އަޅުގަނޑުމެން މި ދުނިޔެ މަތީގައި ޙަޔާތް ހޭދަ ކުރަމުން ދާއިރު، އަޅުގަނޑުމެން ދިރިއުޅޭނެ ގެއެއް ބިނާ ކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެތައް ވަގުތެއް ހޭދަ ކޮށްގެން ފައިސާ ހޯދައި އަދި ތިމާގެ އެތައް ވަގުތުތަކެއް ގެ ބިނާ ކުރުމަށް ހޭދަކުރެއެވެ. ބުރަ މަސައްކަތާއެކު ބިނާކުރާ މިގެ ފަނާވެގެން ދިއުމަކީވެސް އެހާމެ ގާތް ކަމެކެވެ. ގުދުރަތީ ހާދިސާއަކުން ނުވަތަ މީސްތަކުން ކުޅަ ޢަމަލެއްގެ ސަބަބުންނެވެ. މި ފަނާކުރަނިވި ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ނެތިދާނެ ތަކެއްޗެވެ. އެބަހީ މި އިންސާނާވެސް ހިމެނޭގޮތަށެވެ. މާތް ﷲ ވަޙީ ކުރައްވަނީ:

﴿  أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ ﴾ سورة النساء:78

މާނަ: އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ.

ކޮންމެއަކަސް އަޅުގަނޑުމެން މާތްﷲ ގެ އަޅުތަކުންގެ ގޮތުގައި ތިބެ މި ދުނިޔެ ދޫކުރާއިރު ސުވަރުގެ ވަންތަވެރިންގެ ގޮތުގައި މަރުގެންނެވުމަކީ ކޮންމެ އިންސާނެއްގެވެސް އެދުމެވެ. މިގޮތުން ސުވަރުގެ ވަންތަވެރިއްގެ ގޮތުގައި މަރުވެގެން ދާއިރު އެތަނުން ޙާޞިލް ކުރެވޭނެ ވަރަށް މުހިއްމު ކަމެއް ފަސޭހަކަމާއިއެކު ޙާޞިލް ކުރެވިދާނެއެވެ. އާދެ ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރެވެގެން ދިއުމަކީ އުޚުރަވީ ހަޔާތުގައި ސުވަރުގެއިން ލިބިގެން ދާނެ ވަރަށް ބޮޑު ނިޢުމަތެކެވެ. މި ބޮޑު ނިޢުމަތް ޙާޞިލް ކުރެވޭނެ ދޮރު، އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺ ވަނީ ހުޅުއްވަވައި ދެއްވާފައެވެ. މިގޮތުން މިކަމާ ގުޅޭ ބައެއް ޙަދީޘްތައް މިތާނގައި ނަންގަނެލާނަމެވެ.

1.މާތް ﷲއަށްޓަކައި މިސްކިތެއް ބިނާކުރުން.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ بَنَى لله مَسْجِدًا بَنَى اللهُ لَهُ بَيْتًا فِي الْجَنَّةِ))[1]

މާނައީ: ﷲ އަށް ޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. (( مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ ، أوْ أَصْغَرَ ، بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ ))[2]

މާނައީ: ދޫނި ބިސްއަޅަން ވަންނަ ހާލީގެ މިންވަރަށް ނަމަވެސް ﷲއަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.

2.ސޫރަތުލް އިޚްލާޞް ކިޔެވުން.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. (( مَنْ قَرَأَ [قُلْ هُوَ اللهُ أَحَدٌ ] عَشَرَ مَرَّاتٍ بَنَى اللهُ لَهُ بَيْتًا فِي الجْنَّةِ ))[3]

މާނައީ: ދުވާލަކު ދިހަ ފަހަރު [قُلْ هُوَ اللهُ أَحَدٌ ] ކިޔަވައިފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ قَرَأَ [قُلْ هُوَ اللهُ أَحَدٌ ] حَتَّى يَخْتِمَهَا عَشَرَ مَرَّاتٍ بَنَى اللهُ لَهُ قَصْرًا فِيْ الْجنَّةِ وَمَنْ قَرَأَهَا عِشْرِيْنَ مَرَّةً بَنَي لَهُ قَصْرَانِ وَمَنْ قَرَأَهَا ثَلَاثِيْنَ مرَّةً بُنِيَ لَهُ ثَلَاثٌ)) [4]

މާނައީ: ދުވާލަކު ދިހަ ފަހަރު [قُلْ هُوَ اللهُ أَحَدٌ ] ނިމެންދެން ކިޔަވައިފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ. ވިހި ފަހަރު ކިޔަވައިފި މީހަކަށް ސުވަރުގޭގައި ދެ ގަނޑުވަރު ބިނާކޮށްދެއްވާނެތެވެ. ތިރީސް ފަހަރު ކިޔަވައިފި މީހަކަށް ސުވަރުގޭގައި ތިން ގަނޑުވަރު ބިނާކޮށްދެއްވާނެތެވެ.

3.ދަރިފުޅަށް މުޞީބާތެއް ދިމާވާހިނދު މާތް ﷲއަށް ޙަމްދުކޮށް ފާފަފުއްސެވުމަށް އެދުން.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. (( إِذَا مَاتَ وَلَدُ الْعَبْدِ قَالَ اللهُ تَعَالَى لِمَلَائِكَتِهِ: قَبَضْتُمْ وَلَدَ عَبْدِيْ؟ فَيَقُوْلُوْنَ: نَعَمْ، فَيَقُوْلُ :قَبَضْتُمْ ثَمَرَةَ فُؤَادِهِ؟ فَيَقُوْلُوْنَ نَعَمَ، فَيَقُوْلُ: مَاذَا قَالَ عَبْدِيْ؟ فَيَقُوْلُوْنَ: حَمِدَكَ وَاسْتَرْجَعَ، فَيَقُوْلُ اللهُ تَعَالَى: اِبْنُوْا لِعَبْدِيْ بَيْتًا فِيْ الْجَنَّةِ، وَسَمُّوْهُ بَيْتَ الْحَمْدِ))[5]

މާނައީ: އަޅާގެ ދަރިފުޅު މަރުވުމުން މާތް ﷲ މަލާއިކަތް ބޭކަލުންނަށް ވަޙީކުރައްވާނެތެވެ. “ތިޔަބައިމީހުން ތިމަންއިލާހުގެ އަޅާގެ ދަރިފުޅުގެ ފުރާނަ ގެންގޮސްފީމެވެ.” އެބޭކަލުން ދަންނަވާނެތެވެ. “އާދޭހެވެ.” ވަޙީ ކުރައްވަތެވެ. “ތިޔަބައިމީހުން އޭނާގެ ހިތުގެ މޭވާ ގެންދިޔައީއެވެ.” އެބޭކަލުން ދަންނަވާނެތެވެ. “އާދޭހެވެ.” ވަޙީ ކުރައްވާނެތެވެ. “ތިމަންއިލާހުގެ އަޅާ ބުނީ ކީކޭ ހެއްޔެވެ؟” އެބޭކަލުން ދަންނަވާނެތެވެ. “އިބައިލާހަށް ޙަމްދުކޮށް، إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُوْنَ މި ޒިކުރުކުރެތެވެ.” ވަޙީ ކުރައްވާނެއެވެ. “ތިމަންއިލާހުގެ އަޅާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ތައްޔާރުކޮށްދެއްވާށެވެ. އަދި އެގަނޑުވަރުގެ ނަމަކަށް “ބައިތުލް ޙަމްދު” ކިޔާށެވެ.”

4.ފިހާރަތަކަށް ނުވަތަ ބާޒާރަށް ވަންނަ އިރު ދުޢާ ކިޔުން.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ دَخَلَ السُّوقَ ، فَقَالَ: [لاَ إِلَهَ إِلاَّ اللَّهُ ، وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الحَمْدُ ، يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لاَ يَمُوتُ ، بِيَدِهِ الخَيْرُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ] كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ ، وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ ، وَرَفَعَ لَهُ أَلْفَ أَلْفِ دَرَجَةٍ وبَنَى له بيتًا في الجنةِ ))[6]

މާނައީ: ބާޒާރަށް ވަދެފައި [لاَ إِلَهَ إِلاَّ اللَّهُ ، وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الحَمْدُ ، يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لاَ يَمُوتُ ، بِيَدِهِ الخَيْرُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ] ކިޔައިފިމީހަކަށް އެއްހާސް އެއްހާސް ހެޔޮކަން ދެއްވާނެތެވެ. އަދި އެއްހާސް އެއްހާސް ފާފަ ފުއްސަވާނެތެވެ. އަދި އެއްހާސް އެއްހާސް ދަރަޖަ އުފުއްލަވާނެއެވެ. އަދި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.

5.ނަމާދުގެ ޞަފުގެ ހުސްތަން ފުރައިދިނުން.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ سَدَّ فُرْجَةً بَنَى اللهُ لهُ بَيْتًا في الجنةِ، و رفعَهُ بِها درجةً))[7]

މާނައީ: (ނަމާދުގެ ޞަފުގެ) ހުސްތަން ފުރައިދީފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވަތެވެ. އަދި އެމީހެއްގެ ދަރަޖަ އުފުއްލަވަތެވެ.

6.ނަމާދުގެ ރަވާތިބު ސުންނަތް ކުރުން

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ ))[8]

މާނައީ: ރެއާއި ދުވާލު ބާރަ ރަކްޢަތް ކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވަތެވެ.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((من ثابرَ على ثنتي عشرةَ رَكعةً منَ السُّنَّةِ بنى اللَّهُ لَهُ بيتًا في الجنَّةِ، أربعِ رَكعاتٍ قبلَ الظُّهرِ ورَكعتينِ بعدَها ورَكعتينِ بعدَ المغربِ ورَكعتينِ بعدَ العشاءِ ورَكعتينِ قبلَ الفجرِ.))[9]

މާނައީ: (ސުންނަތް ނަމާދުގެ) ބާރަ ރަކްޢަތަށް ރައްކާތެރި ވެއްޖެ މީހަކަށް މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވަތެވެ. އެއީ މެންދުރު ކުރިން ހަތަރު ރަކްޢަތާއި ފަހުން ދެރަކްޢަތް، އަދި މަޣްރިބް ފަހުން ދެރަކްޢަތާއި ޢިޝާ ފަހުން ދެރަކްޢަތް، އަދި ފަތިސް ކުރިން ދެރަކްޢަތެވެ.

7.ރަސޫލުﷲ ﷺ އަށް އީމާންވެ ﷲ ގެ މަގުގައި ޖިހާދު ކުރުން

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((أَنا زعيمٌ ، والزَّعيمُ الحميلُ لمن آمنَ بي، وأسلمَ وَهاجرَ ببيتٍ في رَبضِ الجنَّةِ ، وببيتٍ في وسطِ الجنَّةِ ، وأَنا زعيمٌ لمن آمنَ بي ، وأسلَمَ ، وجاهدَ في سبيلِ اللَّهِ ، ببيتٍ في ربضِ الجنَّةِ ، وببيتٍ في وسطِ الجنَّةِ ، وببيتٍ في أعلى غُرَفِ الجنَّةِ ، من فعلَ ذلِكَ فلم يدَع للخيرِ مطلبًا، ولا منَ الشر مَهْربًا ، يَموتُ حيثُ شاءَ أن يموتَ))[10]

މާނައީ: ތިމަން ކަލޭގެފާނަށް އީމާންވެ، އިސްލާމްވެ، ހިޖްރަކޮށްފި މީހަކަށް ސުވަރުގޭގެ އެންމެ ތިރިންނާއި މެދުން ގަނޑުވަރެއް ދެއްވާނެ ކަމަށް ތިމަންކަލޭގެފާނު ޖާމިނުވަމެވެ. އަދި ތިމަންކަލޭގެފާނަށް އިމާންވެ، އިސްލާމްވެ، ﷲ ގެ މަގުގައި ޖިހާދުކޮށް ހަދައިފިމީހަކަށް ސުވަރުގޭގެ އެންމެ ތިރިންނާއި މެދުން އަދި އެންމެ މަތިން ގަނޑުވަރެއް ދެއްވާނެކަމަށް ތިމަންކަލޭގެފާނު ޖާމިނުވަމެވެ. އެފަދައިން ކަންތައް ކޮށްފިމީހަކު ހެޔޮކަމުން އެއްވެސް މިންވަރެއް ދޫކޮށެއް ނުލައެވެ. އަދި ދުރުހެލި ނުވާ އެއްވެސް ނުބައިކަމެއް ނެތެވެ. އެމީހަކު ބޭނުން ތާކު މަރުވާންވީއެވެ. (އެބަހީ: އޭނާ ކޮންމެ ފަދަތާކު މަރުވި ކަމުގައި ވިޔަސް އެ މަތިވެރިކަން ދެއްވާނެތެވެ.)

8.ޙައްޤު ކަމުގައި ވީނަމަވެސް ޖަދަލު ކުރުން ދޫކޮށްލުމާއި، މަޖަލަށް ކަމުގައި ވިޔަސް ދޮގުހެދުން ދޫކޮށްލުމާއި، ރަނގަޅު އަޚްލާޤުގެ ވެރިޔަކަށް ވުން.

ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((أنا زعيمٌ ببيتِ في رَبَضِ الجنةِ لمَن تَرَكَ المِراءَ وإن كان مُحِقًّا، وببيتِ في وسطِ الجنةِ لمَن تركَ الكذبَ وإن كان مازحًا، وببيتٍ في أعلى الجنةِ لمَن حَسُنَ خُلُقُه))[11]

އެމީހަކު ހުރީ ޙައްގު ގޮތުގައި ކަމުގައި ވީނަމަވެސް، ޖަދަލު ކުރުން ދޫކޮށްލައިފިމީހަކަށް ސުވަރުގޭގެ އެންމެ ތިރިން ގަނޑުވަރެއް ދެއްވާނެކަމަށާއި، އަދި ސަމާސަ އަކަށް ވެސް ދޮގުހެދުން ދޫކޮށްލައިފި މީހަކަށް ސުވަރުގޭގެ މެދުން ގަނޑުވަރެއް ދެއްވާނެކަމަށާއި، އަދި އެމީހެއްގެ ޚުލުޤު ހެޔޮކޮށްފި މީހަކަށް ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ދެއްވާނެކަމަށް ތިމަންކަލޭގެފާނު ޖާމިނުވަމެވެ.

 

 

[1] متفق عليه

[2] رواه ابن ماجه والبزار وابن حبان في ( صحيحه ) عن جابر، وصححه الشيخ الألباني في صحيح الجامع.‌

[3] رواه أحمد عن معاذ بن أنس . صححه الشيخ الألباني في صحيح الجامع.‌

[4] رواه أحمد  وحسنه الشيخ الألباني في السلسلة الصحيحة

[5] رواه أحمد والترمذي قال الترمذي (حسن غريب) عن أبي موسى رضي الله عنه،  وحسنه الشيخ الألباني.

[6]  رواه الترمذي عن ابن عمر . وحسنه الشيخ الألباني فقال الحاكم في ” المستدرك على الصحيحين  هذا إسناد صحيح على شرط الشيخين.

[7] أخرجه ابن ماجه وأحمد عن عائشة رضي الله عنها. وصححه الشيخ الألباني في السلسلة الصحيحة.

[8] رواه مسلم عن أم حبيبة بنت أبي سفيان رضي الله عنها.

[9] رواه الترمذي والنسائي وابن ماجه عن عائشة رضي الله عنها وصححه الشيخ الألباني.

[10]  رواه النسائي فضالة بن عبيد رضي الله عنه وصححه الشيخ الألباني.

[11]  رواه أبو داود عن أبو أمامة الباهلي رضي الله عنه وحسنه الشيخ الألباني.