ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު މެންދުރު ނަމާދު ބަންގިއަށް ފަހު ކުރާ ރަވާތިބު ސުންނަތް ހުކުރު ދުވަހުގެ މެންދުރު ނަމާދަށް ފަހު ކުރުމުގެ ޙުކުމަކީ ކޮބާ؟ އަދި ހުކުރު ނަމާދުގައި ވަނީ ކިތައް ރަވާތިބު ސުންނަތް ވޭތަ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ހުކުރުގެ ޖަމާޢަތަށް ޙާޟިރުވެއްޖެ މީހަކު އެ ދުވަހުގެ މެންދުރު ނަމާދު ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ހުކުރުގެ ޖަމާޢަތުގައި ބައިވެރި ނުވެވިއްޖެ މީހަކު މެންދުރު ނަމާދު ކުރަން ޖެހޭނެވެ. ހުކުރުގެ ކުރިން ސުންނަތް ނަމާދެއް ނުވެއެވެ. ސަބަބަކީ ރަސޫލާ ﷺ ގަނޑުވަރުން ނިކުމެ ވަޑައިގަތުމާއި އެކުގައި މެންބަރަށް އަރައިވަޑައިގަތުމުން ބިލާލުގެފާނު ބަންގި ގޮވާލައްވައެވެ. އަދި ބަންގި ނިމުމުން ޚުޠުބާ ފައްޓަވައެވެ. ވީމާ، މިދެމެދުގައި ސުންނަތް ނަމާދެއް ކުރުމުގެ ވަގުތެއް ފުރުޞަތެއް ނެތެވެ.

ހުކުރުގެ ފަހުން ކުރާނީ ކިތައް ރަކްޢަތްކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަ ހުއްޓެވެ. ސަބަބަކީ ދެކޮޅަށްވެސް ޞައްޙަ ޙަދީޘްތައް ހުރުމެވެ.

ފުރަތަމަ ޤައުލު: ހުކުރު ފަހުން ކުރާނީ ދެރަކްޢަތެވެ. މި ރައުޔުގެ ދަލީލަކީ:

عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ ﷺ ((كَانَ لاَ يُصَلِّى بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ ، فَيُصَلِّى رَكْعَتَيْنِ)) متفق عليه

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ހުކުރުނަމާދުން އަވަދިވެ ވަޑައިގެން ގަނޑުވަރަށް ވަޑައިގެންފައި މެނުވީ ނަމާދެއް ނުކުރައްވައެވެ. އެކަލޭގެފާނު ކުރައްވަނީ ދެރަކްޢަތެވެ.

ދެވަނަ ޤައުލު: ހުކުރު ފަހުން ކުރާނީ ހަތަރު ރަކްޢަތެވެ. މިރައުޔުގެ ދަލީލަކީ:

عن أبي هريرة رضي الله عنه أن رسول الله ﷺ قال : (( إِذَا صَلَّى أَحَدُكُمْ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا ) ) رواه مسلم .މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ހުކުރު ނަމާދުގެ ފަހުން ހަތަރު ރަކްޢަތް ކުރާ ހުށިކަމެވެ.

ތިންވަނަ ޤައުލު: ދެރަކްޢަތް ކުރުމާއި ހަތަރު ރަކްޢަތް ކުރުމާއި ދެމެދު އެމީހަކު ބޭނުން ވަރެއް އިޚްތިޔާރު ކުރުން. ބޭނުން ނަމަ ދެރަކްޢަތް ނުވަތަ ހަތަރު ރަކްޢަތް ކުރުމެވެ.

ހަތަރުވަނަ ޤައުލު: މިސްކިތުގައި ސުންނަތް ކުރާނަމަ ހަތަރު ރަކްޢަތް ކުރުމެވެ. އަދި ގޭގައި ކުރާނަމަ ދެރަކްޢަތް ކުރުމެވެ.

ފަސްވަނަ ޤައުލު: މިސްކިތުގައި ހަތަރު ރަކްޢަތް ކުރުމަށް ފަހު އަދި ގޭގައި ދެރަކްޢަތް ކުރުމެވެ.

ކޮންމެ އަކަސް މިހުރިހާ ޤައުލު ތަކެއް ބިނާވެފައި މިވަނީ މަތީގައި ބަޔާން ކުރެވުނު ދެޙަދީޘްގެ އަލީގައެވެ. ވީމާ، މިތަނުން ކޮންމެ ޤައުލެއްގައި ހިފިނަމަވެސް -އިންޝާ ﷲ- މައްސަލަ އެއް ނެތެވެ. والله أعلم