ނަމާދު
މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ [1]
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ .
ފިކުރުބޮޑުވުމާއި ބިރުވެރިކަން ތިބާގެ ވަށާލައިފައިވާ ނަމަ، ތެދުވާށެވެ. އަދި ނަމާދު ކުރާށެވެ. އޭރުން ނަފްސަށް ހަމަޖެހުން ލިބިގެންދާނެ އެވެ. އެއީ، ތިބާ އިޚްލާސްތެރިކަމާއި ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރާ ކަމުގައިވާނަމަ އެވެ.
ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އަށް އުދަނގޫ ކަމަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ފަހަރަކު މިފަދައިން ޙަދީޘް ކުރައްވައެވެ.
يا بلالُ أقمِ الصلاةَ، أرِحْنا بها[2]
އޭ ބިލާލް އެވެ ނާމާދަށް ގޮވާލާށެވެ، އެކަމުން އަހުރެމެނަށް ހިތްހަމަޖެހުން ގެނެސްދޭށެވެ.
ދަތި އުދަނގޫތައް އެބައިމީހުންގެ ވަށައިލާ ކޮންމެ ފަހަރަކު ނަމާދަށް ރުޖޫޢަވާ، ވަރަށް ގިނަ ޞާލިހު އަޅުންގެ ދިރިއުޅުމުގެ ވާހަކަ އަހުރެން ކިޔާފައިވާނެއެވެ. އެބައިމީހުންނަށް ހިތްވަރާއި، އަޒުމާއި އަދި ޘާބިތުކަން އަނބުރައި ލިބެންދެން ނަމާދުގައި ދެމިތިބެއެވެ.
ހަނގުރާމައިގެ ޙާލަތުގައި، އަނިޔާ ލިބި، ހަށިތަކާއި ފުރާނަ ވަކިވެގެންދާ ޙާލަތްތަކުގައި ޞަލާތުލް ޚައުފް ޝަރުޢު ކުރެވުނެވެ. އެހެނީ، އެފަދަ ދަތި ވަގުތެއްގައި ހިތްވަރާއި ޘާބިތުކަން ލިބިގެންދާނެ ހަމަ އެކަނި ގޮތަކީ އިޚްލާސްތެރިކަމާއެކު، ކުރެވޭ ނަމާދު ކަމުގައި ވާތީއެވެ.
ނަފްސާނީ ބަލީގެ ޝިކާރަ އަކަށް ވެފައިވާ މި ޖީލު، މާތް ﷲ ގެ ރުއްސެވުމާއި، ނަފްސަށް ހަމަޖެހުން ލިބިދިނުމަށްޓަކައި، މިސްކިތްތަކަށް ރުޖޫޢަވާން ޖެހެއެވެ. މިފަދައިން، އަހަރެމެންގެ ޢަމަލުތައް އިޞްލާޙު ނުކޮށްފިނަމަ، ހިތާމާގައި އަހަރެމެންގެ ލޯ ތައް އަނދައި ނާރުތައް ހަލާކުވެގެން ހިނގައިދާނެއެވެ.
އިޚްލާޞްތެރިކަމާއި ޘާބިތުކަމާއެކު، ފަރުޟު ފަސް ނަމާދު އަދާކުރުމުގައި ރައްކާތެރިވެއްޖެނަމަ، ބޮޑުވެގެންވާ ނިޢުމަތްތައް އަހަރެމެންނަށް ލިބިގެންދާނެ އެވެ. އަދި އެއީ އަހަރެމެންގެ ފާފަތަކަށްވާ ކައްފާރާ އެކެވެ. އަދި ﷲ ގެ ހަޟްރަތުގައި އަހަރެމެންގެ ދަރަޖަ އުފުލިގެންދާނެ ކަމެކެވެ. ނަމާދަކީ އަހަރެމެންނަށް ޖެހިފައިވާ ބަލިމަޑުކަމަށްވާ ބާރުގަދަ ފަރުވާ އެކެވެ. އެހެނީ އޭގެ ސަބަބުން އަހަރެމެންގެ އީމާންތެރިކަން އިތުރުވެގެން ދެއެވެ. މިސްކިތްތަކާއި ނަމާދާއި ދުރުހެލިވެފައިވާ މީހުންނަށް ވަނީ ބަދުނަޞީބު ކަމާއި، ހިތާމައާއި ރުޅިވެރިކަމުން ފުރިގެންވާ ، އުފާވެރިކަން ގެއްލިފައިވާ ހަޔާތެކެވެ.
وَالَّذِينَ كَفَرُوا فَتَعْسًا لَّهُمْ وَأَضَلَّ أَعْمَالَهُمْ[3]
ކާފިރުވިމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ހަލާކާއި، އަބާއްޖަވެރިކަންހުށްޓެވެ. އަދި، އެކަލާނގެ އެއުރެންގެ ޢަމަލުތައް ގެއްލެނިކުރެއްވިއެވެ.
[1] سورة البقرة 153
[2] صحيح أبي داود 4985
[3] سورة محمد 8