އެމަހަކަށްޓަކައި އެންމެހާ މުސްލިމުން، ޚާއްޞަކޮށް ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިޔުމަށް އެދިއެދި ތިބި މީހުން ބައްދަލު ކުރުމަށް އިންތިޒާރު ކުރި މައްސަރު، އަދި އެމަހެއްގެ ތެރޭގައި އެތަކެއް ބަރަކާތެއް ލިބިގަތުމަށް ފަހިވެފައިވާ މައްސަރުގެ ނިމުން އައިސް މާޒީވެ ދިޔައީއެވެ. ދަންނާށެވެ. އެ މަހުގައި މާތް ﷲގެ ޙަޟުރަތުން ސަވާބައި ދަރުމައަށް އެދިގެން ރޯދަ ހިފި މީހާއަށް އުފާވެރިކަން ހުއްޓެވެ. އަދި އެ މަހުގައި މާތް ﷲގެ ޙަޟުރަތުން ސަވާބައި ދަރުމައަށް އެދިގެން ޤިޔާމު ނުވަތަ ރޭއަޅުކަން ކުރި މީހާއަށްވެސް އުފާވެރިކަން ހުއްޓެވެ. އަދި އެމަހުގައި މާތް ﷲގެ ޙަޟުރަތުން ސަވާބައި ދަރުމަ އަށް އެދިގެން ރޭތަށް އިޙްޔާކޮށް، އިޢުތިކާފްގެ މަތިވެރިކަން ލިބިގަން ފަރާތްތަކަށް ވެސް އުފާވެރިކަން ހުއްޓެވެ. އަދި އެޔަށް ފަހުގައި ފިތުރު ޒަކާތް އޭގެ ޙައްޤުވެރިންނަށް އަދާކޮށް އެކަމުގެ މަތިވެރިކަން ލިބިގަން މީހުންނަށްވެސް އުފާވެރިކަން ހުއްޓެވެ. އެކަމަށްޓަކައި މާތް ﷲއަށް ޙަމްދު ކުރާށެވެ. އަދި ޢަމަލުތައް ޤަބޫލުވެވުން އެދި ދުޢާ ކުރާށެވެ. އެއާއިއެކު ދަންނަންވީ ކަމަކީ ދަނޑުވެރިކަން ރަނގަޅު މޫސުމެއްގައި ދަނޑުތަކުން ގޮވާމާއި މޭވާއާއި ތަރުކާރީ ލިބިގަތުމަކީ ފަސޭހަ ކަމެއްކަމެވެ. އަދި ފުދި އިތުރުވާ ވަރު ވެއްޖެޔޭ ހީވާ ވަރަށް ވެސް ދަނޑު ގޮވާން ލިބި ހިނގައިދާނެއެވެ. އެހެން ނަމަވެސް ވިސްނަން ޖެހޭ ކަމަކީ، އަދި އެންމެ އުނދަގޫވެސް ކަމަކީ ދަނޑުވެރިކަން ރަގަޅު މޫސުމުގެ އަސަރާއި ފައިދާ އަހަރުގެ ހުރިހާ ދުވަސްވަރަކަށް ދެމިގެންދާނެ ގޮތްތަކަށް ކަންތައްތައް ތަރުތީބު ކުރުމެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ހެޔޮކަމުގެ މޫސުން، ރަމަޟާން މަހުގެ އަސަރު ތިމާގެ ދިރި އުޅުމުގައި ހަރުލައި ދިގުމުއްދަތަކަށް ދެމިގެންދިއުމަކީ ދަތިކަމަކަށްވެސް ވެދާނެއެވެ. ބުރަކަމަކަށް ވެސް ވެދާނެއެވެ. އެހެނަސް އެއީ ކޮންމެހެންވެސް އަޅުގަނޑުމެން އެކަމަށް އިންތިހާއަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އެހެންކަމުން މާތްވި ބަރަކާތެރި ރަމަޟާން މަހަށް ފަހު އެ ބަރާކާތުގެ އަލީގައި ހެޔޮޢަމަލުތައް މަތީ ސާބިތުވަމާ ހިންގަވާށެވެ. ހެޔޮކަންކަމުގެ މަތީގައި ސާބިތު ވާ މީހާއަށް މާތްﷲ ވަނީ އުފާވެރި ކަމުގެ ޚަބަރު ދެއްވާފައެވެ. މާތް ﷲ ވަހީކުރެއްވިއެވެ.
﴿ إِنَّ الَّذِينَ قَالُوا رَبُّنَا اللَّـهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ﴾ (سورة الفصلت:30)
ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތްބޭކަލުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!
އެބައިމީހުންނަކީ ހެޔޮކަމުގައި ދެމިތިބި މީހުންނެވެ. ދާއިމީކޮށް ހެޔޮކަން މަތީގައި ސާބިތުވީ މީހުންނެވެ. އެންމެ ހެޔޮ ޢަމަލީ ކުޑަ ނަމަވެސް ދާއިމީ ކޮށް ކުރެވޭ ޢަމަލެވެ. އެފަދަ ޢަމަލު ތަކުގައި މާތްﷲ ބަރަކާތް ލައްވައެވެ. އަދި ނަބިއްޔާ ﷺ ވަނީ އެކަމަށް ހިތްވަރު ދެއްވާފައެވެ. މާތްﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބައިތޯ ސުވާލު ދެންނެވުނު ހިނދު ޙަދީޘްކުރެއްވިއެވެ.
((أَدْوَمُهَا وَإِنْ قَلَّ )) (رواه البخاري)
މާނައީ: މަދު ޢަމަލެއް ކަމުގައި ވިޔަސް ދާއިމީކޮށް ކުރެވޭ ޢަމަލެވެ.
ހެޔޮ ޢަމަލުގައި ސާބިތުވުމަށްޓަކައި ސަމާލުކަން ދޭންވީ ބައެއް ކަންކަން:
- ފުރަތަމަ ކަމަކަށް އެކަމަށްޓަކައި މާތްﷲގެ ކިބައިން ވާޤި ހޯދާށެވެ. ދުޢާކުރާށެވެ. ﷲއާމެދު އޮންނަ ޔަޤީންކަން އިތުރު ކުރާށެވެ. ވަކީލުކުރުމާއި ﷲއާ ގާތްވުމަށްޓަކައި ކުރެވޭނެ ޢަމަލުތަކުގައި ހިއްވަރުކުރާށެވެ.
- ދީނުގެ މަތީގައި ސާބިތު ވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާށެވެ. ނަފްސާއި ދުނިޔަވީ އެދުންތަކުގެ ކުރިމަތީގައި ހިތްވަރުކޮށް ހެޔޮކަންކަން ދޫކޮށް ނުލުމަށް ހިތްވަރު ކުރާށެވެ. އެގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެކަމެއްގެ ވަގުތުގައި އެކަމެއްކޮށް ނިންމާލުމެވެ. މިސާލަކަށް ނަމާދު ވަގުތުވުމާއި އެކު ނަމާދަށް އަވަސްވެގަނެ ބަންގިން ފެށިގެން ނަމާދުގެ ފަހު ސުންނަތް ނިމެންދެން އެއީ ނަމާދާއި ނަމާދާއި ގުޅިފައިވާ އަޅުކަންކަމަށް ދީފައިވާ ވަގުތު ކަމަށް ކަނޑައަޅައި، އެގަޑީގައި އެހެކަމެއް ނުކުރުމެވެ. ހަމަ އެފަދައިން ދުޢާތަކާއި ޒިކުރުތައް ކިޔުމުގެ ވަގުތާއި މީހުންނާއި މުޢާމަލާތް ކުރާއިރު އެމީހަކަށް ދީފައިވާ ވަގުތަކީ އެކަންކަމުގެ ވަގުތުކަމުގައި ހަދާ ވަގުތު ތަރުތީބުކުރުމެވެ.
- ދީނުގެ ޞައްޙާ ޢިލްމު ލިބިގަތުމަށް މަސައްކަތް ކުރާށެވެ. ދީނުގެ ޙުކުމްތަކާއި ނަބިއްޔާ ﷺ ސިޔަރަތާއި ސަލަފުއްޞާލިޙު ބޭކަލުންގެ ވާހަކަތައް އަޑު އަހާ ހިތްވަރު ލިބިގަންނާށެވެ.
- ސިއްރާއި ފާޅުގައި ތިމާ ކުރާ ކޮންމެކަމެއްވެސް މާތްﷲ ބައްލަވާވޮޑިގަންނަވާނެކަމަށް އަބަދުވެސް ހިތުގައި ބާއްވާށެވެ.
- ހެޔޮ ރަގަޅު މީހުންނާއި އެކު އުޅުމަކީ ހެޔޮކަންކަމުގައި ސާބިތު ވުމަށް ލިބޭނެ ހިތްވަރެކެވެ. އެކުވެރިޔާ ކިބައިން ފަރުވާކުޑަކަމެއް ނުވަތަ ގޯސް ކަމެއް ފެންނަ އިރަށް އެކަން ސަމާލުކަމަށް ގެނެސްދޭނެއެވެ. އަދި ރަގަޅު މަގަށް ހިތްވަރު ދޭނެއެވެ.
- ރަނގަޅު އެއްވެސް ކަމަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އަދި އެއީ ދަށްފެންވަރުގެ ކަމެއްކަމުގައިވެސް ނުދެކޭށެވެ. ކުޑަކުޑަ އެ ޢަމަލީ ﷲގެ ޙަޟްރަތުގައި ބޮޑު ފަރުބަދައެއް ވަރުގެ ހެޔޮކަމަށް ވެސް ވެދާނެއެވެ.
- ކޮންމެ ކަމެއްގައި ވެސް އިޚްލާސްތެރިވާށެވެ. އަދި ދީނުގައި އެކަންއައިސްފައި ވަނީ ކިހިނެތްތޯ ބަލާ ހޯދާށެވެ. ތިމާގެ އާޚިރު މަޤްޞަދަކީ މާތްﷲގެ ޙަޟްރަތުގައި މަތިވެރި ދަރަޖަ އެއް ހޯދުންކަމުގައި ހަދާށެވެ. އޭރުން އެއްވެސް ކަމެއްގައި މާޔޫސް ވާކަށް ނުޖެހޭނެތެވެ.
- ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާނުން ކިތަންމެ ކުޑަނަމަވެސް ބައެއް ކިޔުމަށް އާދަ ކުރާށެވެ. ކީރިތި ޤުރުއާނަކީ ހިތްތަކުގެ ޝިފާއެވެ. ހިތްތަކަށް ސާބިތުކަން ދޭނެ މުޢީނެކެވެ.
- ކުރެވޭ ފާފަތަކާއި މެދު ހިތާމަ ކުރާށެވެ. ކުދިފާފަ އަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އެހެނީ ކުދިފާފާތައް ގިނަވެ ތިމާ ބޮޑެތިފާފާތަކަށް ދިޔުމަށް ސަބަބަކަށްވެސް ވެދާނެއެވެ.
- ﷲއަށް އުއްމީދު ކުރުމާއި ބިރުވެތި ވުމާއި ލޯބި ވުމުގައި ދެމިހުންނާށެވެ.
ނަބިއްޔާ ﷺ ވެސް އެންމެ ގިނައިން ކުރެއްވި ދުޢާއިން ދުޢާ ކުރަމެވެ. اللَّهُمَّ يَا مُقَلِّبَ الْقُلُوْبِ ثَبِّتْ قَلْبِي عَلَى دِيْنِكَ ޔާﷲ! އޭ ހިތްތައް ފުރުޅުއްވާ އިލާހެވެ. މިޅާގެ ހިތް އިބައިލާހުގެ ދީން މަތީގައި ސާބިތު ކުރައްވާނދޭވެ!