މަހަލްދީބް ފައުންޑޭޝަނުން ޖަމްޢިއްޔާތަކުގެ ރެޖިސްޓްރާ އަލްފާޟިލް އަޙްމަދު އިރާޝް އާ ބައްދަލުކޮށްފިއެވެ. ޔޫތް ސެންޓަރގައި އާދީއްތަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ޖަމްޢިއްޔާތައް ބާރުވެރިކުރުމާއި ކުރިއެރުމަށް ކުރެވިދާނެ ކަންކަމާއި އެކަމަށް މި ވަގުތު ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ. އަދި ޖަމްޢިއްޔާތަކުގެ ތެރެއިން ޒުވާނުން ބާރިވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު ވާހަކަ ދެކެވިފައިވެއެވެ. ޖަމްޢިއްޔާތަކަށް ދައުލަތުގެ އެކި މުއައްސަސާތަކުން ޚިދްމަތް ހޯދުމުގައި ލުއިފަސޭހަ ހޯދައިދިނުމާއި، ޓެކްސް ލުއި ތަކެއްގެ ޒަރިއްޔާއިން ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން އިތުރުކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރެވިފައެވެ.
ރަޖިސްޓްރާގެ ވާހަކަފުޅުގައި ސަރުކާރުގެ ތެރެއިން ޖަމްޢިއްޔާތަކަށް ބާރުވެރިކަން ހޯދައިދިނުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ ޖަމްޢިއްޔާތަކާ އެއްކޮށް މަސައްކަތް ކުރުމުގެ ރޫހު ސަރުކާރުގެ ހުރިހައި މުއައްސަސާއަކުން ގެންގުޅޭކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ވަކިން ޚާއްސަކޮށް މިހާރު ހުށައެޅިފައިވާ ޖަމްޢިއްޔާތަކުގެ ބިލް ޤާނޫނަކަށް ވެގެން އައުމުން ޖަމްޢިއްޔާތައް އިތުރަށް ބާރުވެރިވެގެން ދާނެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލްވުމުގައި 2021 ވަނަ އަހަރު މި ޖަމްޢިއްޔާއިން ކުރަން ރޭވިފައިހުރި ބައެއް ހަރަކާތްތަކުގެ ތަފްސީލްވެސް ރަޖިސްޓްރާއާ ހިއްސާ ކުރެވުނެވެ.
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ބައްދަލްވުމުގައި ބައިވެރިވެލެއްވީ ފައުންޑޭޝަންގެ ވައިސް ޗެއާރޕާރސަން އަލްއުސްތާޒް އަޙްމަދު ޝިޔާޒް އަދި ފައުންޑޭޝަންގެ ސެކެޓްރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު މާތިއު ނަޖީބް ބައިވެރިވެފައިވެއެވެ.