މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 29 ވަނަ ލިޔުމެވެ.

 

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ اللَّـهِ عَلَيْكَ عَظِيمًا

އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަން ބޮޑުވެގެންވެއެވެ. (سورة النساء 113 )

ޖާލިކަމުގެ ސަބަބުން، މީހާ އޭނާގެ އަމިއްލަ ނަފްސާއި ޟަމީރު ޤަތުލު ކުރެއެވެ.

إِنِّي أَعِظُكَ أَن تَكُونَ مِنَ الْجَاهِلِينَ

ހަމަކަށަވަރުން، جاهل ންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް نصيحة ތެރިވެވޮޑިގެންވަމެވެ (سورة هود 46 )

ޢިލްމަކީ މީހާ ޙިކުމަތްތެރި ކުރުވާ އަލިކަމެކެވެ. އެއީ މީހާގެ ނަފްސަށް ދިރުން ގެނެސްދޭ މީހާގެ އަޚްލާޤު ރަނގަޅު ކޮށްދޭ އެއްޗެކެވެ.

أَوَمَن كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَن مَّثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَافِرِينَ مَا كَانُوا يَعْمَلُونَ

(كافر ކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެ؟ އެފަދައިން، كافر ންނަށް އެއުރެންކޮށް އުޅުނު عمل ތައް ޒީނަތްތެރިކޮށް ދެއްވިއެވެ. (سورة الأنعام 122 )

އުފާވެރިކަމާއި ވަރުގަދަ އީމާންތެރިކަމެއް ލިބެނީ ޢިލްމުންނެވެ. އެހެނީ ޢިލްމުގެ ޒަރީއާއިން ލަނޑުދަނޑިތައް ހާޞިލް ކުރުމަށް މަގުފަހިކޮށްދެއެވެ. އަދި ކުރިން އެނގިފައިނުވާ ކިތަންމެ ކަމެއް އެނގިގެން ދެއެވެ. އަދި ކޮންމެ ނަފްސެއް ވެސް އޭގެ ޒާތުގައި ނުވަތަ ޠަބީޢަތުގައި، އާ ކަންކަން ދެނެގަތުމަށް ޝައުގުވެރިވެއެވެ. އެއީ ލިބިފައިވާ ޢިލްމާއި ބުއްދި ތަރައްޤީ ކުރުމަށެވެ.

ޖާހިލު ކަމަކީ، ފޫހިކަމާއި ހިތާމަ ކުރިމަތިކުރުވާ ކަމެކެވެ. އެހެނީ ޖާހިލު މީހާގެ ހަޔާތުގައި އޭނާއަށް އާ ކަންތައްތަކެއް އެނގިގެން ނުދެއެވެ. އޭނާގެ ޙަޔާތުގައި ، އިއްޔެ އާއި މިއަދާއި ހަމަ އެއްގޮތެވެ. އަދި މާދަމާ ވެސް ހަމަ އެފަދައެވެ.

ތިބާ އެދެނީ އުފާވެރިކަން ކަމުގައި ވާނަމަ، ޢިލްމު އުނގެނޭށެވެ. އޭރުން، ހިތާމަ ތަކާއި ކަންބޮޑުވުމާއި ފިކުރުބޮޑުވުންތައް، ތިބާގެ ޙަޔާތުން ދުރަށް ދާނެއެވެ.

وَقُل رَّبِّ زِدْنِي عِلْمًا

އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ! (سورة طه 114 )

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. (سورة العلق 1 )

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

(مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ)

މާތް ﷲ މީހަކަށް ހެޔޮގޮތެއް އިރާދަކުރައްވައިފިނަމަ ދީނުގެ ފިޤުހުވެރިކަން އެމީހަކަށް ދެއްވައެވެ.

އެހެންކަމުން، ޢިލްމު ލިބިފައިނުވާ މީހާ އަކީ ކިތަންމެ މުދާވެރި އަދި މަޝުހޫރު މީހެއް ކަމުގައި ވީނަމަވެސް، އޭނާގެ ހަޔާތަކީ އުނި އެއްޗެކެވެ. އަދި އޭނާގެ ކާމިޔާބީ ތަކަކީ ފުރިހަމަ އެއްޗެއް ނޫނެވެ.

أَفَمَن يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِن رَّبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰ ۚ

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވީ، حق ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެވެ؟ (سورة الرعد 19 )

ޢިލްމު އުނގެނުމަކީ ކިހާ މާތް ކަމެއްހެއްޔެވެ؟ އަދި އޭގެ ޒަރީއާއިން ނަފްސަށް ލިބޭ އުފާވެރިކަން ކިހާބޮޑުހެއްޔެވެ؟

أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِ كَمَن زُيِّنَ لَهُ سُوءُ عَمَلِهِ وَاتَّبَعُوا أَهْوَاءَهُم

ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرة ން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެމީހެއްގެ ނުބައި عمل އެމީހަކަށް زينة ތެރިކުރައްވާފައިވާ މީހަކާއި، އެއުރެންގެ هوىنفس ގެ އެދުންތަކަށް تبع ވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ (سورة محمد 14 )