އިސްލާމީ މާލީ ޢަޤުދުތަކަކީ އެ ޢަޤުދުތަކުގައި ބައިވެރިވާ ފަރާތްތަކުން، އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާތައް ސާފުކޮށް ބަޔާންކުރާ ޢަޤުދުތަކެކެވެ. ޝަރުޢީ ހަމަތަކާއި އަސްލުތަކާއި ޚިލާފުނުވާގޮތަށް ހެދޭ މިފަދަ ޢަޤުދުތަކުގައި އެއްބަސްވެވޭ ޝަރުޠާއި ކަންތައްތަކަކީ ދެފަރާތުގެ މައްޗަށް ލާޒިމުވާ އަދި ތަންފީޒު ކުރެވޭ ޤާނޫނެވެ. އަދި މިފަދަ ޢަޤުދުތަކަކީ ފައިސާގެ މުޢާމަލާތް ހިމެނޭ އަދި ފައިސާ ދެއްކުމުގެ އުސޫލުތައް ކަނޑައަޅާ ޢަޤުދުތަކެވެ.

އެގޮތުގެ މަތިން އިސްލާމީ މާލީ ނިޒާމުގެ ރިވެތި އުސޫލުތަކާއި ހަމަތަކުގެ މައްޗަށް އުފެދިފައިވާ މާލީ އިދާރާތަކުން ކުރާ މިފަދަ މާލީ އަޤުދުތަކުގައި ދިމާވެދާނެ އެންމެހައި ކަންކަމަށް ޢަމަލުކުރާނެ ގޮތުގެ މާއްދާތައް ހިމެނިފައިވެއެވެ. ގިނަފަހަރު މިކަންކުރަނީ އެފަދަ ޙާލަތެއް މެދުވެރިވުމުން ދެބަސްވުން އުފެދުން ދުރުކުރުމަށެވެ. އެގޮތުން ފައިސާގެ ޢަދަދެއް ދައްކަންޖެހޭ ޙާލަތުގައި ނުދެއްކިއްޖެނަމަ، ޖޫރިމަނާ ކުރުމުގެ މާއްދާ ކަނޑައެޅިފައިވެއެވެ. މިކަމުގެ ސަބަބުން ދައްކަންޖެހޭ ފައިސާގެ ޢަދަދު ދައްކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދެއްކިއްޖެނަމަ އިތުރު މާލީ ތަކުލީފުތަކާއި އެކު ދެއްކުމަށް މަގުފަހިކުރެއެވެ.

ނަތީޖާއަކީ ދަރަނީގެ މައްޗަށް އިތުރުކުރެވޭ ފައިސާގެ ޢަދަދެއް ކަމަށް ބުނެ، (އެބަހީ ރިބާ ކަމުގައި ބުނެ) އިސްލާމީ މާލީ ނިޒާމަކީ ރިބާ އެކުލެވިގެންވާ ނިޒާމެއްގެ ގޮތުގައި ސިފަކުރުމަށް މަގުފަހިވުމެވެ. ނަމަވެސް ޙަޤީޤަތުގައި މިފަދަ މާއްދާގެ ޝަރުޢީ ޙުކުމާއި ޙިކުމަތަކީ ކޮބާއިކަން ވިސްނާލުން މުހިންމުކަމަށް ދެކެމެވެ.

ޖޫރިމަނާކުރުމުގެ މާއްދާއަކީ ކޮބާ؟

ޖޫރިމަނާކުރުމުގެ މާއްދާއަކީ މާލީ ޢަޤުދުގައި ބައިވެރިވާ ފަރާތްތަކުން އުފުލަންޖެހޭ އިލްތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުން ފުރިހަމަކުރުމަށް ބާރުއެޅުމުގެ ގޮތުން ލިޔެ ފަރުމާކުރެވިފައިވާ މާއްދާއެކެވެ.

ޖޫރިމަނާ ކުރުމުގެ މާއްދާގެ ދަށުން ދައްކަންޖެހޭ ފައިސާގެ ޢަދަދެއް ނުދެއްކިއްޖެނަމަ ނުވަތަ ނުދައްކައިފިނަމަ، އިތުރު މާލީ ތަކުލީފުތަކެއް ކުރިމަތި ކުރުވައެވެ. އެހެންކަމުން އެފައިސާ ދައްކަން އޮންނަ މުއްދަތަށް އިޙްތިރާމު ކުރުމަށް އެފަރާތަށް ލާޒިމުވެއެވެ.

މާލީ ޢަޤުދުގެ ޖައުހަރީ ނުވަތަ އަސާސީ މާއްދާއެއްގެ ގޮތުގައި މި މާއްދާ ކަނޑައެޅިފައިވާ ނުވާތީ، ޢާއްމު އުސޫލުގެ ދަށުން ދެފަރާތުގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަމުންދާހާ ހިނދަކު، މިމާއްދާއަކީ އެއަށް ޢަމަލު ކުރަން ނުޖެހޭ, ބޭނުން ނެތް މާއްދާއެކެވެ.

ދެފަރާތުގެ ދެމެދު ކުރެވިފައިވާ މާލީ ޢަޤުދައް ފުރިހަމައަށް ބޯލެނބުން

ދެފަރާތުގެ ދެމެދު ކުރެވިފައިވާ މާލީ ޢަޤުދަކީ ދެފަރާތުގެ މައްޗަށް ޙުކުމު ކުރެވޭ ޤާނޫނު ކަމުގައިވީ ހިނދު؛ އަދި އެ ޢަޤުދަށް ތަބާވުމަށް ޢަމުރުކޮށްފައިވީ ހިނދު، އެއްފަރާތުން އެފަރާތެއްގެ މަށްޗަށް ކަނޑައެޅިފައިވާ އިލްތިޒާމުތައް ޤަސްދުގައި ފުރިހަމަ ނުކުރުމަކީ ޝަރުޢީ ހަމަތަކުން ހުއްދަކަމެއް ނޫނެވެ. އެގޮތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ނުކުޅެދުމުގައި މީސްތަކުން ޢާއްމުކޮށް ބެހެނީ ދެބަޔަކަށެވެ.

  1. އެފަރާތެއްގެ އަމިއްލަ ބާރުނުފޯރުވޭ އަދި ފަޤީރު ކަމުގެ ސަބަބުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ނުކުޅެދޭ މީހުން؛
  2. އެފަރާތުގެ އަމިއްލަ އިހުމާލުން ނުވަތަ އަމިއްލަ މެދުވެރި ކުރުވިކަމަކުން ނުވަތާ އެފަރާތުގެ މުދާ މެނޭޖު ނުކުރެވުމުގެ ސަބަބުން ފައިސާ ދެއްކުމަށް ނުކުޅެދޭ މީހުން؛

މަތީގައި ބަޔާންކުރާ ދެޙާލަތުން ފުރަތަމަ ޙާލަތުގައި، ޤަބޫލުކުރެވޭފަދަ ޙުއްޖަތާއި ޤަރީނާ އެކު އެފަރާތުގެ ފަޤީރުކަމުގެ ސަބަބުން ނުވަތަ އަމިއްލަ ބާރު ނުފޯރުވޭ ސަބަބެއް މެދުވެރިވުމުން ފައިސާ ދެއްކުމަށް ނުކުޅެދޭކަން ސާބިތުވެއްޖެނަމަ ޖޫރިމަނާ ކުރުމުގެ މާއްދާ އެފަރާތުގެ މައްޗަށް ތަޠުބީޤު ނުކުރެވޭނެއެވެ. އަދި ހަމަމިބީދައިން، ދައްކަންޖެހޭ ފައިސާ ރައްދުވާ ފަރާތަށް އެފައިސާ ނުލިބުމުން އެއްވެސް ގެއްލުމެއް ކުރިމަތި ނުވާޙާލަތުގައިވެސް މިމާއްދާ ތަޠުބީޤު ނުކުރެވޭނެއެވެ.

އެހެންނަމަވެސް، ދެވަނަ ޙާލަތުގައި އެފަރާތުގެ އިހުމާލުން އަދި އަމިއްލައަށް ކުރިމަތު ކުރުވި ކަމަކުން ފައިސާ ދެއްކުމަށް ނުކުޅެދޭ ޙާލަތަކަށް ދިޔުމުން، ޖޫރިމަނާ ކުރުމުގެ މާއްދާ ތަޠުބީޤު ކުރެވެނީ އެފަރާތުގެ ޢަމަލުތައް އިޞްލާޙު ކުރުމަށާއި، އެފަރާތުގެ ޢަމަލަށް އެކަށޭނެ ޖަޒާ ދިނުމަށާއި، އެއްބަސްވުމުގެ އިލްތިޒާމުތައް ފުރިހަމަކުރުމަށް ބާރުއެޅުމަށާއި، އެފަދަކަންކަން މެދުވެރިކުރުވާ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމުގެ މަޤްޞަދުގައެވެ. އެހެނީ ފައިސާދެއްކުމަށް ކުޅަދާނަ ފަރާތަކުން ފައިސާ ދެއްކުމުގައި ލަސްކުރުމަކީ ނުވަތަ ކަންނެތްވުމަކީ އެނެއްފަރާތަށް ދެވޭ އަނިޔާއެއް – مَطْلُ الْغَنِيُّ ظُلْمٌ ކަމުގައި ނަބިއްޔާ ﷺ ޙަދީޘް ކުރައްވައިފައިވެއެވެ.

ޖޫރިމަނާކުރުމުގެ މާއްދާ އާއި ރިބާ އާއި ހުރި ގުޅުން.

މާލީ ޢަޤުދުތަކުގައި ފައިސާގެ ޢަދަދު ދައްކަން ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކުމުން، އެ ޢަދަދަކީ އެފަރާތުގެ މައްޗަށް އޮތް ދަރަންޏެކެވެ. އަނބުރާ ދެއްކުން ލާޒިމުވާ ޢަދަދެކެވެ. ފިޤުހީ ޤާއިދާ – كُلُّ قَرْضٍ جَرَّ مَنْفَعَةً فَهُوَ رِبًا “ކޮންމެ ދަރަންޏަކުން ނެގޭ މަންފާއަކީ ރިބާއެވެ.” – ގެ ދަށުން  ދަރަންޏެއްގެ ގޮތުގައި ދައްކަންޖެހޭ ކޮންމެ ފައިސާގެ ޢަދަދަކުން އިތުރަށް ނެގޭ ކޮންމެ މާލީ މަންފާއަކީ  ރިބާގެ ގޮތުގައި ބެލެވެއެވެ. ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގޮތުގައި އިތުރަށް ނެގޭ ކޮންމެ މާލީ ބަދަލެއް ރިބާގެ ތަރަޙައިގެ ތެރެއަށް ނުވަންނާނެ އެއްވެސް ގޮތެއް ނެތެވެ.

އިސްލާމީ ބޭންކުތަކުން ޖޫރިމަނާކުރުމުގެ މާއްދާ ކަނޑައަޅާ ސަބަބު

ސާފު، ޞަރީޚަ ބަހުން މިފަދައިން ބަޔާންކޮށްފައިވާ ޙާލު، އިސްލާމީ ބޭންކުތަކުން، އެބޭންކުގެ އަބުރަށް ފާޑުކިޔޭގޮތަށް އެފަރާތްތަކުގެ މާލީ މުޢާމަލާތުގައި “ރިބާ އަށް މަގުފަހިކުރުވައޭ” ބުނުމުގެ ފުރުޞަދުތީ މިފަދަ މާއްދާތައް އެފަރާތުގެ ޢަޤުދުތަކުގައި ބަޔާންކުރާ ސަބަބުތަކެއްވެއެވެ.

ޝައްކެއް ނެތެވެ. އިސްލާމީ ބޭންކުތަކުން އެ މާއްދާ ކަނޑައަޅަނީ އެފަރާތުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ފައިސާ ދެއްކުމުގެ ނުކުޅެދުންތެރިކަމުގެ މައްޗަށް މާލީ މަންފާ ހޯދުމުގެ ނިޔަތެއްގައި ނޫނެވެ. އަދި ކިއެއްތަ! އެއީ މާލީ ޢަޤުދުގެ ޒާތުގައި އެކުލެވިގެންވާ ހިރާސް އެއްކަމުގައިވާ (ފައިސާ ނުދެއްކުމުގެ ހިރާސް – Risk of Default ) ކުޑަ ކުރުމުގެ ގޮތުންނެވެ. ކަން މިހެން އޮތްއިރު، ޖޫރިމަނާ ކުރުމުގެ މާއްދާ އިސްލާމީ ބޭންކުތަކުން ކަނޑައެޅިކަމުގައި ވިޔަސް، ޝަރުޢީ އުސޫލުތަކާއި ހަމަތަކުން އެ މާއްދާ ޤަބޫލުކުރެވޭ ޝަރުޠުތަކެއް އެކުލެވިގެންވެއެވެ.

ޖޫރިމަނާކުރުމުގެ މާއްދާ ޝަރުޢީ އުސޫލުތަކާއި ހަމަތަކުގެ މަތިން ޤަބޫކުރުމުގެ ޝަރުޠުތައް

ޝަރީޢާ ހުއްދަކުރާ ގޮތަށް ޖޫރިމަނާކުރުމުގެ މާއްދާ ކަނޑައެޅުމުގައި ވަކި ޚާއްޞަ ޝަރުޠުތައް ފުރިހަމަވާނަޖެހެއެވެ. އަދި އެޝަރުޠުތައް ފުރިހަމަނުވެއްޖެ ނަމަ އެމާއްދާ އަކީ ޝަރުޢީ އުސޫލުތަކުން ބާޠިލު ޢަމަލުކުރަން ނުޖެހޭ މާއްދާއެއްކަމުގައި ނިންމުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން އިސްލާމީ ބޭންކުތަކުން އަންނަނިވި ޝަރުޠުތަކާއި އެއްގޮތްވާގޮތުގެ މަތިން އެމާއްދާ ފަރުމާކުރެވި ބޭނުންކުރުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާފައިވެއެވެ.

  1. ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކަނޑައަޅަންވާނީ ، ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުމަށް ހިތްވަރުދޭ ފައިސާގެ އަދަދަކާއި އެކަށޭނެ މިންވަރަކަށެވެ. (ޖޫރިމަނާގެ އަދަދު ނިންމާނީ އަޤުދު ވެފައިވާއިރު ތަނާއި، ޙާލަތަށް އަދި އެކަމާއި ގުޅޭ އެހެނިހެން ކަންކަމަށް ރިޢާޔަތްކޮށެވެ.)
  2. ލިބޭ ފައިސާއަކީ އެއްވެސް ހާލެއްގައި އިސްލާމީ ބޭންކަށް ލިބޭ ފައިދާ އެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އަދި ބޭންކުން އެފައިސާ ފައިދާގެ ގޮތުގައި ބޭނުން ކޮށްގެންވެސް ނުވާނެއެވެ. އެ ފައިސާ ބަހައްޓައި ބަލަހައްޓަންވާނީ ބޭންކުގެ އެހެނިހެން ފައިސާއާއި މަސްހުނިނުވާނެހެން ވަކިންނެވެ.
  3. ފައިސާ ބޭނުން ކުރެވޭނީ ހަމައެކަނި މާލީ އިދާރާތަކުގެ ޝަރީޢާ ބޯޑުން ކަނޑައަޅާފައިވާ ގޮތުގެ މަތީން މުޖްތަމައުގެ ޢާއްމު މަޞްލަޙަތު ހިމެނޭ ކަންކަމަށް ސަދަޤާތެއްގެ ގޮތުގައެވެ.