ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ވެބިނާގައި، ދަރިން އިންޓަރނެޓް ބޭނުންކުރަނީ ރައްކާތެރިގޮތުގައި ކަން ކަށަވަރުކުރުމުގެ މުހިންމު ކަމާއި، އިންޓަރނެޓުން ކުދިންނަށް ފޯރާފާނެ ނޭދެވޭ އަސަރުތަކަށާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން މުޖްރިމުން ހިންގާ ބައެއް ނޭދެވޭ ކަންކަމުގެ މަޢުލޫމާތާއި، ދަރިން އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައި ކަން ކަށަވަރުކުރުމަށް ބޭނުންކުރެވިދާނެ ބައެއް ޓޫލްތަކާ ގުޅޭ މަޢުލޫމާތަށް އަލި އަޅުވައިލެވޭނެއެވެ. ސެޕްޓެމްބަރ 25 ވާ ހުކުރު ދުވަހުގެ ރޭ (މިރޭ) 20:45 އިން 23:00 އޮންލައިން ކޮށް ގެންދާ މި ވެބިނާ ކުރިއަށް ދާނީ އާންމުކޮށް ހުޅުވައިލެވިގެން، އޮންލައިން ކޮންފަރަންސިނގް ޕްލެޓްފޯމް ޓީމްސް މެދުވެރިކޮށެވެ.

700 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްދާނެ މި ވެބިނާގައި މަޢުލޫމާތު ދެއްވާނީ ހިރާ ސްކޫލްގެ ބޯޑް މެމްބަރ އަލްއުސްތާޛް މުހައްމަދް އަނީލް އާއި އެމް.އާރް.އީ.އައި.ސީ ގެ ޖެނެރަލް މެނޭޖަރ އަހްމަދް ނަސީމް އެވެ. އުސްތާޛް އަނީލްއަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ދާއިރާއިން 100 އަށްވުރެ ގިނަ ސެޝަން ނަންގަވާދެއްވާފައިވާ ބޭފުޅެކެވެ. އަދި އަޙްމަދު ނަސީމް އަކީ ނެޓްވަރކިންގ ގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ވެބިނާ ވީޓީވީ އިން ވަގުތުން ދުރަށް ދައްކާނެއެވެ. އަދި މަހަލްދީބް ފައުންޑޭޝަންގެ ޔޫޓިއުބް، ޓްވިޓަރ އަދި ފޭސްބުކް އެކައުންޓްގެ އިތުރުން ބައެއް ކްލަބް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލައިވް ކުރެވޭނެއެވެ. ވެބިނާގައި ރަޖިސްޓްރީ ވެގެން ބައިވެރިވެލައްވާފައިވާ ފަރާތްތަކަށް ވެބިނާގެ ޕްރެސެންޓޭޝަން އަދި ލެކްޗަރ ހޭންޑްއަޓުސް ވެސް ލިބިލައްވާނެއެވެ.