މުޤައްދިމާ

އަދުގެ ދުނިޔޭގައި ފާޙިޝްކަންތަކާއި މުންކަރާތްތައް ފެތުރިގެންދަނީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ އަވަސްމިނެއްގައެވެ. ދުނިޔޭގޭ ވެރިކަންކުރަމުންދާ ޤައުމުތަކުގައި އިންސާނީ ޙައްޤެއްގެ ގޮތުގައި ބައެއް މުންކަރާތްތައް ހުއްދަކޮށް، ރުހިގެން ކުރާ ކޮންމެކަމަކީ ޤާނޫނުން އެމީހަކަށް ބާރުލިބޭ ކަންކަމުގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ. އެފަދަ ޤައުމުތަކުގެ ތަހުޒީބާއި ތަރައްޤީގެ އަސްލަކީ ދީނާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކުން އެއްކިބާވެ، ޝަހުވާނިއްޔަތާއި އަމިއްލަ އެދުމުގެ މައްޗަށް ބިނާވާ “އުފަލާއި ހިތްހަމަޖެހޭ އެންމެހައި ކަންކަން ކުރުމާއި ގެއްލުންލިބޭ އެންމެހައި ކަންކަން ދުރުވެގަތުމުގެ” ފަލްސަފާ އިސްކުރުމުގެ ނަތީޖާއެވެ. އުފަލާއި ހިތްހަމަޖެހުން ބިނާވަނީ ޝަހުވާނީ އެދުންތައް ފުއްދުމުގައި ކަމުގައިވަނީނަމަ އެކަންކަން ކުރުމަށް ހުރަސްއަޅާ ނުވަތަ މަނާކުރާނެ އެއްވެސް ކަމެއް ނެތެވެ. އެގޮތުން އިސްރާފުކުރުމާއި، ރާ ބުއިމާއި، ޖުވާ ކުޅުމާއި، ޒިނޭކުރުން ފަދަ ކަންކަން އިންތިހާއަށް ފެތުރިފައިވާއިރު، އިސްލާމީ ދުނިޔޭގައި އަދި ޚާއްޞަކޮށް ދިވެހި ރާއްޖޭގައިވެސް ޒިނޭކުރުން މިހާރު އިންތިހާއަށް ގިނައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޒިނޭގެ ދަރިން ގިނަވެ ދައުލަތުގެ ބެލުމުގެ ދަށަށް ދާންޖެހޭ ކުދިންވެސް ގިނަކަން ފާހަގަކުރަމެވެ.

ކައިވެނިން ބޭރު ކުދިން އުފަންވުމުގެ ނަތީޖާއަކީ ޝަރުޢީ ބަލަދު އަރާނެ ބައްޕައެއްނެތި ދިރިއުޅުމުގެ ޔާރެއް އިޔާރެއް ނެތްކުދިންގެ ގޮތުގައި އެތަކެއް ތަކުލީފުތަކާއި އެކު އެކުދިން ބޮޑުވާންޖެހުމެވެ. އަދި ޒިނޭކުރާ މީހާއަށް ޒިނޭއަށް އިންކާރުކޮށް އުފުލަންޖެހޭ ޒިންމާ ބޮލާލާ ޖަހައި ޒިންމާއިން ބަރީއަވުމަށް މަގުފަހިވެގެން ދިޔުމެވެ. ބޭޒާރުވަނީ މަންމައާއި ދަރިފުޅުވެ. މިކަމުގެ ސަބަބުން ކުއްޖާއަށް އިޖުތިމާޢީ ގޮތުން ތަޢުލީމީ ޙަޔާތުގައި އަދި ޢާންމު ދިރިއުޅުމުގައިވެސް ލަދުވެތިކަމާއި ކުރިމަތިލާންޖެހެއެވެ. އެއްވެސް ކުށެއްނުކުރާ ޙާލު ނަފުސާނީ ގޮތުން އެތަކެއް ގެއްލުންތައްވެސް މިފަދަކުދިންނާއި ކުރިމަތިލާންޖެހެއެވެ. މިއީ ޙަޤީޤަތެކެވެ. އަދި މިއީ ޝަރުޢީ އުސޫލުތަކުން ބޭރުން ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ޢަމަލުތަކަށް އަރައިގަތުމުގެ ނަތީޖާއެވެ. ޙައްލަކީ ޒިނޭ ނުކުރުމެވެ. އަދި ކިއެއްތަ ޒިނޭއާއި ކައިރިވެސް ނުވުމެވެ. މިޙައްލާއިމެދު އެއްވެސް ޝައްކެއް ނުކުރަމެވެ. ނަމަވެސް އެފަދަކަމެއް މެދުވެރިވެއްޖެނަމަ ޝަރުޢީ އުސޫލުން ދެވޭނެ ފަރުވާއަކީ ކޮބާތޯ ބަލާލުން މުހިންމެވެ.

ޝަރުޢީ ކައިވެންޏެއްގެ ބޭރުން ނަހަމަގުޅުން ހިންގާ މީހާ ކުޅަ ޢަމަލެއްގެ ނަތީޖާއިން އުފަންވާކުދިން އެމީހާއަށް ލެއްވޭނެތޯ ސުވާލުކުރުމަކީ މުހިންމު ސުވާލެކެވެ. އެހެނީ އެސުވާލުގެ ޖަވާބުން، އޭގެ މައްޗަށް ވާރުތަވުމާއި، ނަފަޤާއާއި، ޙަޟާނަތާއި ޤިޞާޞް ހިފުމާއި އަދި އެހެނިހެން ޝަރުޢީ އެތަކެއް ޙުކުމެއް އެއަށް ބިނާވާ ސުވާލެކެވެ. އަދި އެއީ ޒިނޭކުރި މީހުން އެމީހުން ކުރާ ޢަމަލުތަކުގެ ޒިންމާ ނެގުމަށް މަގުފަހިކުރާނެ ސުވާލެކެވެ.

ޒަމާނީ ޓެކްނޮލޮޖީ ވަޞީލަތުގެ ސަބަބުން ވިރާސީ ކުރެހުމާއި، ފިންގަރ ޕުރިންޓާއި އަދި މިނޫންވެސް އީޖާބީ އުފެއްދުންތަކުގެ އަލީގައި ކުއްޖާގެ ބައްޕަ ދެނެގަތުމަކީ މިޒަމާނުގައި ވަރަށް ފަސޭހަކަމެކެވެ. އަދި އެކަމަށްވަނީ މަގުފަހިވެފައެވެ. މިފަދަ ވަސީލަތްތަކުގެ އަލީގައި ޔަޤީނާއި ގާތަށް ކުއްޖާގެ ބައްޕަ ދެނެގަތުމަކީ ކުރެވިދާނެކަމެއްކަމުގައި ވިޔަސް ދަންނާންޖެހޭ ޙަޤީޤަތަކީ ޝަރުޢީ ގޮތުން ނަސަބު ސާބިތު ކުރެވޭނީ ޝާރުޢީ އަސާސްތަކުގެ މަތިންކަމެވެ. އެހެންކަމުން ޝަރުޢީ ގޮތުން ނަސަބު ސާބިތުކުރުމާއި އެޙުކުމަށް ވާސިލުވުމަށް ޒަމާނީ ވަސީލަތްތަކުގެ ދައުރަކީ ކޮބައިކަން އެނގުމަކީ އަދުގެ މުޖުތަމަޢުއަށް ކޮންމެހެން ބޭނުންޖެހިފައިވާ ކަމެއް ކަމުގައިއެވެ.

މުޞައްނިފް

އަލް އުސްތާޛު ޢަޒުމީނު ރަޝީދު

އަލް އުސްތާޛު ޢަޒުމީނު ރަޝީދު ކިޔަވައިވިދާޅުވީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިންނާއި މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީއިންނެވެ. އެގޮތުން މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީއޮފް ޝަރީޢާ އިން ބެޗެލަރސް އޮފް ޝަރީޢާ އާއި މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ލޯސް ފުރިހަމަކުރައްވާފައިވެއެވެ. އަދި އުސްތާޛް ޢަޒުމީނަކީ މިވަގުތު މެލޭޝިޔާގެ އިސްލާމިކް ސައިންސް ޔުނިވަރސިޓީއިން އިކޮނޮމިކްސްގެ ދާއިރާއިން ޕީ.އެޗް.ޑީ ހައްދަވަމުންދާ ދަރިވަރެކެވެ. އުސްތާޛް ޢަޒުމީނަކީ މަހަލްދީބް ފައުންޑޭޝަންގެ ޝަރީޢާ ކޮމިޓީގެ މެމްބަރެކެވެ.

 

ކަރުދާސް ޑައުންލޯޑް ކުރެއްވުމަށް