އިސްލާމީ ޝަރީޢަތަކީ ހުރިހާ ތަނަކަށާއި ޒަމާނަކަށް ޞާލިޙު ޝަރީޢަތެކެވެ. ޝަރީޢަތް ބާވައިލެއްވުމަށްފަހު ހިނގަމުން މިދާ ޒަމާނާއި އަންނާން އޮތް ޒަމާނަށްވެސް ފުރިހަމައަށް ތަޠުބީޤުކުރެވޭނެ ޝަރީޢަތެކެވެ. އެފްރިކާގެ ސަހަރާގެ ބާދިޔާގައި އާއި ބުރާޒިލުގެ އެމޭޒަން ޖަންގަލި ތަކުގެ އެތެރޭގައި ދިރިއުޅޭ އެންމެހައި އިންސާނުންނާއި ތަރައްޤީއާއި ތަމައްދުނުވެފައިވާ ޢުމްރާނީ ވަސީލަތްތަކުގެ ދަށުން އާ އުސްމިންތަކުގައި ދުނިޔޭގެ އެންމެ އުސް ޢިމާރާތުގައި ދިރިއުޅޭ އެންމެހައި ފަރުދުންގެ މައްޗަށްވެސް ތަޠުބީޤުކުރެވޭ ފުރިހަމަ ޝަރީޢަތެކެވެ.

އިރާއި ތަރިން މިސްރާބު ހޯދާ ދަނފުޅިން ސާޢާތު ބަލަމުންދާ ފަރާތާއި، ޒަމާނީ ވަސީލަތުގެ ތެރެއިން އެއްގަމު ސަމުގާއާއި އަތުކުރި ގަޑިން ވަގުތު ބަލަމުންދާ ފަރާތަށްވެސް ފުރިހަމައަށް ތަޠުބީގުކުރެވޭ ޝަރީޢަތެކެވެ.

ވޭތުވެދިޔަ އެތަކެއް ޤަރުނުތަކުގެ ދިރާސާއާއި ތަޖުރިބާއިން ޙާޞިލުކޮށްފައިވާ ޢިލްމުގެ މަދު މިންވަރުން އީޖާދުކޮށްފައިވާ އެންމެހައި ޓެކްނޮލޯޖީގެ ވަސީލަތާއި އެތަކެތީގެ އެހީގައި މަންފާ ޙާޞިލުކޮށް މުޅި ދިރިއުޅުން އޭގެ މައްޗަށް ބަރޯސާކޮށް ދިރިއުޅޭ ރަސްމަތިފުށު ޢާއިލާތަކާއި ސަހަރާގައި ބަނޑުފުރާނަ މުއްތިކުރުމަށް ކޮންމެ ދުވަހަކު އެތަކެއް މަސައްކަތެއް ކުރާ ނިކަމެތި އަފްރާދުންގެ މައްޗަށްވެސް ތަޠުބީޤުކުރެވޭ އަދި ޢަދުލަށް ވާޞިލުވެވޭ އެކަށޭނެ ޝަރީޢަތެކެވެ.

ކަންމިހެންހުރިއިރު، މުޖުތަމަޢުގެ ދިރިއުޅޭ އަފްރާދުންގެ ތެރޭ ހިނގާނެ އެންމެހައި މުޢާމަލާތަކީ އެއިރެއްގެ ތަނާއި ވަގުތާއި ޙާލަތާއި، ޢިއްލަތާއި، ޟަރޫރަތާއި، މަޞްލަޙަތާއި ޢުރުފުގެ މައްޗަށް ބިނާވެ ވަކި ޙައްދެއް – limit އެއްނުވާ މުޢާމަލާތްތަކަށް ވާއިރު، ޝަރުޢީ އަޞްލުތަކާއި ޤަވާޢިދުތަކާއި މަބާދިއުތަކަކީ ވަކި ޙައްދެއް އޭގައި އެކުލެވޭ އެއްޗެކެވެ.

އަންދަލުސްގެ މަޝްހޫރު ޤާޟީ ކަމުގައިވާ އިބްނު ރުޝްދުލް ޤުރުޠުބީ އެކަލޭގެފާނުގެ ފޮތްކަމުގައިވާ بداية المجتهد ونهاية المقتصد – The Distinguished Jurists Primer މި ފޮތުގައި މި މައްސަލަ ބަޔާންކުރައްވާ ލިޔުއްވަނީ أن الوقائع بين أشخاص الأناسي غير متناهية، والنصوص والأفعال والإقرارات متناهية، ومحال أن يقابل ما لا يتناهى بما يتناهى. ، ވަކި ހައްދެއްނުވާ ދޭދޭ ފަރުތުދުންގެ ދެމެދު އަބަދުވެސް އައު މުޢާމަލާތްތައް އީޖާދުވަމުންދާއިރު އޭގެ މައްޗަށް ތަޠުބީޤު ކުރާ ޝަރުޢީ ނައްޞުތަކަކީ ވަހީ މެދުކެނޑުނު ހިސާބުން ނިމިފައިވާ އެއްޗަކަށްވާތީ، ވަކި ޙައްދެއް ނެތް އެއްޗެއްގެ މައްޗަށް ނައްޞުތައް ހުރިގޮތަކަށް ތަޠުބީޤު ކުރުމަކީ މުސްތަޙީލުކަމެއް ކަމުގައެވެ.

އެހެންކަމުން އަލަށް އަންނަ އައު މައްސަލަތަކުގައި ޢިލްމުވެރިންނާއި ދަންނަބޭކަލުންގެ އެންމެ އިސްވާޖިބަކަށް ވާނީ ޝަރުޢީ ނައްޞުތަކުގެ އަލީގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި ޤަވާޢިދުތަކުގެ ހިޔަލުން އެއާއި އެއްގޮތްވާގޮތުގެ މަތިން އެންމެ އަކަށޭނެ ޙުކުމެއް ނެރެދެއްވުމެވެ.

ފާހަގަކުރަންޖެހޭ މުހިއްމު ނުކުތާއަކީ ޝަރީޢަތަކީ އިލާހީ ކައުނަވީ ޝަރީޢަތެއް ކަމާއި އޭގެ ޒާތުގައި ޝަރީޢަތުގެ އެއްވެސް ޖުޒުއެއްގައި، ވަކި ޤިސްމެއްގައި ނުވަތަ ޙިއްޞާއެއްގައި ފާސިދު، ބާޠިލު އަދި ބުއްދި ހަމަނުޖެހޭ އެއްވެސް ކަމެއް ނުހިމެނޭނެކަން ކަށަވަރެވެ. ނަމަވެސް ޝަރުޢީ އުސޫލުތަކުގެ އަލީގައި ޙުކުމް އިސްޠިންބާޠު ކުރުމުގައި ދަންނަބޭކަލުންގެ އިޖުތިހާދުގައި އޮޅުމެއް ނުވަތަ ޚަޠައެއް ނުވަތަ ނުބައިކޮށް އިސްޠިންބާޠު ކުރެވުމަކީ ވެދާނެކަމެއްކަމާއި އެކަމަކީ ޝަރީޢަތަށް ނިސްބަތްކުރަންޖެހޭ ކަމެއް ނޫންކަމުގައި ދެކެމެވެ.

ޝަރީޢަތަކީ އިލާހީ ކައުނަވީ ޝަރީޢަތެއް ކަމުގައި ވިޔަސް އެތަޠުބީޤުކުރުމަށް ނުވަތަ ޙުކުމްތައް އިސްޠިންބާތު ކުރުމަށް ތިބޭ ފަރާތްތަކަކީ އިންސާނުން ކަމުގައިވާތީ އިންސާނުންގެ އެންމެހައި އުނިސިފައެއް އެ އިސްޠިންބާތު ކުރެވުނު ޙުކުމުގައި ހުރުމަކީވެސް އެކަށީގެންވާކަމެކެވެ. އަދި އެއެކުލެވޭ ޢައިބުގެ ސަބަބުން ޝަރީޢަތަކީ ޒަމާނާއި ޙާލަތަށް ފިޓުނުވާ ޤަދީމީ އެއްޗެއްކަމަށް ސިފަކުރުމަކީވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި އެކަން ކުރުމުގައި އެއްވެސް މަންޠިޤީ ބުރަދަނެއް ނެތްކަމުގައި ދެކެމެވެ.

 

-އަދި ނުނިމޭ-