މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މަހަލްދީބް ‘ގިފްޓް އަ ސްމައިލް – ފުޑް ބާސްކެޓް’ މިފަހަރުވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، 2016 އިން ފެށިގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު އެ ފައުންޑޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި އަހަރު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 21ން 23 އަށެވެ.
މަހަލްދީބް ‘ގިފްޓް އަ ސްމައިލް – ފުޑް ބާސްކެޓް’ ގައި އެހީތްރިކަން ބޭނުންވާ އާއިލާތަކަށް އެއް މަސްދުވަހަށް ބޭނުންވާނެ ކާބޯތަކެތި ވަނީ ފޯރު ކޮށްދީފައެވެ. އެގޮތުން ފޯރުކޮށްދިން ތަކެތީގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، ލޮނު، ކިރު، މަސްދަޅު، އަދި ކައްކާ ތެޔޮ ފަދަ ޒަރޫރީ ތަކެތި ހިމެނެއެވެ. މި ތަކެތި ފޯރުކޮށްދީފައި ވަނީ ނިކަމެތިންގެ ގޮތުގައި ރެޖިސްޓަރީ ކޮށްފައިވާ 4 ކެޓަގަރީއެއްގެ އާއިލާތަކަށެވެ. އެއީ އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ހިމެނޭ އާއިލާތަކާއި، ޔަތީމުން ބަލާ އާއިލާތަކާއި އަދި ދަށް އާމްދަނީއެއް ލިބޭ އާއިލާތަކެވެ. މި އާއިލާތަކަކީ ހާލަތު ބަލައި ކަށަވަރު ކުރުމަށްފަހު ޖެންޑަަ މިނިސްޓްރީއިން ވެސް ނިކަމެތިންގެ ގޮތުގައި ކަށަވަރު ކޮށްދީފައިވާ އާއިލާތަކެކެވެ. އެގޮތުން މާލެ، ވިލިމާލެ، ހުޅުމާލެ، އައްޑޫ އަދި ފުވައްމުލަކުން ޖުމްލަ 165 އާއިލާއަކުން 1000 މީހުންނަށް އެއްމަސް ދުވަހަށް ބޭނުންވާނެ ކާބޯތަކެތި ވަނީ ފޯރުކޮށްދީފައެވެ.
ގިފްޓް އަ ސްމައިލް – ފުޑް ބާސްކެޓް ކުރިއަށް ގެންގޮސްފައި ވަނީ އެތައް ފަރާތެއްގެ އެހީތެރިކަމާއިވެސް އެކު އެވެ. އެގޮތުން ކެޗްމީ.އެމްވީ، މަމަކް ރެސްޓޯރެންޓް، ނޫރުލް އިސްލާމް ޖަމިއްޔާ އަދި ގާޑިއަން އެސޯސިއޭޝަންގެ އެހީތެރިކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އާންމު ފަރުދުންގެ ފަރާތުން ވެސް ވަނީ ދީލަތި އެހީތެރިކަން މި ޕްރޮގްރާމަށް ލިބިފައެވެ.

މަހަލްދީބް ގިފްޓް އަ ސްމައިލް – ފުޑް ބާސްކެޓް އެންމެ ފުރަތަމަ ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. އެފަހަރު އެހީތެރި ވެފައި ވަނީ 50 އާއިލާއަށެވެ. އަދި މިހާތަނަށް 340 އާއިލާއަކުން 2000 އަށް ވުރެ ގިނަ ފަރުދުންނަށް 3 ލައްކަ ރުފިޔާއަށް ވުރެ ގިނަ  (ތަކެތީގެ) އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި މި ތަކެތި ބެހުމުގައި ވަރުބަލިކަމެއް ނެތި ހަރަކާތްތެރި ވެފައި ވަނީ ދަރުމައަށް އެދި މަސައްކަތް ކުރާ ހީވާގި ޒުވާނުންގެ ޓީމަކުންނެވެ.
މަހަލްދީބް ފައުންޑޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެހީތެރިކަން ބޭނުންވާ މިފަދަ އާއިލާތަކަށް އެހީތެރިވެދިނުމެވެ. އަދި މީގެ އިތުރުން، މިފަދަ އާއިލާތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ކާކުކަން ނޭންގޭ ގޮތަށް އެހީވެވޭނެ ޕޯޓަލްއެއް އުފެއްދުމަކީވެސް މަހަލްދީބް ފައުންޑޭޝަންގެ އަމާޒެކެވެ.