ރައްކާތެރިގޮތުގައި އިންޓަނެޓުގެ ބޭނުން ހިފުމަށް އަހުލުވެރިކުރުމަށްޓަކައި މަހަލްދީބް ފައުންޑޭޝަންއިން ދަނީ ތަފާތު އެކި ހަރަކާތްތައް ރާވާ ހިންގަމުންނެވެ. މިގޮތުން 10 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހުގެ ރޭ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްޞަ ޓްރެއިނިންގް ސެޝަނެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޓްރެއިނިންގައި މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 20 ޖަމިއްޔާއިން ވަނީ ބައިވެރިވެފައެވެ. މި ޓްރެއިންނިންގްގެ ބައިވެރިންނަށް އިންޓަނެޓު ރައްކާތެރިކޮށް ބޭނުންކުރުމާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމާއި، އިންޓަނެޓު ސޭފްޓީ އެޕްލިކޭޝަންތައް އަމަލީގޮތުން ތައްޔާރުކޮށް އެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ތަމްރީނުކޮށްދެވޭނެއެވެ.

މި ޓްރެއިނިންގް ސެޝަން ކުރިޔަށް ގެންގޮސްދެއްވާނީ އެމް.އާރް.އީ.އައި.ސީ ގެ ޖެނެރަލް މެނޭޖަރ އަހްމަދް ނަސީމެވެ. އަޙްމަދު ނަސީމަކީ ނެޓްވަރކިންގ ގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ނަސީމް ވަނީ މަހަލްދީބް ފައުންޑޭޝަންއިން ބެލެނިވެރިންނަށް ޙާއްސަކޮށްގެން 25 ސެޕްޓެމްބަރުގައި ބޭއްވި އިންޓަނެޓް ސޭފްޓީ ވެބިނާރގައިވެސް މަޢުލޫމާތު ދެއްވާފައެވެ.

މި ޓްރެއިނިންގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ އިތުރު ޖަމްޢިއްޔާތަކުން 9850133 ނަންބަރަށް ގުޅުއްވައިގެން ކުރިޔަށް ދިޔުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.