ތިބާއަށް ތިބާގެ ގެ ފުދިގެން ވެއެވެ.
އަހަރެމެންގެ ދީނުގައި “އެކަހެރިވުން” މިބަހުގައި ވަރަށް ޚާއްޞަ މާނައެއް އެކުލެވިގެން ވެއެވެ. އެއީ، ނުބައިކަންތައްތަކުންނާއި އެފަދަ ޢަމަލު ކުރާ މީހުންގެ ކިބައިން އެކަހެރިވެގެން ހުރުމުވެ. އަދި ވިސްނުމެއްނެތް ތާކުންތާކު ނުޖެހޭ މީހުންނާއި ދުރުވުމެވެ. މިގޮތަށް ތިބާ ނުބައިކަންކަމުން އެކަހެރިވެއްޖެނަމަ ފުންކޮށް ވިސްނުމަށް ފުރުޞަތު ލިބިގެންދެއެވެ. އަދި ހިދާޔަތުގެ ފެހި ބިންތަކުން ފައިދާ ހާޞިލުކުރެވޭނެއެވެ.
ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން ދުރުލެހިކުރުވާ ޢަމަލުތަކުން ތިބާ އެކަހެރިވެއްޖެނަމަ، އަމިއްލަ ނަފްސަށް ތިދެނީ ހިތުގެ ޑޮކްޓަރުންވެސް އެއީ އެންމެ ރަނގަޅު ފަރުވާ ކަމުގައި ދެކޭ ބޭހުގެ ޑޯޒެކެވެ. ނުބައި ކަންތައްތަކުންނާއި، ކަމެއްނެތި ހުސްކޮށްހުރުމުން ނަފްސު އެކަހެރިކޮށްފިނަމަ، ރަނގަޅު އަމަލުތައް ކުރުމަށް ސިކުނޑި ހުޅުވިގެން ދެއެވެ. އެކަމުން ލިބޭ ފައިދާ ތަކުގެ ތެރޭގައި، އީމާންކަން އިތުރުވުމާއި، ތަޢުބާވުން ގިނަވުމާއި، އަދި ރަޙްމާންވަންތަ މާތް ﷲ ހަނދުމަކުރުން ގިނަވުން ހިމެނެއެވެ.
އެހެންނަމަވެސް، ބައެއް ޖަމާޢަތްތަކުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމަކަށް ވުރެ ބޮޑަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ނަމާދުގެ ޖަމާޢަތާއި، ޢިލްމީ ޚަލަޤާ ތަކާއި، އަދި ހެޔޮކަމުގެ އެންމެހައި ޖަމާޢަތްތައް ހިމެނެއެވެ. އެއްވެސް މަޤުޞަދެއް ނުވަތަ އަމާޒެއްނެތް ޖަމާޢަތްތަކާމެދު ސަމާލުވާށެވެ. އެފަދަ ޖަމާޢަތްތަކުން ދުރުވެގަންނާށެވެ. އަދި ތިބާ އަށް ކުރެވިފައިވާ ކުށްތަކާމެދު ހިތާމަކޮށް ކަރުނަ އަޅާށެވެ. ދޫ ރައްކާތެރިކުރާށެވެ. އަދި ތިބާގެ ގޭގެ ހަތަރު ފާރުން އެތެރޭގައި ފުދިގެން ހުންނާށެވެ.
އެއްވެސް ތާކުންތާކު ނުޖެހޭ މަޤުޞަދުތަކުގައި މީހުންނާއި އެކުވެގެން އުޅުމަކީ ތިބާގެ ބުއްދި ސަލާމަތުން ބެހެއްޓުމަށް ހުރި ނުރައްކަލެކެވެ. އެއްވެސް ކަހަލަ ބެލުމެއްނެތި ބަޔަކާއި އެކުވާނަމަ، ގިނަފަހަރަށް އެފަދަ މީހުން ވެފައި އޮންނަނީ، ވަގުތު ބޭކާރުކުރުމާއި، ދޮގު ވާހަކަ ފެތުރުމުގެ މާހިރުންކަމުގައެވެ. އަދި މައްސަލަތަކާއި ފަސާދަ އުފެއްދުމުގެ ހުނަރުވެރިން ކަމުގައެވެ.
لَوْ خَرَجُوا فِيكُم مَّا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا خِلَالَكُمْ يَبْغُونَكُمُ الْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ ۗ
އެއުރެން ތިޔަބައިމީހުންގެ ތެރޭގައި (ހަނގުރާމައަށް) ނުކުތްނަމަ، ފަސާދަވެރިކަން ނޫންކަމެއް ތިޔަބައިމީހުންނަށް އެއުރެން އިތުރެއް ނުކުޅައީހެވެ. އަދި ތިޔަބައިމީހުންނަށް ފިތުނަވެރިކަން އެދިގެން ތިޔަބައިމީހުންގެ ތެރޭގައި މަސައްކަތް ކުޅައުމަށް އަވަސްވެގަތީހެވެ. އެއުރެން ދައްކާ ވާހަކަ އަހާ މީހުންވެސް ތިޔަބައިމީހުންގެ ތެރޭގައިވެއެވެ. سورة التوبة 47
އަހުރެން ތިބާއަށް ނަސޭހަތްތެރިވަނީ ތިބާގެ މަޤްޞަދު ރައްކާތެރިކޮށް ހިމާޔަތްކޮށް ގޭގައި އެކަހެރިވެގެން ހުރުމަށެވެ. އެއަށްވުރެ ހެޔޮ ކަމެއް ނުވަތަ ހެޔޮ ބަހެއް ބުނުމަށް ނިކުންނަ ނިކުތުން ފިޔަވައެވެ. މި ނަސޭހަތަށް ޢަމަލުކޮށްފިނަމަ، ތިބާގެ ހިތް އަނބުރައި ލިބުމުގެ އިޙްސާސް ކުރެވޭނެއެވެ. އެހެންކަމުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. އަދި ދިރިއުޅުން ބޭކާރު ވެގެން ދިޔަ ނުދޭށެވެ. ނެތިނުބައި މޮށުމުން ދޫ ރައްކާތެރިކުރާށެވެ. ތިބާގެ ހިތް ހިތާމަތަކާއި ކަންބޮޑުވުންތަކުން ސަލާމަތްކުރާށެވެ. އަދި ތިބާގެ ކަންފަތް، ބޭއަދަބީ އަދި ދީނާ ދުރު ބަސްތަކުން ރައްކާތެރިކުރާށެވެ.