މައްޗަށް އަރާވަޑައިގެންފައި ފެނުގެ ނިޝާނެއް ފެނިވަޑައިނުގަތުމުން ފައިބައިވަޑައިގަންނަވައެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު ، އެކަމަނާ މާތް ﷲ ގެ ޙަޟްރަތުން އުއްމީދު ކަނޑައިނުލައްވައެވެ. އެކަމަނާގެ އަޒުމަށް ބަދަލެއް ނާދެއެވެ. އަދި އެގޮތުގައި މަސައްކަތްކުރެއްވިއެވެ. އަދި އެކަމަނާ އިންތިޙާއަށް ގައަޅައި ކުރެއްވި މަސައްކަތް،  އަޅުކަމެއްގެ ގޮތުގައި ޝަރުޢު ކުރައްވާ އަދި އެ އަޅުކަމަށް “ސަޢުޔު” ގެ ނަމުން ނަންދެވުނެވެ. މިނަމުގެ މާނައީ ގަދައަޅައި މަސައްކަތް ކުރުމެވެ.

މާތް ﷲ އަށް ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުން ދޫކޮށްލައި ކަމެއް ޙާސިލުކުރުމަށް މަސައްކަތް ނުކޮށް މާތް ﷲ ގޮތެއް މެދުވެރިކުރައްވަންދެން ހުރުން ކަމުގައި ދެކުމަކީ، ގިނަ މީހުންނަށް ވަރަށް ބޮޑަށް އޮޅިފައިވާ ކަމެކެވެ. ކަމެއް ޙާޞިލުކުރުމަށްޓަކައި އެއްވެސް ކަމެއް ނުކޮށް ހުރުމަކީ އެއްވެސް ޙާލެއްގައި މާތް ﷲ އަށް ވަކީލުކުރުމުގެ މާނައެއް ނޫނެވެ. ހާޖަރުގެފާނުގެ އިސްވެ ދެންނެވުނު ޙާދިސާ އަކީ  މިކަމުގެ އެންމެ ރީތި މިސާލު ތަކުގެ ތެރެއިން މިސާލު ނެގޭ އެއް ޙާދިސާއެވެ.

މާތް ﷲ އަށް ވަކީލުކުރުމަކީ ހަށިގަނޑުގެ ޢަމަލެއް ނޫނެވެ. އެއީ ހިތުގެ ޢަމަލެކެވެ. އެހެންކަމުން ތިބާ ކަމަކަށް ގަދައަޅައި މަސައްކަތް ކުރާއިރު ތިބާގެ ހިތް އޮންނަންވާނީ މާތް ﷲ އަށް ފުރިހަމައަށް އިތުބާރުކޮށް ވަކީލުކުރާ ޙާލުގައެވެ. މީގެ ސަބަބުން ތިބާ އެކަމަކަށްޓަކައި މަސައްކަތްކުރި ކަންތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް އައިކަމުގައި ވީނަމަވެސް، ތިބާގެ ހިތަށް ހަމަޖެހުން ލިބިގެންދާނެއެވެ. އެހެނީ ތިބާ މާތް ﷲ އަށް ފުރިހަމައަށް ވަކީލުކުރުމުގެ ސަބަބުން، އެކަން އެގޮތަށް މެދުވެރި ކުރެއްވުން އެއީ މާތް ﷲ ގެ ފުރިހަމަ ނިންމެވުމެއްކަން ޤަބޫލުކުރެވޭނެތީއެވެ.

އެކަމަކު މި ދަރަޖައަށް ވާޞިލުވުމަށްޓަކައި، ކަމެއް ޙާޞިލުކުރާއިރު އަބަދުވެސް މާތް ﷲ ގެ ޙަޟްރަތުން އުއްމީދު ކުރަންޖެހެއެވެ. އަދި ތިބާގެ ހަޑިގަނޑުން ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. އަދި ތިބާގެ ހިތުގައި މާތް ﷲ އާ މެދު ފުރިހަމަ އަށް ޔަޤީންކަން ބާއްވައި މާތް ﷲ މެދެވެރިކުރައްވާ ގޮތަކީ ތިބާއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލު ކުރެވޭނެ މިންވަރަށް، މާތް ﷲ އަށް ވަކީލުކުރަންޖެހެއެވެ.

 

*މިލިޔުމަކީ ޔާސްމީން މުޖާހިދުގެ ‘Reclaim your heart’ މިފޮތުން ތަރުޖަމާ ކުރެވިފައިވާ ލިޔުމެކެވެ.