ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ކަންތައް ކުރާނެ ގޮތާއި ބެހޭ ގޮތުން ފިޤުހު ޢިލްމުވެރިން ބަހުސް ކުރައްވާ ތަފްސީލު ބަޔާން ކުރައްވާފައި ވެއެވެ.

އެގޮތުން ޢީދު ދުވަސް ހުކުރު ދުވަހަކާއި ދިމާވެ ޢީދު ނަމާދު ޖަމާޢަތުގައި ކޮށްފި މީހާގެމައްޗަށް ހުކުރު ނަމާދު ވާޖިބުވާނެތޯ ކުރެވޭ ބަހުސްގައި ޢިލްމުވެރިންގެ މެދުގައި ރައުޔުތަފާތުވެފައި ވެއެވެ. އެގޮތުން މައިގަނޑު ދެ ރައުޔަކަށް ޢިލްމުވެރިން ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ފުރަތަމަ ރައުޔު:

ޢީދު ނަމާދު ޖަމާޢަތުގައިކުރި ނަމަވެސް އޭނާގެމައްޗަށް ހުކުރު ނަމާދު ވާޖިބުވާނެއެވެ.

މިއީ ޙަނަފީ މަޒުހަބާއި މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބުގެ ރައުޔެވެ. އަދި ޖުމުހޫރު ފިޤުހުވެރިންގެ ރައުޔުވެސް މެއެވެ.

މި ރައުޔަށްވާ ބައެއް ދަލީލުތައް:

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾ الجُمُعة: 9
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”

މިއާޔަތުން ހުކުރު ނަމާދު ވާޖިބުކަން އެނގޭ އިރު ޢީދުދުވަސް އިސްތިސްނާ ކޮށްފައި ނުވެއެވެ.

 

أبو عُبَيدٍ رحمه الله ވިދާޅުވިއެވެ.

(( ثمَّ شهدتُ مع عُثمانَ بنِ عَفَّانَ، فكان ذلك يومَ الجُمُعةِ، فصلَّى قبْل الخُطبةِ، ثم خطَبَ فقال: يا أيُّها الناسُ، إنَّ هذا يومٌ قد اجتمَعَ لكم فيه عِيدانِ؛ فمَن أحبَّ أن يَنتظِرَ الجُمُعةَ مِن أهلِ العوالي فليَنتظرْ، ومَن أحبَّ أنْ يَرجِع فقدْ أَذِنْتُ له ))[1]

“ދެންފަހެ ތިމަންނާ عُثمانَ بنِ عَفَّانَ رَضِيَ اللهُ عَنْهُ އެކު އީދު ނަމާދުގައިވީމެވެ. އެއީ ހުކުރު ދުވަހެކެވެ. ޚުޠުބާގެ ކުރިން ނަމާދު ކުރެއްވިއެވެ. ދެން ޚުޠުބާގައި ވިދާޅުވިއެވެ. އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން މިއަދު ތިޔަބައިމީހުންނަށްޓަކައި ދެ ޢީދު ޖަމާވެއްޖެތެވެ. ބާދިޔާ ސަރަޙައްދުގެ އަހުލުވެރިންގެ ތެރެއިން ހުކުރު ކުރުމަށްޓަކައި މަޑުކުރަން އެދޭނަމަ މަޑުކުރާހުށިކަމެވެ. އަދި އެނބުރިދާން އެދޭ މީހުން ދިޔުމުގެ ހުއްދަ ތިމަންކަލޭގެފާނު ދެމެވެ.

 

ދެވަނަ ރައުޔު:

ޢީދު ނަމާދު ޖަމާޢަތުގައިކުރި މީހާ މައްޗަށް ހުކުރު ނަމާދު ވާޖިބުވެގެން ނުވެއެވެ. އެހެނެއް ކަމަކު އޭނާ މެންދުރު ނަމާދު ކުރަންވާނެއެވެ. އެކަމަކު އިމާމު މީހާގެ މައްޗަށް ހުކުރު ނަމާދު ޤާއިމްކުރުން ވާޖިބު ވެގެން ވެއެވެ.

މިއީ ޙަންބަލީ މަޒުހަބުގެރައުޔެވެ. އިބުނު ތައިމިއްޔާއާއި އިބުނު އުޘެއިމީން އަދި އިބުނު ބާޒް މި ރައުޔު ރާޖިހު ކޮށްފައި ވެއެވެ.

 

މި ރައުޔަށްވާ ބައެއް ދަލީލުތައް:
إِيَاس بْنِ أَبِي رَمْلَةَ الشَّامِيِّ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((شَهِدْتُ مُعَاوِيَةَ بْنَ أَبِي سُفْيَانَ وَهُوَ يَسْأَلُ زَيْدَ بْنَ أَرْقَمَ قَالَ أَشَهِدْتَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدَيْنِ اجْتَمَعَا فِي يَوْمٍ قَالَ نَعَمْ قَالَ فَكَيْفَ صَنَعَ قَالَ صَلَّى الْعِيدَ ثُمَّ رَخَّصَ فِي الْجُمُعَةِ فَقَالَ مَنْ شَاءَ أَنْ يُصَلِّيَ فَلْيُصَلِّ))[2]
މުޢާވިޔާ ބިން އަބީ ސުފްޔާން ޒައިދު ބިން އަރްގަމްގެ ގާތުގައި ސުވާލު ކުރައްވަނިކޮށް އަޑުއެހީމެވެ. “ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި އެއް ދުވަހެއްގައި ދެޢީދު ދިމާވި ހެއްޔެވެ؟” ވިދާޅުވިއެވެ. “އާ އެކެވެ.” މުޢާވިޔާ ސުވާލު ކުރެއްވިއެވެ. “ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަންތައް ކުރެއްވީ ކޮން ގޮތަކަށްތޯއެވެ؟” ޒައިދު ވިދާޅުވިއެވެ. “ޢީދު ނަމާދު ޖަމާޢަތުގައި ކުރެއްވިއެވެ. އަދި ހުކުރު ނަމާދަށް ރުޚްޞަތު ދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާން ބޭނުން ބަޔަކު ޙާޟިރުވާށެވެ.”

أَبو هُرَيْرَةَ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((قَدِ اجْتَمَعَ فِي يَوْمِكُمْ هَذَا عِيدَانِ ، فَمَنْ شَاءَ أَجْزَأَهُ مِنَ الْجُمُعَةِ ، وَإِنَّا مُجَمِّعُونَ))[3]

މިއަދު މިވަނީ ތިޔަބައިމީހުންނަށް ދެޢީދު އައިސްފައެވެ. ބޭނުންވެއްޖެ މީހަކަށް ހުކުރު ނަމާދު ފުދިއްޖެއެވެ. އަހަރުމެން ހުކުރު ނަމާދަށް ޖަމަޢަވާ ހުށީމެވެ.

عبدالله ابْنِ عُمَرَ رَضِيَ اللهُ عَنْهما ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((اجْتَمَعَ عِيدَانِ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَلَّى بِالنَّاسِ ثُمَّ قَالَ مَنْ شَاءَ أَنْ يَأْتِيَ الْجُمُعَةَ فَلْيَأْتِهَا وَمَنْ شَاءَ أَنْ يَتَخَلَّفَ فَلْيَتَخَلَّفْ))[4]

“ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި އެއް ދުވަހެއްގައި ދެޢީދު އައެވެ. އެކަލޭގެފާނު މީސްތަކުންނާއިގެން ނަމާދު ކުރެއްވުމަށްފަހުގައި ޙަދީޘް ކުރެއްވިއެވެ. “ހުކުރު ނަމާދަށް އަންނަން ބޭނުން ބަޔަކު އަންނާށެވެ. ނައިސް މަޑު ކުރަން ބޭނުން މީހަކަށް އެފުރުޞަތުވެސް އެބައޮތެވެ.”

عَطَاءِ بْنِ أَبِي رَبَاحٍ رحمه الله ފަރާތުން ރިވާވެގެން ވެއެވެ

((صَلَّى بِنَا ابْنُ الزُّبَيْرِ فِي يَوْمِ عِيدٍ فِي يَوْمِ جُمُعَةٍ أَوَّلَ النَّهَارِ ثُمَّ رُحْنَا إِلَى الْجُمُعَةِ فَلَمْ يَخْرُجْ إِلَيْنَا فَصَلَّيْنَا وُحْدَانًا وَكَانَ ابْنُ عَبَّاسٍ بِالطَّائِفِ فَلَمَّا قَدِمَ ذَكَرْنَا ذَلِكَ لَهُ فَقَالَ أَصَابَ السُّنَّةَ))[5]

ތިމަންމެންނާއި އެކުގައި އިބްނު ޒުބައިރު ހުކުރު ދުވަހެއްގެ ހެނދުނު ކޮޅުގައި ޢީދު ނަމާދު ކުރެއްވިއެވެ. އެދުވަހު ހުކުރު ނަމާދަށް ދިޔައިރު އިބްނު ޒުބައިރު ނިކުމެވަޑައި ނުގަންނަވައެވެ. އެހެންވެ އަހަރުމެން ހުކުރު ނަމާދު ކުރީ އެކަލޭގެފާނު ނުލަޔެވެ. އެވަގުތުގައި އިބްނު ޢައްބާސް رَضِيَ اللهُ عَنْهما ވަޑައިގެންވީ ޠާއިފްގައެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެންނެވުމުން އެވާހަކަތައް ދެންނެވުމުން ވިދާޅުވިއެވެ. “އިބްނު ޒުބައިރު ކަންތައް ކުރެއްވީ ސުންނަތާ އެއް ގޮތަށެވެ.”

ނިންމުން:

ޢީދު ދުވަސް ހުކުރު ދުވަހަކާއި ދިމާވެ ޢީދު ނަމާދު ޖަމާޢަތުގައި ކޮށްފި މީހާގެމައްޗަށް ހުކުރު ނަމާދުގެ ޙުކުމާއި ގުޅޭގޮތުން ސުވާލުކުރެވުނު ހިނދު الشيخ عبدالعزيز بن باز رحمه الله ވިދާޅުވިއެވެ.[6]

 

“އިމާމު މީހާއަށާއި ޚަޠީބުމީހާއަށް ވާޖިބުވެގެންވަނީ ހުކުރު ނަމާދު ޤާއިމްކުރުމެވެ. މިސްކިތަށް ޙާޟިރުވެ ޙާޟިރީންނާއި އެކު ހުކުރު ކުރުމެވެ.” އަދިވެސް އެފަތަވާގައި ވިދާޅުވެފައި ވެއެވެ. “ޢީދު ނަމާދަށް ޙާޟިރުވެއްޖެ މީހާއަށް ހުކުރު ނަމާދު ދޫކޮށްލުން ހުއްދަވެގެންވެއެވެ. އަދި ގޭގައި ނުވަތަ އެހެން ބަޔަކާއި އެކު މެންދުރު ނަމާދު ކުރާނީއެވެ. ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެ ކުރުން މާތްކަން ބޮޑުވެފައި ފުރިހަމަކަން ބޮޑެވެ. އީދު ނަމާދަށް ޙާޟިރުވީ މީހާ ހުކުރު ނަމާދު ދޫކޮށްލުމަކުން މައްސަލައެއް ނެތެވެ.”

 

އިސްވެ ބަޔާން ކުރެވުނު ތަފްސީލުތަކަށް ފަހު ދެވަނަ ރައުޔުގެ ދަލީލުތަކުގެ އަލިގައި އަންނަނިވި ކަންތައްތައް ފާހަކުރަމެވެ.

1. ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެއްޖެ މީހާ ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުން ލާޒިމެއް ނޫނެވެ. އޭގެ ބަދަލު އެމީހަކު މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ. މީސްތަކުންނާއި އެކު ހުކުރު ނަމާދުގެ ޖަމާޢަތުގައި ވެސް ބައިވެރިވެއްޖެނަމަ އެކަން އައުލާކަން ބޮޑެވެ.

  1. ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވާ މީހުން ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާން ޖެހޭނެއެވެ. އެފަދަ މީހުން އިސްވެ ބަޔާން ކުރެވުނު ރުޚްޞަތުގެ ތެރެޔަށް ނުވަންނާނެއެވެ.
    3. އިމާމް މީހާގެ މައްޗަށް ލާޒިމް ވެގެންވަނީ އެދުވަހުގައި ހުކުރު ނަމާދުގެ ޖަމާޢަތް ގާއިމް ކުރުމެވެ. ޙާޟިރުވާން ބޭނުން މީހަކު ޙާޟިރުވާނީއެވެ. ބޭނުން ނުވާ މީހަކު ޖަމާޢަތް ދޫކޮށްލާނީއެވެ.
    4. ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުމުގެ ސަބަބުން ހުކުރުގެ ޖަމާޢަތް ދޫކޮށްފިމީހާ، މެންދުރު ނަމާދު ކުރަން ޖެހޭނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އެދުވަހުގައި މެންދުރު ނަމާދުވެސް ކުރަން ނުޖެހޭނެ ކަމަށް ބައެއް މީހުން ވާހަކަ ދައްކާ އުޅެއެވެ. ނަމަވެސް އެއީ ރަގަޅު ގޮތެއް ނޫނެވެ. والله أعلم

===================

[1] رواه البخاري

[2] رواه أبو داود (1070)، والنسائي (3/194)، وابن ماجه (1310) جوَّد إسنادَه عليُّ بن المَديني كما في ((الاستذكار)) لابن عبد البرِّ (2/373)، وحسَّن إسنادَه النوويُّ في ((الخلاصة)) (2/816)، وصحَّحه أحمد شاكر في تحقيق ((المحلى)) (5/89)، والألبانيُّ في ((صحيح سنن أبي داود)) (1070). لكن قال ابنُ المنذر: (هذا الحديثُ لا يثبُت، وإياسُ بن أبي رملة- راويه عن زيد- مجهولٌ) نقلًا عن ((التلخيص الحبير)) (2/178)، وقال ابنُ خزيمة: (باب الرخصة لبعض الرعية في التخلف عن الجمعة إذا اجتمع العيد والجمعة في يوم واحد، إن صح الخبر فإني لا أعرف إياس بن أبي رملة بعدالة ولا جرح) ((صحيح ابن خزيمة)) (2/359)

[3] رواه أبو داود (1073) واللفظ له، وابن ماجه بعد حديث (1311) وصحَّحه شعيب الأرناؤوط، والألبانيُّ في ((صحيح سنن أبي داود))

[4]  رواه ابن ماجه وصحَّحه شعيب الأرناؤوط، والألبانيُّ

[5]  رواه أبو داود

[6] https://bit.ly/3k14K6W