މި ލިޔުމަކީ ބިސްމިންކިޔުން ސިލްސިލާގައި ހިމެނޭ 6 ލިޔުމުގެތެރެއިން 3 ވަނަ ލިޔުމެވެ.

ކާން ފެށުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވަނީ بِسْمِ اللَّه އެވެ.

أُمُّ الْمُؤْمِنِيْنَ عَائِشَةرَضِيَ اللهُ عَنْهَا   ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު الله ﷺ ޙަދީޘްކުރެއްވިއެވެ.

(( إِذَا أَكَلَ أَحَدكُمْ طَعَامًا فَلْيَقُلْ بِسْمِ اللَّه , فَإِنْ نَسِيَ فِي أَوَّله فَلْيَقُلْ : بِسْمِ اللَّه فِي أَوَّله وَآخِره)) رواه الترمذي وصححه الشيخ الألباني

މާނައަކީ: “ތިޔަބައިމީހުން ކާން ފެށުމުގެ ކުރިން بِسْمِ اللَّه ކިޔާށެވެ. ކާން ފެށުމުގެ ކުރިން އެފަދައިން ކިޔަން ހަނދާން ނެތިއްޖެނަމަ بِسْمِ اللَّهِ فِيْ أَوَّلِهِ وَآخِرِهِ މިފަދައިން ކިޔާށެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައި ވެއެވެ. “މީހަކު ކާން ފެށުމުގެ ކުރިން بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ މިފަދައިން ކިޔައިފިނަމަ އެގޮތް ފުރިހަމަ ވެގެން ވެއެވެ.” (الْفَتَاوَى الْكُبْرَى 5/480.)

الْمَوْسُوْعَةُ الْفِقْهِيَّةُ (8/92) ގައި އައިސްފައި ވެއެވެ. “ކާން ފެށުމުގެ ކުރިން اللَّه ގެ ނަންފުޅު ގަތުން އެއީ ސުންނަތެއް ކަމުގައި ފިޤުހު ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެކަމުގެ ޞީޣާ އަކީ بِسْمِ اللَّهِ ނުވަތަ بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ އެވެ. އެބަހީ މި ދެގޮތް ވެސް ރަގަޅެވެ.

އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ. ” اللَّه ގެ އިސްމުފުޅު ގަންނާނެ ގޮތް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. އެންމެ މޮޅު ގޮތަކީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ ކިޔުމެވެ. ހަމައެކަނި بِسْمِ اللَّهِ ކީ ނަމަވެސް މައްސަލަ އެއް ނެތެވެ. ސުންނަތް ޙާޞިލް ވެއްޖެއެވެ.” (الْأَذْكَارُ 1/231.)

އައްޝައިޚް އަލްބާނީ رحمه الله ވިދާޅުވިއެވެ. ” ރަސޫލު الله ﷺ ގެ ސުންނަތަށް ވުރެ މާތް މޮޅު އެއްޗެއް ނުވެއެވެ. އަދި އެންމެ ހެޔޮ ނަމޫނާ އަކީ ރަސޫލު الله ﷺ ކަންތައް ކުރެއްވި ގޮތެވެ. ކާންފެށުމުގެ ކުރިން ރަސޫލު الله ﷺ ވިދާޅުވެފައިވަނީ ހަމައެކަނި بِسْمِ اللَّهِ ކަމަށްވާއިރު، އެއަށް ވުރެ އިތުރު ކުރުން އެއީ ހުއްދަ ވެގެންވާ ގޮތެއް ނޫނެވެ. އަދި އިތުރު ކުރުން އެއީ މޮޅު އިތުރު ގޮތް ކަމުގައި ބުނުންވެސް ރަގަޅެއް ނޫނެވެ. (السِلْسِلَةُ الصَّحِيْحَة1/343.)

މައްސަލާގެ އެންމެ ރަގަޅު ގޮތަކީ: ކާން ފެށުމުގެ ކުރިން ހަމައެކަނި بِسْمِ اللَّهِ ކިޔާ ފުއްދާލުމެވެ. ނަމަވެސް މީހަކު بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ ކީ ކަމުގައި ވީނަމަވެސް މައްސަލަ އެއް ނެތެވެ.

 

ކާން ފެށުމުގެ ކުރިން ބިސްމި ކިޔުނުކަމާއި މެދުގައި ޝައްކު ވެއްޖެނަމަ ތަކްރާރު ކޮށް ބިސްމި ކިޔަން ޖެހޭނެތޯ؟

އެއް ފަހަރު ބިސްމި ކިޔުމުން ފުދޭނެއެވެ. ކޮންމެ ފަހަރަކު ކާއެއްޗެތި އަނގަޔަށް ލާއިރު ބިސްމި ކިޔާކަށް ނުޖެހެއެވެ. އެހެނީ އެކަން އެއީ ވަސްވާހަކަށް ވެދާނެތީއެވެ. ވަސްވާހަކީ ޝައިޠާނާގެ ކިބައިން އަންނަ އެއްޗެކެވެ. ފުރަތަމަ އެކަން ފެށެނީ ނިކަން ކުޑަކޮށެވެ. ދެން ފަހުން އެކަން ބޮޑު ކަންތައްގަނޑަކަށް ވެގެންދެއެވެ. ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ޝައްކު އުފެދި އޭގެ މައްޗަށް ގަދަ ނުގަނެވިފައި އުޅެން ޖެހެއެވެ. ނަމަވެސް އިސްލާމްދީން އަންގަވާފައިވަނީ ވަސްވާސްތައް ދޫކޮށްލާ އޭގެ މައްޗަށް ގަދަވެގަތުމަށެވެ. ވީމާ އާދަވެގެން ކާން ފެށުމުގެ ކުރިން ބިސްމި ކިޔާ މީހަކު، އަދި ބޮޑަށް ބުރަވެވެނީވެސް ބިސްމި ކިޔުނު ކަމަށްނަމަ، ދެން ހިތުގައި އުފެދޭ ޝައްކުތަކާއި މެދުގައި ފަރުވާލެއް ނުބަހައްޓާ ކުރިޔަށް ދާނީއެވެ.

އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ. “އެކުގައި ކާން އަރާ ތިބި މީހުންނަށް އިވޭ ވަރަށް ބާރަށް ބިސްމި ކިޔުން އެދެވިގެންވެއެވެ. އޭރުން އެހެންމީހުންވެސް ބިސްމި ކިޔަން ހަނދާންވެއެވެ. އަދި ކެއުމުގެ ކުރިން ބިސްމި ނުކިޔާ މީހުން އެކަން ކުރަން ފެށުމަށް ބާރަކަށްވެއެވެ. ޖަމާޢަތުގައި ކާންތިބި ކޮންމެ މީހަކު ވަކި ވަކިން ބިސްމި ކިޔުން އެދެވިގެން ވެއެވެ. އެންމެންގެ މަތިން އެކަކު ބިސްމި ކިޔުމުންވެސް ފުދޭނެއެވެ. މިއީ ސަލާމަށް ރައްދު ދިނުމާއި ކިނބިހި އެޅޭ މީހާ އަށް ޖަވާބު ދިނުމުގައިވެސް އޮންނަ ގޮތެވެ. އެހެނީ އެކަންތައްތަކުގައިވެސް އެކަކު ކުރުމުން ފުދެއެވެ.” (رَوْضَةُ الطَّالِبِيْن 5/654.) މި ރައުޔަށް އައްޝައިޚް ޢުޘައިމީން رحمه الله ތާއިދު ކުރައްވާފައިވެއެވެ. (ثَمَرَاتُ التَّدْوِيْن ގެ 546 ވަނަ މައްސަލަ.)