ދުޢާކުރުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަމެވެ. އެއީ ހުރިހާ އަޅުކަމެއްގެ މައިގަނޑުވެސްމެއެވެ. ކުރަން ފަސޭހަ ދޫ މައްޗަށް ލުއި މާތްﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ މި އަޅުކަމަކީ މުސްލިމުންގެ ހަތިޔާރެވެ. ކޮންމެ ކަމެއްގައިވެސް ދުޢާއަކީ އޭގެ އެންމެ ފުރިހަ ބޭނުން ހިފުމަށްޓަކައި މާތްﷲ ލައްވާފައިވާ ވަރަށް ބޮޑު ނިޢުމަތެވެ. އެއިލާހާއި ކުއްތަން ކޮއްދޭ އަޅުކަމެކެވެ.
އަޅުކަމާއި ހެޔޮކަމުގެ އެންމެ މައިގަނޑު މޫސުން، ރަމަޟާން މަސް ނިމި އަޅުގަނޑުމެން މިވަނީ މުޅިން އެހެން ދުވަސް ވަރަކާއި ކުރިމަތި ލާފައެވެ. އެޔާއިއެކުވެސް ހަދާންނައްތާ ނުލާންވީ ކަމަކީ މާތްﷲ ދެއްވި އެމަތިވެރި މައްސަރުގެ ހެޔޮކަމާއި ނަފްސުގެ ޠާހިރުކަމުގެ އަސަރު ދާއިމީ ގޮތެއްގައި ތިމާގެ ނަފްސާއި ދިރިއުޅުމުގައި ދެމިގެން ދާނޭ ބީދައަކުން އެކަމުގައި ސާބިތުވުމުގެ މުހިންމު ކަމެވެ. އެގޮތުން ހެޔޮ ރަގަޅު މަގުގައި ސާބިތުވުމަށް އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ އަޅުގަނޑުމެން މުސްލިމުންގެ ހަތިޔާރުގައި ހިފާ އޭގެ އެންމެ ފުރިހަމަ ބޭނުން ހިފަންވީއެވެ. އާދެ ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަންވީއެވެ. އެހެނީ އެއިލާހީ އަޅުތަކުންނާއި ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. އަދި ދުޢާ އިޖާބަ ކުރެއްވުމަށް ލޯބިވެވޮޑިގެންވާ މަތިވެރި އިލާހެވެ. އެކަން ބަޔާންކުރައްވާ އެއިލާހު ވަޙީކުރެއްވިއެވެ.
﴿ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴾البقرة:186
އަދި ތިމަންއިލާހާއި މެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންއިލާހު އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން ތިމަންއިލާހަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަންއިލާހަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
އެހެންކަމުން ހެޔޮކަންމަތީ ސާބިތު ކޮށްދެއްވާތޯ އަޅުގަނޑުމެން އެއިލަށް އާދޭހާއި އެކު ދުޢާކުރަންވީއެވެ. އެހެނީ އަޅުގަނޑުމެންގެ މާތް ނަބިއްޔަ ﷺ އަކީ އިސްވެ ގޮސްފައިވާ ފާފަތަކާއި ކުރިއަށް ކުރެވިދާނެ ފާފަތައްވެސް ފުއްސަވާފައިވާ، އަދި އަޅުކަމުގައި އެފަދަ ދެވަނައެއްނުވާ މަތިވެރި ނަބިއްޔާ ﷺ ކަމުގައި ވީހިނދުވެސް އެކަލޭގެފާނުވެސް ހެޔޮ މަގުގައި ސާބިތުކަން ދެއްވުން އެދި ދުޢާކުރެއްވިއެވެ.
އުއްމުލް މުއުމިނީން އުންމު ސަލަމާ رَضِيَ اللَّهُ عَنْهَا އާ ސުވާލު ދެންނެވުނެވެ. ކަމަނާގެ އަރިހުގައި ހުންނަވާއިރު އެކަލޭގެފާނު އެންމެ ގިނައިން ކުރައްވާ ދުޢާ އަކީ ކޮބާތޯއެވެ؟ ވިދާޅުވިއެވެ. އެކަލޭގެފާނު އެންމެ ގިނައިން ކުރައްވާކަމުގައިވި ދުޢާ އަކީ يا مُقلِّبَ القلوبِ ثبِّت قلبي على دينِكَ އޭ ހިތްތައް ފުރުޅުއްވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީނުގެ މަތީގައި ސާބިތުކޮށްދެއްވާނދޭވެ! ދެން ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! މިދުޢާ ކަލޭގެފަނު ވަރަށް ގިނައިން ކުރައްވަމުއެވެ؟ ހަދީޘްކުރެއްވިއެވެ. އޭ އުންމު ސަލަމާގެފާނެވެ! ﷲގެ އިނގިލިފުޅުތަކުގެ ތެރެއިން ދެ އިނގިލިފުޅު ދެމެދުގައި މެނުވީ އާދަމުގެ ދަރިޔާގެ ހިތް ނުވެއެވެ. އެއިލާހު އެދިވޮޑިގަންނަވާ މީހަކު ސާބިތު ކުރައްވަތެވެ. އަދި އެއިލާހު އެދިވޮޑިގަންނަވާ މީހަކު މަގު ފުރެދިގެން ދޭމެއެވެ. އެހިނދު މުޢާޒުގެފާނު ދުޢާކުރެއްވިއެވެ. رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا އޭ އަޅަމެންގެ ރައްބުވަންތަ އިލާހެވެ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! (رواه الترمذي وصححه الشيخ الألباني)
މިއީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން ހިދާޔަތުގެ ހެޔޮ މަގުގައި ސާބިތުކޮށްދެއްވުމަށް އެދި ﷲގެ ޙަޟުރަތުން ވާޤިއެދިވަޑައިގެންނެވި ގޮތެވެ. އަހެންކަމުން އަޅުގަނޑުމެންނަށް ވެސް އޮތީ ހެޔޮކަންކަމުގެ މަތީގައި ސާބިތުވުމަށްޓައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މާތް ﷲ އަށް ކުއްތަންވެ މިފަދަ ދުޢާތަށް ގިނަގިނައިން ކުރުމެވެ. ޚާއްޞަކޮށް ދުޢާތައް އިޖާބަކުރައްވާ ވަގުތު ތަކުގައި އާއި އަޅުކަންތައް އަދާކުރުމަށްފަހުގައެވެ.
އަޅަމެންނަނީ ހެޔޮކަންކަމަށް ލޯބިކުރާ އަދި ހެޔޮ މަގުގައި ސާބިވާ ބައެއްކަމުގައި ލައްވާށި. އާމީން.