ބިސްމިކިޔުމުގެ ޙުކުމް
ރަނގަޅު ކޮންމެ ކަމެއް ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ މުސްތަޙައްބު ވެގެންވާ ކަމެއްކަމަށް އަލްޙާފިޠް އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ.
ރަސޫލު الله ﷺ ގެ ޙަދީޘެއްގައި ވެއެވެ.
(( كُلُّ كَلَامٍ أَوْ أَمْرٍ ذِي بَالٍ لَا يُفْتَحُ بِذِكْرِ اللهِ فَهُوَ أَبْتَرُ – أَوْ قَالَ : أَقْطَعُ )) رَوَاه أَحْمَدُ وحَسَّنَهُ الشَيْخُ ابْنُ بَاز
މާނައީ: އެއްވެސް ވާހަކައެއް ނުވަތަ ޚާއްޞަކަމެއް اللهُ ގެ ނަންފުޅުން ނޫން ގޮތަކަށް ފެށޭނަމަ އެކަމަކީ ފުރިހަމަ ކަމެއްނޫނެވެ. (އެބަހީ ބަރަކާތް ކެނޑިފައިވާކަމެކެވެ.)”
އެހެންކަމުން ރަގަޅުކަންކަން ބިސްމިނުން ފެށުމަކީ ޝަރުޢުވެގެންވާ ސުންނަތެކެވެ.
އެހެނީ اللهُ ގެ ކަލާމްފުޅު ކީރިތި ޤުރުއާންގެ ސޫރަތްތައް ފައްޓަވާފައިވަނީ ބިސްމިންނެވެ. އަދި ރަސޫލާ ﷺ ސިޓީ ފުޅުތައް ފައްޓަވަނީ ވެސް ބިސްމިންނެވެ. އެގޮތުން ޞަޙީޙުލް ބުޚާރީގެ كِتَابُ بَدْءِ الْوَحْيِ ގައި ރިވާ ކުރައްވާފައިވާ އަބޫ ސުފްޔާން ރިވާކުރެއްވި ޙަދީޘްގައި ރޯމަނުންގެ ވެރިޔާ ހިރަޤަލް އަށް ރަސޫލާ ﷺ ފޮނުއްވި ސިޓީފުޅު ފައްޓަވާފައިވަނީ ބިސްމިންނެވެ. އެހެންކަމުން ކިޔެވުމާއި ލިޔުންތައް ބިސްމިން ފެއްޓުމަކީ اللهُ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ސުއްނަތަށް ތަބަޢަވުމުގެ ތެރެއިން ހިމެނިގެންދާނެ ކަމެކެކެވެ.
ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން ބިސްމި ކިޔުން
ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން ބިސްމި ކިޔުމުގައި ހަތަރު ޙާލަތެއް ވެއެވެ. އެއީ:
- ސޫރަތްތައް ފަށާއިރު ބިސްމި ކިޔުން:
ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް ސޫރަތެއް ފަށާއިރު ބިސްމި ކިޔުން އެދެވިގެންވާ ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެއީ ތައުބާ ސޫރަތް ފިޔަވާ އެހެން ސޫރަތްތަކެވެ. އެ ސޫރަތްތައް ފަށާއިރު ބިސްމި ނުކިޔައި ޚަތިމް ކޮށްފިނަމަ، އެޚަތިމް އަކީ އުނި އެއްޗެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
- ސޫރަތުގެ މެދުތެރެއިން ފަށާއިރު ބިސްމި ކިޔުން.
ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ ސޫރަތުގެ މެދުތެރެއިން ކިޔަވަން ފަށާނަމަވެސް ބިސްމި ކިޔުން އެންމެ ރަގަޅު ކަމަށެވެ. އަދި އިމާމް ޝާފިޢީ رحمه اللهُ ގެ ރައުޔަކީ ސޫރަތުގެ މެދުތެރެއިން ވިޔަސް ބިސްމި ކިޔުން އެދެވިގެންވާ ކަމަށެވެ. އިމާމް ފައްރާއު رحمه اللهُ ވިދާޅުވާ ގޮތުގައި ސޫރަތެއްގެ މެދުތެރެއިން ކިޔަވަން ފަށާއިއިރު އެއާޔަތުގައި اللهُ އަށް ރުޖޫޢަވާ ޟަމީރެއް އިނދެއްޖެނަމަ ބިސްމި ކިޔަން ޖެހޭނެކަމަށެވެ. ހަމައެކަނި އަޢޫޛު ކިޔައިގެން ފަށައިފިނަމަ، ލަޢްނަތްލެއްވި އިބްލީސް އަށް ޟަމީރު ހިނގައިދާނެ ކަމަށް ޓަކައެވެ. މިޘާލަކަށް އަންނަނިވި އާޔަތްތަކަށް ބަލާށެވެ.
﴿ إِلَيْهِ يُرَدُّ عِلْمُ السَّاعَةِ﴾ الفصلت:47
މާނައަކީ: “ޤިޔާމަތް ދުވަސް އައުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ހަމައެކަނި އެކަލާނގެއަށެވެ.”
ހަމައެފަފަދައިން އަންނަނިވި އާޔަތް:
﴿ وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ ﴾ الأنعام:141
މާނައަކީ: “އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ޙާލު، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ ޙާލުގައްޔާއި، އެއްވައްތަރުވެގެން ނުވާޙާލުގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ..”
މިފަދަ އާޔަތްތަކުން ކިޔަވަން ފަށާއިރު ހަމައެކަނި އަޢޫޛު ކިޔާފައި ފަށާނަމަ ލަޢްނަތްލެއްވި އިބްލީސް އަށް ޟަމީރު ހިނގައިދާނެ ކަމަށް ޓަކައި ބިސްމި ކިޔުމަށް އެބޭފުޅުން ވިދާޅުވެއެވެ.
- ތައުބާ ސޫރަތް ފެށުމުގެ ކުރިން ބިސްމި ކިޔުން:
މިއީ މަކްރޫހަ ކަމެއްކަމުގައި ގާރީވެރިންނާއި ޢިލްމުވެރިން ވިދާޅުވެއެވެ.
އިމާމް އަޙްމަދު رحمه اللهُ އާއި ސުވާލު ކުރެވުނެވެ. އަންފާލް ސޫރަތާއި ތައުބާ ސޫރަތާއި ދެމެދު ބައި ކުރުމަށް ޓަކައި ނުވަތަ ދެސޫރަތް ވަކި ކުރުމަށް ޓަކައި ދެސޫރަތް ދެމެދުގައި ބިސްމި ކިޔިދާނެތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. ރަސޫލު الله ﷺ ގެ އަޞްޙާބުން އިޖްމާޢުވެލައްވާފައިވާ ގޮތަށް އުނި އިތުރު ކުރުމެއް ނެތި ކިޔެވުން އެއީ އެންމެ ރަގަޅު ގޮތެވެ. އެބަހީ ދެސޫރަތް ވަކި ކުރުމަށްޓަކައި ދެމެދުގައި ބިސްމި ނުކިޔާށެވެ.
- ތައުބާ ސޫރަތުގެ މެދުތެރެއިން ކިޔަވަން ފަށާނަމަ ބިސްމި ކިޔުން:
މި މައްސަލާގައި ގާރީވެރިން އިޚްތިލާފުވެލައްވާފައި ވެއެވެ. ގާރީވެރިންގެ އިމާމެއް ކަމުގައިވާ އަލްއިމާމް އައްސަޚާވީ رحمه اللهُ ވިދާޅުވެފައިވެއެވެ. “ތައުބާ ސޫރަތުގެ މެދުތެރެއިން ކިޔަވަން ފަށާނަމަ ބިސްމި ކިޔުން ސުންނަތެއް ކަމާއި މެދުގައި ޚިލާފެއް ނެތެވެ. ތައުބާ ސޫރަތް ފެށޭތަނުގައި ބިސްމިކިޔުމާއި މެދުތެރެއިން ކިޔުމާއި ތަފާތެވެ.”
ނަމަވެސް އަލްޖަޢުބަރީ رحمه الله މި ވާހަކަ އަށް ރައްދު ދެއްވާ ވިދާޅުވިއެވެ. “ތައުބާ ސޫރަތުގެ މެދުތެރެއިން ކިޔަވަން ފެށި ނަމަވެސް ބިސްމި ކިޔުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. އަދި މިމައްސަލާގައި އެންމެ ރަގަޅު ގޮތަކީ ވެސް އެއީ އެވެ. އެހެނީ މިސޫރަތުގެ ފެށޭ ކޮޅުގައިވެސް ބިސްމި ނުވާ ސަބަބަކީ މި ސޫރަތަކީ ކަނޑީގެ މައްޗަށް ބާވާލެއްވުނު ސޫރަތަކަށް ވެފައި، މި ސޫރަތުގައި އެހެން ސޫރަތްތަކުގައި ނެތްވަރަށް މުނާފިގުންގެ ފަޟީޙަތުގެ ވާހަކަތައް ހުރުމުން، ސޫރަތުގެ ފެށޭކޮޅުގައި ނެތް އެއްޗެއް މެދުތެރެއިންވެސް ނެތުން މާ އައުލާކަން ބޮޑެވެ. (ބައްލަވާ: الآدَابُ الشَّرْعِيَّةُ لِابْنِ الْمُفْلِحِ 2/325، الْمَوْسُوْعَةُ الْفِقْهِيَّةُ 13/253، الْفَتَاوَى الْفِقْهِيَةُ الْكُبْرَى1/52.)
ނަމާދުގައި ބިސްމިން ކިޔުން
- އަލްޙަމްދު ކިޔަވަން ފަށާއިރު އަދި އަލްޙަމްދު ނިންމާ ސޫރަތް ފަށާއިރު ބިސްމި ކިޔުން
ނަމާދުގައި ސޫރަތުލް ފާތިޙާ ފެށުމުގެކުރިންނާއި ތައުބާ ސޫރަތް ފިޔަވާ އެހެން ސޫރަތްތައް ކިޔަވަން ފެށުމުގެ ކުރިން ރަސޫލު الله ﷺ ބިސްމި ވިދާޅުވާ ކަމަށް ޘާބިތުވެއެވެ. ވީމާ ނަމާދުގެ ކޮންމެ ރަކްޢަތެއްގައިވެސް ސޫރަތުލް ފާތިޙާ ފެށުމުގެ ކުރިން ބިސްމި ކިޔުން ޝަރުޢުވެގެން ވެއެވެ. އަދި ތައުބާ ސޫރަތް ފިޔަވާ އެހެން ކޮންމެ ސޫރަތެއް ފެށުމުގެ ކުރިން ބިސްމި ކިޔުންވެސް މަޝްރޫޢު ވެގެން ވެއެވެ. (اللَّجْنَةُ الدَّائِمَة لِلْإِفْتَاء ފަތުވާ 6/380.)
- އަލްޙަމްދު ނިންމާ ސޫރަތެއްގެ މެދުތެރެއިން ކިޔެވުން ފަށާ ނަމަ ބިސްމި ކިޔުން
ނަމާދުގެ ކޮންމެ ރަކްޢަތެއްގައިވެސް ސޫރަތުލް ފާތިޙާއަށް ފަހު ކިޔަވާ ބައި ފަށަނީ ސޫރަތެއްގެ މެދުތެރެއިން ކަމުގައިވާނަމަ ބިސްމި ކިޔުން ޝަރުޢުވެގެން ނުވެއެވެ. (اللَّجْنَةُ الدَّائِمَة لِلْإِفْتَاء ފަތުވާ 6/380.)
- ނަމާދުގައި ބިސްމި ކިޔަން ޖެހެނީ ބާރަށްތަ ނުވަތަ ސިއްރުންތަ؟
ނަމާދުގައި ބިސްމި ބާރަށް ކިޔުމަކީ ސުންނަތުން ޘާބިތުވާ ކަމެކެވެ. އެއީ ބިދްޢައެއް ނޫނެވެ. އަދި ޙަރާމް ކަމެއްވެސް ނޫނެވެ. ނަމަވެސް ރަސޫލު الله ﷺ ގިނައިން ކުރައްވާފައިވާ ގޮތަކީ ބިސްމި މަޑުން ވިދާޅުވުމެވެ.
أَنَس 4 ކިބައިން ރިވާވެގެން ވެއެވެ. أَنَّ النَّبِيَّ x وَأَبَا بَكْرٍ وَعُمَرَ f كَانُوا يَفْتَتِحُونَ الصَّلاَةَ بِـ ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴾ رواه البخاري
މާނައަކީ: ” ރަސޫލު الله ﷺ އާއި އަބޫބަކުރު އަދި ޢުމަރުf ނަމާދު ފައްޓަވަނީ އަލްޙަމްދު އިންނެވެ.” މާނައަކީ ބިސްމި ވިދާޅުވާ އަޑު ނުއިވެއެވެ.
وَعِنْدَ أَحْمَدُ: وَكَانُوْا لَا يَجْهَرُوْنَ بِبِسْمِ اللهِ الرَّحْمَنِ الرَّحِيْمِ “ . އިމާމް އަޙްމަދު رحمه الله ގެ ރިވާޔަތުގައި ވެއެވެ. “އެބޭފުޅުން ބިސްމި ބާރަށް ވިދާޅު ނުވެއެވެ.”
މިއީ (ބިސްމި މަޑުން ކިޔުމަކީ) ޙަނަފީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. ނަމަވެސް އިމަމް ޝާފިޢީ رحمه اللهُ ގެ ރައުޔަކީ ބިސްމި ބާރަށް ކިޔުމެވެ.
ބިސްމި ބާރަށް ކިޔުން އެއީ ސުންނަތް ގޮތް ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ: أَبُوْهُرَيْرَة رضي الله عنه މީސްތަކުންނާއިގެން އިމާމްވެ ނަމާދު ކުރައްވަމުން ބިސްމި ބާރަށް ވިދާޅުވެފައި ނަމާދު ނިމިވަޑައިގެން މީސްތަކުންގެ ގާތުގައި ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު މި ނަމާދު ކުރީ ކީރިތި ރަސޫލާ ﷺ ނަމާދު ކުރެއްވި ގޮތަށެވެ.”
މައްސަލާގެ ރާޖިޙް ގޮތަކީ: ސޫރަތުލް ފާތިޙާ ފެށުމުގެ ކުރިން ބިސްމި ސިއްރުން ކިޔުން އެއީ ރަސޫލު الله ﷺ އެންމެ ގިނައިން ކުރެއްވި ގޮތެވެ. ބައެއް ފަހަރަށް (މަދު ފަހަރެއްގައި) ބާރަށް ކިޔުއްވާފައިވާ ސަބަބަކީ އެއީވެސް ހުއްދަ ގޮތެއްކަން އުއްމަތަށް ބަޔާން ކޮށް ދެއްވުމެވެ.
ބިސްމި އަކީ ސޫރަތުލް ފާތިޙާގެ ބައެއްތަ؟
މި ކަމާއި ގުޅޭގޮތުން އައްޝައިޚް މުޙައްމަދު އަލްއަމީނުއް ޝަންގީޠީI ވިދާޅުވިއެވެ.
“ބިސްމި އަކީ ސޫރަތުލް ފަތިޙާގެ އާޔަތެއްތޯ ނުވަތަ ކޮންމެ ސޫރަތެއްގެ ފެށޭތަނުގައި އޮންނަ އާޔަތެއްތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ނަމަވެސް އެއީ ސޫރަތުއް ނަމްލުގެ 30 ވަނަ އާޔަތުގެ ބައެއް ކަމާއި މެދުގައި ހުރިހާ ޢިލްމުވެރިން ވެސް އެއްބަސްވެލައްވައެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. ﴿ إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴾ މާނައަކީ: “އެއީ، ހަމަކަށަވަރުން، سُلَيْمَانُގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ އެވެ. (ރަޙްމާންވަންތަ ރަޙީމްވަންތަ اللهُ ގެ اِسْمُ ފުޅުން ފަށައިގަންނަމެވެ.)”
ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ބިސްމި އަކީ ތައުބާ ސޫރަތް ފިޔަވާ އެހެން ހުރިހާ ސޫރަތެއް ފެށޭ ތަނުގައި އޮންނަ މުސްތަގިއްލު އާޔަތެކެވެ.
ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެއީ ސޫރަތުލް ފާތިޙާގެ އާޔަތެކެވެ.
މައްސަލާގެ ރާޖިޙް ގޮތަކީ: ބިސްމި އަކީ ސޫރަތުއް ނަމްލުގެ 30 ވަނަ އާޔަތުގެ ބައެއް ކަމާއި، ތައުބާ ސޫރަތް ފިޔަވާ އެހެން ހުރިހާ ސޫރަތްތަކެއް ފެށޭތަނުގައި އޮންނަ ވަކި ސޫރަތަކަށް ނުވާ މުސްތަގިއްލު އާޔަތެއްކަމެވެ. އަދި ދެސޫރަތް ދެމެދުގައި ބިސްމި އޮތުމުގެ ބޭނުމަކީ ދެސޫރަތް ދެމެދު ފަރަގު ކުރުން ކަމެވެ. (مُذَكِّرَةُ أُصُوْلُ الْفِقْهِ، 66،67.)
ނަމާދަށް ހަށަމް ބަނުމުގެ ކުރިން ބިސްމި ކިޔަން ޖެހޭނެތަ؟
ނަމާދުގައި ބިސްމި ކިޔަން ޖެހެނީ ހަށަމް ބަނދެ، ދުޢާއުލް އިސްތިފްތާޙު ކިޔާ، އަދި އަޢޫޛުވެސް ކިޔާ ނިމި، ސޫރަތުލް ފާތިޙާ ކިޔަވަން ފެށުމުގެ ކުރިންނެވެ.
ނަމާދު ފެށުމުގެ ކުރިން ނުވަތަ ނަމާދަށް ހަށަމް ބަނުމުގެ ކުރިން ބިސްމި ކިޔުއްވި ކަމެއް ނުވަތަ ވަކި ޚާއްޞަ ޛިކްރެއް ކުރެއްވި ކަމެއް ރަސޫލު الله ﷺ ކިބައިން ޘާބިތުވާކަށް ނެތެވެ.
އިމާމު އިބްނުލް ޤައްޔިމްI ވިދާޅުވެފައިވެއެވެ. ” ރަސޫލު الله ﷺ ނަމާދަށް ތެދުވެ ވަޑައިގެންފިނަމަ، اللهُ أَكْبَرُ ވިދާޅުވެ ނަމާދު ފައްޓަވަނީއެވެ. އޭގެ ކުރިން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.” (زَادُ الْمَعَاد 1/194.)
ނުނިމޭ