މި ދުނިޔެއަކީ އަހަރެމެންގެ ދާއިމީ މަންޒިލެއް ނޫނޭ ބުނާ އަޑަކީ އަހަރެމެން އެންމެންވެސް ވަރަށް ގިނައިން އަހާ އަޑެކެވެ. އަދި އަހަރެމެންގެ ދާއިމީ މަންޒިލަކީ ސުވަރުގެ، ނޫނީ ނަރަކައޭވެސް ބުނާ އަޑު އަހަނީވެސް މަދެއްކޮށް ނޫނެވެ. އެހެންނަމަވެސް، މި ވަގުތީ ގޯތީގައި ތިބެގެން، ދާއިމީ މަންޒިލް ބާއްޖަވެރި ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަނީ އަހަރެމެންގެ ތެރެއިން މަދު ބައެކެވެ. ކޮންމެ މީހަކުވެސް އަވަދިނެތި އުޅެނީ، މި ވަގުތީ ދުނިޔޭގެ އަރާމާ އުފާ ހޯދަން މަސައްކަތް ކުރުމުގައެވެ. މި ދުނިޔޭގައި އުޅޭ މަދު ދުވަސްކޮޅު، ވީހާވެސް ތަނަވަސްކޮށް އުޅެވޭތޯ ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. އަހަރެންވެސް އުޅުނީ އެގޮތަށެވެ. ދުނިޔޭގެ ތަނަވަސްކަން ހޯދުމުގައި ދުވާލާއި ރޭގަނޑު މަސައްކަތް ކުރީމެވެ،. އަދި އަނބިދަރީންނާއި، މައިންބަފައިންނާ އާއިލާއަށް ވެސް ސަމާލުކަމެއް ނުދީ، ދުނިޔޭގެ ތަނަވަސްކަން އެއްކުރުމުގައި އަހަރެންގެ ހުރިހާ ވަގުތެއް ދުއްވާލީމުއެވެ. ދުނިޔެ ހޯދަން އެހާ ބުރަކޮށް މަސައްކަތް ކުރި އިރު، ދީނީ އެވެސް ވާޖިބެއް އަދާކުރުމަށް ވެސް އަހަންނަކަށް ވަގުތެއް ވާ ކަމަކަށް ނުވެއެވެ. އެއަށްވުރެ އަހަރެން މާ ބިޒީއެވެ. 

ީއަހަރެންގެ އުމުރުން މިހާރު ސާޅީހުން މައްޗަށް ގޮސްފައި ހުރި އިރު، އަހަރެންގެ ޒުވާން އުމުރު ހޭދަކޮށްލީ ބުރަކޮށް މަސައްކަތް ކުރުމުގައެވެ. އަހަންނަކީ ވިޔަފާރީގެ ދާއިރާއިން ވަރަށް މައްޗަށް ތަޢުލީމު ލިބިގެން ހުރި މީހެކެވެ. ރާއްޖެއިން އެއިރުގައި ކިޔެވެން ހުރި އެންމެ މައްޗަށް ކިޔެވުމަށްފަހު، ރާއްޖެއިން ބޭރުންވެސް އެ ދާއިރާއިން އަހަރެން ތަޢުލީމު ހާސިލް ކުރީމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުން، އަހަންނަކީ ވިސްނުންތޫނު، ވިޔަފާރީގައި ކެރޭ އަދި ޤާބިލް މީހެކެވެ. އެހެންކަމުން، އަހަރެން ކުރާ ގިނަ ކަންތައްތަކުގައި އަހަންނަށް ވަރަށް ރަނގަޅު ކާމިޔާބީއެއް ލިބެއެވެ.
ކިޔެވުން ނިމުމުން ބޮޑު މުސާރައަކަށް އަމިއްލަ ކުންފުންޏަކަށް އަހަރެން ވަޒީފާއަށް ދާން ފެށީމެވެ. ނަމަވެސް، މަތީ ތަޢުލީމާއި ލިބިފައިވާ ޤާބިލުކަމާއި ވިސްނުމުގެ ތޫނު ކަމަކީ، ބައެއްފަހަރު އިންސާނާ ބޮޑާވެ ކިބުރުވެރި ކުރުވާ އެއްޗެއް ކަމުން، އަހަންނަށްވެސް ވީ އެހެނެވެ. އަހަންނަށް ލިބިފައިވާ ތަޢުލީމާ ހުނަރާ ނުބައްދަލު މުސާރައަކަށް، އެހެންބަޔަކަށް ފައިދާ ވާ ގޮތަށް، އެހެން ބަޔަކަށް މަސައްކަތް ކޮށްދިނުމަކީ ވަރަށް ދަށު ދަރަޖައެއްގެ ކަމެއްކަމުގައި އަހަންނަށް އިޙުސާސް ވާން ފެށިއެވެ. އަދި އެއީ އަހަރެން އެއްގޮތަކަށްވެސް ކުރާހިތްވާ ކަމަކަށް ވެސް ނުވިއެވެ. އެހެން މީހެއްގެ އަމުރު ހިނގާ ގޮތަށް މަސައްކަތް ކުރުމަކީ އަހަރެން ރުހޭ ކަމެއް ނޫނެވެ. އެހެންކަމުން، ބޮޑު ލޯނެއް ނަގައިގެން އަހަރެން އަމިއްލަ ވިޔަފާރިއެއް ފެށީމެވެ.، އަދި އެ ވިޔަފާރި ކުރިއެކުވުމުގައި ވަރަށް އަވަދިނެތި އުޅުނީމެވެ. ކާމިޔާބީއަކީ ހަމައެކަނި ﷲ ތަޢާލާ ދެއްވާ އެއްޗެއް ކަމެއް އެއިރު އަހަރެންގެ ސިކުނޑިއަކަށް ނުވިސްނެއެވެ. އަހަރެން ދެކުނީ، އަހަންނަށް ލިބެމުންދިޔަ ކާމިޔާބީއަކީ އަހަރެންގެ މޮޅުކަމާ، މިންނެތް މަސައްކަތުން ލިބުނު އެއްޗެއް ކަމުގައެވެ. އޭގައި ޝުކުރުވެރި ވާން ޖެހޭ އެހެން ފަރާތެއް ވާކަމަކަށް އަހަރެން އެއިރަކު ނުދެކެމެވެ.، އަދި އަހަރެންގެ ތަނަވަސް ކަމުގައި، ފަޤީރުންގެ ހިއްސާއެއް އޮންނަ ކަމަކަށްވެސް ނުދެކެމެވެ. އެހެންކަމުން، ކޮންމެ އަހަރަކު ދައްކަންޖެހޭ ޒަކާތް ދެއްކުމަކަށްވެސް އަހަންނެއް މުހިއްމުކަމެއް ނުދެމެވެ.
އަހަރެންގެ ދިރިއުޅުމުގެ ކަންތައްތައް ދިޔައީ ވަރަށްވެސް އުފާވެރިކޮށް. ހަމަޖެހިގެންނެވެ. އަހަންނަށް ދަތިވާ އެއްވެސް ކަމެއް ނެތެވެ. މާލީ ގޮތުން އަހަރެން ވަރަށް ތަނަވަހެވެ. ގަންނަން ބޭނުން އެއްޗެއް، ހޯދަން ބޭނުން އެއްޗެއް، ފައިސާ ނެތީގެން ނުހޯދިފައި ހުންނާކަށް ނުޖެހެއެވެ. ޒަވާޖީ ޙަޔާތެއް ފަށައި، ލޯބި ލޯބި 2 ކުދިންވެސް ލިބިއްޖެއެވެ، އަދި އަންހެނުންނާ ކުދިންވެސް އަހަރެން ގެންގުޅެމުން އައީ ވަރަށް ތަނަވަސްކަމުގައި. އެމީހުން ބުނި އެއްޗެއް، ބުނި ވަރަކަށް ހޯދައިދީގެނާއި ބުނި ކޮންމެ ކަމެއް ކޮށްދީގެނެވެ.
އަހަރެން ދެކުނު ގޮތުގައި، އަހަރެން މިހާ ބުރަކޮށް މަސައްކަތް ކޮށްގެން، މިހާ ބައިވަރު ފައިސާ މި ހޯދަނީ، އަހަންނާ އަނބި ދަރީން އުފަލުގައި އުޅުމަށް، އެހެންވީމަ، އެމީހުން ބޭނުން އެއްޗެއް ހޯދައި ނުދޭންވީ ކީއްވެހެއްޔެވެ! އެމީހުން ބޭނުން ކަމެއް ކޮށްނުދޭންވީ ކީއްވެހެއްޔެވެ! މިހޯދާ ފައިސާއިން އަހަރެމެން ބޭނުން ކަމެއް ކޮށްގެން އުފާ ޙާސިލް ނުކުރެވެންޏާ، މިހުރިހާ ފައިސާއެއް ހޯދުމުގެ ބޭނުމެއް ކޮބާހެއްޔެވެ! އެހެންނޫނަސް، އަހަރެންގެ އަނބިދަރީންގެ އުފަލަށް ވުރެ މި ފައިސާ އަގުބޮޑެއް ނޫން، އެމީހުންގެ އުފަލަށްޓަކައި ކިތަންމެ ފައިސާއެއް ޚަރަދު ކުރަން ޖެހުނަސް އެކަމަށްޓަކައި އަހަރެން ހަމަ ތައްޔާރެވެ.
އަހަރެންގެ ތަނަވަސްކަމުގެ ސަބަބުން، ރައްޓެހިންގެ މެދުގައިވެސް އަހަންނަކީ މަޤުބޫލު މީހެކެވެ. އަހަންނަކީ ރަޙްމަތްތެރިންނަށް ޚަރަދު ކުރުމުގައިވެސް ހިފެހެއްޓުމެއް ގެންގުޅުނު މީހެއް ނޫނެވެ. އެމީހުންނާއެކު ކެއުމަކަށް، ނުވަތަ ކޮފީއަކަށް ދިޔަސް، ބިލް ދައްކަނީ އަބަދުވެސް އަހަންނެވެ. އަދި އޭގެތެރެއިން މީހެއްގެ އުފަންދުވަހެއް އަތުވެއްޖެނަމަ، ނުވަތަ އެހެން ކަމަކާހުރެ ވެސް ހަދިޔާއެއް ދޭން ވެއްޖެ ނަމަ، އެންމެ އަގޮބޮޑު ހަދިޔާ ދޭނީ އަހަންނެވެ.
އާއިލާއެކޭ އެއްފަދައިން، އަހަރެންގެ ރަޙްމަތްތެރިންނަކީ ވެސް، އަހަންނަށް ވަރަށް މުހިއްމު ބައެކެވެ. އަދި އެމީހުންނަށް އެއްޗެއް ބޭނުން ވެއްޖެ ނަމަ، އަހަރެން އެމީހުންނަށް އެކަމެއް ކޮށްދެނީ ދެވަނަ ފަހަރަށް ވިސްނުމެއްވެސް ނެތިއެވެ.
އަހަންނާއެކު އެއިރު އުޅުނު ގިނަ ރަޙްމަތްތެރިންނަކީވެސް ދީނަށް މާބޮޑު އަހައްމިއަޔްތު ކަމެއް ދީގެން އުޅުނު މީހުންނެއް ނޫނެވެ. އެމީހުންނަށް ވެސް، ނަމާދު ކުރުމާއި، ދީނީ އެހެން ވާޖިބުްތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އެހާ މުޙިއްމު ކަމަކަށް ނުވެއެވެ. އަހަރެން ފަދައިން، އެމީހުންވެސް އެއިރު އުޅުނީ، ހަމަ ދުނިޔެ ހޯދުމުގައި އަވަދިނެތިއެވެ. އެކަމަކު، އަހަރެންގެ ރަޙްމަތްތެރިންގެ ތެރޭގައި ދީނީ ކަންކަމަށް ފަރުވާތެރި، އަދި ރަނގަޅަށް އުޅުމަށް އަހަރެމެންނަށް އަބަދު ނަސޭޙަތްތެރިވި ރަޙްމަތްތެރިއަކުވެސް ހުއްޓެވެ. ނަމަވެސް އޭނާގެ ނަސޭހަތްތަކަށް އެއިރު އަހަރެން އެއްވެސް ސަމާލުކަމެއް ނުދެމެވެ. އެހެންގޮތަކަށް ބުނާނަމަ، އޭނާ ދިން ހުރިހާ ނަސޭހަތެއް، އަހަރެންގެ އެއް ކަންފަތުން ވަދެގެން، އަނެއް ކަންފަތުން ނިކުމެގެން ދިޔަ ފަދައެވެ. އޭގެން އެއްވެސް ނަސޭހަތަކަށް އަހަރެން އަމަލެއް ނުކުރަމެވެ. ފައިސާއިން ކުރެވެން ހުރި ހުރިހާ ކަމެއް އަހަންނަށް ކުރެވެއެވެ. އެކަމަކު، މީގެން އެއްވެސް ނިޢުމަތަކަށް އަހަރެން އެއިރު ޝުކުރުވެރިއެއް ނުވަމުއެވެ. މި ހުރިހާ ނިޢުމަތެއް އަހަންނަށް ދެއްވި ރައްބުވަންތަ އިލާހަށް ޝުކުރުވެރި ވުމަށް ހޭދަކޮށްލާނެ ވަގުތުކޮޅެއް އަހަންނަށް ލިބޭ ކަމަކަށް ނުވެއެވެ. އަހަރެން އެއިރު އެއްގޮތަކަށްވެސް ނަމާދެއް ނުކުރަމެވެ. އަދި ދީނީ އެއްވެސް އަޅުކަމެއް އަދައެއް ނުކުރަމެވެ. އަހަރެންގެ ޙަޔާތުގެ ހުރިހާ ވަގުތެއް ހޭދަ ކޮށްލީ ދުނިޔެ ހޯދުމުގައެވެ. އާޚިރަތް ހޯދުމަށް އެއްވެސް ސަމާލުކަމެއް ނުދެމެވެ.
ދުނިޔެއަކީ ފަނާވެ ނިމިގެން ދާނެ ތަނެކެވެ. މިއީ ދާއިމަށް ދެމިއޮންނާނެ ތަނެއް ނޫނެވެ. ހަމަ އެގޮތަށް، މި ދުނިޔޭގެ ތަނަވަސްކަމަކީވެސް ނިމިގެން ދާނެ އެއްޗެކެވެ. އެއީވެސް ދާއިމީ އެއްޗެއް ނޫނެވެ.
އަހަރެން އުޅެމުންއައި ތަނަވަސް ދިރިއުޅުން ބަދަލުވެ، އަހަރެންގެ ތަނަވަސްކަން ގެއްލިގެން ދިޔައީ ކުއްލިއަކަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ދުނިޔޭގައި އަހަރެން އެ އެއްޗެއްގެ ފޮނި މީރުކަން ޙާސިލް ކުރަމުން، އަދި އެ އެއްޗަކަށްޓަކައި ދުވަހަކުވެސް ޝުކުރުވެރި ނުވެ އުޅުނު، އަހަރެންގެ މުދަލާއި ތަނަވަސްކަން، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ގެއްލިގެންގޮސް، އަހަރެންގެ ދިރިއުޅުމުގެ ހާލަތު މުޅިން ބަދަލުވިއެވެ.  ދިމާވި ހާދިސާއަކާހުރެއެވެ. އަހަރެންގެ ވިޔަފާރި އެއްކޮށް ހުއްޓުނީއެވެ. އަހަރެން މުޅިން ބަނގުރޫޓުވީއެވެ. ވިޔަފާރި ކުރުމަށް ނަގާފައިވާ ލޯނުވެސް އަދާ ނުކުރެވެނީހެވެ.
ގެއްލުން ލިބުނީ ހަމައެކަނި އަހަރެންގެ ވިޔަފާރިއަކަށް ނޫނެވެ. އަހަރެންގެ މުޅި ދިރިއުޅުމަށެވެ. ވިޔަފާރި ބަނގުރޫޓުވެ، މާލީ ޙާލަތު ދަތި ވުމާއެކު، މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. އަހަންނާ އެއްތަށިމަތިން ކައިބޮއެ ހެދި، އަދި އަހަރެންގެ ލަފަޔާ އިރުޝާދު ހޯދައިގެން މެނުވީ އެއްވެސް ކަމެއް ނުކުރާ ރަޙްމަތްތެރިންވެސް އަހަންނާ ދުރުވީއެވެ. މަޑުމަޑުން މުޅިން އެކަނިވާން ފެށިއެވެ.
އިންސާނުންނަކީ ވަރަށް ފާޑެއްގެ ބައެކެވެ. މީހެއްގެ ފަރާތުން ފައިދާއެއް ވާނަމަ، އެންމެންވެސް ވަރަށް ގާތް ވާނެއެވެ. އެކަމަކު، އެމީހެއްގެ ފަރާތުން ފައިދާއެއް ނުވާނަމަ، އެފަދަ ނިކަމެތި މީހަކާ މާބޮޑު ގާތް ކަމެއް ބަހައްޓާކަށް ބޭނުމެއް ނުވާނެއެވެ. އަހަންނަކީ ރަޙްމަތްތެރިންނަށް ޓަކައި ހޭދަކުރުމުގައި މިނެއް ގެންގުޅުނު މީހެއް ނޫނެވެ. އެމީހުންނަށް އެހީތެރިކަމެއް ބޭނުން ވެއްޖެ ނަމަ، އެހީވުމަށް ފަސްޖެހުނު މީހެއް ނޫނެވެ. އެކަމަކު، އަހަންނަށް އެ ރަޙްމަތްތެރިންގެ އެހީ އެންމެ ބޮޑަށް ބޭނުންވި ދުވަހު އަހަންނަށް އެހީވާނެ އެކަކުވެސް ނުވިއެވެ.
އަދި ފަހުންފަހުން އައިސް، އެމީހުންނަށް އަހަންނަށްޓަކައި ހޭދަ ކޮށްލާނެ ވަގުތެއްވެސް ވާ ކަމަކަށް ނުވެއެވެ.
އެއިރު އަހަންނަށް ނަފްސާނީ ގޮތުން ލިބިފަ ހުރި ޝޮކާއި، ކޮށްފައި ހުރި އަސަރަކީ ބަޔާން ކޮށްދޭން އުނދަގޫ އިޙުސާސްތަކެކެވެ. އަބަދާއި އަބަދު އަހަރެން ހުންނަނީ ހާސްކަމެއްގެ ތެރޭގައެވެ. އަނބިދަރީންނަށް ކާންދޭން ފައިސާ ހޯދާނެ ގޮތަކާއިމެދު ހާސް ވެފައެވެ. ލޯނު ދެއްކޭނެ ގޮތަކާއިމެދު ހާސް ވެފައެވެ. ގޭގެ ބިލުތަކާއި، އަދި އެހެނިހެން ޚަރަދުތައް ކުރާނެ ފައިސާ ހޯދާނެ ގޮތަކާއިމެދު ހާސްވެފައެވެ. އަދި މި ހުރިހާ ހާސްކަމެއްގެ ހިޔަނި، އަހަރެންގެ ދިރިއުޅުމަށް އެޅެންފެށިއެވެ. އަހަރެންގެ މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ރުޅި ގަދަވެ، ގޭތެރޭގައި ކުދިކުދި ކަންތައްތަކާވެސް އަޑުގަދަ ކުރެވި، އަދި އެއްޗެއްސަށް ވެސް ގެއްލުން ދެވޭ ހިސާބަށް އަހަރެންގެ ރުޅި ގަދަ ވާން ފެށިއެވެ. މިކަމުގެ ސަބަބުން އަހަރެންގެ ކުދިންވެސް ބިރުން، އަހަންނާ މަޑުމަޑުން ދުރުވީއެވެ.
އަދި އަހަރެން އެމީހަކާއެކު މުޅި އުމުރު ހޭދަ ކުރުމަށް ވަޢުދުވެ.، އެމީހަކަށް ޓަކައި އަހަރެންގެ އެތައް ވަގުތު ތަކެއް ހޭދަ ކޮށްގެން ދިރިއުޅުން އާރާސްތު ކުރުމަށް މަސައްކަތްކުރި އަހަރެންގެ އަނބިމީހާވެސް އަހަންނާ ދުރަށް ދިޔައީއެވެ. އޭނާވެސް އަހަރެން ދޫކޮށްފައި ދިޔައީ، އަހަރެންގެ މިޒާޖަށް އައި ބަދަލާހުރެ ކެތް ނުކުރެވިގެނެވެ. އަދި، އަހަރެންގެ މާލީ ޙާލަތު ހުރި ގޮތުން، އޭނާއާއި އަހަރެންގެ ކުދިން ނުބެލޭނެ ކަމަކަށް އޭނާއަށް ޤަބޫލު ކުރެވިގެންނެވެ. އަހަރެންގެ ކައިރިން ދުރުވެގެން އޭނާ ދިޔައީ އޭނާގެ ގެއަށް، އަހަރެންގެ ކުދިންވެސް ގޮވައިގެންނެވެ. އެކުދިންނާ އަހަންނާވެސް ދުރުވީއެވެ. އަހަންނަށް ކުދިން ފެންނަނީވެސް. ހަފްތާއަކު އެއްފަހަރުއެވެ.
އަހަރެންގެ ހަޔާތައް ލިބެމުންދިޔަ ހިތާމަތަކުގެ ކޮޅެއް ނެތް ކަހަލައެވެ. އަމިއްލަ މަސައްކަތުން ނުހަނު މުއްސަނދި ކަމުގައި، އަގުބޮޑު ފޭރާން އަޅައިގެން، އެންމެ މޮޅު ގަޑި އަޅައިގެން، އެންމެ އަގު ބޮޑު ސެންޓު ޖަހައިގެން، އަދި އެންމެ ފަހުގެ ފޯނު ހިފައިގެން އުޅުނު މީހާ، މިހާރު އުޅެން ޖެހިފައި މި ވަނީ ނުހަނު ދަތި ޙާލުގައެވެ.ި ކުޑަ މުސާރަ އަކަށް އެހެން މީހަކަށް މަސައްކަތް ކޮށްދީގެނެވެ. މަސް ނިމުމުން ލިބޭ މަދު މުސާރަކޮޅުން ލޯނު ދައްކައިގެން، ދެން ބާކީވާ އެއްޗެއް ކުދިންގެ ޚަރަދަށް ދީގެނެވެ. އިރެއްގައި ހުރިހާ ރައްޓެހިންނާއެކު އެންމެ އަގުބޮޑު ރެސްޓޯރެންޓުން ކައިފައި ބިލް އަހަރެން އެކަނި ދެއްކި ނަމަވެސް، މިހާރު އަހަރެންގެ ގޭގެ ކަރަންޓު ބިލް ވެސް އަހަންނަށް ދައްކާލެވެނީ ހަމަ ކިރިޔާއެވެ. މަހުގެ ފަހު ފަނަރައަށް ނާޅަނީސް، އަހަރެންގެ އަތުން ފައިސާ ހުންނަނީ ހުސްވެފައެވެ. ކުރަން ޖެހޭ މުހިއްމު ކަންތައްތައް ކުރަން ޖެހެނީ، އެހެން އެތައް ކަންތައްތަކެއް ޤުރުބާން ކޮށްފައެވެ.
ހާސްކަމާއިނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައި ހުރި ވަގުތެއްގައި، އަހަރެންގެ ހިތްހަމަ ޖައްސައިދީ، އަދި އަހަންނަށް ހެޔޮ ނަސޭހަތެއް ދީ، ހިތްވަރު ދިނީ، އެމީހެއްގެ ބަސް އަހަރެން ކުރިން އެހުމަށް އިންކާރު ކުރި، އަހަރެންގެ ދީންވެރި ރަޙްމަތްތެރިޔާއެވެ.
އޭނާއަށް އަހަރެން އުޅޭ ހާލު އެނގުމުން، އަހަންނާ ބައްދަލު ކުރި، އަދި އަހަންނާ ވަރަށް ވާހަކަ ދައްކައި، އަހަންނަށް ވަރަށް ނަސޭހަތް ދިނެވެ. ދުނިޔެއަކީ ވަގުތީ ތަނެއް ކަމާއި، މި ދުނިޔޭގައި ޤަދަރުވެރި، މުދާވެރި މީހަކަށްވި ނަމަވެސް، އާޚިރަތަށް ގެންދާނެ އެއްޗެއް ނެތްނަމަ ކުރާނެ ފައިދާއެއް ނެތް ކަމަށް އޭނާ ވިސްނައިދިނެވެ. އަދި ދުނިޔޭގައި ކޮންމެ ކަމަކީވެސް އިމްތިހާނެއް ކަމަށާއި، އަހަރެންގެ މިހާރުގެ ޙާލަތަކީވެސް އިމްތިހާނެއް ކަމަށް އޭނާ ވިސްނައިދިނެވެ. މިކަމުގައިވެސް ފޮރުވިފައި ހެވެއް އޮންނާނެ ކަމަށް އޭނާ ބުނެދިނެވެ. އަދި ﷲ ތަޢާލާއާއި ދުރުކުރުވާ މުދާވެރިކަމަކަށް ވުރެ، އެކަލާނގެއާއި ކުއްތަން ކުރުވާ ފަގީރުކަމުގެ ފައިދާ މާ ބޮޑުކަމަށްވެސް އޭނާ ބުނެދިނެވެ.
އަހަންނަކީ ކުރިން އެއްވެސް ވަރަކަށް ދީނަށް އަހައްމިއްޔަތު ކަމެއް ދީގެން އުޅުނު މީހެއް ނޫނެވެ. އެހެން ނަމަވެސް، ރަޙްމަތްތެރިޔާގެ ނަސޭހަތްތަކުން އަހަންނަށް މިފަހަރު ވަރަށް އަސަރު ކުރުވިއެވެ. އަދި، އެ ނަސޭހަތްތަކާމެދު، އަހަރެން ވަރަށް ފުންކޮށް ވިސްނަން ފެށީމެވެ.
ރަޙްމަތްތެރިޔާ އެބުނީ ތެދެކެވެ. އަހަރެންގެ މުޅި ޙަޔާތް، ދުނިޔޭގެ އުފަލާއި އަރާމު ހޯދުމުގައި ވަގުތުތަކެއް ހޭދަ ކޮށްަލައިގެން އަހަންނަށް ލިބުނު އުފަލެއް ނެތެވެ. ނޭނގި ހުއްޓާ ކުއްލިއަކަށް އަހަރެން އެހާ ދުވަސް ވަންދެން، އެހާ ބުރަ މަސައްކަތުން އެއްކުރި ހުރިހާ އެއްޗެއް ގެއްލިގެން އެ ދިޔައީއެވެ. އަންހެނުންނާ ކުދިންވެސް ދިޔައީއެވެ. އަދި ރަޙްމަތްތެރިންވެސްމެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. އެއްވެސް އެއްޗަކީ ދާއިމަށް ހުންނާނެ އެއްޗެއް ނޫނެވެ. އެރޭ އަހަރެން ނިދަން އޮތް އިރު ވެސް، އަހަރެންގެ ރަޙްމަތްތެރިޔާގެ އެ ބަސްތައް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އަހަންނަށް ނޭނގޭކަހަލަ ގޮތްތަކެއް ވަމުން ދިޔައެވެ. މިއޮށް ހުރިހާ ދުވަހު، އަހަރެންގެ ޙަޔާތުން މަދުވަނީ ކޯޗެއްކަން އަހަންނަށް އެނގުނު ކަހަލަ އިޙުސާސެއް ވާން ފެށިއެވެ. ރަޙްމަތްތެރިޔާގެ ބަސްތައް ހަނދާނވެފައި، އުނދަގޫވެ، ނިދި ނައިސް، އެތައް އިރެއްވުމުން، އަހަރެން އޭނާއަށް ފޯނު ކުރީމެވެ.، އަދި އަހަރެންގެ އިހުސާސްތައް އޭނާއަށް ބަންޑުން ކޮށްލީމެވެ. އެހީއަށް އެދި އާދޭސް ކުރީމެވެ. ދުނިޔަވީ އެހީއަކަށް ނޫނެވެ. ﷲ ތަޢާލާގެ މަގަށް ރުޖޫޢަ ވުމަށް އެހީތެރި ވެދިނުމަށެވެ. އޭނާ އެކަމަަށް އިޖާބަދިނީ ނުހަނު އުފަލާއެކުއެވެ. އަދި ފަތިހު ނަމާދަށް ދިއުމަށް ގުޅާނެ ވާހަކަވެސް ބުންޏެވެ.
އެރޭ ފަތިހ 4:30 ގައި އޭނާ އަހަންނަށް ފޯނު ކުރި އިރު ވެސް އަހަރެން އޮތީ ހޭލައެވެ.، އެރޭ އަހަންނަށް އެއްގޮތަކަށްވެސް ނުނިދެއެވެ. މީހަކު އަލަށް ކަމެއް ކުރަން އުޅޭތީ ހިތް އަވަސް ވެފައި ހުންނަ ފަދައިން، އަހަރެން ވެސް ހުރީ ހިތް އަވަސް ވެފައެވެ. އަހަރެން ފުރައި ފުރިހަމަވެ، ބޮޑު މީހަކަށް ވީ ފަހުން، އަހަރެންގެ ހަނދާނުން ނަމާދަށް ދާން މި އުޅެނީ ފުރަތަމަ ފަހަރުއެވެ. މީގެ ކުރިން، އަހަންނަކީ ދުވަހަކުވެސް ނަމާދު ކުރި މީހެއް ނޫނެވެ.
ރަހްމަތްތެރިޔާ ފޯނު ކުރުމުން ފުރަތަމަ ރިންގްއާއެކު އަހަރެން އެ ފޯނަށް ޖަވާބު ދިނީމެވެ.
އިތުރަށް ވަގުތު ބޭކާރު ނުކޮށް އަވަހަށް ތެދުވެ ފެންވަރައި ވުޟޫ ކޮށްގެން އަހަރެން މިސްކިތަށް ދާން ނިކުތް އިރު އަހަރެންގެ ހެޔޮއެދޭ ރަޙްމަތްތެރިޔާ އަހަރެން ބަލައި އައިސް ހުއްޓެވެ. އެއިރުވެސް އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހީވަނީ، އަހަންނަށް މުޅިން އައު ޙަޔާތެއް ފެށެން އުޅޭ ހެނެވެ.
އެރޭ އަހަރެން ކުރި ނަމާދަކީ، ފުރާފުރިހަމަވި ފަހުން، އަހަރެންގެ ޙަޔާތުގައި އެންމެ ފުރަތަމަ ކުރި ނަމާދެވެ. އަދި އެއީ އަހަރެން ދުވަހަކުވެސް ހަނދާން ނެތޭނޭ ނަމާދެއް ނޫނެވެ. އެދުވަހު ނަމާދު ކުރަމުން ދިޔައިރު އަހަންނަށް ކުރެވުނު އިޙުސާސަކީ، އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނޭ އިޙުސާސްތަކެއް ނޫނެވެ.
އަހަރެން ދުނިޔެއަށް ފޮނުވުނު ޙަޤީޤީ މަޤްސަދު، އަހަންނަށް ވިސްނުނީ އެދުވަހުއެވެ. އަހަންނަށް އަހަރެންގެ ވެރި ރައްބުއާ ދުރު ވެވިފައިވާ މިންވަރު އަހަންނަށް އިޙުސާސް ކުރެވުނީ އެދުވަހުއެވެ. އަދި ޙަޤީޤީ އުފަލަކީ ކޮބައިކަންވެސް އަހަންނަށް އިޙުސާސް ކުރެވުނީ އެދުވަހުއެވެ. އިމާމްއާއެކު އެދުވަހު ޖަމާޢަތުގައި ކުރި ފަތިސްނަމާދުގައި، ފުރަތަމަ ރަކުޢަތުގައި ޖެހި ސަޖިދައާއެކު އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަކީ އަހަރެން ދުވަހަކުވެސް ހަނދާން ނެތޭނޭ އެއްޗެއް ނޫނެވެ. އެއީ އަހަރެންގެ ޙަޔާތުގައި ޖެހި އެންމެ ފުރަތަމަ ސަޖިދައެވެ. އެދުވަހުގެ ސަޖިދައިން، އަހަރެންގެ ހިތައް ލިބުނު ފިނިކަން، ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެދުވަހު ސަޖިދައިގައި، އަހަރެންގެ ނިއްކުރި ބިމުގައި ޖައްސާލި ހިސާބުން ފެށިގެންވެސް، އަހަންނަށް ކުރެވުނު އިޙުސާސްތަކާއި، ހިތައް ލިބުނު ހަމަޖެހުމަކީ، ދުލަކަށް ބަޔާން ކޮށްދެވޭނޭ ކަމެއް ނޫނެވެ. އަހަރެންގެ މުޅި ރޫޙު ލުއި ވެގެން ދިޔަ ކަހަލައެވެ. އެތައް ދުވަހެއް ވަންދެން، ކޮނޑުގައި އޮތް ބުރައެއް، ލުއިވެގެން ދިޔަ ކަހަލައެވެ. އަޖައިބެއް ކަހަލަ ފިނިކަމެއް ހިތަށް ލިބިގެން ދިޔައެވެ. އެތައް ދުވަހެއް ވަންދެން، އުެޅެވޭ ނޫޅެވޭ ގޮތެއް ނޭނގި، ދެވޭ ނުދެވޭ ތަނެއް ނޭނގި، މަގު ގެއްލިފައިވާ ދަތުރުވެރިއަކަށް، ދާނވީ ރަނގަޅު މަންޒިލް ފެނުނުކަހަލައެވެ.
އާއެކެވެ. އަހަންނަކީ މަގު ގެއްލިފައިހުރި، ދަތުރުވެރިއެކެވެ. އެހެންނަމަވެސް…….! ﷲ ގެ ހެޔޮ ރަޙުމަތުން، ވަގުތު ފާއިތު ވުމުގެ ކުރިން، އަހަންނަށް ތެދު މަގު ފެނިއްޖެއެވެ.
އެދުވަހު، ނަމާދުގައި އަހަންނަށް ވަރަށް ރޮވުނެވެ. އަހަންނަކީ ކުރިން ދުވަހަކުވެސް، އެއްވެސް ކަމަކާ ރުއި މީހެއް ނޫނެވެ. އަދި ކުރެވޭ އެއްވެސް ކުށަކަށް މަޢާފަށް އެދި، އަދި ކުށެއް ކުރެވޭ ކަމަށް އަމިއްލައަށް ޤަބޫލު ކުރި މީހެއްވެސް ނޫނެވެ. އެކަމަކު، އެދުވަހު އަހަރެން ވަރަށް ރުއީމެވެ. އަދި އަހަންނަށް ކުރެވުނު ކުށަށް ނިހާޔަތައް ދެރަވެ، ތަޢުބާވެސް ވީމެވެ. އަމިއްލައަށް ކުށެއް ކުރެވުނު ކަމަށް ފުރަތަމަ ފަހަރަށް ޤަބޫލު ކުރެވުނީވެސް އެދުވަހުއެވެ. މިސްކިތުން އަހަރެން ފޭބީ މުޅިން ބަދަލުވެފައިވާ މީހެއްގެ ގޮތުގައެވެ. ދުނިޔޭގެ އުފަލާ އަރާމު ހޯދުމަށް އަރާމު ކުރުމެއްނެތި މަސައްކަތްކުރި، ބޮޑާ، ކިބުރުވެރި މީހާ، އެދުވަހު އެ މިސްކިތުގެ ތެރެއަށް ވަދެ، ގެއްލިގެންދިޔައެވެ. އެ މިސްކިތުން އެދުވަހު ނިކުތީ، ﷲ ތަޢާލާ ދެކެ ލޯބިވާ، އަދި އެކަލާނގެ ރުއްސެވުން ހޯދުމަށް މަސައްކަތް ކުރުމަށާއި އަދި އެކަލާނގެއާއި އެކަލާނގެ ރަސޫލާ ދެއްކެވި މަގުން ހިނގުމަށް އަޒުމް ކަނޑައަޅައިގެން ހުރި އަޅެކެވެ.
ﷲ ތަޢާލާ ގެ ރަޙްމަތް ނިކަން ބައްލަވާށެވެ. އަހަންނަކީ، މުޅި އުމުރު، އެކަލާނގެއަށް އަޅުކަން ނުކޮށް، ދުނިޔޭގެ މަޖަލާއި އުފާ ހޯދުމަށް މަސައްކަތް ކުރި މީހެކެވެ. އެހެން ނަމަވެސް، އެކަލާނގެ އަހަރެން ދޫކޮށެއް ނުލައްވައެވެ. އަހަންނަށް ތެދުމަގު ދައްކުވައިދެއްވިއެވެ. އަދި ތެދުމަގަށް ރުޖޫޢަ ވުމަށް އެހީތެރިވެދެއްވިއެވެ. ދުނިޔެއަށް އަހަރެން ފޮނުވުނު އަސްލު މަޤްޞަދު، އަހަންނަށް އަންގަވައިދެއްވިއެވެ. އަލްޙަމްދު ލިﷲ
ރަސޫލާ ދެއްކެވި ގޮތްކޮޅާއި އެއްގޮތަށް މުޅި ދިރިއުޅުން ބަދަލުކޮށް، ދީނުގައި އެންގެވި ގޮތަށް އުޅޭތާ މިހާރު 4 އަހަރު ވެއްޖެއެވެ. މިހާރު އަހަންނަކީ މުޅިން ތަފާތު މީހެކެވެ. ކުރީގައި އަހަރެން އަބަދު ހާސްވެ ކަންބޮޑުވެފައި ހުންނަނީ، އާމްދަނީ ނުހޯދިގެން، ތަނަވަސްކަން ނުހޯދިގެނެވެ. ނަމަވެސް މިހާރު، އެހާސްކަމެއް ނުހުރެއެވެ. އަދި މިހާރު، އަހަންނަށް ލިބޭ އެއްޗަކުން ދެކޮޅުޖެހެއެވެ. ދިރިއުޅުން ކުރީގަހާ ތަނަވަސް ނުވިނަމަވެސް، ދަތި ނުވެ، ޒަރޫރީ ބޭނުންތައް ފުއްދައިގެން ހިތްހަމަޖެހިގެން އުޅެވެއެވެ. އެންމެ އުފާވާ ކަމަކީ، ކިތަންމެ ބުރަ ވިޔަސް، މިހާރު އަހަންނަކީ، ބަރާބަރަށް ނަމާދު ޤާއިމް ކުރާ މީހަކަށް ވީތީއެވެ. ފަލާޙާއި ކާމިޔާބަށް އަންނާށޭ ކިޔައި ދުވާލަކު 5 ފަހަރަށް ގޮވާލާއިރު، ދުނިޔޭގެ ދަހިވެތިކަމުގައި ކާމިޔާބަށް ފުރަގަސްދީފައި ހުންނަ މީހަކު ކަމުގައި އިންޝާ ﷲ  ދެން އަހަންނެއް ނުވާނަމެވެ. ދުވަހުގެ މަސައްކަތް ކިތަންމެ ބުރަ ނަމަވެސް، ނަމާދަށް ގޮވާލެވޭ ހިނދު، ނަމާދު ނުކޮށް ދުނިޔަވީ ކަންތައްތަކާއިގެން އުޅޭ މީހަކު ކަމުގައި އިންޝާ ﷲ ދެން އަހަރެން ނުވާނަމެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އަހަރެންގެ ނަސޭޙަތަކީ، އަދި ވަސިއްޔަތަކީ، މި ދުނިޔެއަކީ އިންސާނާ ވަރަށް ހެއްލުންތެރި ކުރުވަނިވި ތަނެކެވެ.، އެކަމަކު، މި ދުނިޔޭގެ ދަޅަތަކަށް ނުހެއްލޭށެވެ. މިތާނގެ ތަނަވަސްކަން ވަރަށް ރީއްޗެވެ. އެކަމަކު އެއީ ހަމަ ވަގުތީ އުފާތަކެކެވެ. ދުނިޔޭގެ އެއްވެސް އެއްޗަކީ ދާއިމީ އެއްޗެއް ނޫނެވެ. އަދި އެއީ ފަނާވެ ނިމިގެން ދާނެ އެއްޗެކެވެ. އެހެން ވީމަ، މިފަދަ ވަގުތީ މަންޒިލެއްގެ އުފާތައް ހޯދުމަށް ހުރިހާ ވަގުތެއް ހޭދަކޮށްލުމަކީ ކިހާ މޮޔަ ކަމެއްހެއްޔެވެ. ހަޤީޤީ އުފަލަކީ ﷲ ތަޢާލާ އެންގެވި މަގުން އުޅުމުން ލިބޭ އުފަލެވެ. އަދި އެއީ ދާއިމީ އުފަލެވެ. ދުނިޔޭގެ ޒީނަތްތެރިކަން މިހާ ރީތި އިރު، ސުވަރުގެ ކިހާ ރީތި ވާނެހެއްޔެވެ؟ އަހަރެމެން ބުރަކޮށް މަސައްކަތް ކުރަންވީ، އެތަނުގެ ދާއިމީ އުފާ ހޯދާށެވެ. އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އަހަރެމެން އެންމެންނަކީ، ޖަންނަތުގެ ދާއިމީ އުފާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާ ބަޔަކު ކަމުގައި ވަމާތޯ!