މިއީ މިއަހަރު މަހަލްދީބް ފައުންޑޭޝަންގެ ގިފްޓްއަސްމައިލް ފުޑް ބާސްކެޓް ލިބުނު އާއިލާއެއްގެ އިހުސާސެވެ. މިއީ 5 މީހުންގެ އާއިލާއެކެވެ. މުޅި އާއިލާ ބަރޯސާ ވެފައި ވަނީ، އާއިލާގެ އެންމެ އިސް މީހާއަށް ކޮންމެ މަހަކު ލިބޭ މަދު ފައިސާކޮޅަށެވެ. ހުރިހާ ބިލްތަކެއް ދައްކައި، ސްކޫލަށް ބޭނުންވާ ޚަރަދުތައް ކޮށް، ޓިއުޝަން ފީ ދައްކައި އަދި މި ނޫނަސް ދިރިއުުޅުމަށް ކުރަންޖެހޭ ޒަރޫރީ ހުރިހާ ބޭނުމެއް ކުރަން ޖެހިފައި ވަނީ ފިރިމީހާއަށް ލިބޭ 7000 ރުފިޔާއިންނެވެ. މިޙާލަތުގައި ވަނިކޮށް މުޅި ދުނިޔެއަށް ފެތުރެމުންދިޔަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ރާޅު ރާއްޖެއަށްވެސް ފޯރައިފިއެވެ. އެންމެ ފުރަތަމަ ރިސޯޓުތައް، ދެން ގްރޭޓަރ މާލެ، އަދި އެއައްފަހު މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް މަޖުބޫރުވި އެވެ. މި ދަނޑިވަޅުގައި އާމްދަނީ ދަތިވެ، ދިރިއުޅުން ދަތިވި އެތައް އާއިލާއެއްގެ ތެރޭގައި މި ދެންނެވި ނިކަމެތި އާއިލާވެސް ހިމެނުނެވެ. ކޮންމެ މަހަކު ލިބެމުންދިޔަ 7000 ރުފިޔާ، 3000 ރުފިޔާއަށް ބަދަލުވި އެވެ. އެއީ މުޅި މަހަށް އާއިލާއަށް ޚަރަދު ކުރުމަށް ލިބުނު މިންވަރެވެ.
ހަދާނެ ގޮތް ހުސްވެ އެކި މީހުންގެ ކިބައިން އެހީތެރިކަމަށް އެދެން ފެށިއެވެ. އާއިލާ މީހުންނާއި ރަޙްމަތްތެރިން ކިބައިންނެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުން ކިބައިންނެވެ. ނަމަވެސް ހިތާމައަކީ އެ ދުވަސްކޮޅަކީ ގިނަ އާއިލާތަކަކަށް ދަތި ދުވަސްކޮޅަކަށް ވެފައި ވާތީއެވެ. އަތުގައި ހުރި މަދު އެތިކޮޅުވެސް ފަހުން ވާނެ ގޮތެއް ނޭނގޭތީ، އަދި ޖެހިފައިވާ ހާލަތުން އަރައިގަނެވޭނެ ދުވަހެއް އަންދާޒާ ކޮށްލަންވެސް ނޭނގޭތީ ފަހަށް ރައްކައުކުރަން ކޮންމެ ބަޔަކުވެސް ބޭނުންވިއެވެ. އަސަރާއިއެކު ވާހަކަ ދައްކަމުން އާއިލާގެ ފަރާތުން ބުނި ގޮތުގައި، އެދުވަސްވަރަކީ މުޅިން މާޔޫސްވެ ގޮތް ހުސްވި ދުވަސްވަރެކެވެ.
ނަމަވެސް އުންމީދުގެ ހުޅުކޮޅެއް ރޯކޮށް ހިނިތުންވުމެއް ގެނެސްދިނީ މަހަލްދީބެ ފައުންޑޭޝަންގެ ފަރާތުން ލިބުނު ހަދިޔާއިންނެވެ. އޭނާ ބުނި ގޮތުގައި އެއީ އެއްގޮތަކަށް ވެސް ލިބޭނެ ކަމަށް ހިތައް ވެސް އައި އެއްޗެއް ނޫނެވެ. އަދި މަހަލްދީބުން އެހީގެ ތަކެތި ލިބޭނެކަން އެނގުމުން ވީ އުފަލުން ޙަމްދު ކުރެވުނެވެ. ޝުކުރު އަދާ ކުރެވުނެވެ. ހިތާއި ހިތުން ހެޔޮ ދުޢާ ކުރެވުނެވެ. އެހާވެސް އުފާވި އެވެ.
އޭނާގެ އުފާވެރިކަން ބަޔާން ކޮށްދެމުން ބުނެފައި ވަނީ މަހަލްދީބް ފައުންޑޭޝަންގެ އެންމެހައި ފަރާތްތަކަށް ހެޔޮ ދުޢާ ކުރާ ކަމަށާއި، މަހަލްދީބްގެ މަސައްކަތްތައް ކާމިޔާބު ވުމަށް އަބަދުވެސް އެދޭ ކަމަށެވެ. އަދި ނިކަމެތިންނަށް އެހީތެރި ވުމަށް މި ކުރައްވާ މަސައްކަތްތައް ހުއްޓަ ނުލައި ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މުޖުތަމަޢުގައި މިފަދަ މަސައްކަތްތަކަކީ ބޭނުން ޖެހިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި ކޮވިޑް19 ގެ ތެރޭގައި އަމިއްލަ ނަފްސަށް ވިސްނުމެއް ނެތި، ދަރުމައަށް އެދި ނިކަމެތި އާއިލާތަކަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ނިކުމެ ހަތަކާތްތެރިވި ހީވާގި ޒުވާނުންގެ މަސައްކަތަށް ވެސް ވަރަށް ބޮޑަށް ތަޢުރީފު ކުރެއްވިއެވެ.
މިއީ އެންމެ އާއިލާއެއްގެ ވާހަކައެވެ. މިފަދަ 165 އާއިލާއަކުން 1000 މީހުންނަށް މަހަލްދީބް ފައުންޑޭޝަނުން މިއަހަރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އެހީ ފޯރު ކޮށްދީފައި ވަނީ ﷲ ތަޢާލާގެ ރަޙްމަތް ފުޅުން އެތައް ބައިވަރު ބައެއްގެ ދީލަތި އެހީއާއި މަހަލްދީބްގެ ހީވާގި ވޮލަންޓިއަރުންގެ މިންނެތް މަސައްކަތުންނެވެ. އެހީގެ ގޮތުގައި މަހަލްދީބުން ދީފައި ވަނީ އެއް މަސްދުވަހަށް ބޭނުންވާ ވަރަށް ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، ލޮނު، ކިރު، މަސް އަދި ކެއްކުމަށް ބޭނުންކުރާ ތެޔޮ ހިމެނެއެވެ.
މަހަލްދީބް ގިފްޓް އަ ސްމައިލް – ފުޑް ބާސްކެޓް އެންމެ ފުރަތަމަ ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. އެފަހަރު އެހީތެރި ވެފައި ވަނީ 50 އާއިލާއަށެވެ. އަދި މިހާތަނަށް 340 އާއިލާއަކުން 2000 އަށް ވުރެ ގިނަ ފަރުދުންނަށް 3 ލައްކަ ރުފިޔާއަށް ވުރެ ގިނަ  (ތަކެތީގެ) އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި މި ތަކެތި ބެހުމުގައި ވަރުބަލިކަމެއް ނެތި ހަރަކާތްތެރި ވެފައި ވަނީ ދަރުމައަށް އެދި މަސައްކަތް ކުރާ ހީވާގި ޒުވާނުންގެ ޓީމަކުންނެވެ.
މަހަލްދީބް ފައުންޑޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެހީތެރިކަން ބޭނުންވާ މިފަދަ އާއިލާތަކަށް އެހީތެރިވެދިނުމެވެ. އަދި މީގެ އިތުރުން، މިފަދަ އާއިލާތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ކާކުކަން ނޭންގޭ ގޮތަށް އެހީވެވޭނެ ޕޯޓަލްއެއް އުފެއްދުމަކީވެސް މަހަލްދީބް ފައުންޑޭޝަންގެ އަމާޒެކެވެ.

<<ގިފްޓްއަސްމައިލްގެ މިފަހަރު ބޭއްވުނު އިވެންޓްގެ ރިޕޯޓް ކިޔުއްވުމަށް މިލިންކުން ޑައުންލޯޑް ކުރައްވާށެވެ.>>