މަހަލްދީބް ފައުންޑޭޝަނުގެ ބޯޑުގެ ފަރާތުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އާ ބައްދަލު ކުރައްވައިފިއެވެ. ބުދަ ދުވަހު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމުގައި، މިހާރު ޑްރާފްޓް ކުރެވެމުންދާ ޒަކާތުގެ ޤާނޫނާއި ވަޤްފުގެ ޤާނޫނާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން، މިފަދަ ޤާނޫނެއް، ވީ އެންމެ އަވަހަކަށް ވުޖޫދުވުމުގެ މުހިންމުކަމާއި، ޤާނޫނުގައި ހުންނަން ފެންނަ ކަމަށް މަހަލްދީބް ފައުންޑޭޝަން އިން ހުށައަޅާ ބައެއް ކަންކަމުގެ ޚިޔާލު މިނިސްޓަރ އަށް އެރުވުނެވެ.  މީގެ އިތުރުން މަހަލްދީބް ފައުންޑޭޝަން އާއި އިސްލާމިކް މިނިސްޓްރީ އާ ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާމެދު މަޝްވަރާ ކުރެވުނެވެ.

މި ބައްދަލްވުމުގައި މަހަލްދީބް ފައުންޑޭޝަންގެ ބޯޑުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ޕްރޮޖެކްޓް މެނޭޖަރ އަލްއުސްތާޛް އަޙްމަދު ޝިޔާޒް އާއި ފޮރިން އެފެއާޒް ކޯޑިނޭޓަރ އައްޝައިޚް ޢަބްދުﷲ ރަޝީދެވެ.