މުޙައްރަމު މަހަކީ ﷲގެ މަހެވެ. އެއީ ހިޖުރީ ސަނަތުގެ ފުރަތަމަ މަހެވެ. އެއީ ޙުރުމަތްތެރިވެގެންވާ ހަތަރުމަހުގެ ތެރެއިން އެއް މަހެވެ. އަދި މިނޫންވެސް މި މަހަށް ދެވިފައިވާ ޚާއްޞިއްޔަތުތައް އިސްލާމްދީނުގައި ބަޔާން ކުރައްވާފައި ވެއެވެ. އެގޮތުން ތިރީގައި މިވަނީ އޭގެތެރެއިން ބައެއް ކަންކަމެވެ.

 

  1. މުޙައްރަމް މަހުގައި ރޯދަ ހިފުން މާއްވެގެންވުން. އެގޮތުން އަންނަނިވި ޙަދީޘުން މުޙައްރަމް މަހުގެ ރޯދައަކީ ރަމަޟާން މަހުގެ ރޯދައަށް ފަހު އެންމެ މާތް ރޯދަ ކަމުގައި އެނގި ބަޔާން ވެގެންވެއެވެ.

أَبُوْ هُرَيْرَةَ رَضِيَ اللهُ عَنْهُ ރިވާކުރެއްވިއެވެ.

سأَل رجلٌ رسولَ اللهِ صلَّى اللهُ عليه وسلَّم: أيُّ الصَّلاةِ أفضلُ بعدَ المكتوبةِ ؟ قال: (( الصَّلاةُ في جوفِ اللَّيلِ )) قال: فأيُّ الصِّيامِ أفضلُ بعدَ شهرِ رمضانَ ؟ قال: ((شهرُ اللهِ الَّذي يدْعونه المُحرَّمَ)).[1]

ރަސޫލުﷲﷺ އާ މީހަކު ސުވާލުކުރިއެވެ. ފަރުޟު ނަމާދަށް ފަހު އެންމެ މާތް ނަމާދަކީ ކޮބާތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ރޭގަނޑުގެ ނަމާދެވެ. (އެބަހީ ދަމު ނަމާދެވެ.) ދެންނެވިއެވެ. ރަމަޟާންމަހު ރޯދައަށް ފަހުގައި އެންމެ މާތް ރޯދައަކީ ކޮބާތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ﷲގެ މަހުގައި ހިފާ ރޯދައެވެ. ތިޔަބައިމީހުން ކިޔާ ގޮތުންނަމަ މުޙައްރަމު މަހެވެ.”

 

  1. މުޙައްރަމް މަސް ﷲގެ މަހުގެ ގޮތުގައި ބަޔާން ވެގެންވުން.

އިސްވެދިޔަ ޙަދީޘްގައި މުޙައްރަމް މަހަށް ނިސްބަތްކޮށް شَهْرِ اللهِ  “ﷲގެ މަސް” އޭ އޮތުމުން ދޭހަވަނީ އެކަމުގެ މާތްކަމާއި ޚާއްޞަކަމެވެ.

 

  1. މުޙައްރަމް މަހަކީ ޤުރުއާނުގައި ބަޔާން ކުރެވިގެންވާ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރެއިން މަހެއް.

﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ﴾ [التوبة – 36]

ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، اللَّه ގެ ޙަޟަރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ.

 

أَبو بَكْرَةَ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: ((إنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ))[2]

ހަމަކަށަވަރުން ﷲ އުޑުތަކާއި ބިން ހެއްދެވި ދުވަހުގައި ވީފަދައިން ޒަމާން އޭގެ ސިފައަށް ރުޖޫޢަކުރެއްވިއެވެ. އަހަރަކީ ބާރަ މަހެވެ. އޭގެތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މަސްތަކެވެ. އެއީ ޖެހިޖެހިގެން އަންނަ ޛުލްޤައިދާ އާއި ޛުލް ޙިއްޖާއާއި މުޙައްރަމު މަހެވެ. އަދި ޖުމާދާ އާއި ޝައުބާން މަހާއި ދެމެދުގައިވާ ރަޖަބު މުޟަރު މަހެވެ.(އެބަހީ: ރަޖަބު މަހެވެ.)

 

  1. ހަނގުރާމަ ކުރުން މަނާވެގެން ވުން.

މާތްﷲ ޙުރުމަތްތެރި ކުރެއްވި މަސްތަކުގައި ހަނގުރާމަ ކުރުން ވަނީ މަނާ ކުރެވިގެންނެވެ. އެގޮތުން މުޙައްރަމް މަހުގައި ހަނގުރާމަ ކުރުމާއި އަނިޔާވެރިވުން ވަނީ މަނާވެގެންނެވެ. އަދި އެމަހުގައި ހަނގުރާމަ އިސްވެފެށުން ޙަރާމް ކުރެވިގެންވެއެވެ. މިކަމަށް ދަލީލި ލިބެނީ އަންނަނިވި ނައްޞުތަކުންނެވެ.

﴿يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ ۖ ﴾ [سورة البقرة:217]

ޙުރްމަތްތެރިވެގެންވާ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

 

جَابِر رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. (( لَمْ يَكُنْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَغْزُو فِي الشَّهْرِ الْحَرَامِ إِلَّا أَنْ يُغْزَى – أَوْ يُغْزَوْا – فَإِذَا حَضَرَ ذَاكَ، أَقَامَ حَتَّى يَنْسَلِخَ )) [3]

ޙުރުމަތްތެރިވެގެންވާ މަސްތަކުގައި ނަބިއްޔާ ﷺ ހަނގުރާމަ ކުރައްވާ ކަމުގައި ނުވެއެވެ. އެއީ ބަޔަކު މީހުންއައިސް ހަނގުރާމް ކޮށްފުމަށްދާންދެނެވެ. އަދި އޭގެން މަހެއް އަތުވެއްޖެ ނަމަ އެމަސްތަތައް ނިމެންދެން ހަނގުރާމަ ކުރުން މަޑުޖައްސާލައްވައެވެ.

 

ޙުރުމަތްތެރިވެގެންވާ މަސްތަކުގައި އިސްވެ ހަނގުރާމަ ފެށުން މަނާކުރެވިގެންވި މަނާވުން މަންސޫޚްވެގެން ވޭތޯ؟ އާމެދު ޢިލްމުވެރިން ރައުޔު ތަފާތުވެފައި ވެއެވެ.

 الشيخ ابن باز އަދި  الشيخ ابن عثيمين رحمهما الله  ޙުރުމަތްތެރިވެގެންވާ މަސްތަކުގައި އިސްވެ ހަނގުރާމަ ފެށުން މަނާކުރެވިގެންވާ މަނާވުން މަންސޫޚް ވެގެންނުވާ ބަޔާންކުރައްވާފައި ވެއެވެ.[4]

 

  1. މުޙައްރަމް މަހުގައި އާޝުރާ ދުވަސް ވުން.

އާޝޫރާ ދުވަސް މުޙައްރަމް މަހުގައި ވާކަމީވެސް މުޙައްރަމް މަހަށް ލިބިފައިވާ ޚާއްޞަ ކަމެކެވެ. އެހެނީ އާޝޫރާ ދުވަހަކީ އިސްލާމްދީނުގައި ޚާއްޞަ މާތްކަމެއް ދެއްވާފައިވާ ދުވަހެކެވެ.

އާޝުރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަ ވަނަ ދުވަހެވެ. އެދުސް ޚާއްޞަ ވެގެން ވަނީ އެދުވަހަކީ މާތްﷲ ގެ ރަޙްމަތާއި ފަޟުލުވަންތަކަމުން ފިރްޢައުނު ޣަރަޤު ކުރައްވާ އެ ނުބައި ޖައްބާރުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ނަޖާކުރެއްވި ދުވަހެވެ. އެހެންކަމުން މާތްﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނު އެދުވަހުގައި ރޯދަ ހިއްޕެވިއެވެ. އޭގެސަބަބުން ނަބިއްޔާ ﷺ އެދުވަހުގައި ރޯދަ ހިއްޕެވިއެވެ. އެކަން ބަޔާންކުރައްވާ ابن عباس رضي الله عنهما ރިވާކުރައްވިއެވެ. قدم رسول الله صلى الله عليه وسلم المدينة فوجد اليهود يصومون يوم عاشوراء، فسئلوا عن ذلك، فقالوا: هذا اليوم الذي أظهر الله فيه موسى وبني إسرائيل على فرعون، فنحن نصومه تعظيماً له، فقال رسول الله صلى الله عليه وسلم: ((نحن أولى بموسى منكم، فأمر بصيامه)) [5]

ނަބިއްޔާ ﷺ މަދީނާއަށް ވަޑައިގެންނެވި އިރު ޢާޝޫރާ ދުވަހުގައި ޔަހޫދީން ރޯދަ ހިފާތީ ދެކެވަޑައިގެންނެވިއެވެ. އަދި އެކަމާއި ގުޅޭގޮތުން އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. އެހިނދު އެބައިމީހުން ދެންނެވިއެވެ. މިއަދަކީ ފިރުޢައުނުގެ މައްޗަށް މޫސާގެފާނަށާއި އަދި ބަނޫ އިސްރާއީލުންނަށް ކާމިޔާބުދެއްވި ދުވަހެވެ. ފަހެ އަހުރެމެން އެ ދުވަހު މަތިވެރި ކުރުމުގެ ގޮތުން ރޯދަ ހިފަމެވެ. ދެންފަހެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ތިމަންމެން ތިޔަބައިމީހުންނަވުރެ މޫސާގެފާނަށް އައުލާކަން ބޮޑުވެގެންވެއެވެ. އަދި ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ.

އިމާމު މުސްލިމް ރިވާކުރެއްވި ރިވާޔަތުގައި ވެއެވެ. ”ޝުކުރުވެރިވުމުގެ ގޮތުން އެދުވަހުގައި މޫސާގެފާނު ރޯދަ ހިއްޕެވިއެވެ.”

 

ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމާއި ގުޅޭގޮތުން ހަތަރު ޙާލަތެއް ނަބިއްޔާ ﷺ ބަޔާން ކުރެއްވިއެވެ.

ފުރަތަމައީ:

މައްކާގައި އެކަލޭގެފާނު އެދުވަހުގައި ރޯދަ ހިފާކަމުގައި ވިއެވެ. އެހެނަސް މީސްތަކުންނަށް އެދުވަހުގައި ރޯދަ ހިފުމަށް އަމުރުކުރައްވާފައެއް ނުވެއެވެ.

عائشة رضي الله عنها ރިވާކުރެއްވިއެވެ. ((كانت عاشوراء يوما تصومه قريش في الجاهلية وكان النبي صلى الله عليه وسلم يصومه فلما قدم المدينة صامه وأمر الناس بصيامه فلما نزلت فريضة شهر رمضان كان رمضان هو الذي يصومه فترك صوم عاشوراء فمن شاء صامه ومن شاء أفطر))[6]

ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުން ޢާޝޫރާ ދުވަހުގައި ރޯދަ ހިފާކަމުގައި ވިއެވެ. އަދި ނަބިއްޔާ ﷺ ވެސް ރޯދަހިއްޕެވިއެވެ. އަދި މަދީނާއަށް ވަޑައިގެންނެވުމަށް ފަހު ރޯދަ އެކަލޭގެފާނު ހިއްޕަވާ އަދި ރޯދަ ހިއްޕެވުމަށް މީސްތަކުނަށް އަމުރު ކުރެއްވިއެވެ. އަދި ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެވުނު ހިނދު ރަމަޟާން މަހު ރޯދަހިއްޕަވާ އަދި ޢާޝުރާ ދުވަހު ރޯދާ ދޫކޮއްލައްވާކަމުގައި ވިއެވެ. ފަހެ ބޭނުންވާ މީހާ އެދުވަހުގައި ރޯދަ ހިފާ އަދި ބޭނުން ނުވާ މީހާ އެދުވަހުގައި ރޯދަ ނުހިފާ ދޫކޮއްލާކަމުގައި ވިއެވެ.

 

ދެވަނައީ:

ނަބިއްޔާ ﷺ މަދީނާއަށް ވަޑައިގެންނެވި އިރު އެދުވަސް މަތިވެރި ކުރުމުގެ ގޮތުން އަހުލު ކިތާބީން ރޯދާ ހިފާތީ ފެނިވަޑައިގަތުމުން އެދުވަހުގައި ރޯދަ ހިފުމަށް މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. އަދި އެކަމަށް އެކަލޭގެފާނު ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. އޭގެސަބަބުން ކުޑަކުދިންވެސް އެދުވަހުގައި ރޯދައަށް ތިއްބެވިއެވެ.

 

ތިންވަނައީ:

ރަމަޟާންމަހުގެ ރޯދަ ފަރުޟުވުމާއި ގުޅިގެން ޢާޝޫރާދުވަހު ރޯދަ ހިފުމަށް އެކަލޭގެފާނުގެ ޞަޙާބީންނަށް ކުރައްވަމުން ގެންދެވި އަމުރުފުޅު ހުއްޓަވާލެއްވިއެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރަށްވާކަމުގައިވިއެވެ. ((إن عاشوراء يوم من أيام الله فمن شاء صامه ومن شاء تركه))[7]

”ހަމަކަށަވަރުން ޢާޝޫރާ ދުވަހަކީ ﷲގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފަހެ އެދުވަހުގައި ރޯދަހިފަން އެދޭމީހާ ރޯދަ ހިފާހުށިކަމެވެ. އަދި ރޯދަ ދޫކޮށްލަން އެދޭ މީހާ ރޯދަ ދޫކޮށްލާހުށިކަމެވެ.”

 

ހަތަރުވަނައީ:

ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ނުހިފާ އޭގެ އިތުރުން މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހާއި އެކު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް ނަބިއްޔާ ﷺ އެކަލޭގެފާނުގެ ޢުމުރުގެ ފަހުކޮޅުގައި ޢަޒުމް ކަނޑައެޅުއްވިއެވެ. އެއީ އަހުލުކިތާބީން ރޯދަ ހިފާ އުސޫލާއި ޚިލާފްވުމުގެ ގޮތުންނެވެ.

ابن عباس رضي الله عنهما ރިވާކުރައްވާފައިވެއެވެ.  حين صام رسول الله صلى الله عليه وسلم عاشوراء وأمر بصيامه قالوا يا رسول الله: إنه يوم تعظمه اليهود والنصارى. فقال رسول الله صلى الله عليه وسلم: (فإذا كان العام المقبل إن شاء الله صمنا التاسع) قال: فلم يأتِ العام المقبل حتى توفي رسول الله صلى الله عليه وسلم.

ނަބިއްޔާ ﷺ ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވާ އަދި ޞަޙާބީންނަށް އެކަމަށް އަމުރު ކުރެއްވި ހިނދު އެބޭކަލުން ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ޔަހޫދީންނާއި ނަޞާރާއިން އެދުވަސް މަތިވެރި ކުރުމުގެ ގޮތުން ކުރާ ކަމެކެވެ. އެހިނދު ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ﷲ އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގައި ތިމަންމެން މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހު ރޯދަ ހިފާނޫއެވެ.” އެހެނަސް އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން ޖެހިގެން އައި އަހަރުގެ ޢާޝުރާދުވަސް އައިސްފައެއް ނުވެއެވެ.

 

ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަން

ޢާޝޫރާ ދުވަހުގެ ރޯދައަކީ ވަރަށް ޚާއްޞަ މާތްކަމެއް ލިބިގެން ވާ ރޯދައެކެވެ. އަންނަ ނިވި ޙަދީޘުން އެކަން އެނގެއެވެ.

أبو قتادة رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދައާއި މެދު ސުވާލު ކުރެވުނު ހިނދު ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((أحتسب على الله أن يكفر السنة التي قبله))[8]

ފާއިތުވެ ދިޔައަހަރުގެ ފާފަތަކުގެ ކައްފާރާއަކަށް ވުމަށް ތިމަންކަލޭގެފާނު ﷲގެ ޙަޟުރަތުގައި އުންމީދު ކުރަމެވެ.

 

އެހެންކަމުން ހަމައެކަނި ޢާޝޫރާ (މުޙައްރަމް މަހުގެ 10 ވަނަ) ދުވަހު ރޯދަ ހިފި ކަމުގައި ވިޔަސް ނަބިއްޔާ ﷺ އެ ބަޔާންކުރެއްވި ސަވާބާއި ދަރުމަ ލިބިގެން ދާނެއެވެ. އެހެނަސް އިސްވެ ބަޔާން ކުރެވިފައިވާ ހަދީސް “ﷲ އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގައި ތިމަންމެން މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހު ރޯދަ ހިފާނޫއެވެ.” ރަސޫލުﷲ ﷺ ޙަދީޘްކުރެއްވި މި ހަދީޘުން ދަލީލު ލިބޭގޮތުގައި އެންމެ ރަގަޅު އަދި ސަވާބާއި ދަރުމަ ބޮޑު ގޮތަކީ ޢާޝޫރާ ދުވަހާއި އެދުވަހުގެ ކުރީ ދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހާއި އެއްކޮށް ރޯދަ ހިފުމެވެ. ނުވަތަ އާޝޫރާ ދުވަހާއި ކުރީ ދުވަހާއި ޖެހިގެން އަންނަ ދުވަހު (މިތިން ދުވަހުވެސް) ރޯދަ ހިފުމެވެ.

 

މާތްﷲ އަޅުގަނޑުމެންނަށް މުޙައްރަމް މަހާއި އާޝޫރާ ދުވަހުގެ މާތްކަމާއި ބަރަކާތް ޙާސިލްކުރުމުގެ ހެޔޮ ތައުފީގު ދެއްވާށި. އަދި މި ފެށުނު ހިޖްރީ އައު އަހަރަކީ ﷲއާ ކުއްތަންވުމާއި އަޅުކަންތައް އަދާކުރުމުގައި އިތުރު ހީވާގިކަމާއި ހިއްވަރާއި އެކު ކުރިއަށްދާ އަހަރެއްކަމުގައި ލައްވާށި. އާމީން.

———————

މަރްޖިޢު:

https://bit.ly/2Ei9vbV

===========

[1] رواه ابن حبان في صحيح ابن حبان فصححه

[2] متفق عليه.

[3] رواه أحمد وصححه محققو المسند .

[4] مجموع فتاوى ابن باز (18/ 433). އަދި اللقاء الشهري (27/ 3) 

[5] رواه البخاري ومسلم

[6] رواه البخاري ومسلم.

[7] رواه مسلم

[8] رواه مسلم.