ދިވެހިރާއްޖޭގެ ބާ ކައުންސިލުން، މަދީނާ އިސްލާމިކް ޔުނިވަރިސިޓީގެ ފެކަލްޓީ އޮފް ޝަރީޢާގެ ބެޗެލަރ އޮފް އިސްލާމިކް ލޯ ކޯހަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ ޤާނޫނީ ދާއިރާގެ ކޯހެއް ކަމަށް ކަނޑައަޅުއްވާފައިވާފައިވާތީ އެ ނިންމުމަށް މަހަލްދީބް ފައުންޑޭޝަންއިން މަރުހަބާ ކިޔައިފިއެވެ.

މިގޮތުން ބާކައުންސިލަށް ފޮނުވި ސިޓީގައި، އެ ކައުންސިލުގެ މައްޗަށް މަތިކުރެވިފައިވަނީ ނުހަނު ބޭނުންތެރި އަދި މުހިންމު ޒިންމާއެއްކަމަށާއި، މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާއިން ބެޗެލަރ އޮފް އިސްލާމިކް ލޯ ފުރިހަމަ ކުރާ ދަރިވަރުންނަށް ވަކީލުކަމުގެ ހުއްދަ ދެވިދާނެތޯ އުފެދުނު ސުވާލާމެދު ގޮތެއް ނިންމުމުގައި ކައުންސިލުން އެ ދަރިވަރުންނަށް ތަކުރާރުކޮށް އެކި ފުރުސަތު ދެއްވިކަމަށްޓަކައާއި މަހަލްދީބް ފައުންޑޭޝަނުން ކަރުދާސް ހުށައަޅަން ފުރުސަތުދެއްވި ކަމަށްޓަކައި ދިވެހިރާއްޖޭގެ ބާކައުންސިލަށް ޝުކުރު އަދާކޮށްފައިވެއެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާއިން ބެޗެލަރ އޮފް އިސްލާމިކް ލޯ ފުރިހަމަ ކުރާ ދަރިވަރުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާ މެދު އުފެދުނު ސުވާލަށް ޖަވާބު ހޯދުމުގެ ގޮތުން މަހަލްދީބް ފައުންޑޭޝަނުންވަނީ އެ ކޯހުގެ މުޤައްރަރު ދިރާސާކޮށް ކަރުދާހެއް އެކުލަވާލައި ޝާޢިޢުކޮށްފައެވެ. އަދި މިކަރުދާސް ބާކައުންސިލާ ހިއްސާކޮށްފައިވެއެވެ.