މީގެ 100 ވަރަކަށް އަހަރު ކުރިން، ޤައުމުތަކުން، ޢާއްމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އިމްޕޯރޓުކުރުން ފިޔަވައި އެހެނިހެން ތަކެތި އުފައްދާ ބޭނުންކުރަނީ އެ ޤައުމެއްގެ ތެރޭގައެވެ. މަދުން ނޫނީ އެހެން ޤައުމުގެތަކުގެ ތަފާތު ބޮޑެތި މަރުކާގެ – Brand ތަކެތި ބޭރުކޮށް އެތެރެކޮށް ނުހަދައެވެ. އަދި އެޤައުމެއްގެ ބޭރުން އުފައްދާފައިވާ ތަކެތި ގެންގުޅޭތަން ގިނަފަހަރު ފެންނަނީ ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މުއްސަނދިންނަށެވެ.

ނަމަވެސް މިޒަމާނުގައި، ބަވަނަވެފައިވާ ދުނިޔޭގައި، އެއްތަނުން އަނެއް ތަނަށް މުދާ ގެންދިޔުމުގައި ލިބިދޭ ލުއިފަސޭހައާއި، އެކަށީގެންވާ ބާރުމިނެއްގައި މުދާ އެއްތަނުން އަނެއްތަނަށް ބަދަލުކުރެވުމާއި ދަތުރުފަތުރުކުރުމުގައި ދުނިޔެއަށް އައި ތަރައްޤީއާއި އެކު ބޮޑެތި ވިޔަފާރިތަކުން ޤައުމުތަކުގެ ކަނޑައެޅިފައިވާ އިންތަށް ފަހަނައަޅައި ވިޔަފާރުތައް ކުރިއެރުމަށް ފަށައިފިއެވެ.

ނަތީޖާއެއްގެ ގޮތުން އިހުޒަމާނުގައި ވަކި ޤައުމެއްގައި ވަކި މަސައްކަތެއް ކުރުމަށް ލާޒިމުފައި އޮތް އޮތުން ނިމުމަކަށް އައިސް ޚަރަދުކުޑަ އަދި ޓެކްސް އާއި އެހެނިހެން ލުއިތަކެއް ލިބިދޭ ޤައުމުތަކުގައި ވިޔަފާރިވެރިން އިންވެސްޓުކުރުމަށް މަގުފަހިވެ ދުނިޔޭގެ ނަންހިނގާ ބުރޭންޑުތަކުގެ ފެކްޓަރީތައް ފަސޭހައިން އެކި ޤައުމުތަކުގައި ޤާއިމުކޮށްފިއެވެ.

މިކަމުގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމާއި ދޭތެރޭ ވިޔަފާރުކުރުމަށް އެ ޤައުމެއްގެ ރުފިޔާ ފައިސާއަށް ޑިމާންޑު އުފެދި، ރުފިޔާ ފައިސާ ގަނެވިއްކުމަށާއި މާރުކުރުމަށް މާރުކޭޓެއް އުފެދުނެވެ. މި މާރުކޭޓަށް ކިޔައި އުޅެނީ ފޮރިން އެކްސްޗޭންޖު މާރުކެޓެވެ.

ފޮރިން އެކްސްޗޭންޖު މާރުކޭޓަކީ ކޮބާ؟

ފޮރިން އެކްސްޗޭންޖު މާރުކޭޓަކީ އެއްފައިސާ އަނެއް ފައިސާ ބަދަލު ކުރުމާއި އެއްފައިސާ މާރު ކުރުމަށް އުފެދިފައިވާ މާރުކޭޓެކެވެ.

ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ޞައްޙަވުމުގައި އެތަކެއް ކަންތަކެއް އެކުލެވެއެވެ. އެގޮތުން ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި:

  1. ރުފިޔާ ފައިސާ ބަދަލުކުރުމުގައި،ބަދަލު ކުރާ ފައިސާ ދެފަރާތުން އަތުން އަތަށް އެއްމަޖުލިހެއްގައި ވަކިވެދިޔުމުގެ ކުރިން ބަދަލުވެ ލިބިފައި އޮންނަންވާނެއެވެ. އެގޮތުން، ރުފިޔާ ފައިސާ އޭގެ އަސްލު ޝަކުލިއްޔާތުގައި އަދި ސޫރައިގައި ޙިއްޞީގޮތެއްގައު އަތުން އަތަށް ބަދަލުވުން ނުވަތަ އެއްފަރާތުން މައުނަވީ ގޮތެއްގައި (ބޭންކު ގެރެންޓީ ޗެކު ކަމުގައި ވިޔަސް، ޓުރާންސްފަރ ކުރި ކަމުގައި ވިޔަސް) އެފަރާތުގެ މިލްކުގެ ދަށަށް ނުވަތަ ބާރުގެ ދަށަށް ނުވަތަ ހިޔާޒަތަށް ފައިސާ ބަދަލުވާންޖެހެއެވެ.
  2. އެއްވައްތަރެއްގެ އެއްޖިންސުގެ ފައިސާ، ޑޮލަރާއި ޑޮލަރު ބަދަލު ކުރުން ނުވަތަ ރުފިޔާ އާއި ރުފިޔާ ބަދަލުކުރުމުގައި އެއްފަރާތުން އިތުރުކޮށްގެން ނުވާނެއެވެ. އެގޮތުން 100 ޑޮލަރު ބަދަލު ކުރާއިރު 20 ޑޮލަރުގެ ފަސް ގަނޑު ދިނަސް 1 ޑޮލަރުގެ 100 ގަނޑު ދިނަސް މައްސަލައެއްނެތެވެ. ނަމަވެސް އިތުރުކޮށްގެން ނުވާނެއެވެ. އެބަހީ 100 ޑޮލަރަށް 150 ޑޮލަރު ދިނުމަކީ ޙުއްދަކަމެއް ނޫނެވެ. ތަފާތު ދެވައްތަރެއްގެ ދެ ޖިންސެއްގެ ފައިސާ ބަދަލު ކުރާއިރު ދެފަރާތުން އެއްބަސްވާ ރޭޓެއްގައި އިތުރުކޮށްފައި ބަދަލު ކުރުމަކީ ޙުއްދަކަމެކެވެ.
  3. ރުފިޔާ ފައިސާ ބަދަލުކުރުމުގައި އެއްފަރާތުން ބަދަލު ކުރާ ފައިސާ ފަހުން ދިނުމުގެ ޝަރުޠެއް ނުވަތަ ފަހުން ދިނުމަށް އެއްބަސްވުމަކީ ނުވަތަ ޑޭޓަޑް ޗެކެއް މެދުވެރިކޮށް ނުވަތަ އެނޫންވެސް ފަހުން ދިނުމަށް މަގުފަހި ކުރުވާފަދަ ވަސީލަތެއް މެދުވެރިކޮށްދިނުމަކީ ޙުއްދަކަމެއް ނޫނެވެ.
  4. ރުފިޔާ ފައިސާ މާރުކުރުމުގެ މަޤްޞަދަކީ ފައިސާ ބަށްކޮށް އިޙްތިކާރުކޮށް – Monopolize ކޮށް މުޖުތަމައުއަށް އޭގެ ޑިމާންޑު ބޮޑުވާހިނދު އަގުބޮޑުކޮށް ވިއްކައި މުޖުތަމައުއަށް އޭގެން ނޭދެވޭނެ އަސަރެއް ކުރުމުވުންކަމުގައި ވެގެންނުވާނެއެވެ. އަދި އެފަދަ ނިޔަތެއްގައި އެކަން ކުރުމަކީ ޙުއްދަކަމެއް ނޫނެވެ.

ރުފިޔާ ފައިސާ ބަދަލުކުރުމަށް ވަކީލުން / އެޖެންޓުން އައްޔަނުކުރުން

ފައިސާ މާރުކުރުމަށް ވަކީލުން ނުވަތަ އެޖެންޓުން ޢައްޔަނުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ޢައްޔަނު ކުރެވޭ ވަކީލަށް އިސްކޮށް ފައިސާ ދިނުމަށްފަހު އެއްބަސްވެވޭ ތާރީޚެއްގައި ފަސްކޮށް މުޢާމަލާތް ނިންމައި ޙަވާލުކުރުމަށް އެއްބަސްވެވިދާނެއެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި މާރުކުރުމަށް ދެވޭ ފައިސާ ފަސޭހަ ވަގުތެއްގައި މާރުކޮށް މާދަމާގެ ވަގުތެއްގައި މުވައްކިލާއި ޙަވާލުކުރުމަށް އެއްބަސްވެވިދާނެއެވެ. ވަކީލުގެ މައްޗަށް ލާޒިމުވަނީ މާރުކުރާހިނދު ނުވަތަ މުޢާމަލާތް ހިނގާހިނދު؛ މަތީގައި ދެންނެވިފައިވާ ޝަރުޠުތަކާއި އެކު މުޢާމަލާތް ނިންމުމެވެ.

ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ޙުއްދަވުމަށް މަތީގައި ބާޔާންކުރާ ޝަރުޠުތައް ފުރިހަމަކުރުމަށް ލާޒިމުވާއިރު، ދިވެހިރާއްޖެއިން ބޭރަށް ފުރަން ބޭނުންވާ ފަރާތްތަކުން ޑޮލަރު ހޯދުމަށް ބޭންކަށް ކުރިން ފައިސާ ދައްކައި އަދި ފަހުގެ ތާރީޚެއްގައި އެފައިސާ ލިބޭގޮތަށް އޮންނަ އޮތުމަކީ އަތުން އަތަށް އެއްވަގުތެއްގައި ބަދަލުކުރުމަށް އޮންނަ ޝަރުޠާއި ޚިލާފުކަމަކަށްވާތީ ޢާއްމު އުސޫލުގެ ދަށުން މިމުޢާމަލާތް މިސޫރައިގައި ކުރުމަކީ ހުއްދަކަމެއް ނޫނެވެ.

ނަމަވެސް ފައިސާ ގަނެވިއްކުމުގެ މުޢާމަލާތް ކުރުމަށް އެފަރާތުން ވަކީލަކު ޢައްޔަނު ކުރުމަކީ ޝަރުޢީ ގޮތުން މައްސަލައެއް އޮތްކަމަކަށް ނުވާތީ މަތީގައި ދެންނެވުނު މުޢާމަލާތް ފުރިހަމަ ކުރުމަށް ފައިސާ މާރުކުރަން ބޭނުންވާ ފަރާތުން އެފަރާތުގެ ވަކީލެއްގެ ގޮތުގައި ބޭންކު އައްޔަނުކޮށް، އެފައިސާ މާރުކުރުމުގެ ޝަރުތުތަކާއި އެކު ފައިސާ މާރުކޮށް ދެފަރާތުން އެއްބަސްވާ ވަގުތެއްގައި އެފައިސާ ޙަވާލުކުރުމަށް އެއްބަސްވުމަކީ ޝަރުޢީ ގޮތުން އެއްވެސް މައްސަލައެއް އޮތްކަމުގައި ނުފެނެއެވެ.