މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 2 ވަނަ ލިޔުމެވެ.

ތިބާއަށް  ލިބިފައިވާ ދުވަހަކީ ހަމަ އެކަނި މިއަދެވެ.

ތިބާ ހެނދުނު ކޮށްފިނަމަ ހަވީރު ލިބިދާނެކަމަށް އުއްމީދު ނުކުރާށެވެ. ތިބާގެ އެންމެ ފަހު ދުވަހަކީ މިއަދު ކަމުގައި ދެކިގެން ދިރިއުޅޭށެވެ. އޭގައިވާ ނުބައިކަމަކާއި އަދި ހެޔޮކަމަކާއެކު  އިއްޔެ އަހަރުމެންނަށް އަލްވަދާއު ކިޔައިފިއެވެ. އަދި މާދަމާ އަހަރެމެންނާ ބައްދަލެއް ނުކުރެއެވެ. ތިބާގެ އުމުރަކީ އެއް ދުވަހެވެ. ތިބާ އެދުވަހު ދުނިޔެއަށް ނޭވާ ލައިފިނަމަ، ހަމަ އެދުވަސް ނިމުމާއެކު ތިބާ ގެ ނިމުންވެސް އަތުވެދާނެ ފަދައިންނެވެ. މިފަދައިން ޤަބޫލުކޮށް އޭނާގެ ދިރިއުޅުން ބައްޓަން ކުރާ މީހަކަށް، މާޒީވެ ދިޔަ ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް ހިތާމަކުރުމުން ސަލާމަތްކަން ލިބޭނެއެވެ. އަދި ޔަޤީންކަމެއްނެތް މުސްތަޤުބަލުގެ ފޮނި އުއްމީދު ތަކާމެދު ވިސްނާ ދުވަސްތައް ބޭކާރު ވެގެން ނުދާނެއެވެ. މިއަދު ހޯދުމަށް ދިރިއުޅޭށެވެ. މިއަދު ތިބާގެ ހިތް ޣާފިލުކަމުން ހޭލައްވާ ނަމާދުކޮށް، މާތް ﷲ ގެ ބަސްފުޅު ތަކާމެދު ވިސްނައި ކީރިތި ޤުރުއާން ކިޔަވާށެވެ. މިއަދު ތިބާގެ ޢަމަލުތައް އިސްލާހުކުރާށެވެ. މިއަދު ތިބާއަށް ލިބިގެންވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ހާލުގައި ތިބާގެ އަމިއްލަ ނަފްސަށާއި، ހަށިގަނޑަށާއި، ތިބާގެ ސިއްޙަތަށް ފަރުވާކުރާށެވެ.

މިއަދު ތިބާއަށް ލިބިގެންވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ތިބާ އަށް ލިބިގެންވާ ކޮންމެ މިނެޓަކުން އަހަރުތަކެއްގެ ފައިދާ ހާޞިލުކުރެވޭނެ ފަދައަކުންނެވެ. އަދި ތިބާ އަށް ލިބިގެންވާ ކޮންމެ ސިކުންތަކުން އެތައް މަސްދުވަހުގެ ފައިދާ ނެގޭނެ ފަދައަކުންނެވެ. ތިބާގެ ވެރި އިލާހުގެ ހަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެ ހަނދުމަކޮށް ތިބާ މިދުނިޔެއާއި އަލްވަދާއު ކިޔާނެ ދުވަހަށް ތައްޔާރުވާށެވެ. އަދި މިއަދު ތިބާ އުފަލާއެކު ހިތްހަމަޖައްސައިގެން ދިރިއުޅޭށެވެ. ތިބާއަށް ލިބިގެންވާ ނިޢުމަތްތަކަށް ޝުކުރުވެރި ވާށެވެ. ތިބާގެ އަނބިދަރިންނާއި، ތިބާ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތާއި، ތިބާގެ ގެއާއި ތިބާގެ ދިރިއުޅުމުގެ ހާލަތަށް ޝުކުރުވެރިވާށެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿ فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ ﴾ سورة الأعراف 144

މާނައީ: ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ.

މިއަދުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ. ހިތާމަކުރުމުންނާއި، ފިކުރުކުރުމުންނާއި، ރުޅިއާއި، ހަސަދަވެރިކަން އަދި މީހުންނަށް ގެއްލުން ދިނުމާއި މީހުންނާމެދު ހިތް ނުބައިކުރުމުން ތިބާގެ ނަފްސު އެއްފަރާތްކޮށް ދިރިއުޅުން ބައްޓަންކުރާށެވެ.

ތިބާގެ ހިތުގައި މި ޖުމްލަ ބިންވަޅުނަގައި ލިޔެފައި ބާއްވާށެވެ. “ތިބާއަށް މިއަދު ރަނގަޅު ތާޒާ ކާނާ ލިބިއްޖެނަމަ، އިއްޔެ ތިބާ ކެއި އެއްޗަކާމެދު  ނުވަތަ އިއްޔެ ނުލިބުނު އެއްޗަކާމެދު ނުވަތަ މާދަމާ ތިބާއަށް ލިބޭނެ އެއްޗަކާމެދެ އުއްމީދުކޮށް ވިސްނާ ފިކުރުކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

ތިބާ، ތިބާގެ އަމިއްލަ ނަފްސަށް ތެދުވެރިވެއްޖެނަމަ، އަދި ނުގުޑާފަދަ އަޒުމެއްގައި ހުރެއްޖެނަމަ، މިއަދަކީ ތިބާއަށް ދިރިއުޅުމަށްޓަކައި ލިބިފައިވާ އެންމެ ފަހު ދުވަސްކަން އެއްވެސް ޝައްކެއްނެތި ތިބާގެ ނަފްސަށް ޤަބޫލުކުރެވޭނެއެވެ. ތިބާގެ ދިރިއުޅުން މިބުނުމާއި އެއްގޮތަށް ބައްޓަން ކޮށްފިނަމަ، ދިރިއުޅޭ ކޮންމެ ހިނދުކޮޅަކީ ފައިދާ ކުރާނެ ހިނދުކޮޅެކެވެ. އެއީ، ނަފްސު އިސްލާހު ކޮށް، ޤާބިލުކަން އިތުރުކޮށް އަދި ކުރާ އަމަލުތަކުގައި އިޙްލާސްތެރި ވުމުންނެވެ. ދެން ތިބާ ތިބާގެ ނަފްސަށް ބުނާށެވެ:

މިއަދު އަހަރެން ހެޔޮބަހެއް ނޫނީ ނުބުނާނަމެވެ. އަދި ނެތިނުބައިމޮށުމުން ދުރުހެލިވާނަމެވެ.

މިއަދު އަހަރެން، އަހަރެންގެ ގެއާއި އަހަރެން މަސައްކަތް ކުރާ ތަން ތަރުތީބުކުރާނަމެވެ. މިއަދު އެތަން އޮންނާނީ ސާފު ކޮށް ތަރުތީބުކުރެވިފައެވެ.

މިއަދު އަހަރެން، އަހަރެންގެ ހަށިގަނޑާއި ނަފްސަށް ފަރުވާތެރިވާނަމެވެ. އަހަރެން މިއަދު ސާފުތާހިރު ކަމާއި ރީތިކަމަށް ސަމާލުކަން ދޭނަމެވެ. އަހަރެން ދައްކާ ވާހަކަ އާއި ކުރާ ޢަމަލު ތަކުގައިވެސް މެއެވެ.

މިއަދު އަހަރެން، އަހަރެންގެ ވެރި އިލާހަށް ކިޔަމަންތެރިވާނަމެވެ. އަދި ހުޝޫޢަތްތެރިކަމާއެކު އެންމެ ރަނގަޅު ގޮތުގައި ނަމާދު އަދާ ކުރާނަމެވެ. އަދި ސުންނަތް އަޅުކަންތައް އިތުރުކުރެވޭތޯ މަސައްކަތް ކުރާނަމެވެ. ކީރތި ޤުރުއާން ކިޔަވާނަމެވެ. އަދި ފައިދާހުރި ފޮތްތައް ކިޔާނަމެވެ. އަހަރެންގެ ހިތް ހެޔޮކަމުން ފުރައިލާނަމެވެ. އަދި އެންމެހައި ނުބައި ކަމަކުން ދުރުކުރާނަމެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއި، ހަސަދަ އާއި މުނާފިޤު ޢަމަލުތަކުން ދުރުވާނަމެވެ.

މިއަދު އަހަރެން، އެހެން މީހުންނަށް އެހީ ވާނަމެވެ. އެއީ ބަލި މީހުންނަށް ޒިޔާރަތްކުރުމުންނެވެ. ޖަނާޒާ ތަކުގައި ބައިވެރިވުމުންނެވެ. މަގު އޮޅިފައިވާ މީހުންނަށް މަގުދައްކައި ދިނުމުންނެވެ. އަދި ބަނޑުހައިހޫނުކަން ފިލުވާނެ ގޮތެއް ނުލިބިފައިވާ މީހުންނަށް ހައިހޫނުކަން ފިލުވައި ދިނުމުންނެވެ. އަނިޔާ ލިބިފައިވާ މީހާ އާއި ނިކަމެތި މީހާ އަށް އެހީތެރިކަން ފޯރުކޮށްދީގެންނެވެ. ޢިލްމުގެ އަހުލުވެރިންނަށް އިޙްތިރާމް ކުރާނަމެވެ. ކުޑަކުދިންނަށް ރަޙުމްކުރާނަމެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމާއި ލޯބި ދޭނަމެވެ.

އޭ އަހަރެންގެ މާޒީއެވެ! އަހަރެން ތިބާގެ މައްޗަށް ދެރަވެ ހިތާމައެއް ނުކުރާނަމެވެ. ތިބާގެ މަތިން އަހަރެން އެންމެ ހިނދުކޮޅަކަށްވެސް ހަނދުމަކުރާތަން ތިބާ އަކަށް ދެން ނުފެންނާނެއެވެ. އެހެނީ ތިބާ އިޔާދައެއް ނުކުރެވޭނެއެވެ.

އޭ އަހަރެންގެ މުސްތަޤުބަލާ އެވެ! ތިބާއަކީ ފެންނަން ނެތް އެއްޗެކެވެ. އެހެންކަމުން ތިބާގެ ހުވަފެންތަކުގައި އަހަރެން ގެއްލިގެން ނުދާނަމެވެ. މާދަމާ ވާނޭ ކަމަކާމެދު ވިސްނުމުގައި އަހަރެން މަޝްއޫލެއް ނުވާނަމެވެ. ސަބަބަކީ މާދަމާ އަންނާނެކަމުގެ ޔަޤީންކަން ނެތުމެވެ.

“އަހަރެންނަށް ލިބިފައިވާ ދުވަހަކީ ހަމައެކަނި މިއަދެވެ.” މިއީ އުފާވެރިކަމުގެ ރަދީފުގައި ހިމެނޭ އެންމެ މުހިންމު އެއް ޖުމުލައެވެ. އެމީހުންގެ ދިރިއުޅުން އެންމެ އުފާވެރި ގޮތުގައި، އުޖާލާކަމާއި ރީތިކަމުން ފުރިގެންވާ ގޮތުގައި ދިރިއުޅެން ބޭނުންވާ މީހުންނަށެވެ.